logo

ހުރަވީ ސްކޫލްގެ ދަރިވަރުގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

profile

ޝާމާ ޝުޢައިބު - 17 އޮކްޓޯބަރު 2024 - 13:34

ރައީސް ޑރ. މުހައްމަދު މުއިއްޒު

ރައީސް ޑރ. މުހައްމަދު މުއިއްޒު

ހުރަވީ ސްކޫލުގެ ދަރިވަރަކު ސްކޫލްގައި ހުއްޓައި ކުއްލި ގޮތަކަށް ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އެ ދަރިވަރުގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ޢުމުރުން 13 އަހަރުގެ އަންހެން ދަރިވަރު ފާޠިމަތު ޝިމާ މުޙައްމަދު، ހުރަވީ ސްކޫލުގައި ތަޢުލީމު ޙާޞިލްކުރަމުން ދަނިކޮށް، ކުއްލި ގޮތަކަށް މިއަދު ނިޔާވި ޚަބަރު އަޑު އެއްސެވީ ނުހަނު ފުން އަސަރާއި ކަންބޮޑުވުމާ އެކުގައި ކަމަށެވެ.

ރައީސް ވިދާޅުވީ ލޮބުވެތި ދަރިވަރުގެ ބެލެނިވެރީންނަށާއި ޢާއިލާއަށް، އަދި ރަޙްމަތްތެރީންނަށާއި އެކުގައި ކިޔަވާ ކުދީންނަށް، އަދި ހުރަވީ ސްކޫލުގެ ހުރިހާ ދަރިވަރުންނަށާއި މުވައްޒަފުންނަށް ކުރިމަތިވި މި އުނދަގޫ ވަގުތުގައި ކެތްތެރިކަން މިންވަރުކޮށް ދެއްވުމަށް ދުއާދަންނަވާ ކަމަށާއި، މާތްﷲގެ ތަނަވަސް ރަޙްމަތާއި ނިޢުމަތުގައި، އެ މަޢުޞޫމް ދަރިވަރު ލެހެއްޓެވުން އެދި ކުރާ އިޚްލާޞްތެރި ދުޢާތައް ތަކުރާރުކުރައްވާ ކަމަށެވެ.

ހުރަވީ ސްކޫލުގެ ދަރިވަރަކު ސްކޫލްގައި ހުއްޓައި ކުއްލި ގޮތަކަށް ނިޔާވިކަން ހާމަކޮށް ފުލުހުން ބުނީ ހުޅުމާލެ ހުރަވީ ސްކޫލުގައި އިން ކުއްޖަކަށް ސިއްހީ ހާލަތެއް މެދުވެރިވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް މިއަދު ހެނދުނު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

އަދި އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށާ ނިޔާވީ އުމުރުން 13 އަހަރުގެ އަންހެން ކުއްޖެއް ކަމަށެވެ.

https://int.etukuri.mv/
tel:+9607331319