logo

ޖީލެއްގެ ދުޅަހެޔޮ ކަމަށް ހާކިމާގެ ހިތްވަރުގަދަ ނިންމުން!

profile

ޒިދާން މުޙައްމަދު - 15 އޮކްޓޯބަރު 2024 - 18:35

ރައީސުލްޖުްމްހޫރިއްޔާ ވަނީ ވޭޕް މަނާކުރުމަށް ނިންމަވާފައި -- ގްރެފިކްސް: ޒިދާން ރިޔާޟް/ އަސްލު

ރައީސުލްޖުްމްހޫރިއްޔާ ވަނީ ވޭޕް މަނާކުރުމަށް ނިންމަވާފައި -- ގްރެފިކްސް: ޒިދާން ރިޔާޟް/ އަސްލު

ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރެކޮށް، އެތަކެތި ގެންގުޅުމާއި ވިއްކުމާއި ހިލޭބެހުމާއި ބޭނުންކުރުން ވެސް މަނާކުރުމަށް ކުރަންޖެހޭ ކަންކަން ކުރަން ކަމާބެހޭ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެންގެވި އެންގެވުމަކީ ހަމަ ސާބަސް ހައްގު ކަމެކެވެ. އެތައް ބަޔަކު ރުޅިއަރައި ކެކޭނެކަން ޚުދު އެމަނިކުފާނަށްވެސް އެނގިވަޑައިގަންނަވާ ހިނދު ދިވެހީންގެ ދުޅަހެޔޮ ކަމަށްޓައި ނިންމެވީ ހިތްވަރުގަދަ ނިންމެވުމެކެވެ.

ދިވެހީންގެ މިކުޑަކުޑަ މުޖުތަމަޢުގައި އީ- ސިނގިރޭޓް ބޭނުންކުރުން ނުވަތަ ވޭޕްކުރުން މިވަނީ އާންމު ކަމަކަށް ވެފައެވެ. ހުޅަނގުގެ އަވައިގެ ތެރެއިން ކޮޕީކޮށްފައިވާ "ފެޝަނަކަށް" ވޭޕްކުރުން މިވަނީ ވެފައެވެ. ދުންފަތުގެ އިސްތިޢުމާލުކުރުމަށް ބޭނުންކުރާ ސިނގިރޭޓާއި ބިޑިވެސް ޒަމާނީވީ އިލެކްޓްރިކް ދުންއެރުވިތައް މިވަނީ ވުޖޫދުވެފައެވެ. ޕޮޑާއި ސްޓިކާ، ވޭޕް ފަދަ ނަން ހުސްކުރި އިލެކްޓްރިކް ދުންއެރުވިތަކަށް ދޯޅުވެ، ޒުވާން ޖީލެއް މިވަނީ މާނުރައްކާތެރިކޮށް ދުންފަތުގެ އިސްތިޢުމާލުކުރުމަށް ދެވިހިފާފައެވެ.

ބިޑި، ސުއްޓާ، ސިނގިރެޓް، ގުޑާކު، ދުންފަތް ދިވެހިރާއްޖެއަށް ގެނައުމާއި އެތަކެތީގެ އިސްތިއުމާލުކުޅައުން މަނާކުރުމުގެ ޤާނޫނެއް ކުރީގެ ރައީސް އަލްމަރްޙޫމް މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ޒައާމަތުގައި ވުޖޫދުކުރިއެވެ. ބުނެވޭ ގޮތުގައި، ރައްޔިތުން އެމަނިކުފާނާ ދެކޮޅަށް އަރައިގަތީވެސް ދުންފަތް މަނާކުރުމުންނެވެ. ނަމަވެސް، އެއީ ހަގީގަތް ކަމަށް ނުވެދާނެއެވެ. ސަރުކާރާ ދެކޮޅުވުމަށް އެނޫންވެސް ސަބަބުތަކެއް އޮވެދާނެއެވެ. އަދި ވެރިކަމުގެ ތެރޭގައި ތިބި އެއްބަޔަކު އަނެއްބަޔަކަށް ރޯކުރާ ހަސަދައިގެ އަލިފާންވެސް އޭގެތެރޭގައިވެއެވެ. ދުވަސްވަރަކީ ދުނިޔޭގައި ބޮޑު ހަނގުރާމައެއް ހިނގައިގެން އުޅޭ ދަތި ދުވަސްވަރެއްކަމުން ވެރިކަމުގައި ހުންނަ ފަރާތާ މެދު ހިތް ހަމަ ނުޖެހޭނެ އެތައް ސަަބަބެއް އާއްމުންނަށް ވެސް ފެނިދާނެއެވެ.

ރައީސް ޑރ. މުޢިއްޒު އަންގަވާފައިވަނީ އަންނަ ނޮވެމްބަރު 15 އިން ފެށިގެން ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރުކުރުން މަނާކުރަން ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމަށެވެ. އަދި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، އިޝްތިހާރު ކުރުމާއި ހިލޭ ބެހުން ވެސް އަންނަ ޑިސެމްބަރު 15 އިން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ވެސް ވަނީ އަންގަވާފައެވެ. ރައީސް މިގޮތަށް އަންގަވާފައިމިވަނީ ވޭޕް އާއި އިލެކްޓްރޯނިކް ސިނގިރެޓް ރާއްޖެއަށް އެތެރެކުރުން މަނާކޮށްދިނުމަށް އެކި ޖަމިއްޔާތަކުން ވެސް އެދެމުންދާ ދަނޑިވަޅެއްގައެވެ. ވޭޕް މަނާކުރުމަށް އެދި ރައީސަށް ސިޓީއެއްވެސް އެ ފަރާތްތަކުން ހުށަހަޅާފައިވެއެވެ.

އެއް ބަޔަކު ތައުރީފުކުރަމުންދާއިރު އަނެއް ބަޔަކަށް މިއީ ބަލައިގަންނަން ފަސޭހަ ނިންމެވުމަކަށް ނުވިއެވެ. އެއިން އެނގޭ ކަމަކީ ބައެއް މީހުން މިވަބާގައި ޖެހިފައިވާ މިންވަރެވެ. ކޮންމެ މީހަކު ކޮންމެ އެއްޗެކޭ ބުނި ކަމުގައި ވިޔަސް މުޖުތަމަޢުގެ ދުޅަހެޔޮކަން ކަށަވަރުކުރުމާއި އާންމު ސިއްހަތު ސަލާމަތްކުރުމަކީ ވެރިކަމުގައި ހުންނަ ފަރާތެއްގެ މަސްއޫލިއްޔަތެވެ. ވަލިއްޔުލްއަމްރުގެ ހައިސިއްޔަތުން ރައީސް ނިންމެވި ނިންމެވުމަކީ ސިއްހީ މާހިރުންގެ ލަފަޔާއި އިރުޝާދާއި މިކަމާ ގުޅޭ ދިރާސާތަކަށް ރިއާޔަތްކޮށް ނިންމެވި ހަރުދަނާ ނިންމެވުމެކެވެ.

"ދުންފަތުން ކެންސަރު ޖެހުމަށް މަގުފަހިވާ ކަމާއި ދުންފަތުން ލިބެނީ ވޭނީ މަރެއްކަން" ނޭނގޭ ހަރުފުރައިގެ މީހަކު ހުންނާނެއެކޭ އަހަރެންގެ ހިތެއް ނުބުނެއެވެ. މުޖުތަމައުގައި މިނުރައްކާތެރި ވަބާގައި ޖެހިފައި ކުދިބޮޑު އެތައް ބަޔަކު ތިއްބާ ދެން ތައާރަފުވީ މާ ނުރައްކާ އެއްޗެކެވެ. ޒަމާނީ ދުން އެރުވި ނުވަތަ ވޭޕެވެ. މިދެންނެވި "ޒަމާނީ ދުންއެރުވި" ތައާރަފުވެ، ރާއްޖެއާ ހަމައަށް ފޯރައި، އިސާހިތަކު ފަތުއަޑުކިޔާފައި ވައިގައި ހިފިއެވެ. މިއާއެކު ދެން އިތުރުވީ ސްކޫލް ވެށި ތެރޭގައި ނަފްސާނީގޮތުންނާއި ޖިސްމާނީގޮތުން ދުޅަހެޔޮ ސިއްޙަތެއްގައި ތިބެ އުނގެނުމުގެ މާޙައުލުގައި ތިބެންޖެހޭ ބައެއް ކުދިން ވޭޕްގެ ޝިކާރައަކަށް ވަމުންދާކަމުގެ ކަންބޮޑުވުމެވެ.

ފަހަކަށް އައިސް ވޭޕްކޮށްގެން ނޭވާހިއްލުމުގެ އުދަނގޫ ކުރިމަތިވެގެން އެޑްމިޓްކުރަންޖެހޭ ކުދިންގެ ޢަދަދު އިތުރުވަމުންދާތީ ވޭޕްކުރުމާ ގުޅޭގޮތުން ޑޮކްޓަރުންގެ ކަންބޮޑުވުން އެބަ އޮތެވެ. އީ-ސިނގިރެޓަކީ، އިލެކްޓްރޯނިކް ވަޞީލަތެއް ބޭނުންކޮށްގެން ދުންފަތުގެ އިސްތިއުމާލު ކުރުމެވެ. އިލެކްޓްރޮނިކް ވަޞީލަތެއް ބޭނުންކޮށްގެން ދުންފަތުގައި ހިމެނޭ ނުރައްކާތެރި މާއްދާއެއް ކަމުގައިވާ ނިކޮޓިން އިތުރު އާޓިފިޝަލް ރަހައަކާއެކު ފުއްޕާމެއަށް ފޮނުވާލައެވެ. ސިނގިރޭޓް ބޭނުންކޮށްގެން ދުންފަތުގެ އިސްތިއުމާލުކުރަނީ ދުންފަތް އަންދައިގެންނެވެ. ވޭޕްކުރުމުގައި އަދި އީ-ސިނގިރެޓްގައި ބޭނުންކުރާއިރު އޭގައި ހިމެނޭ ދިޔައިގައި ހުންނަ މާއްދާތައް ހޫނުކޮށްގެން ދުންފަތުގެ އިސްތިއުމާލުކުރެއެވެ. ދެގޮތުންވެސް ހަށިގަނޑަށް ގެއްލުންވެއެވެ.

ކަމުގެ ނުރައްކާ އޮތަތީވެ ރާއްޖޭގައި ވޭޕާއި ދުންފަތުގެ ބާވަތްތައް މަނާކުރުމަށް ރާއްޖޭގެ ޑޮކްޓަރުންގެ ޖަމްޢިއްޔާ، މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަނުންވެސް ވަނީ ގޮވާލާފައެވެ. އެ ޖަމްޢިއްޔާއިން ބުނީ، ރާއްޖެއާއި ދުނިޔޭގައިވެސް މިހާރު ކުރިމަތިލާން ޖެހިފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ގައިންގަޔަށް ނާރާ ބަލިތައް ކަމަށެވެ. އޭގެ ތެރެއިން އެތައް ބައްޔަކަށް ދުންފަތާއި ދުންފަތުގެ ބާވަތްތަކުން ސިއްޙީ އެކި މައްސަލަތައް މަގުފަހިކުރާކަމަށް ދިރާސަތަކުން ދައްކާ ކަމަށް ޑޮކްޓަރުންގެ ޖަމްއިއްޔާއިން ފާހަގަކުރެއެވެ.

އެގޮތުން ދުންފަތުގައި ހިމެނޭ 250 މާއްދާއާއި ވިހައިގެ ތެރެއިން، 70 މާއްދާއަކީ، ކެންސަރަށް މަގުފައިވާ މާއްދާކަމަށް އެ ޖަމްޢިއްޔާއިން ބުންޏެވެ. އަދި ދުންފަތުގެ ބޭނުން ނުކުރާ ފަރާތްތަކަށްވެސް، ދުމުގެ އަސަރުކޮށް ކުޑަކުދިންނަށް ނޭވާހިއްލުމާއި ފުއްޕާމޭގައި ޖަރާސީމު އަށަގަތުމާއި ލޭގެ ކެންސަރު ފަދަ މައްސަލަތައް ދިމާވާކަން އެ ޖަމްޢިއްޔާއިން ފާހަގަ ކުރެއެވެ. އަދި މާބަނޑު މީހުންނަށްވެސް މީގެ އަސަރު ކުރާކަމަށް ޑޮކްޓަރުންގެ ޖަމްޢިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއާއި ހަވާލާދީ ދިވެހި ޑޮކްޓަރުންގެ ޖަމްޢިއްޔާއިން ފާހަގަކުރި ގޮތުގައި، ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ ސަބަބުން އަހަރަކު 8 މިލިއަން މީހުން މަރުވެއެވެ. އަދި އޭގެ ތެރެއިން 1.3 މިލިއަން މީހުންނަކީ ނުސީދާކޮށް ދުމުގެ އަސަރުކޮށްގެން މަރުވާ މީހުންކަމަށް އެ ޖަމްޢިއްޔާއިން ފާހަގަކުރެއެވެ.

https://int.etukuri.mv/
tel:+9607331319