
ފީނަގަނީ ދިވެހީން އެންމެ ގިނައިން ބޭނުންކުރާ ސައިޓްތަކުން --- އަސްލު ގްރެފިކްސް: ރީހާން
ޑިޖިޓަލް ޒަމާނެއްގައި އޮންލައިން ވިޔަފާރި ބުރައަކަށް ވެގެންނުވާނެ!
.jpg&w=3840&q=75)
ޒިދާން މުޙައްމަދު - 02 ޖުލައި 2025 - 16:08
ބަވަނަވަމުންދާ ދުނިޔެ މިދެކޭ ޒަމާނަކީ ސުމޭކު ނުވަތަ ޑިޖިޓަލް ޒަމާނެކެވެ. އައު ވިސްނުންތަކާއި އީޖާދުތަކާއެކު ދުނިޔެ މިވަނީ ތަރައްޤީއާއި ތަމައްދުންގެ ހަރުފަތްތައް ގިރާކޮށްފައެވެ. ޓެކްނޮލޮޖީގެ ކުރިއެރުމާއި އިންސާނީ ވިސްނުމުގެ ތަރައްޤީ މިއަދުވެފައި މިވަނީ ދިރިއުޅުން ފަސޭހަކޮށްދީފައެވެ.
ޒަމާނަށް އައި ބަދަލާއެކު ވިޔަފާރިކުރުމުގައި ގެންގުޅެމުން އަންނަ ވައްޓަފާޅިވެސް މިވަނީ ފުޅާވެ ޒަމާނާއެކު ތަރައްޤީވާން ފަށާފައެވެ. އޮންލައިންކޮށް ވިޔަފާރިކުރުމުގެ ވައްޓަފާޅީގެ އޮއިވަރެއް ދިވެހީންގެ މެދުގައި ވެސް މިވަނީ ހިނގަން ފަށާފައެވެ. ޓެމޫއާއި ޝެއިން ފަދަ އީކޮމާސް ޕްލެޓްފޯމަތައް ދިވެހީންގެ މެދުގައި މަގުބޫލުވެފައިވަނީ މިބުނި އޮއިވަރުގައި ޖެހިފައި ތިބި ދިވެހީންގެ އަދަދު ގިނަވުމުންކަން ކަށަވަރެވެ. ތަހުޒީބާއި ތަމައްދުންއަށް ލޯބިކުރާ މީހުން ޒަމާނީ އޮއިވަރުގައި ޖެހުމަކީ ތަބީއީކަމެކެވެ. ގޯސް ކަމެއް ނޫން ނަމަ އެއީ މައްސަލައަކަށް ވެގެން ނުވާނެއެވެ.
ދުނިޔޭގެ ހަތަރު ބިތް އެތައް ގޮތަކުން ގުޅިފައިވާ މިޒަމާނުގެ ތަރައްގީއާއެކު ވިޔަފާރި ކުރުމަށްވެސް ޒަމާނީ ގޮތްތައް ބޭނުންކުރަންވާނެއެވެ. އެ ގޮތްތަކަށް އަހުލުވެރިވެގެން ނޫނީ މިޒަމާނުގައި ތަރައްޤީގެ މަގުން ހިނގަން ދަތިވާނެއެވެ.
ދާދި ފަހުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ވަނީ ދިވެހީންނަށް އުފާވެރި ޚަބަރެއް ދީފައެވެ. އެއީ ބީއެމްއެލްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުދަލާއި ހިދުމަތަށް ފައިސާ ދެއްކުމަށް ކަނޑާއަޅާފައި އޮންނަ މަހު ލިމިޓް 250 ޑޮލަރުން 500 ޑޮލަރަށް ބޮޑުކުރި ޚަބަރެވެ. ހަމަ ޔަގީނުންވެސް ޓެމޫ އަދި ޝެއިން ފަދަ އީކޮމާސް ޕްލެޓްފޯމަތަކުން ވިޔަފާރިކުރާ މީހުންނަށް މިއީ ހިތްހަމަޖެހޭ ޚަބަރަކަށް ވާނެއެވެ.
ނަމަވެސް، ހަމަ އެކަން ހާމަކޮށް ނެރުނު ބަޔާނުން ބީއެމްއެލްްއިން އެތައް ރައްޔިތެއްގެ މޫނުމަތީ ތަފާލެއް އަޅުވާލި ފަދައެވެ. ފިރުމާލާފައި އެ ޖެހީ ހިތުގައެވެ. އާދޭހެވެ. ޓެމޫ އަދި ޝެއިން ފަދަ އީކޮމާސް ޕްލެޓްފޯމަތަކުން ކުރާ ކޮންމެ ވިޔަފާރިއަކުން 30 ޕަސެންޓުގެ ފީއެއް ނެގުމަށް ބޭންކް އޮފް މޯލްޑިވްސްއިން ނިންމީއެވެ. ޓީމޫފަދަ ވެބްސައިޓުތަކުން ފީއެއް ނަގަނީ އީކޮމާސް ވެބްސައިޓްތަކުން ކުރާ ވިޔަފާރިތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭނެ ގޮތެއް ހަދަން ކަމަށް ބީއެމްއެލްއިން ބުނި ކަމަށް ވިޔަސް މިނިންމުމާ މެދު އެއްކަލަ "އާދައިގެ މީހާ" ނުވަތަ "ނިކަމެތި މީހާ" ނުރުހިއްޖެއެވެ. ބައެއް އޮންލައިން ވިޔަފާރި ސައިޓްތައް ކަމަށްވާ, ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭއަށް ފައިސާދައްކާއިރު 30 ޕަސެންޓާ ހަމައަށް ފީއެއް ނަގަން ނިންމި ނިންމުމަށް ގިނަ އަދަދެއްގެ ރައްޔިތުން ނުރުހޭކަން ކަންބޮޑުވުންތަކާއި ޝަކުވާތަކުން ފުރިފައިވާ ސޯޝަލްމީޑިއާ ޕޯސްޓްތައް ބަންޑުންކޮށްލުމުން އެނގި ހާމަވެއެވެ.
އެ ހަ ވެބްސައިޓުން ފީ ނަގަނީ ހަމައެކަނި ރުފިޔާ ޑެބިޓް ކާޑުން ކުރާ ޑޮލަރުގެ މުއާމަލާތްތަކަށެވެ. ކްރެޑިޓް ކާޑު ނުވަތަ ޑޮލަރު ކާޑުން ނުވަތަ ވިޔަފާރި ކާޑުން ކުރާ މުއާމަލާތްތަކަކުން ފީއެއް ނުނަގާނެއެވެ. އަދި އެ ހަ ވެބްސައިޓް ފިޔަވާ ދެން ދިވެހީން ވިޔަފާރީގެ މުއާމަލާތްތައް ކުރާ ގާތްގަނޑަކަށް 155,000 ވެބްސައިޓުން ވެސް އިތުރު ފީއަކާ ނުލައި ބޭންކުގެ ރުފިޔާ ކާޑުން ޑޮލަރުގެ މުއާމަލާތްތައް ކުރެވޭނެއެވެ.
ނަމަވެސް އިސްވެ ބުނެވުނު ވެބްސައިޓްތަކަކީ އަމިއްލަ ބޭނުމަށާއި ވިޔަފާރީގެ ބޭނުމަށް އޮންލައިންކޮށް ތަކެތި ގަތުމަށް ދިވެހީންގެ މެދުގައި އެންމެ މަގުބޫލް ވެބްސައިޓުތަކެވެ. އެ ވެބްސައިޓްތަކުން މުދާ ގަތުމަކީ ގިނަ ދިވެހީން ކުރާ ކަމަކަށްވާއިރު މީގެ ހެއްކަކީ މިދިޔަ އަހަރު އެ ވެބްސައިޓުތަކަށް މަހަކު ހޭދަކުރި 20 މިލިއަން ޑޮލަރު މިއަހަރު 45 މިލިއަން ޑޮލަރަށް ވަނީ އަރާފައެވެ. މިއީ ދިވެހީންގެ މެދުގައި އެ ވެބްސައިޓުތައް މަގުބޫލު މިންވަރެވެ. ވީއިރު ޝަކުވާ ހުންނާތާއެވެ.
ބީއެމްއެލްގެ ނިންމުންތަކާމެދު އެއް ބަޔަކު ނުރުހުންވި ސަބަބަކީ ޑެބިޓު ކާޑުތައް މެދުވެރިކޮށް ބޭރުގެ ބައެއް ވެބްސައިޓުތަކުން ކުރާ ކޮންމެ ވިޔަފާރިއަކުން 30 ޕަސެންޓުގެ ފީއެއް ނަގަން ނިންމިއިރު، އެ ބޭންކުން ދޫކޮށްފައި ހުންނަ ކްރެޑިޓް ކާޑުތައް މެދުވެރިކޮށް ކުރާ ވިޔަފާރިތަކުން އެއްވެސް ފީއެއް ނުނަގާނެ ކަމަށް ބުނުމެވެ. މިއީ ތަފާތުކުރުމެއްގެ ގޮތުގައި ކަންބޮޑުވި މީހުން ސިފަކުރެއެވެ.
ކޮންމެއަކަސް ބީއެމްއެލް އެކަންޏެއް ނޫނެވެ. އެއްވެސް ބޭންކަކުން ގެންގުޅޭ ސިޔާސަތެއްގެ ސަބަބުން މިފަދަ ޑިޖިޓަލް ޒަމާނެއްގައި އޮންލައިން ވިޔަފާރި މީހުންނަށް ބުރައަކަށް ވެގެން ނުވާނެއެވެ. ދުނިޔޭގެ މާކެޓްތަކުން އަދި ޚުދު އަމިއްލަ ގައުމުންވެސް އޮންލައިންކޮށް ވިޔަފާރިކުރުން ޖީބަށްލުއި ފަސޭހަވާންވެސް ވާނެއެވެ. މުދަލުގެ އަގު ހެޔޮވުމަކީ އެންމެންވެސް އެދޭނެ ގޮތެވެ.
ރާއްޖޭން ބޭރުން މުދާ ގެނެސްގެން ބޮޑު ޕްރޮފިޓް މާޖިންއެެއްގައި ވިޔަފާރީތަކުން ތަކެތި ވިއްކަމުންދާއިރު، އެތަކެތި ހެޔޮ އަގުގައި ލިބެން ހުރި މާކެޓްތަކުން ގެނެސްގެން ބޭނުންކުރަން ދިވެހީން ބޭނުންވާކަން ޓެމޫ ފަދަ ޕްލެޓްފޯމްތަކުން ކުރާ ވިޔަފާރިތަކުގެ އަދަދުން ހާމަވެއެވެ. ނުރުހުން ފާޅުކުރި ބައެއް މީހުން ބުނެފައި ވަނީ ދިވެހީން އާންމުކޮށް ވިޔަފާރި ކުރާ ވެބްސައިޓުތަކުން ފީއެއް ނަގަން ނިންމީ ވިޔަފާރިވެރިންނަށް ގެއްލުން ވާތީ، އެ ފަރާތްތަކުން ކުރާ ޕްރެޝަރުގެ ސަބަބުން ކަމަށެވެ.
ރައްޔިތުންގެ ޖީބަށް ލުއިވާ މަގުތައް ބަންދުކުރުމަކީ ޝަކުވާ އަމާޒުވާނެ ކަމެކެވެ. ފެންނަމުންދާ މަންޒަރަކީ އެއީއެވެ.
ގުޅުން ހުރި ޙަބަރުތައް

ރައްޔިތުންގެ އިތުބާރު އަދިވެސް ޝަރުއީ ދާއިރާއަކަށް ނެތް
3 އަހަރު ކުރިން

ފުޓް ބޯޅައިގެ ހަޔާތުން ރެޔެއް - އުފަލާއި ހިތާމަ
3 އަހަރު ކުރިން

"ހަދިޔާ ދޭންޖެހޭ" ސަގާފަތް އުފެއްދީ މިދިޔަ ސަރުކާރުން - އެމްއާރުއެމް
3 އަހަރު ކުރިން

ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރަން ޤާނޫނީ ނިޒާމަށް އިސްލާހު ގެނެވިއްޖެ - ފައްޔާޒު
3 އަހަރު ކުރިން