
ކުރީގެ ސަރުކާރުން ވަނީ ހޯދަންޖެހޭ ކޮންމެ ހިދުމަތެއް ހޯދުމަށް "ހަދިޔާ ދޭންޖެހޭ" ސަގާފަތެއް އުފައްދާފައި-އެމްއާރުއެމް

އަހުމަދު ޔައީޝް - 11 ޑިސެމްބަރު 2022 - 13:16
ކުރީގެ ސަރުކާރުން ވަނީ ހޯދަންޖެހޭ ކޮންމެ ހިދުމަތެއް ހޯދުމަށް "ހަދިޔާ ދޭންޖެހޭ" ސަގާފަތެއް އުފައްދާފައި ކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ބުނެފިއެވެ.
އެމްއާރުއެމުން މިފަދައިން ބުނެފައިވަނީ ބައިނަލްއަގްވާމީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ދުވަހާ ގުޅިގެން އެޕާޓީން ނެރުނު ނޫސް ބަޔާނެއްގައެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ބައިނަލްއަގްވާމީ އެންޓި ކޮރަޕްޝަން ދުވަސް ފާހަގަ ކުރަމުންދާއިރު، ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް ކުރެވޭ މަސައްކަތްތަކަކީ އިހުލާސްތެރި މަސައްކަތް ތަކަކަށް ހަދަން ޖެހިފައިވާ ކަމަށާއި ކޮރަޕްޝަން ހުއްޓުވުމަކީ ރައްޔިތުން އެކަމަށް އެދޭތީ، ނުވަތަ ގާނޫނެއް އޮތަތީ އެކަނި ކުރާ ކަމަށްވުރެ، އިހުލާސްތެރި ކަމާއި އެކު ގައުމުގެ ކުރިއެރުމަށާއި ރައްޔިތުންގެ ލާބައަށް ކުރަން ޖެހޭ ކަމެއް ކަމަށެވެ. އަދި މި ހިނގާ ރިޔާސީ ދައުރުގައި ހިމެނޭ ކޯލިޝަނުން ކުރިމަތިލީ ދައުލަތުގެ ހުރިހާ ވަސީލަތްތަކާއި ބާރުތައް ވަކި މީހެއްގެ މުށުތެރޭގައި ގެންގުޅެމުން ދަނިކޮށް، އެކަން ބަދަލުކޮށް، ދެފުށް ފެންނަ ސަރުކާރެއް ގާއިމު ކޮށްދިނުމަށް ވައުދުވެގެން ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
އަދި ހާއްސަކޮށް ކޮރަޕްޝަން ހުއްޓުވައި، ކުރިން ހިނގާފައިވާ ކޮރަޕްޝަންގެ ބޮޑެތި ޖަރީމާތައް ތަހުގީގުކޮށް، ޒިންމާވާން ޖެހޭ ފަރާތްތައް ޒިންމާ ކުރުވުމަށް ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފައެވެ.
އެ ބަޔާނުގައި ވަނީ އޭރު ސަރުކާރާ ދެބަސްވާ ކޮންމެ ރަށު ކައުންސިލެއް އެކުއެކީގައި ސަސްޕެންޑުކޮށް، ދިވެހި ރައްޔިތުން ބަލައިގަތް ލާމަރުކަޒީ ނިޒާމު ދިޔައީ ފުނޑާލަމުން ކަމަށް. އަދި އޭރު ސަރުކާރުން ހޯދަންޖެހޭ ކޮންމެ ހިދުމަތެއް ހޯދުމަށް "ހަދިޔާ ދޭންޖެހޭ" ސަގާފަތެއްވަނީ އުފައްދާފައި ކަމަށާއި އަމިއްލަ ހަރު މުދާހެން ރާއްޖޭގެ ރަށްރަށުގެ "ވަގު ޑީލް" ތަކުން ބަޔަކު ދިޔައީ މިލިއަން ޑޮލަރުން ނަފާ ހޯދަމުން ކަމަށެވެ. ދައުލަތުގެ ބަޖެޓުގައި ނެތް އެތައް ޕްރޮޖެއްކްޓެއް ދިޔައީ ހިނގަމުން ކަމަށާއި އަދި އެކަންކަމާ ސުވާލުކޮށް، ސަރުކާރުން ހިންގަމުން ދިޔަ އެ ކޮރަޕްޝަނާއި ދެކޮޅުހަދާ ކޮންމެ މީހެއްގެ ދިރިއުޅުން ދިޔައީ ހަލާކު ކުރަމުން ކަމަށް އެންއާރުއެމް ގެ ބަޔާނުގައި ވަނީ ތުހުމަތު ކޮށްފައެވެ.
މިހާރު އޮތް ކޯލިޝަން ސަރުކާރަށް ރައްޔިތުން ކުރި އިތުބާރަކީ ކޮރަޕްޝަންގެ އަމަލުތައް ބަލައި، އެކަމުގައި ބައިވެރިވި އެންމެން އިންސާފުގެ ކުރިމައްޗަށް ގެންދާނެ ކަމަށް ޔަގީން ކުރެވިގެން ކުރި އިތުބާރު ކަމަށް އެމްއާރުއެމް ގެ ވަނީ ބުނެފައެވެ.
އެހެން ނަމަވެސް ހަތަރު އަހަރު ފާއިތުވެގެން ދިޔައިރު ވެސް ފެންނަނީ، އެ އަމާޒަށް ވާސިލުވުމަށްޓަކާ މަސައްކަތް ކުރަން ފެއްޓުނުތަން އެކަނި ކަމަށާއި ހިތާމަޔާއެކު ފާހަގަކުރަން ޖެހެނީ އެކަން ކުރިއަށްދާތަން ފެނިގެން ނުދާ ކަން ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
އެމްއާރްއެމުން ބުނީ ކޮރަޕްޝަންގެ އަމަލުތަކަކީ ހަމައެކަނި ފައިސާގެ މުއާމަލާތްތައް ނޫންކަން ދައުލަތުގެ މުއައްސަސާތަކުން ގަބޫލުކުރަންޖެހޭ ކަމަށާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ހިންގާ ކޮރަޕްޝަންތައް އަމަލުތައް އިންތިހާއަށް ގިނަ ކަމަށާއި ސަރުކާރުގެ އިސް ފަރާތެއް، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ނުވަތަ ނުފޫޒު ގަދަ އެހެން ފަރާތެއްގެ އެހީ އާއި ނުލައި މިއަދު ވެސް އާސަނަދަ އާއި އެންސްޕާގެ ހިދުމަތް ފަދަ ހިދުމަތް ތައް ކަށަވަރުކުރަން ދަތިކަން ރައްޔިތުން ގަބޫލު ކުރާ ކަމަށް. ބޯހިޔާވަހި ކަމާއި، ވަޒީފާއާއި އަސާސީ ހިދުމަތް ތަކަކީ ވަކި މީހަކަށް ނުވަތަ ސިޔާސީ ޕާޓީ އަކަށް ބާރު ލިބިގެން ނޫނީ ނުކުރެވޭނެ ކަމެއް ކަމަށް ރައްޔިތުންނަށް ވިސްނައިދޭނެ ބަޔަކު އަދިވެސް އެބަތިބި ކަމަށެވެ.
ބާރާއި ނުފޫޒުން ހިންގާ ނުވަތަ ހިންގުމަށް މުޖުތަމައު އާދަވެފައިވާ މިފަދަ ކޮންމެ އަމަލަކީ، ކޮރަޕްޝަންގެ އަމަލެއްކަން ރައްޔިތުންނަށް ވިސްނައިދި އެފަދަ މައްސަލަ ތަހުގީގު ކޮށް، ކޮރަޕްޝަންގެ އެކި އަމަލުތައް ހިންގުމުގައި ޒިންމާ ވާ ފަރާތް ތައް އިންސާފުގެ ކުރިމަށްޗަށް ގެންދިއުމަކީ އެންޓި ކޮރަޕްޝަން ކޮމިޝަނާއި ހަވާލުވެފައިވާ ޒިންމާ އަކަށް ވާއިރު، އެކަމުގައި ފަހަތު ފަޔަށް ބަރުނުވެ މަސައްކަތް ކުރުމަށް އެމްއާރު އެމްގެ ބަޔާނުގައި ވަނީ ގޮވާލާފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

ރައްޔިތުންގެ އިތުބާރު އަދިވެސް ޝަރުއީ ދާއިރާއަކަށް ނެތް
2 އަހަރު ކުރިން

ފުޓް ބޯޅައިގެ ހަޔާތުން ރެޔެއް - އުފަލާއި ހިތާމަ
2 އަހަރު ކުރިން

ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރަން ޤާނޫނީ ނިޒާމަށް އިސްލާހު ގެނެވިއްޖެ - ފައްޔާޒު
2 އަހަރު ކުރިން

ބްރިޖުގައި އެކްސިޑެންޓެއް ހިނގާ ވިޔަފާރިވެރިޔަކު ނިޔާވެއްޖެ
2 އަހަރު ކުރިން
ނޫމަޱި
ކުރިއެކޭ، މިހާރަކޭ ތަފާތެއްނެތް. ހުސް އޭތި މީތި