logo

ަދަރަނިން ސަލާމަތްވުން

profile

ޒިދާން މުޙައްމަދު - 10 އޯގަސްޓު 2025 - 13:01

އަޅުތަކުންގެ ޙައްޤުތަކުގެ ތެރެއިން މީސްތަކުން ވަރަށް ބޮޑަށް ފަރުވާކުޑަކޮށްލާފައިވާ އެއްކަމަކީ ދަރަނީގެ ކަންކަމެވެ. އެއީ މުސްލިމުންގެ މުޖުތަމަޢުތަކާއި އެނޫން މުޖުތަމަޢުތަކުގައިވެސް ވަރަށް ބޮޑަށް ފެތުރިފައިވާ ކަމެކެވެ. ދަރަނި ދޭމީހުންނާއި ދަރަނި ނަގާމީހުން ކޮންމެ މުޖުތަމަޢަކުންވެސް ފެންނާނެއެވެ. އެހެންކަމުން މިކަމަކީ ތެދުވެރިކަމާއެކު މިކަމުގެ ޙުކުމްތައް ބަޔާންކޮށްދީ، އިރުޝާދުދީ އަދި ނަސޭހަތްތެރިވެ، ހަނދާންކޮށްދިނުމަށް ބޭނުން ޖެހިފައިވާ ކަމެކެވެ.

https://wamco.com.mv/

ގިނަ މީހުންވަނީ އެބައިމީހުންގެ ނަފްސުތަކުގެ މައްޗަށް ދަރަނީގެ ދޮރު ހުޅުވާލާ، އެކަމުން އިސްރާފުކޮށް، އެކަމުގެ ތެރޭގައި މީހާ މާޔޫސްވެ ވަރުބަލިވެފައެވެ. އެބައިމީހުންނަށް ތަހަންމަލު ކުރެވިދާނެ ކަންކަމުގައިވެސް އެބައިމީހުން އަވަސްއަރުވާލާ، ވަރަށް ފަސޭހައިން މީހެއްގެ އަތުން ފަހުންދޭ ގޮތަށް އެއްޗެހި ނަގައެވެ. އެކަމާމެދު ވިސްނާ، ހިސާބުކޮށް ބެލުމަށް މަޑުކުރުމެއް ނެތި އަވަސްއަރުވާލައެވެ. ޝަރުޢީ ގޮތުން ދަރަނީގެ ޙުކުމްތަކާއި އަދަބުތައްވެސް ނޭނގޭ ޙާލެވެ. އެބައިމީހުން އެކަމުގައި ފަރުވާކުޑަކޮށްލައެވެ. އެއިން ސަލާމަތްވެވެން އޮތް އިރުވެސް، ނިމުމެއް ނެތް ދަރަނިތަކާއި ޙައްޤުތަކުގެ ތެރޭގައި އެބައިމީހުންގެ ނަފްސުތައް ބަނދެވިފައިވެއެވެ.

މުސްލިމުންނަށް ވާޖިބުވެގެންވަނީ މީސްތަކުންގެ މުދަލާއި ޙައްޤުތަކުން އެއްކިބާވެ ދަރަނި ނެގުމުންވެސް ރައްކާތެރިވުމެވެ. އެހެނީ މީސްތަކުންނާ ގުޅުންހުރި ޙައްޤުތަކުގައި ދުނިޔޭގައި އަޅަކަށް ސަލާމަތްވެވުނު ކަމުގައިވިޔަސް، އާޚިރަތުގައި ޢަދުލުވެރި ފަރާތުގެ ޙިސާބުބެއްލެވުމުން ސަލާމަތެއް ނުވެވޭނެއެވެ. މީސްތަކުންގެ ޙައްޤުތަކުގައި އަނިޔާވެރިވެފައިވާ މީހުންނާއި ޙައްދުފަހަނައަޅާފައިވާ ކޮންމެ މީހެއްގެ ކިބައިން ޤިޔާމަތްދުވަހުން ﷲ ތަޢާލާ ޤިޞާޞް ހިއްޕަވާނެއެވެ.

ހަމަކަށަވަރުން ދަރަނީގެ ކަންކަމަކީ ﷲ ގެ ޙަޟްރަތުގައި ވަރަށް މަތިވެރި ކަމެކެވެ. ޤުރުއާނުގައިވާ އެންމެ ދިގު އާޔަތް އެއިލާހު ބާވައިލެއްވީ އެކަމާ ގުޅޭގޮތުންނެވެ. އެއީ ބަޤަރާ ސޫރަތުގެ ފަހުކޮޅުގައިވާ ދަރަނީގެ އާޔަތެވެ.

ދަރަނީގެ ބުރައިންނާއި، މީސްތަކުން އެކަލޭގެފާނުގެ މައްޗަށް ގަދަވެގެންފާނެތީއާއި ދަރަނިވެރިވުމުންނާ އަދި ފާފަކުރުމުން ﷲ ގެ ޙަޟްރަތުން ރައްކާތެރިކަމަށްއެދި ނަބިއްޔާ صلى الله عليه وآله وسلم ގިނަގިނައިން ދުޢާކުރައްވާކަން ޘާބިތުވެފައިވެއެވެ.

ދެދީނާރުގެ ދަރަންޏެއް އޮތް މީހެއްގެ ދަރަނި އަދާކުރުމަށް އަބޫ ޤަތާދާ رضي الله عنه ހަވާލުވެވަޑައިގެންފުމަށްދާންދެން އޭނާގެ މައްޗަށް ކަށުނަމާދު ކުރެއްވުމަށް ނަބިއްޔާ صلى الله عليه وآله وسلم ދެކޮޅު ހެއްދެވިއެވެ. ދެން އެއަށްފަހު، އަބޫ ޤަތާދާ رضي الله عنه އެދަރަނި އަދާކުރެއްވުމުން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

«الْآنَ بَرَدَتْ عَلَيْهِ جِلْدُهُ» [رواه أحمد وحسنه الألباني]

މާނައީ: “މިހާރު އޭނާގެ ހަންގަނޑަށް ފިނިކަން ލިބިއްޖެއެވެ.”

ދަރަންޏެއް ނުދައްކާ ވަނިކޮށް ޞަޙާބީ ބޭކަލަކު އަވަހާރަވުމުން އެކަލޭގެފާނުގެ އަޚާއަށް ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«إِنَّ أَخَاكَ مَحْبُوسٌ بِدَيْنِهِ، فَاقْضِ عَنْهُ» [رواه أحمد وصححه الألباني]

މާނައީ: “ހަމަކަށަވަރުން ތިޔަބައިމީހުންގެ އަޚާ އެވަނީ ދަރަނީގެ ސަބަބުން ބަންދުކުރެވިފައެވެ. ފަހެ އޭނާގެ ކިބައިން ދަރަނި އަދާކޮށްދޭށެވެ.”

އަދިވެސް ނަބިއްޔާ صلى الله عليه وآله وسلم ޙަދީޘްކުރެއްވިއެވެ.

«يُغْفَرُ لِلشَّهِيدِ كُلُّ ذَنْبٍ إِلَّا الدَّيْنَ» [رواه مسلم]

މާނައީ: “ޝަހީދުންގެ ހުރިހާ ފާފައެއް ފުއްސަވައިދެވޭނެއެވެ. ދަރަނި ފިޔަވައެވެ.”

ދަރަނީގެ ކަންކަމުގައި ޝަރީޢަތުގައި އެހާ ވަރުގަދައަށް އައިސްފައިވަނީ މީސްތަކުންގެ މަސްލަޙަތާއި ޟަރޫރީކަންކަން ރައްކާތެރިކުރުމުގެ ގޮތުން އައިސްފައިވާ ޙައްޤުތައް ރައްކާތެރިކުރުމުގެ ގޮތުންނެވެ. އެފަދަ ޙައްޤުތަކުގެ ތެރޭގައި މުދާ ރައްކާތެރިކުރުން ހިމެނެއެވެ.

ނަބިއްޔާ صلى الله عليه وآله وسلم ޙަދީޘް ކުރެއްވިއެވެ.

«إِنَّ الرَّجُلَ إِذَا غَرِمَ، حَدَّثَ فَكَذَبَ، وَوَعَدَ فَأَخْلَفَ» [متفق عليه]

މާނައީ: “ހަމަކަށަވަރުން މީހަކު ދަރަނިވެރިވުމުން ވާހަކަދައްކާއިރު ދޮގުހަދައެވެ. އަދި ވަޢުދުވެފައި އެއާވެސް ޚިލާފުވެއެވެ.”

މުސާރައިގެ ބޮޑުބައެއް ދަރަނި ފުއްދުމުގައި ހޭދަކުރަން ޖެހިދާނެއެވެ. އެހެންކަމުން އަނެއްކާވެސް ދަރަންޏަށް އެދެން އޭނާއަށް ޖެހިދާނެއެވެ. މިގޮތަށް އަބަދު ދަރަނި ނެގުމުގައި އުޅެން ޖެހިދާނެއެވެ. މިއީ އޭނާގެ އަމިއްލަ ނަފްސަށް ވެވޭ އިހާނެތިކަމެކެވެ. ތިބާގެ އަމިއްލަ ނަފްސު އިހާނެތިކޮށްލުމަކީ މުއުމިނުންނަށް އެކަށީގެންވާކަމެއް ނޫނެވެ.

ދަރަނި ނަގާ މީހުންގެ ތެރެއިން ގިނަ މީހުންނަށް ފިކުރު ބޮޑުވުމާއި މާޔޫސްވުންފަދަ ކަންކަމާ ކުރިމަތިލާން ޖެހެއެވެ. އަދި އެކަމުގެ ސަބަބުން ބައެއް މީހުން ބަލިވެ، އެމީހުންގެ ޞިއްޙަތަށް އޭގެ ނޭދެވޭ އަސަރުކުރެއެވެ. އަދި އެބައިމީހުންގެ ބުއްދިތަކާއި ހިތްތައް ދަރަންޏާއި ދަތި އުނދަގޫ ކަންކަމާއި މީސްތަކުންގެ ގާތުން އެދެންޖެހިފައިވާ އެދުންތަކުގެ ކަންކަމުގައި އަވަދިނެތިވުމުގެ ސަބަބުން ކިޔަމަންތެރިކަން އަދާކުރުމާއި ﷲ އަށް ކުއްތަންވުމުގެ ޢަމަލުތައް ކުރުމުން އޭނާ ޣާފިލުވެއެވެ.

އަމީރުލް މުއުމިނީން ޢުމަރު رضي الله عنه ވިދާޅުވިއެވެ.

“ތިޔަބައިމީހުން ދަރަންޏަށް ރައްކާތެރިވާށެވެ. އޭގެ ފުރަތަމަކޮޅުގައި އޮތީ ކަންބޮޑުވުމެވެ. އަދި ފަހުކޮޅުގައި އޮތީ ހަނގުރާމައެވެ.”

ދަރަނީގެ ފަހުކޮޅުގައި ހަނގުރާމަވާކަމުގައި ޢުމަރުގެފާނު ވިދާޅުވެފައިވަނީ ދަރަނީގައި ފަރުވާކުޑަކުރުމަކީ މީސްތަކުންގެ މެދުގައި ގުޅުންކެނޑުމާއި ތިމާގެ މީހުންނާއި ރައްޓެހިންގެ މެދުގައި ޚިޔާލުތަފާތުވުންތައް ދިމާވާ އެންމެ ބޮޑު އެއްސަބަބަށް ވުމުންނެވެ. މިފަދަ ކަންކަމުގައި އެންމެފަހުން ކޯޓަށް ދާ ހިސާބަށް ހިނގައިދާނެއެވެ. އޭގެ ސަބަބުން މީހާއަށް ބޮޑެތި އުނދަގޫތަކާއި ނަފްސާނީ ގެއްލުންތައްވެސް ވެގެންދާނެއެވެ.

މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވަނީ މީސްތަކުންގެ މުދަލާ ދުރުހެލިވުމެވެ. އަދި ދަރަނީގެ ދޮރު އޭނާގެ މައްޗަށް ހުޅުވާނުލުމެވެ. އެއީ ދުނިޔެއާއި އާޚިރަތުގައިވެސް އޭނާއަށް އެކަމުގައި ހުރި ނޭދެވޭ އަސަރުތަކުން ސަލާމަތްވުމަށެވެ. އަދި އޭނާގެ އަމިއްލަ ނަފްސާއި އޭނާގެ ޢާއިލާގެ މީހުންނަށް ފުދުންތެރިކަމާއި ކެތްތެރިކަމާއި ﷲ ތަޢާލާ ނިޔާކުރައްވާފައިވާ ގޮތަށް ރުހެން އާދަކުރުވުމެވެ.

ހޭދަކުރުމުގައި މެދުމިންވަރަކަށް އިޤްތިޞާދުކޮށްލުމަށްވުރެ ބަރަކާތްތެރިކަން ބޮޑު ގޮތެއް ނުވެއެވެ. މުސްލިމުންގެ މައްޗަށް އޮތީ ބޭކާރުކަންކަމުގައި އިސްރާފުކުރުމުގެ އާފަތުން ދުރުހެލިވުމެވެ. އެއީ އެކަކު އަނެކަކުގެ މައްޗަށް ފަޚުރުވެރިވުމަށްޓަކައިވިޔަސް، ގިނަކުރުމަށްޓަކައިވިޔަސް އަދި އަލަށް ތަޢާރަފުކުރާ ތަކެތީގެ ފަހަތުން ދިޔުމަށްކަމުގައިވިޔަސްމެއެވެ. ފަހެ ހަމަކަށަވަރުން އެއީ ދަރަނީގެ ޖެހުމުގެ އެންމެ މައިގަނޑު ސަބަބުތަކެވެ.

މިހުރިހާކަމަކާއެކުވެސް ދަންނަވާލަން އޮތީ ފަހެ ހަމަކަށަވަރުން ދަރަނި ނެގުމަކީ އިސްލާމީ ޝަރީޢަތުގައި އެކުއެކީ މަނާކުރެވިފައިވާ ކަމެއް ނޫނެވެ. އެހެނަސް އިރުޝާދުދެވިގެންވަނީ މިކަމުގައި ފައިދާކުރަނިވި މުހިންމު ވަޞިއްޔަތްތަކަކަށެވެ. އެއީ ދަރިނީގައި ހުރި ނޭދެވޭ އަސަރުތަކުން ރައްކާތެރިވުމަށެވެ.

ފަހެ، މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވަނީ އޭނާއަށް ކޮންމެހެންވެސް ބޭނުން ޖެހިފައިވާ މުބާޙު ކަމެއްގައި މެނުވީ ދަރަނި ނުނެގުމެވެ. އަދި އޭނާއަށް ކޮންމެހެން ބޭނުން ޖެހިފައި ނުވާ ކަމެއް ނުވަތަ ﷲ ޙަރާމް ކުރައްވާފައިވާ އުރެދުމަކަށްނަމަ ދަރަނި ނެގުމުން ދުރުވުމެވެ.

އޭނާގެ މައްޗަށް އޮތީ ދަރަނި ދިން މީހުންނަށް ދަރަނި އަދާކުރުމަށް ޔަޤީންކަމާއެކު ނިޔަތްގަނެ އަޒުމް ކަނޑައެޅުމެވެ. ޔަޤީންކަމާއެކު ނިޔަތްގަތުމަކީ ދަރަނި އަދާކުރުމާއި އަދި އެފަދަ މުބާޙު ކަންކަމުގައި ﷲ އޭނާއަށް ވާގިވެރިވެވޮޑިގަންނަވާނެ އެންމެ މުހިންމު ސަބަބެވެ.

މުސްލިމަކަށް މަޖުބޫރުވެގެން ދަރަންޏެއް ނަގަންޖެހިއްޖެ ހިނދެއްގައި، ޝުބުހައާއި (އެބަހީ: ޝައްކުވާފަދަ މުޢާމަލާތްތަކާއި) މަކަރުން ދުރުވެ، މުބާޙު މަގުން އެކަން ކުރާށެވެ. އަދި ރިބާއިން ދުރުވާށެވެ. ޙަރާމް ގޮތުގައި ދަރަނި ނަގާމީހާ ދަންނައެވެ. ފަހެ، އެމީހަކަށް ﷲ ގެ ޙަޟްރަތުން ތައުފީޤެއް އަދި ވާތްގެއްވެސް ނުލިބޭނެއެވެ.

ދަރަނީގެ އާޔަތުގައި ﷲ ތަޢާލާ އަމުރު ކުރައްވާފައިވާފަދައިން، އެކަން ލިޔެ އެކަމުގެ މައްޗަށް ހެކިވެރިން ހެކިކުރުމަށް ދަރަނި ނަގާމީހާއާއި ދަރަނި ދޭމީހާ ރައްކާތެރިވާންވާނެއެވެ. ދަރަނި ލިޔުމަށް ފަސްނުޖެހޭށެވެ. އެއީ ކިތަންމެ ކުޑަ މިންވަރެއް ނުވަތަ ބޮޑު މިންވަރެއް ކަމުގައި ވިޔަސްމެއެވެ. ފަހެ، އެއީ ﷲ ގެ ޙަޟްރަތުގައި އެންމެ ޢަދުލުވެރި އަދި އެންމެ އިތުބާރު ހުރި ގޮތެވެ. އަދި ދަރަނި ނަގާމީހާ އޭގެ މުއްދަތު ހަމަވާންވާއިރަށް ދަރަނި އަދާކުރުމަށް ރައްކާތެރިވާށެވެ. އަދި ވީހާވެސް އަވަހަކަށް އެޒިންމާއިން ބަރީއަވާށެވެ. ފަހެ، މަރު އަންނަހުށީ ކުއްލިއަކަށެވެ. އަދި އެއަދާކުރުމުން އެއްކިބާކުރުވާ ކަންތައްތައް ވަރަށް ގިނައެވެ.

ދަރަނި އަދާކުރެވޭ ވަރަށް އޭނާގެ އަތުގައި މުދާ ހުރިނަމަ، ދަރަނި ނުދައްކާ ލަސްކުރުން ހުއްދަވެގެން ނުވެއެވެ. ފަހެ، އެފަދައިން ލަސްކުރުމަކީ ދަރަނި ދިން ފަރާތަށް ކުރެވޭ އުނދަގުލެކެވެ. ދަރަނި ދިން ފަރާތަށް ޝުރުކު އަދާކޮށް އޭނާ އެކޮށްދިން ކަންތަކުގެ ބަދަލުގައި އޭނާގެ މުދާ ރައްދުކޮށްދޭން ވާނެއެވެ. އޭނާއަށް ކެހިދީ ދަރަނި އަދާކުރުން ލަސްކޮށްގެން ނުވާނެއެވެ.

ނަބިއްޔާ صلى الله عليه وآله وسلم ޙަދީޘްކުރެއްވިއެވެ.

«مَطْلُ الغَنِيِّ ظُلْمٌ» [متفق عليه]

މާނައީ: “މުއްސަންޖަކަށް އަދާކުރަންޖެހޭ ފައިސާއެއްވިޔަސް، އެއަދާނުކޮށް (ޤަޞްދުގައި) ފަސްކުރުމަކީ އަނިޔާއެކެވެ.”

ޙާޖަތެއް ޖެހިގެން ދަރަނި ނަގާމީހާ ޝަރީޢަތުގައި ހުއްދަކުރައްވާފައިވާ ގޮތުގައި އެކަންކުރާށެވެ. އަދި މީސްތަކުންގެ ޙައްޤުތައް އަދާކުރުމަސް އަޒުމްކަނޑައަޅާށެވެ. އަދި ﷲގެ ޙަޟްރަތުން ވާތްގާއި ތައުފީޤު ލިބޭނެކަމަށް އުންމީދުކުރާށެވެ. ފަހެ އެދަރަނި އަދާވަންދެން، ﷲ ތަޢާލާ އޭނާއާއެކު ވޮޑިގެންވެއެވެ.

ދަރަނީގެ ސަބަބުން ވަރުބަލިވެފައިވާ މީހުންނަށް އޮތީ ފާފަފުއްސެވުމަށް އެދި ދެންނެވުމާއި ދަރަނި އަދާކޮށްދެއްވުން އެދި ﷲ ތަޢާލާގެ ޙަޟްރަތުގައި ގިނައިން ދެންނެވުމެވެ. އަދި ޙިކުމަތްތެރިކަމާއި ވިސްނުންތެރިކަމާއެކު އޭނާގެ ކަންކަން ހެޔޮގޮތުގައި ކުރިއަށް ގެންދިއުމެވެ. އަދި އެންމެ މުހިންމު ކަންކަމަށް އިސްކަންދީގެން ކަންކަން ހަމަޖައްސަމުން ގޮސް ދަރަނި އޭގެ ޙައްޤުވެރިޔާއަށް ރައްދުކޮށްދިނުމެވެ.

https://wamco.com.mv/
https://www.aslu.com.mv