logo
ސޫރަތުލް ކަހްފި - 1

ސޫރަތުލް ކަހްފި - 1

‎ސޫރަތުލް ކަހްފި - 1

profile

އަހުމަދު ޔައީޝް - 30 ޑިސެމްބަރު 2022 - 22:17

ސޫރަތުގެ ޢާއްމު ތަޢާރަފެއް:

https://wamco.com.mv/

މިއީ މައްކީ ސޫރަތެކެވެ. މިސޫރަތް ބާވާލެއްވިފައިވަނީ ސޫރަތުލް ޣާޝިޔާ އަށްފަހު، އަދި ސޫރަތުއް ޝޫރާގެ ކުރިންނެވެ. ގުރްއާނުގެ ތަރްތީބުން މިއީ 68 ވަނަ ސޫރަތެވެ. މިއީ ކީރިތި ގުރްއާނުގައި (އަލްޙަމްދު)ގެ ލަފްޡުން ފެށޭ ފަސް ސޫރަތުގެ ތެރޭގައި ހިމެނޭ ސޫރަތެކެވެ. އެއީ ސޫރަތުލް ފާތިޙާ، އަންޢާމް، ސަބައު، ފާޠިރު އަދި ކަޙްފު އެވެ. މި ސޫރަތަކީ އެކުގައި ބާވާލެއްވި ސޫރަތްތަކުގެ ތެރެއިން ސޫރަތެކެވެ.

ސޫރަތް ބާވާލެއްވުނު ސަބަބު:

އިބްނު ކަޘީރު ރަޙިމަހުﷲ- މި ސޫރަތް ބާވާލެއްވުނު ސަބަބުކަމުގައި ބަޔާން ކުރައްވާފައިވެއެވެ. ގުރައިޝް ވަންހައިގެ މީހުން ޔަހޫދީންގެ އަޙްބާރުން (ޔަހޫދީންގެ ޢިލްމުވެރިން)ގެ ގާތަށް އައްނަޟްރު ބިން އަލްޙާރިޘް އާއި، ޢުގްބާ ބިން އަބީ މުޢީޠު ފޮނުވިއެވެ. ޔަހޫދީންގެ އަޙްބާރުންގެ ގާތަށް ފޮނުވި ބޭނުމަކީ އެބައިމީހުންނަކީ ފޮތުގެ އަހްލުވެރިން ކަމަށްވީތީވެއެވެ. މި މީހުންނަށް އަމުރުކޮށްފައިވަނީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ނަބީ ކަމާއި ގުޅޭ ގޮތުންނާއި، އެކަލޭގެފާނުގެ ތެދުވެރި ކަމާއި ގުޅޭ ގޮތުން ޔަހޫދީ އަޙްބާރުންނާއި ސުވާލު ކުރުމަށެވެ.ޔަހޫދީ އަޙްބާރުން އެމީހުންނަށް ދިން ޖަވާބަކީ މައްކާ އަށް އެނބުރި ގޮސް މުޙައްމަދުގެ ފާނުގެ ކިބައިން ތިން ސުވާލެއް ކުރުމަށެވެ. އެސުވާލުތަކަށް ޖަވާބު ދެއްވައިފިނަމަ އެއީ ތެދުވެރި ނަބިއްޔެކެވެ. ޖަވާބު ނުދެވިއްޖެނަމަ އެއީ ނަބީ ކަމަށް ދަޢްވާކޮށްގެން އުޅޭ ދޮގުވެރިޔެކެވެ. އެމީހުން ކުރަން ހުށަހެޅި ސުވާލުތަކުގެ ތެރޭގައި ކަޙްފު ބައިގައިގެ މީހުންގެ ވާހައިން ސުވާލު ކުރުމަށް ހުށަހެޅި އެވެ. ކޮންމެއަކަސް އެބައިމީހުން އެނބުރި މައްކާ އަށް ގޮސް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި ސުވާލު ކުރިއެވެ. ޖަވާބުގައި އެކަލޭގެފާނު ވިދާޅުވީ މާދަމާ ޖަވާބެއް ދެއްވާނެ ކަމަށެވެ. ނަމަވެސް (އިންޝާﷲ) އޭ ބުނަން އެކަލޭގެފާނު ހަނދުމަފުޅު ނެތެވެ. އެކަމާއި ގުޅިގެން އެކަލޭގެފާނަށް ވަޙީ ބާވާލެއްވުން ލަސްވިއެވެ. އެހިނދުގައި މައްކާގެ މުޝްރިކުން ހީކުރީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަކީ ނަބީ ކަމަށް ދަޢްވާކުރާ ދޮގުވެރިޔެއް ކަމަށެވެ. މިކަމާއި ގުޅިގެން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަރަށް ބޮޑަށް ކަންބޮޑުވެ ވަޑައިގަތެވެ. މިހެން އުޅުއްވަނިކޮށް ޖިބްރީލް ޢަލައިހިއްސަލާމް މެދުވެރި ކުރައްވާ އެސުވާލުތަކުގެ ޖަވާބު ބާވާލެއްވުނެވެ. އަދި ﷲގެ މަޝީއަތާއި ގުޅުވައިގެން މެނުވީ އެއްވެސް އެއްޗެއް ވިދާޅު ނުވުމަށް އަމުރު ކުރެއްވިއެވެ. (وَلَا تَقُولَنَّ لِشَيْءٍ إِنِّي فَاعِلٌ ذَٰلِكَ غَدًا ﴿٢٣﴾ إِلَّا أَن يَشَاءَ اللَّـهُ ۚ وَاذْكُر رَّبَّكَ إِذَا نَسِيتَ وَقُلْ عَسَىٰ أَن يَهْدِيَنِ رَبِّي لِأَقْرَبَ مِنْ هَـٰذَا رَشَدًا ﴿٢٤﴾) މާނައަކީ: "އަދި ކަލޭގެފާނު އެއްވެސްކަމަކާ ދޭތެރޭގައި، ހަމަކަށަވަރުން، ތިމަންކަލޭގެފާނު މާދަމާ އެކަމެއް ކުރައްވާނަމޭ ވިދާޅުނުވާހުށިކަމެވެ! اللَّه އިރާދަކުރެއްވިއްޔާއޭ ވިދާޅުވެފައި މެނުވީއެވެ. އަދި ކަލޭގެފާނު ހަނދުމަފުޅުނެތިއްޖެ ހިނދެއްގައި، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ހަނދުމަ ކުރައްވާށެވެ! އަދި ކަލޭގެފާނު ވިދާޅުވާށެވެ! އަޅުގެ ވެރިރަސްކަލާނގެ މިއަށްވުރެ ކައިރި ތެދުމަގަކަށް މިއަޅާއަށް މަގުދައްކަވައިފާށިއެވެ!"

މި ސޫރަތުގައި ހިމެނޭ ވާހަކަތައް:

މި ސޫރަތުގައި އިސްވެދިޔަ އުއްމަތްތަކުގެ ވާހަކަތަކުގެ ތެރެއިން ވަރަށް ގިނަ ވާހަކަތައް އައިސްފައިވެއެވެ. އޭގެ ތެރޭގައި:

އަޞްޙާބުލް ކަހްފުގެ ވާހަކަ:

މި ސޫރަތުގެ 9 ވަނަ އާޔަތުން ފެށިގެން ގޮސް 26 ވަނަ އާޔަތުގެ ނިޔަލަށް މިވާހަކަ ބަޔާން ކުރައްވާފައިވެއެވެ.

މިވާހަކާގައި ބަޔާން ކުރައްވާފައިވަނީ ޒުވާން ކުދިންތަކަކާއި، އެކުދިންނާއި އެކުވީ ކުއްތާ އެއްގެ ވާހަކަ އެވެ. އެކުދިން ދިރިއުޅެމުން އައި ރަށުގެ ވެރިޔަކަށް ހުރީ ވަރަށް އަނިޔާވެރި ރަސްގެފާނެކެވެ. އެރަށުގެ އަހްލުވެރިންނަކީ މަގުފުރެދިފައިވާ ބަޔެކެވެ. އެބައިމީހުން އަޅުކަން ކުރަމުން ގެންދިޔައީ ބުދަށެވެ. އެބުދަށް ގުރްބާނީތައް ކަތިލަމުން ގެންދިޔައެވެ. އެމީހުންނާއި ދެކޮޅަށް އެއްޗެއް ބުނެފި ކޮންމެ މީހެއްގެ ދުވަސް ދުއްވާލައެވެ. ކޮންމެއަކަސް، މި ޒުވާނުން އުޑާއި ބިން އުފެއްދެވިފައިވާ ގޮތާއި މެދުގައި ވިސްނާ ފިކުރު ކުރަން ފަށައިފިއެވެ. މިކައުނު އުފައްދަވާފައިވަނީ ބުދުތައް ނޫން ކަމަށް އެކުދިންނަށް ގަބޫލު ކުރެވެން ފަށައިފިއެވެ. ވީމާ، މި ބުދުތަކަށްވުރެ މަތިވެރި އެހެން އިލާހަކު ވާނެ ކަމާއި މެދުގައި ޔަގީންކޮށް އެކަމާ ވިސްނާ ފިކުރު ކުރަން ފެށިއެވެ. އެހެންކަމުން، މިބުދުތަކަށް ސަޖިދަ ކުރުމަސް އެކުދިން ދެކޮޅު ހެދިއެވެ. މާތް ﷲ އެކުދިންނަށް އެހީތެރިކަން ދެއްވާ، ޘާބިތުކަން ދެއްވާ، ހިދާޔަތް ދެއްކެވިއެވެ. ބުދަށް ސަޖިދަ ކުރުމަކީ ރަގަޅު ކަމެއް ނޫންކަން ރަށުގެ އަހްލުވެރިންނަށް ވިސްނައިދެވޭތޯ މިކުދިން މަސައްކަތް ކުރިއެވެ. ނަމަވެސް، މިޚަބަރު ރަސްގެފާނަށް ލިބިވަޑައިގަތުމާއި ގުޅިގެން އެކުދިން މަރާލަން ރޭވިއެވެ. އެހެންވެ، އެކުދިން އެރަށް ދޫކޮށް ނިކުމެގެން ދިޔައީއެވެ. ދެން މާތް ﷲ އެކުދިންނަށް ދެއްކެވީ ފަރުބަދަ އެއްގެ ހޮހޮޅަ އެކެވެ. ރަށުގެ އަހްލުވެރިން އެކުދިން ހޯދުމަށް ނިކުތެވެ. ނަމަވެސް، މާތް ﷲ ވަނީ އެބައިމީހުންނަށް އެކުދިން ތިބިތަން ނުފެންނާނެ ގޮތް މެދުވެރި ކުރައްވާފައެވެ. އެކުދިންނަށް ފަރުބަދައިގެ ހޮހޮޅަށް ދެވުމާއި އެކު ވެފައި ތިބި ވަރުބައްޔެއްގެ ބޮޑުކަމުން އޮށޯވެލުމާއި އެކު ނިދުނެވެ. އެހެންނަމަވެސް، ﷲ ގެ މުޢްޖިޒާތް ފާޅުވެގެން ދިޔައެވެ. އެގޮތުން ތިންސަތޭކަ އަށް ވުރެ ގިނަ އަހަރުވަންދެން އެކުދިން ނިދާފައި ތިއްބެވެ. މި ދިގު މުއްދަތުގައި ނިދާފައި ތިބި އިރު އެކި ފަރާތް ފަރާތަށް ފުރޮޅި ހެދިއެވެ. އަދި އިރުގެ އަވިން އެކުދިން ސަލާމަތްވިއެވެ. މިއީ މާތް ﷲ ގެ ކުޅަދުންވަންތަކާއި ޙިކްމަތްވަންތަ ކަމެވެ. ކޮންމެއަކަސް، ތިން ގަރުނު ފަހުން އެކުދިން ނިދިން ހޭލިއެވެ. އެކުދިންނަށް އިޙްސާސް ކުރެވުނީ ނިދީގައި ހޭދަ ކުރީ އެއްދުވަސް ނުވަތަ ބައިދުވަސް ކަމަށެވެ. ދެން ބަނޑުހައިވެފައި ތިބިވަރުން ކާނެ އެއްޗެއް ހޯދުމަށް އެއް ކުއްޖަކު ހޮހޮޅައިން ނިކުތެވެ. ނަމަވެސް، ފެނިގެން ދިޔައީ މުޅި ރަށް ބަދަލުވެފައިވާ ތަނެވެ. މީހުންވެސް ބަދަލުވެއްޖެ އެވެ. ލައިގެން ތިބި ފޭރާމާއި ޢިމާރާތްތައްވެސް ބަދަލުވެއްޖެ އެވެ. ގެންގުޅޭ ފައިސާވެސް ބަދަލުވެއްޖެ އެވެ. ރަށުގެ އަހްލުވެރިންނަށް މި މުޢްޖިޒާތް ފެނުނު ހިނދުގައި އެބައިމީހުން އެއްކޮށް އީމާންވިއެވެ. އަދި އެއަށްފަހު މާތް ﷲ އެކުދިންގެ ފުރާނަ ގެންދެވިއެވެ.

https://wamco.com.mv/
https://www.aslu.com.mv