logo
އިސްލާމީ މަރުކަޒު

އިސްލާމީ މަރުކަޒު

ފަރުޞު ފަސްނަމާދު (ދެވަނަބައި)

profile

ޙުސައިން ފަޒީލް - 29 މޭ 2023 - 16:33

ގިބްލަ އަށް ކުރިމަތިލުން:

https://wamco.com.mv/

ނަމާދު ކުރަން ގަސްދުކޮށްފިނަމަ އެންމެ ފުރަތަމަ ކަމަކަށް ގިބްލައަށް ކުރިމަތިލާށެވެ. މިއީ ނަމާދުގެ ރުކުނެކެވެ. އަދި ޤިބްލައަށް ކުރިމަތި ނުލައިފިނަމަ ނަމާދު ޞައްޙައެއް ނުވާނެއެވެ. ނަމަވެސް މާތްﷲ ގެ މަގުގައި ޖިހާދު ކުރަމުންދާއިރު ނަމާދު ކުރާމީހުން ގިބްލައަށް ކުރިމަތިލާކަށް ނުޖެހެއެވެ. އަދި އުޒުރުވެރިންނާއި ދަތުރުވެރިންނާއި ބަލިމީހުން، ނަމާދު ވަގުތު ގެއްލިދާނެކަމަށް ބިރުހީވެއްޖެނަމަ ގިބްލައަށް ކުރިމަތިނުލާ ނަމާދު ކުރުން ހުއްދަވެގެންވެއެވެ. ދަތުރުމަތީގައި ނަމާދު ކުރާއިރު ޤިބުލައަށް ކުރިމަތި ލައިގެން ނަމާދު ކުރަން ޖެހެއެވެ. ނަމަވެސް ފަހުން ސަވާރީގެ މިސްރާބު ބަދަލުވުން އެއީ މައްސަލައެއްނޫނެވެ. ޙަރަމްފުޅުގައި ނަމާދު ކުރާނީ ގެފުޅާއި ދިމާލަށް ކުރިމަތި ލައިގެންނެވެ. ގިބްލަހުރީ ކޮންފަރާތަކަށް ކަން ނޭގި ނަމާދުކޮށް ނިމުނުފަހުން ގިބްލަހުރީ އެހެން ދިމާލަކަށް ކަން އެގުމަކުން ނަމާދު އިޢާދަ ކުރާކަށް ނުޖެހޭނެއެވެ. އިންޝާ ﷲ އޭނާގެ ނަމާދު ޞައްޙަވާނެއެވެ. ނަމާދުގައި ހުއްޓާ މީހަކަށް ޤިބުލަ ގޯސްކަމަށް ފެނިގެން ބުނެފިނަމަ އެދިމާލަކަށް އެނބުރެންވާނެއެވެ.

ކޮޅަށް ހުރެ ނަމާދު ކުރުމަކީ ނަމާދު ގެ ރުކުނެކެވެ. އަދި މިއީ ކުޅަދާނަކަން ލިބިގެންވާ މީހާގެ މައްޗަށް ވާޖިބެކެވެ. ނަމަވެސް އުޒުރުވެރިން އިށީންދެ އިނދެގެން ނަމާދު ކުރުމަކުން މައްސަލައެއް ނެތެވެ. އިށީނދެ އިނދެގެން ނަމާދު ކުރުމަށް ކުޅަދާނަކަން ލިބިގެންނުވާނަމަ އޮށޯވެ އޮވެގެން ނަމަވެސް ނަމާދު ކުރަން ޖެހެއެވެ.

ދަތުރުމަތީގައި ނަމާދުކުރުން

ދަތުރުމަތީގައި ބޯޓުގައި ނުވަތަ ދޯނީގައި އަދި މަތިންދާބޯޓުގައި ފަރުޞު ނަމާދު ކުރުމަކުން މައްސަލަ އެއް ނެތެވެ. ކަނޑުބޯޓުގައި ގަދަވެގެން ކޮޅަށް ހުރެގެން ނުކުރެވޭނެ ނަމަ އިށީނދެ އިނދެގެން ކުރެވިދާނެއެވެ. ޢުމުރުން ދުވަސްވެފައިވާ މީހުންނާއި ބަލިމީހުން ގޮނޑީގައި ތިބެގެން ނުވަތަ ތަނެއްގައި ލެނގިގެން ހުރެ ނަމާދު ކުރުން ހުއްދަވެގެންވެއެވެ.

ނަމާދު ކުރާ އިރުގައި ސުތުރާއެއް ބެހެއްޓުން

ނަމާދު ކުރާމީހާ ސުތުރާ ބަހައްޓަން ޖެހޭކަން އަންނަނިވި ޙަދީޘުން އެނގެއެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (لَا تُصَلِّ إِلَّا إِلَى سُتْرَةٍ , وَلَا تَدَعْ أَحَدٌ يَمُرُّ بَيْنَ يَدَيْكَ , فَإِنْ أَبَى فَلْتُقَاتِلْهُ ؛ فَإِنَّ مَعَهُ الْقَرِيْنُ) މާނައަކީ: "ތިޔަބައިމީހުންގެ ތެރެއިން މީހަކު ނަމާދު ކުރާނަމަ ސުތުރާ އެއް ބަހައްޓާށެވެ. އަދި އެއްވެސް މީހަކަށް ކުރިމަތިން ހުރަސް ކުރެވުނަ ނުދޭށެވެ. އެކަމާ އިންކާރުކޮށްފިމީހަކާ ހަނގުރާމަކުރާށެވެ. ހަމަކަށަވަރުން އެމީހަކާއި އެކުގައި ޝައިޠާނަކުވެއެވެ". ސުތުރާ އާއި ނަމާދުކުރާ މީހާ އާއި ދެމެދުގައި ހުންނަންވާނީ އެދެމެދުން ބަކައްޓަކަށް ހުރަސް ކުރެވޭވަރުގެ ޖާގަ އެކެވެ. ސުތުރާގެ އުސްމިނަކީ ހަމަބިމަށް ވުރެ ކައިވަތެއް ވަރެވެ. ބާލިޣްވެފައިވާ އަންހެނަކު، ޙިމާރެއް ނުވަތަ ކަޅުކުއްތާއެއް ނަމާދަށް ހުންނަމީހާ ކުރިމަތިން ހުރަސް ކޮށްފިނަމަ ނަމާދު ބާޠިލްވާނެއެވެ.

ނިޔަތް ގަތުން

ނަމާދަށް ނިޔަތް ގަންނާނީ ހިތުންނެވެ. ދުލުން ކިޔުމެއް ނުވެއެވެ. އެއީ ބިދުޢަ އެކެވެ.

ނަމާދުކުރާނެގޮތް

ތަކްބީރު

ނަމާދުފަށާނީ (اَللهُ أَكْبَرُ) ކިޔާފައެވެ. އެއީ ނަމާދުގެ ރުކުނެކެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (مِفْتَاحُ الصَّلَاةِ الطَّهُوْرُ , وَتَحْرِيْمُهَا التَّكْبِيْرُ , وَتَحْلِيْلُهَا التَّسْلِيْمُ) މާނައަކީ: "ނަމާދުގެ ތަޅުދަނޑިއަކީ ވުޟޫއެވެ. ފެށުމަކީ ތަކްބީރެވެ. ނިމުމަކީ ސަލާމްދިނުމެވެ". އަޑުހަރުކޮށް ތަކްބީރު ކިޔާނީ އިމާމު މީހާއެވެ. ނަމަވެސް ތަކުބީރުގެ އަޑު ނީވޭނަމަ އިސްސަފުގައި ތިބޭ މައުމޫމުންގެ ތެރެއިން މީހަކަށް ތަކްބީރު ކީދާނެއެވެ. ހަށަމް ބަންނައިރު ދެއަތް ކޮނޑާހަމައަށް ނުވަތަ ކަންފަތު ފޫޅުގަނޑާއި ހަމަ އަށް އުފުލަންވާނެއެވެ.

އަތްބާއްވާނެގޮތް

ތަކްބީރު ކިޔުމަށްފަހުގައި ވައަތްމަތީ ކަނާއަތް ބާއްވާނީއެވެ ނުވަތަ ކުޑަހުޅުގައި ހިފެހެއްޓުން ނުވަތަ މުލަށްދަނޑީގައި ހިފެހެއްޓުމަކީ ހުއްދަވެގެންވާ ގޮތްތަކެވެ. ހަށަމް ބަނުމަށްފަހު އަތް ބޭއްވުން ސުންނަތް ގޮތަކީ މޭމަތީގައެވެ. ދެން ސުންނަތުން ޘާބިތުވާ ދުޢާތަކުގެ ތެރެއިން ކޮންމެވެސް އެއް ދުޢާ އެއް ކިޔާނީއެވެ. މި ދުޢާވެސް ކީދާނެއެވެ. (الله أَكْبَرُ كَبِيْرًا وَالْحَمْدُ لِلّهِ كَثِيْرًا وَسُبْحَانَ اللهِ بُكْرَةً وَأَصِيْلًا)

ބިރުވެރިކަމާއި އެކު ސަޖިދަ ޖަހާތަނަށް ބެލުން

ނަމާދަކީ މާތްﷲ އަށް ކބިރުވެތިވެ ހުރެ ކުރާ އަޅުކަމެކެވެ. ނަމާދު ކުރަންވާނީ ޙުޝޫޢަތްތެރިވެ ހުރެގެންނެވެ. ދުނިޔަކީ ކަންކަން ހިޔާލަށް ގެނެސް ރަކުޢަތްތައް އޮޅޭ މިންވަރަށް ޚިޔާލާއި ފިކުރު ހުރެގެން ނުވާނެއެވެ. އަދި ނަމާދަށް ހުރެ އެކިކޮޅުކޮޅަށް ބަލާ ހަދައިގެން ނުވާނެއެވެ.

ދުޢާއުލް އިސްތިފްތާޙް

ހަށަމްބަން ތަކްބީރު ކިޔުމަށްފަހުގައި އަންނަނިވި ދުޢާ ކިދާނެއެވެ. މިނޫނަސް އެހެން ދުޢާތައްވެސް ވާރިދުވެފައިވެއެވެ. (اَللَّهُمَّ بَاعِدْ بَيْنِيْ وَبَيْنَ خَطَايَايَ كَمَا بَاعَدْتَّ بَيْنَ الْمَشْرِقِ وَالْمَغْرِبِ : اَللَّهُمَّ نَقِّنِيْ مِنْ الخَطَايَا كَمَا يُنَقَّى الثَّوْبُ الْأَبْيَضُ مِنَ الدَّنَسِ ، اَللَّهُمَّ اغْسِلْ خَطَايَايَ بِالْمَاءِ وَالثَّلْجِ وَالْبَرَدِ).

ކިޔެވުން

أَعُوْذُ ކިޔުމަށް ފަހު އެންމެ ފުރަތަމަ ސޫރަތުލްފާތިޙާ ކިޔަވާނީއެވެ. ނަމާދުގެ ހުރިހާ ރަކްޢަތެއްގައި ވެސް ސޫރަތުލްފާތިޙާ ކިޔަވަން ވާޖިބުވާނެއެވެ. ސޫރަތުލްފާތިޙާ ކިޔެވުމަށްފަހު ގައި ޤުރްއާނުން ފަސޭހަ ތަނެއް ކިޔެވިދާނެއެވެ. އެކަމަކު މިގޮތަށް ކިޔަވާނީ ފުރަތަމަ ދެރަކުޢަތުގައި އެކަންޏެވެ.

ބާރަށް ކިޔެވުމާއި މަޑުން ކިޔެވުން: ޤުރުއާން ކިޔަވާނީ ތަޖުވީދުމަގުން ލަސްލަހުން ރިވެތިކޮށެވެ. ބާރަށް ކިޔަވަންޖެހެނީ ފަރުޟު ފަސްނަމާދުގެ ތެރެއިން މަޢުރިބު، އިޝާ އަދި ފަތިސް ނަމާދުގައެވެ.

ރުކޫޢު ކުރާނެގޮތް

ރުކޫޢުގައި އޮންނަންވާނީ ދެކަކުލުގައި އަތްއަޅައިގެން އިނގިލިތައް ހުޅުވާލައިގެންނެވެ. ބުރަކަށި އޮންނަންވާނީ ސީދަލަށެވެ. ބޯ ހުންނަންވާނީ ބުރަކައްޓާ އެއްވަރަށެވެ. ރުކޫޢުގައި ކިޔަން ވާރިދުވެފައިވާ ޛިކުރުތަކުގެ ތެރެއިން ކޮންމެވެސް އެއް ޛިކްރެއް ކިޔުމުން ފުދޭނެއެވެ. މި ޛިކުރު (سُبْحَانَ رَبِّيَ الْعَظِيْمِ) ތިންފަހަރަށް ނުވަތަ އެއަށްވުރެ ގިނައިންވެސް ކިޔިދާނެއެވެ.

އިޢްތިދާލުގައި ހުރުން

ރުކޫޢު ނިންމުމަށްފަހު ކޮޅަށް ތެދުވާނީއެވެ. ތެދުވަމުން ކިޔާނީ (سَمِعَ اللهُ لِمَنْ حَمِدَهُ) އެވެ. އަދި ދެއަތް ދެކޮނޑާ ހަމަޔަށް އުފުލަންވާނެއެވެ. ދެން ކިޔާނީ (رَبَّنَا وَلَكَ الْحَمْدُ) މިހެންނެވެ.

ސަޖިދަ ކުރުން

ދެން ތަކްބީރު ކިޔަމުން ސަޖިދަ އަށް ދާނީއެވެ. ސަޖިދަ އަށް ދާއިރު ސުންނަތް ގޮތަކީ ދެއަތް ޖެއްސުމަށްފަހު ކަކޫ ޖެއްސުމެވެ. ސަޖިދާގައި އޮންނައިރުގައި އަތުގެ ހުރިހާ އިނގިލިތަށް ޤިބުލައަށްވާގޮތަށް ހުޅުވާލާފައި ބަހައްޓާށެވެ. ބުރަކަށި އޮންނަންވާނީ ކުޑަކޮށް ހިއްލާލާފައެވެ. އަދި ނޭފަތް ރަނގަޅަށް ބިންމަތީގައި ޖައްސަންވާނެއެވެ. ފައިވެސް ބަހައްޓަން ވާނީ ގިބްލަ އަށެވެ. ސަޖިދާގައި އޮންނަ އިރުގައި ކިޔުމަށް ވާރިދުވެފައިވާ ޛިކުރުތަކުގެ ތެރެއިން ޛިކުރެއް ކިޔާށެވެ. (سُبْحَانَ رَبِّيَ الْأَعْلَى) މި ޛިކުރު ތިންފަހަރު ނުވަތަ އެއަށްވުރެ ގިނައިންވެސް ކީދާނެއެވެ. އެއަށްފަހުގައި ދެސަޖިދަ ދެމެދު އިންނާށެވެ. ކިޔާނީ : (رَبِّ اغْفِرْ لِيْ وَارْحَمْنِيْ وَاجْبُرْنِيْ وَارْفَعْنِيْ وَارْزُقْنِيْ وَاهْدِنِيْ وَعَافِنِيْ وَاعْفُ عَنِّيْ) މިއެވެ. (رَبِّ اغْفِرْ لِيْ رَبِّ اغْفِرْ لِيْ) މިފަދައިންނެވެ. ދެން ތަކްބީރު ކިޔުމަށްފަހު ދެވަނަ ސަޖިދައަށް ދާނީ އެވެ.

އައްތަޙިއްޔާތުގައި އިށީނުން: ދެވަނަ ރަކްޢަތަށްފަހު އައްތަޙިއްޔާތަށް އިންނާނީއެވެ.

ފުރަތަމަ އައްތަޙިއްޔާތު: اَلتَّحِيَّاتُ لِلَّهِ, والصَّلَوَاتُ والطَّيِّبَاتُ, السَّلَامُ عَلَيْكَ أَيُّهَا النَّبِيُّ وَرَحْمَةُ اللهِ وَبَرَكَاتُهُ، السَّلَامُ عَلَيْنَا وَعَلَى عِبَادِ اللهِ الصَّالِحِيْنَ، أَشْهَدُ أَنْ لَّا إِلَهَ إِلَّا اللهُ ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُوْلُهُ

ފަހު އައްތަޙިއްޔާތު: ހުރިހާ ރަކްޢަތްތަކެއްކޮށް ނިމުމުން ފަހު އައްތަޙިއްޔާތަށް އިށީންނާނީ އެވެ.

ފަހުއައްތަޙިއްޔާތު ގެ ޞީޣާ: اَلتَّحِيَّاتُ لِلَّهِ, والصَّلَوَاتُ والطَّيِّبَاتُ, السَّلَامُ عَلَيْكَ أَيُّهَا النَّبِيُّ وَرَحْمَةُ اللهِ وَبَرَكَاتُهُ، السَّلَامُ عَلَيْنَا وَعَلَى عِبَادِ اللهِ الصَّالِحِيْنَ، أَشْهَدُ أَنْ لَّا إِلَهَ إِلَّا اللهُ ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُوْلُهُ اَللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرَاهِيْمَ وَعَلَى آلِ إِبْرَاهِيْمَ إِنَّكَ حَمِيْدٌ مَّجِيْدٌ، وَبَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا بَارَكْتَ عَلَى إِبْرَاهِيْمَ وَعَلَى آلِ إِبْرَاهِيْمَ فِي الْعَالَمِيْنَ إِنَّكَ حَمِيْدٌ مَّجِيْدٌ، މިހިސާބަށް ކިޔުމުން ފަހު އައްތަޙިއްޔާތު ކިޔާ ނިމުނީ އެވެ. ދެން ކިޔާނީ ދުޢާއެވެ. އެދުޢާ އަކީ: اَللَّهُمَّ اغْفِرْ لِيْ مَا قَدَّمْتُ وَمَا أَخَّرْتُ وَمَا أَسْرَرْتُ وَمَا أَعْلَنْتُ وَمَا أَسْرَفْتُ وَمَا أَنْتَ أَعْلَمُ بِهِ مِنِّيْ أَنْتَ الْمُقَدِّمُ وَأَنْتَ الْمُؤَخِّرُ لَا إِلَهَ إِلَّا أَنْتَ، اَللَّهُمَّ إِنِّيْ أَعُوْذُ بِكَ مِنْ عَذَابِ الْقَبْرِ وَمِنْ عَذَابِ النَّارِ وَمِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ وَمِنْ فِتْنَةِ الْمَسِيْحِ الدَّجَالِ، اَللَّهُمَّ إِنِّيْ ظَلَمْتُ نَفْسِيْ ظُلْمًا كَبِيْرًا كَثِيْرًا وَلَا يَغْفِرُ الذُّنُوْبَ إِلَّا أَنْتَ فَاغْفِرْ لِيْ مَغْفِرَةً مِّنْ عِنْدِكَ وَارْحَمْنِيْ إِنَّكَ أَنْتَ الْغَفُوْرُ الرَّحِيْمِ. މިހިސާބަށް ދުޢާ ކިޔުމަށްފަހު ސަލާމްދީ ނަމާދު ނިންމާލާނީ އެވެ.

ސަލާމް ދޭނެ ގޮތް: اَلسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ ކިޔުމަށްފަހުގައި އެންމެ ފުރަތަމަ ކަނާތްފަރާތަށް ދެންހަމަ މިފަދައިން ކިއުމަށްފަހު ވާތްފަރާތަށް ސަލާމްދިނުމުން ނަމާދު ކޮށްނިމުނީއެވެ.

ފަރުޞު ފަސްނަމާދަކީ މާތްﷲ އުންމަތަށް ފަރުޟުކުރައްވާ 50 ނަމާދުގެ ޘަވާބާއި ދަރުމަ ދެންވާނޭ ކަމަށް އަންގަވާފައިވާ އިސްލާމް ދީނުގެ ހިތެވެ. އަދި ހަމައެހެންމެ ޤިޔާމަތް ދުވަހު އެމީހެއްގެ ޙިސާބު އެންމެ ފުރަތަމަ ބެލޭނީ ނަމާދުންނެވެ. އަދި އެބައިން ފާސްވެއްޖެނަމަ އޭނާ ސުވަރުގެ ވަންނާނެކަމަށް މާތްﷲ ވަނީ އަންގަވާފައެވެ. އެހެންކަމުން ފަރުޟު ފަސްނަމާދު އަދާކުރުމަކީ އެކަމުގައި ޘަވާބާއި ދަރުމަ އެކުލެވިގެންވާ އެންމެ ހެޔޮ ޢަމަލުތަކުގެ ތެރެއިން ޢަމަލެއްކަމުގައި ނޫނީ ނުބެލެވެއެވެ. އެ ނަމާދުތައް އަދާކުރުމަށް ބޭނުން ކުރާ ޛިކުރުތަކާއި ދުޢާތަކާއި ހަރަކާތްތައް ދަސްކޮށް އެންމެ ފުރިހަމަ މާނައިގައި އަދާ ކުރާ ބަޔަކަށް ވަމާހެވެ. ދިންނަވާނޭ މަގަކީ މިއީއެވެ. މާތްﷲ އެންމެހާ މުސްލިމުންނަކީ ނަމާދަށް ރައްކާތެރިވާ ބައެއް ކަމުގައި ލައްވާންދޭވެ. އާމީން.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay