logo
ހުކުރު ނަމާދަށް މީސްތަކުން މިސްކިތަށް ޖަމާވެފައި

ހުކުރު ނަމާދަށް މީސްތަކުން މިސްކިތަށް ޖަމާވެފައި

ކަންދެއްކުމަކީ ޝިރުކުގެ ތެރޭގައި ހިމެނޭ ކަމެއް - ޚުޠުބާ

profile

އަހުމަދު ޒަލީފު - 28 އޭޕްރީލު 2023 - 08:20

އަޅުކަމަކީ ދުނިޔެމަތީގައި ކުރާނޭ އެންމެ ހެޔޮޢަމަލެވެ. އެޢަމަލު ހެޔޮޢަމަލަކަށް ވާ ދެ ސަބަބެއް ވެއެވެ.

https://wamco.com.mv/

އެންމެފުރަމައީ އެކަން ކުރެވޭ މަޤްޞަދަކީ އެންމެހައި މަޚްލޫޤުން އުފެއްދެވި ފަރާތުގެ ލޯތްބާއި ރުއްސެވުމުގެ މަޤްޞަދުގައި ކުރެވޭ ކަމަކަށް ވާތީއެވެ. އެރުއްސެވުން ޙާޞިލުކުރެވެނީ އިންސާނުން އަޅުކަމޭ ކިޔައިގެން ކުރާހައި ޢަމަލުތަކަކުން ނޫނެވެ. ނަމަވެސް އަޅުކަމެއްގެ ގޮތުގައި ރަސޫލާ صلى الله عليه وسلم ކުރެއްވި ޢަމަލުން އެކަންޏެވެ. ދެވަނަ ސަބަބު ނެގެނީ މިނުކުތާއިންނެވެ.

އެއީ އެއަޅުކަން ކުރާނޭ ގޮތް ރަސޫލާ صلى الله عليه وسلم އުންމަތަށް އެކަލޭގެފާނުގެ ޢަމަލުފުޅުން ދެއްކެވި ގޮތް އެއީ އެޢަމަލު ހެޔޮޢަމަލަކަށް ވީ ދެވަނަ ސަބަބެވެ. ވީމާ އެއްވެސް އަޅުކަމެއް އެޢަމަލުގައި 2 ޝަރުޠެއް ފުރިހަމަ ނުވެ އެއަޅުކަން ﷲ سبحانه وتعالى ޤަބޫލުވެވޮޑި ނުގަންނަވާނެއެވެ. އެއިން އެއްވެސް ޝަރުޠެއް އުނިވެއްޖެ ނަމަ އެއަޅުކަމަކަށް ޤިޔާމަތްދުވަހު ހެޔޮޖަޒާ އެކަލާނގެ ނުދެއްވާނެތެވެ. އެދެޝަރުޠުގެ ތެރެއިން ފުރަތަމައީ: الإِخْلاَصُ އެވެ. އޭގެ މާނައަކީ އެއަޅުކަމެއް އަދާކުރުމުގައި އިޚްލާޞްތެރިކަން އޮތުމެވެ. ދެވަނައީ: الْـمُتَابَعَةُ އެވެ. އޭގެ މާނައަކީ ރަސޫލާ صلى الله عليه وسلم އެއަޅުކަމެއް ބަޔާންކުރެއްވި ގޮތް ނޫން ގޮތަކަށް އެކަމެއް އަދާ ނުކުރުމެވެ. މީގެ ތެރެއިން ފުރަތަމަ ޝަރުޠު ކަމުގައިވާ އިޚްލާޞްތެރިވުމަށް ބަލާލަމާ ހެއްޔެވެ. އޭގެ މުރާދަކީ އަޅުކަމުގެ ގޮތުގައި ރަސޫލާ އުނގަންނަވައި ދެއްވި ކޮންމެކަމެއް، ނަމާދުވިޔަސް ރޯދަވިޔަސް ޒަކާތްވިޔަސް ޞަދަޤާތްވިޔަސް ޙައްޖުވިޔަސް ނަދުރުބުނުން ވިޔަސް ޤުރުބާންކުރުން ވިޔަސް މިއެންމެހައި އަޅުކަމެއް ކުރުމުގައި މީހާގެ ހިތުގައި ކަނޑާނެގިފައި އޮންނަންވާނީ އެންމެ ބޭނުމެކެވެ. އެއީ ﷲ سبحانه وتعالى ޝަރުޢު ކުރެއްވި ކަމަކަށް ވުމުން، އެކަލާނގެ ރުއްސެވުމާއި ލޯބިހޯދުމުގެ ގޮތުން، އަދި އެކަލާނގެ އެކަންކަމަށް ދެއްވާނެ، ދަރުމަޔާއި ޘަވާބު ލިބިގަތުމަށް އެދި އެއެންމެހައި ކަމެއް އަދާކުރުމެވެ. މިކަން މިގޮތަށް ކުރުމަށް އަމުރުކުރައްވާ ﷲ ވަޙީކުރެއްވިއެވެ: ﴿وَمَا أُمِرُوا إِلَّا لِيَعْبُدُوا اللَّهَ مُخْلِصِينَ لَهُ الدِّينَ حُنَفَاءَ وَيُقِيمُوا الصَّلَاةَ وَيُؤْتُوا الزَّكَاةَ ۚ وَذَٰلِكَ دِينُ الْقَيِّمَةِ﴾ البينة/ 5 މާނައީ: [އަދި އެންމެހައި ޝިރުކަކުން އެއްކިބާވެގެންވާ ޙާލުގައި ﷲ سبحانه وتعالى އަށް އަޅުކަން ޚާލިޞްކޮށް އަޅުކަން ކުރުމަށާއި، ނަމާދު ޤާއިމްކުރުމަށާއި، ޒަކާތް އަދާކުރުމަށް، މެނުވީ އެބައިމީހުންނަށް އަމުރުވެވިގެން ނުވެއެވެ. އަދި ސީދާވެގެންވާ ދީނަކީ އެއީއެވެ.] ވީމާ އެންމެފުރަތަމަ އިޚްލާޞްތެރިވުމަށްޓަކައި އެންމެހައި ޝިރުކަކުން ދުރުހެލިވާންޖެހެއެވެ. އަދި އެއަށްފަހު ކުރާ އަޅުކަމުގައި ﷲ سبحانه وتعالى އާމެދު ރަނގަޅު ނިޔަތެއް އޮންނަން ޖެހެއެވެ. އެކަލާނގެއަށް ކިޔަމަން ގަންނައިރު އެކިޔަމަންވުމުގެ ޤަޞްދަކަށް އޮންނަންޖެހޭނީ އެހެން އެއްވެސް ކަމެއް ނުވަތަ ޤަޞްދެއް އޭގައި ބައިވެރި ކުރުމަކާއި ނުލައި ހަމައެކަނި ﷲ އަށްޓަކައި އެކަނި އެކަން އަދާކުރުމުގެ ނިޔަތެވެ. އެރަނގަޅު ނިޔަތް އޮވެގެން ނޫނީ އެއްވެސް ޢަމަލެއް ނުވަތަ އަޅުކަމެއް އެއީ ބަލައިގަނެވޭނޭ ޢަމަލަކަށް ނުވެއެވެ. އެކަން ބަޔާންކުރައްވާ ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ: ((إِنَّمَا الأَعْمَالُ بِالنِّيَّاتِ)) މާނައީ: [ހަމަކަށަވަރުންވެސް ޢަމަލުތައް ބިނާވެގެންވަނީ ނިޔަތްތަކުގެ މައްޗަށެވެ.] މުރާދަކީ ޢަމަލުތައް ޤަބޫލުވުމުގައި ބެލެވެނީ އެޢަމަލެއް ކުރިމީހަކު އެޢަމަލެއް ކުރި ޤަޞްދެއްގެ މައްޗަށެވެ. ނުވަތަ އެޢަމަލެއް ކުރި ބޭނުމެއްގެ މައްޗަށެވެ. އެޢަމަލެއް ކުރީ ﷲ سبحانه وتعالى ގެ ރުއްސެވުމާއި އެކަލާނގެ ޙަޟްރަތުން ޘަވާބު ލިބިގަތުމަށްޓަކައި ކަމުގައި ވާނަމަ އެކަން ޤަބޫލުވެވޭނެ ވާހަކައެވެ. އަޅުކަމެއް ކުރީއޭ ބުނެ އެކުރި ޢަމަލެއް ކުރީ ކޮންމެވެސް އެހެން ބޭނުންމެއް ކަމުގައި ވާނަމަ އޭނާ އެޤަޞްދަށް ބެއްލެވުމަށް ފަހު އެކަމެއް ﷲ އެމީހެއްގެ ފަރާތުން ޤަބޫލު ނުކުރައްވާނެއެވެ. އެކަން އެނގެނީ މިބުނެވިދިޔަ ޙަދީޘްގެ ފަހަތުބައިންނެވެ. އޭގައި އޮންނަނީ މިފަދައިންނެވެ: ((وَإِنَّمَا لِكُلِّ امْرِئٍ مَا نَوَى، فَمَنْ كَانَتْ هِجْرَتُهُ إِلَى دُنْيَا يُصِيبُهَا، أَوْ إِلَى امْرَأَةٍ يَنْكِحُهَا، فَهِجْرَتُهُ إِلَى مَا هَاجَرَ إِلَيْهِ)) މާނައީ: [އަދި ހަމަކަށަވަރުންވެސް މީހާއަށް ވަނީ އޭނާ ނިޔަތްގަތް ކަމެކެވެ. ފަހެ އެގޮތުން އެމީހަކު ހިޖުރަކުރީ ދުނިޔެއިން ލިބެންވާ ބައެއް ލިބިގަތުމަށް ކަމުގައިވާނަމަ ނުވަތަ އަންހެނަކާ ކައިވެނި ކުރުމަށް ކަމުގައިވާނަމަ، ފަހެ އޭނާގެ އެހިޖުރަކުރުން ވަނީ އޭނާ އެހިޖުރަ ކުރުމުގައި އޮތް ޤަޞްދެއްގެ މައްޗަށެވެ.] މިޙަދީޘްގެ މުރާދަކީ ކޮންމެ ހެޔޮޢަމަލެއްވެސް އިޚްލާޞްތެރި ޢަމަލަކަށް ހެދުމަށްޓަކައި، އެހެޔޮޢަމަލެއް ކުރުމުގެ ކުރިން އެއީ ﷲ އަށްޓަކައި އަދާކުރާ ކަމެއްކަމުގައި ހިތުގެ އަޑިން އެކަމަށް ނިޔަތް ގަންނަންޖެހޭ ކަމެވެ. އަދިވެސް މިއިން ނެރެވޭ އަނެއް މުރާދަކީ އެޢަމަލުކުރީ ދުނިޔެވީ އެދުމަކަށް ކަމުގައިވާނަމަ އެޢަމަލަކީ ﷲ ގެ ޙަޟްރަތުން ދަރުމައާއި ޘަވާބު ދެއްވާނޭ ޢަމަލެއް ކަމުގައި ނުވާނެޔޭ އެވެ. މިފަދައިން އަޅުކަން ކުރުމުގައި އޮންނަ ނިޔަތުގެ ސަބަބުން އޭނާގެ ޢަމަލު ކުރުމުގައި ޢަމަލުގައި ފަރުވާތެރިވުމާއި ނުވުންވެސް ބިނާވަނީ އޭނާގެ ހިތުގައި ހިނގަމުންދާ ޤަޞްދާ އެއްގޮތަށެވެ. ފުރިހަމަ ރަނގަޅު އިޚްލާޞްތެރި ނިޔަތެއް ނެތް ނަމަ އެޢަމަލެއްގައި ވަރަށް ފަރުވާކުޑަވެ ކަންނެތްކަން އެކުލެވިގެންވެއެވެ. ނުވަތަ ކޮންމެވެސް ދުނިޔެވީ ބޭނުމެއް އޭގެ ތެރެއަށް ވަދެއެވެ. އެކަން އެހެންވެއްޖެ ހިނދު އެއީ ނަމާދެއް ނަމަވެސް އެނަމާދުގެ ސަބަބުން ﷲ ގެ ރުއްސެވުމާއި ލޯބި އޭނާއަށް ލިބުމުގެ ބަދަލުގައި އޭނާއާ ކުރިމަތިވާނީ އެކަލާނގެ ކޯފާ އާއި ނުރުއްސެވުމެވެ. ވާނީވެސް އެހެންތާއެވެ.

އޭނާ އެނަމާދާއި އެޞަދަޤާތާއި އެނޫންވެސް އަޅުކަމެއް އެކުރީ އެކަލާނގެ ލޯތްބާއި ރުއްސެވުން ހޯދާކަށް ނޫންވިއްޔާއެވެ. މިފަދަ ސިފަތަކެއް އެކުލެވޭ ޙާލުގައި ނަމާދު ކުރާމީހާއަށް ﷲ سبحانه وتعالى ގެ ކޯފާ އޮތްކަން ހާމަވެގެންދަނީ ސޫރަތުލް މާޢޫން ގައިވާ އެކަލާނގެ ވަޙީބަސްފުޅުންނެވެ: ﴿فَوَيْلٌ لِّلْمُصَلِّينَ﴾ މާނައީ: [ފަހެ ނަމާދުކުރާމީހުންނަށް ހަލާކުހުއްޓެވެ.] ނަމާދު މިއީ އެންމެ މަތިވެރި އަޅުކަމެވެ. އެހެންވީއިރު ﷲ އަށް ކުރެވޭ މިފަދަ މާތް މަތިވެރި އަޅުކަމެއް ކުރާބަޔަކަށް ހަލާކުހުރި ވާހަކަ ބަޔާން ކުރައްވާ ﷲ ގެ ކޯފާގެ ބަސްފުޅު މިވަނީ ފަހެ ކީއްވެގެން ހެއްޔެވެ؟ އެއީ އެނަމާދުގައި ފުރިހަމަ ވާންޖެހޭ ކަންކަން ފުރިހަމަ ނުކުރުމުންނެވެ. އެތެރެފުށާއި ބޭރުފުށުން އެޢަމަލުން ފެންނަންޖެހޭ ކަންކަން ފެންނަން ނެތުމުންނެވެ. ހިތުގައިވާ ޤަޞްދު ރަނގަޅުކުރުމަށް ފަރުވާކުޑަ ކުރުމުންނެވެ. އަދި ހީވާގިކަމާއެކު ކުރާން އޮތް ގޮތަށް އެކަން ނުކޮށް ފަރުވާކުޑަ ކުރުމުންނެވެ. މިއާޔަތާއި ޖެހިގެން އޮތް އާޔަތުގައި އެކަލާނގެ ވަޙީކުރެއްވިއެވެ: ﴿الَّذِينَ هُمْ عَن صَلَاتِهِمْ سَاهُونَ. الَّذِينَ هُمْ يُرَاؤُونَ﴾ މާނައީ: [އެބައިމީހުންނަކީ އެއީ އެބައިމީހުންގެ ނަމާދުގައި ފަރުވާކުޑަކޮށްފައިވާ މީހުންނެވެ. އެބައިމީހުންނީ އެއީ ކަންދެއްކުމަށް ނަމާދުކުރާ މީހުންނެވެ.] ވަގުތުގައި އަދާކުރުމުގައި ފަރުވާކުޑަކުރި މީހުންނެވެ. އެފަދަ މީހަކަށް ނަމާދެއް ކުރުމަކީ ނުހަނު ބުރަ ކަމެކެވެ. އެކަން އޮންނަނީ އޭނާއަށް ބޮޑުބުރައަކަށް ވެފައެވެ. ނަމާދު އަދާކުރުމުގައި މުރާލިކަމެއް ނުފެންނަ، ނަމާދުގެ ފުރިހަމަކަމެއް ނުފެންނަ ނަމާދުތަކެއްގެ ގޮތުގައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay