logo
ސޫރަތުލް ކަހްފި - 2

ސޫރަތުލް ކަހްފި - 2

ސޫރަތުލް ކަހްފި - 2

profile

ޑރ. މުހައްމަދު އިޔާޛް ޢަބްދުއްލަޠީފް - 05 ޖެނުއަރީ 2023 - 12:29

(ސޫރަތުލް ކަހްފި 1 އާއި ގުޅޭ)
https://wamco.com.mv/

ޞާޙިބުލް ޖަންނަތައިނި: (ދެބަގީޗާގެ އަހްލުވެރިޔާގެ ވާހަކަ):

މި ސޫރަތުގެ 32 ވަނަ އާޔަތުން ފެށިގެން 44 ވަނަ އާޔަތުގެ ނިޔަލަށް މިވާހަކަ ބަޔާން ކުރައްވާފައިވެއެވެ.

މިއީ މާތް ﷲ ދެބަގީޗާގެ މިލްކުވެރިކަން ދެއްވި މީހެއްގެ ވާހަކައެވެ. އެބަގީޗާތަކުގައި ބައިވަރު ކަދުރު ރުއްތަކާއި މޭބިސްކަދުރު ގަސްތައް ހުއްޓެވެ. އަދި އެދެމުގައި ބޮޑު ކޯރެއް ހުއްޓެވެ. މި ބަގީޗާތަކުގެ ވެރިމީހާ ހުރީ އޭނާ އަށް ލިބިފައިވާ މިބޮޑު ނިޢްމަތާއި ހުރެ ޣާފިލުވެފައެވެ. ދުނިޔަވީ ޙަޔާތަށް ވަރަށް ބޮޑަށް ލެނބިފައެވެ. ދުވަހަކުވެސް މި ދެބަގީޗާ އޭނާގެ އަތުން ބީވެގެން ހިނގައިދާނެ ކަމަކަށް ހިޔެއް ނުކުރެއެވެ. މިއީ ﷲ އޭނާ އަށް ލެއްވި ރަޙްމަތެއްކަން ވިސްނައިދެވޭތޯ، އޭނާގެ އަވަށްޓެރިޔަކު ވަރަށް ބޮޑަށް މަސައްކަތް ކުރިއެވެ. އަދި މިއީ ކޮންމެވެސް ދުވަހަކުން ފަނާވެގެންދާނެ އެއްޗެއްކަން ބަޔާން ކޮށް ދިނެވެ. އެތަކެތި ހަލާކު ކުރައްވަން ﷲ އިރާދަކުރައްވައފިނަމަ، އެންމެ އެއްޗެއްވެސް ނެތި ހަލާކުވެގެން ހިނގައިދާނެ ކަމުގެ ޚަބަރުވެސް ދެއްވިއެވެ. ނަމަވެސް، ދެބަގީޗާގެ ވެރި ފަރާތުން އެވާހަކަތައް އިންކާރު ކުރިއެވެ. އަދި ބޮޑާވެގަތެވެ. އަވަށްޓެރިޔާ ދެމުން ގެންދިޔަ ނަޞޭޙަތަށް ދިނީ ބީރު ކަންފަތެކެވެ. ނަމަވެސް، އޭނާގެ ނިމުން އައިގޮތަކީ، މާތް ﷲ އޭނާގެ ދެ ބަގީޗާވެސް ހަލާކު ކުރެއްވީއެވެ. އެކަމާ އޭނާ ވަރަށް ބޮޑަށް ހިތާމަ ކުރިއެވެ. އޭނާ އަށް ކަންތައް ކުރެވުނު ގޮތާއި މެދުގައި ވަރަށް ބޮޑަށް ހިތާމަ ކުރިއެވެ. ނަމަވެސް، މިހާރު ދެން އޭނާ އަށް ވާގިވެރިވާނެ، ނަޞްރުދޭނެ މީހަކު ނެތެވެ.

މޫސާ ޢަލައިހިއްސަލާމް އާއި ޞާލިޙް އަޅާގެ ވާހަކަ:

މޫސާ ޢަލައިހިއްސަލާމް އާއި ޞާލިޙް އަޅާ ޚިޟްރުގެ ވާހަކަ މިސޫރަތުގެ 60 އިން 82 ވަނަ އާޔަތުގެ ނިޔަލަށް މިވާހަކަ ތައް ބަޔާން ކުރައްވާފައިވެއެވެ. ބައެއް ރިވާޔަތްތަކުގައި އަންނަ ގޮތުން ޚިޟްރަކީވެސް ނަބިއްޔެކެވެ. ޚިޟްރު ޢަލައިހިއްސަލާމް އަށް ދެއްވާފައިވާ ޢިލްމުން އުނގެނި ވަޑައިގަތުމުގެ ބޭނުމުގައި މޫސާ ޢަލައިހިއްސަލާމް ކުއްޖަކު ކުއްޔަށް ނަންގަވައިގެން އެކުއްޖާ އާއި އެކު ކަނޑުގައި ދަތުރު ކުރެއްވިއެވެ. މޫސާ އާއި ޚިޟްރު ބައްދަލުވެ ދަތުރު ފައްޓަވައިގެން ތިން ކަމެއް ފެނިގެން ދިޔައެވެ. އެއީ ޚިޟްރު ޢަލައިހިއްސަލާމް ހަލާކުކޮށްލެއްވި ދޯންޔެއްގެ ވާހަކަ އާއި، އެކަލޭގެފާނު ގަތުލުކޮށްލެއްވި ކުޑަކުއްޖެއްގެ ވާހަކަ އާއި، ވެއްޓެން ކައިރިވެފައިވާ ފާރެއް ތެދުކޮށް ކޮޅަށްޖައްސަވާ އެކަމަށް އެއްވެސް އުޖޫރަ އެއް ނުނެންގެވި ވާހަކައެވެ. މިއިން ކޮންމެ ޙާދިޘާ އަކާއި ގުޅިގެން ޚިޟްރު ޢަލައިހިއްސަލާމް ކަންތައް ކުރެއްވި ގޮތާއި މެދު ހިތްޕުޅު ހަމަޖެހިވަޑައިނުގަނެގެން އަދި ޙައިރާންވެގެން މޫސާ ޢަލައިހިއްސަލާމް ސުވާލު ކުރައްވައެވެ. ނަމަވެސް، ދަތުރުގެ ނިމޭ ހިސާބުން މެނުވީ އެކަންތައްތައް އެގޮތަށް ކުރެއްވި ސަބަބު ޚިޟްރު ޢަލައިހިއްސަލާމް ކިޔައި ނުދެއްވައެވެ. އަދި އެކަލޭގެފާނު އެއިން ކޮންމެ ކަމެއްވެސް ކުރެއްވީ ﷲ ގެ އަމުރުފުޅަށް ކަމަށާއި، އެކަލޭގެފާނުގެ އަމިއްލަ ރައުޔަށް ނޫންކަން ބަޔާން ކުރެއްވިއެވެ. ދޯނި ނުވަތަ ނައު ހަލާކު ކޮށްލެއްވި ސަބަބު ބަޔާން ކުރައްވަމުން ވިދާޅުވިއެވެ. "ނަވާމެދު ދަންނާށެވެ! ފަހެ، އެ ނައުވީ ކަނޑުގައި މަސައްކަތްކޮށްއުޅޭ مسكين ބަޔެއްގެ ނަވަކަށެވެ. ފަހެ، ތިމަންކަލޭގެފާނު އެ ނައު ހަލާކުކޮށްލެއްވުމަށް ގަސްދުކުރެއްވީ (ސަލާމަތުންވާ) ކޮންމެ ނަވެއް غصب ން އަތުލާ ރަސްކަލަކު އެމީހުންގެ ފަހަތުގައިވާތީއެވެ."

ދެން ފިރިހެން ކުއްޖާ އާއި ބެހޭ ގޮތުން ވިދާޅުވިއެވެ. "އަދި އެ ފިރިހެންކުއްޖާއާމެދު ދަންނާށެވެ! ފަހެ، އޭނާގެ މައިންބަފައިންވީ (ހެޔޮލަފާ) مؤمن ން ކަމުގައެވެ. ފަހެ، އެ ދެމީހުން އުރެދި كافر ވާ ދަރަޖައަށް އެދެމީހުންނަށް އެ ކުއްޖާ އުނދަގޫކޮށް، އަނިޔާދީފާނެކަމަށް ތިމަންކަލޭގެފާނު ބިރުގަތީއެވެ. ފަހެ، ތިމަންކަލޭގެފާނު އެދިވަޑައިގަތީ، އެ ދެމީހުންގެ ވެރިރަސްކަލާނގެ، އެކުއްޖާއަށްވުރެ ހެޔޮވެގެންވާ صالح، އަދި އޯގާތެރިކަންބޮޑު ކުއްޖަކު އޭނާގެ ބަދަލުގައި އެދެމީހުންނަށް ދެއްވުމަށެވެ."

ދެން ފާރާއި ބެހޭ ގޮތުން ވިދާޅުވިއެވެ. "އަދި ފާރާމެދު ދަންނާށެވެ! ފަހެ، އެރަށުގައިވާ يتيم ދެކުދިންނަށް ލިބިގެންވާ ފާރެއްކަމުގައި އެ ފާރުވިއެވެ. އަދި އެ ފާރުގެ ދަށުގައި، އެދެކުދިންނަށް خزانة އެއް ވިއެވެ. އަދި އެ ދެކުދިންގެ ބައްޕާއަކީ، صالح މީހެއް ކަމުގައިވެސްވިއެވެ. ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ އިރާދަކުރެއްވީ، އެ ދެކުދިން ބޮޑުވެ، ފުރާފުރިހަމަވުމުން، އެ ދެކުދިންގެ خزانة، އެ ދެކުދިން ނެރުމަށެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން އޮތް رحمة އެއްގެ ގޮތުންނެވެ. އަދި ތިމަންކަލޭގެފާނު އެކަންތައްކުރެއްވީ، ތިމަންކަލޭގެފާނުގެ އަމިއްލަ رأى އަކަށް ނޫނެވެ. މިއީ ކަލޭގެފާނަށް އެކަންކަމުގެ މައްޗަށް ކެތްކުރެއްވުމަށް ކުޅަދާނަވެވަޑައިނުގެންނެވުނު ކަންތަކުގެ تفسير އެވެ."

ޛުލް ގަރްނައިނި އާއި ޔައުޖޫޖު މައުޖޫޖުގެ ވާހަކަ:

މި ސޫރަތުގައި ޛުލްގަރްނައިނި ގެ ވާހަކަ ގެންނަވާފައިވެއެވެ. މާތް ﷲ އޭނާ އަށް ވެރިކަމާއި ބާރު ވަނީ ދެއްވާފައެވެ. އަދި ބާރު ލިބޭނެ ހުރިހާ ގޮތްތަކެއް ވަނީ ފަހިކޮށް ދެއްވާފައެވެ. އެހެންކަމުން ދުނިޔޭގެ ހުޅަނގުން އިރަށް އޭނާ އައީ ރަށްތައް ފަތަޙަ ކުރަމުންނެވެ. އަނިޔާވެރިންގެ ކިބައިން ބަދަލު ހިއްޕަވާ، ޞާލިޙުންނަށް އިޙްސާންތެރިކޮށް ހިއްޕެވުމުން މުޅި ރަށުގައި ޢަދުލުވެރިކަން ފެތުރުއްވިއެވެ. އޭނާގެ ފުތޫޙާތުތައް ފުޅާވަމުން ދިޔައެވެ. އެގޮތުން އެކި ރަށްރަށް ފަތަޙަ ކުރައްވަމުން ވަޑައިގަންނަވަނިކޮށް ވަރަށް ފަސާދަކަން ބޮޑު ނުބައި ބަޔަކާއި ހަމަ އަށް ވަޑައިގެންނެވުނެވެ. އެއީ ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުންނެވެ. ބައެއް ރިވާޔަތްތަކުގައި އަންނަ ގޮތުން އެއީ ދެރަށެކެވެ. އެރަށުގެ އަހްލުވެރިން އޭނާގެ ގާތުގައި އެދުނީ އެދެރަށް ދެމެދުގައި ހުރަހެއް ލައިދިނުމަށެވެ. އެކަމުގެ އުޖޫރައެއްގެ ގޮތުން އޭނާ ބޭނުންވީ ވަރަކަށް ފައިސާ ދޭނެ ކަމަށް ބުންޏެވެ. ނަމަވެސް، އެއްވެސް އުޖޫރައަކާއި ނުލާ އެބައިމީހުން އެދުނު ގޮތަށް ކަންތައް ކޮށްދެއްވިއެވެ. އެގޮތުން އެދެރަށުގެ ދެމެދުގައި ވަރުގަދަ ހުރަހެއް ލެއްވިއެވެ. ޔައުޖޫޖު މައުޖޫޖުގެ މީހުން އެހުރަސް ހަލާކު ކުރަން އުޅެ އެބައިމީހުންނަށް އެކަންވާނެ ގޮތެއް ނުވިއެވެ.

ނޯޓް: މިވާހަކަތަކުގެ ތަފްޞީލުތައް އިންޝާﷲ- އާޔަތްތަކުގެ ޝަރަޙައިގެ ތެރޭގައި ގެނެސްދެވޭތޯ މަސައްކަތް ކުރާނަމެވެ. މާތް ﷲ އެކަމަށް މަގުފަސޭހަކޮށްދެއްވާށިއެވެ. އާމީން.

މި ސޫރަތުގެ މާތްކަން:

ކަހްފު ސޫރަތުގެ މާތްކަމާއި ބެހޭގޮތުން އެތައް ޙަދީޘްތަކެއް ވާރިދުވެގެންވެއެވެ. އޭގެ ތެރެއިން ބައެއް ޙަދީޘްތަކަކީ ޞައްޙަ ޙަދީޘްތަކުގައިވީއިރު ޞައްޙަ ނޫން ޙަދީޘްތައްވެސް އެބަހުއްޓެވެ. އޭގެތެރެއިން ޞައްޙަ ބައެއް ޙަދީޘް ތިރީގައި ހިމަނާލަމެވެ.

عن أبي الدرداء أن النبي صلى الله عليه وسلم قال : “مَنْ حَفِظَ عَشْرَ آيَاتٍ مِنْ أَوَّلِ سُورَةِ الْكَهْفِ عُصِمَ مِنَ الدَّجَّالِ” وفي رواية “من آخر سورة الكهف” [ رواه مسلم ]

އަބުއްދަރުދާ ރަޟިޔަ ﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. މާތް ނަބިއްޔާ މުޙަމައްދު ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ކަހްފު ސޫރަތުގެ ފުރަތަމަ ދިހަ އާޔަތް ހިތުދަސްކޮށްފި މީހާކު ދައްޖާލުގެ ކިބައިން ރައްކާތެރިވެގެންވެއެވެ.” އަދި ބައެއް ރިވާޔަތްތަކުގައި “ކަހްފު ސޫރަތުގެ ފަހު ދިހައާޔަތް…” މިފަދައިންވެސް ވާރިދުވެގެންވެއެވެ.

އަދިވެސް ރިވާވެގެންވެއެވެ. وقال رسول الله صلى الله عليه وسلم : “مَنْ حَفِظَ عَشْرَ آيَاتٍ مِنْ أَوَّلِ سُورَةِ الْكَهْفِ عُصِمَ مِنْ “فِتْنَةِ” الدَّجَّالِ” [ صححه الألباني في سلسلة الأحاديث الصحيحة / 582 ]

ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ކަހްފު ސޫރަތުގެ ފުރަތަމަ ދިހަ އާޔަތް ހިތުދަސްކޮށްފި މީހާ ދައްޖާލުގެ “ފިތުނައި” ރައްކާތެރިވެގެންވެއެވެ.”

وقال صلى الله عليه وسلم : “مَنْ قَرَأَ سُورَةَ “الْكَهْفِ” فِي يَوْمِ الْجُمُعَةِ أَضَاءَ لَهُ مِنَ النُّورِ مَا بَيْنَ الْجُمُعَتَيْنِ” [ صححه الألباني في صحيح الترغيب والترهيب / 736 ]

ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. “ހުކުރު ދުވަހުގެ ކަހްފު ސޫރަތް ކިޔަވައިފި މީހާއަށް ދެން ޖެހިގެން އަންނަ ހުކުރާއި ހަމައަށް އަލިކޮށްދެނިވި ނޫރެއް ލެއްވިގެންވެއެވެ.”[1]

(الْحَمْدُ لِلَّـهِ الَّذِي أَنزَلَ عَلَىٰ عَبْدِهِ الْكِتَابَ وَلَمْ يَجْعَل لَّهُ عِوَجًا ۜ ﴿١﴾ )

(الْحَمْدُ) މިއީ ﷲ ގެ ޛާތުފުޅުގައްޔާއި، ޞިފަފުޅުތަކުގައްޔާއި، ޢަމަލުފުޅުތަކުގައި އެކަލާންގެ އަށް ފުރިހަމަ އަށް ޙަމްދު ލިބިގެންވާ ކަމަށް ގަބޫލު ކުރުމެވެ. އެހެންކަމުން، (الْحَمْدُ) ގެ މާނައަކީ ﷲ ތަޢާލާ އަށް ލޯބިވުމާއި މަތިވެރި ކުރުމާއި އެކު އެކަލާންގެ އަށް ޙަމްދު ކުރުމެވެ. "

ލޯބިވުމާއި މަތިވެރި ކުރުމާއި އެކު އެކަލާންގެ އަށް ޙަމްދު ކުރުން" މިއީ ކޮންމެހެން ބޭނުން ޝަރްޠެކެވެ. ސަބަބަކީ ލޯބި ވުމާއި މަތިވެރި ކުރުމެއް ނެތި ޙަމްދު ކުރުމުން އެވާނީ މަދަޙަ އަށެވެ. އެހެންކަމުން، އިންސާނަކު މީހަކު ދެކެ ލޯބިނުވި ނަމަވެސް، އެމީހެއްގެ ފަރާތުން އެއްޗެއް ނުވަތަ ކަމެއް ބޭނުންވެގެން ޘަނާ ކިޔާފާނެއެވެ. މީގެ މިޘާލަކީ: ބައެއް ޅެންވެރިން ރަސްކަލުންގެ ކުރިމައްޗަށް އަރާ ފާޑުފާޑުގެ ޘަނާ ކިޔާ ހަދައެވެ. ނަމަވެސް، އެމީހުންގެ ހިތުގައި ޛައްރެއްގެ މިންވަރަށް ވެސް ލޯތްބެއް ކުލުނެއް އޮވެގެންނެއް ނޫނެވެ. ނަމަވެސް ރަސްގެފާނަށް ޘަނާ ކިޔާ ޅެން ކިޔާލުމުން ލިބޭ ފައިސާ ކޮޅަށް، ނުވަތަ އެކަން ނުކޮށްފިނަމަ ލިބިދާނެ ގެއްލުމަކަށް ވިސްނާފައި ޘަނާ ކިޔަނީއެވެ.

އަޅުގަޑުމެން ﷲ އަށް ޙަމްދުކޮށް އެކަލާންގެ އަށް ޘަނާ ކިޔަނީ އެކަލާންގެ ދެކެ ލޯބި ވުމާއި އެކަލާންގެ މަތިވެރި ކުރުމާއި އެކުގައެވެ.

(لِلَّـهِ) މިއީ ﷲ އަށް ޚާއްޞަ އިސްމުފުޅެކެވެ. ﷲ ފިޔަވާ އެހެންފަރާތަކަށް މި އިސްމުފުޅު ނުކިޔޭނެއެވެ.

) الَّذِي أَنزَلَ ) ބާވާލެއްވި ފަރާތް

(عَلَىٰ عَبْدِهِ ) އެކަލާންގެ އަޅާގެ މައްޗަށް، އެބަހީ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް،

މިތަނުގައި (عَبْدِهِ ) ގެންނަވާފައިވުމުގެ ޙިކްމަތަކީ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އަކީ މީސްތަކުންގެ ތެރެއިން އެންމެ އަޅުވެތި އިންސާނާކަމަށް ވުން.

މާތް ﷲ ތިން ޙާލަތެއްގައި ރަސޫލާ އަށް ( عَبْدِ ) ގެ ޞިފަ ދެއްވާފައިވޭ. އެއީ:

1. އެކަލޭގެފާނުގެ މައްޗަށް ގުރްއާން ބާވާލެއްވި ކަން ބަޔާން ކުރެއްވުމަށް، މިޘާލު: ސޫރަތުލް ކަހްފި ގެ ފުރަތަމަ އާޔަތް.( الْحَمْدُ لِلَّـهِ الَّذِي أَنزَلَ عَلَىٰ عَبْدِهِ الْكِتَابَ )

2. އެކަލޭގެފާނު ދިފާޢު ކުރެއްވުމުގައި. މިޘާލު: ސޫރަތުލް ބަގަރާގެ 23 ވަނަ އާޔަތް ( وَإِن كُنتُمْ فِي رَيْبٍ مِّمَّا نَزَّلْنَا عَلَىٰ عَبْدِنَا فَأْتُوا بِسُورَةٍ مِّن مِّثْلِهِ وَادْعُوا شُهَدَاءَكُم مِّن دُونِ اللَّـهِ إِن كُنتُمْ صَادِقِينَ ﴿٢٣﴾ ) މާނައަކީ: "ތިމަންރަސްކަލާނގެ އަޅާއަށް (އެބަހީ: محمد ގެފާނަށް) ތިމަންރަސްކަލާނގެ ބާވައިލެއްވި އެއްޗަކާމެދު (އެބަހީ: قرآن އާމެދު) ތިޔަބައިމީހުން شك ކަމެއްގައި ވަނީނަމަ، ފަހެ ތިޔަބައިމީހުން އޭގައިވާފަދަ سورة އެއް ނިކަން ގެނެސްބަލާށެވެ! އަދި ތިޔަބައިމީހުން ތެދުވެރިން ކަމުގައި ވަނީނަމަ، اللَّه ފިޔަވައި ތިޔަބައިމީހުންނަށް نصر ދޭނޭ އެހީތެރިން (ތިބިނަމަ، އެއުރެން) ނަށް ނިކަން ގޮވައި، ގެނެސްބަލާށެވެ!"

3. އެކަލޭގެފާނާއިގެން އިސްރާ ކުރެއްވުނު ޙާދިޘާ ބަޔާން ކުރެއްވުމުގައި، މިޘާލު: (سُبْحَانَ الَّذِي أَسْرَىٰ بِعَبْدِهِ لَيْلًا مِّنَ الْمَسْجِدِ الْحَرَامِ إِلَى الْمَسْجِدِ الْأَقْصَى الَّذِي بَارَكْنَا حَوْلَهُ لِنُرِيَهُ مِنْ آيَاتِنَا ۚ إِنَّهُ هُوَ السَّمِيعُ الْبَصِيرُ ﴿١﴾ ) މާނައަކީ: "އެކަލާނގެ ހުސްطاهـر ވަންތަކަމާއެވެ! އެކަލާނގެއީ، المسجد الحرام ން، المسجد الأقصى އަށް އެކަލާނގެ އަޅާ، ރޭގަނޑުން ބައެއްގައި ގެންދެވި ރަސްކަލާނގެއެވެ. އެއީ އެތާނގެ ވަށައިގެން، ތިމަންރަސްކަލާނގެ بركات ލެއްވި ތަނެވެ. (އެއީ) ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ބައެއް، އެކަލޭގެފާނަށް ދެއްކެވުމަށްޓަކައެވެ. ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ."

އެންމެ ޝަރަފުވެރި މަގާމުތަކުގައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޞިފަ ކުރައްވާފައި މިވަނީ "ﷲގެ އަޅާ" ގެ ގޮތުގައެވެ. މިއީ އިންސާނަކަށް ލިބޭނެ އެންމެ މަތީ ޝަރަފެވެ.

(الْكِتَابَ ) މިއީ ގުރްއާންގެ ވާހަކަ އެވެ.

ގުރްއާން އަށް "އަލްކިތާބް" ގެ ނަން ދެވިފައިވަނީ ދެ ސަބަބަކަށް ޓަކައެވެ.

1. ގުރްއާނަކީ ލިޔެވިފައިވާ ފޮތަކަށްވާތީވެ.

2. ގުރްއާން އަކީ ޖަމަޢަ (އެއްކުރެވިފައިވާ) އެއްޗަކަށް ވާތީވެ. ސަބަބަކީ ޢަރަބި ބަހުގައި "އަލްކަތްބު" ގެ މާނައަކީ "ޖަމަޢަ ކުރުމެވެ."

( وَلَمْ يَجْعَل لَّهُ عِوَجًا ) މިގުރްއާން ގައި އެއްވެސް ކަހަލަ ކަތި ކަމެއް ލައްވާފައެއް ނުވެއެވެ. އަދިކިއެއްތަ، އެއީ ސީދާވެގެންވާ ތެދުމަގަށް މަގު ދައްކުވައިދޭ ފޮތެކެވެ. ވީމާ، މިފޮތުގައިވަނީ މުޅިވެސް ސީދާވެގެންވާ ކަންކަމެވެ.

(قَيِّمًا لِّيُنذِرَ بَأْسًا شَدِيدًا مِّن لَّدُنْهُ وَيُبَشِّرَ الْمُؤْمِنِينَ الَّذِينَ يَعْمَلُونَ الصَّالِحَاتِ أَنَّ لَهُمْ أَجْرًا حَسَنًا ﴿٢﴾ )

(قَيِّمًا ) (އެ ފޮތް ބާވައިލެއްވީ) ސީދާވެގެންވާ ފޮތެއްކަމުގައެވެ.

ފުރަތަމަ ބަޔާން ކުރެއްވީ ގުރްއާނަކީ އެއްވެސް ގުދުކަމެއް ނުސީދާ ކަމެއް ނުވާ ފޮތެއް ކަމަށެވެ. (ޢައިބު ނަފީ ކުރީއެވެ.) އެއަށްފަހު ގުރްއާނުގެ ފުރިހަމަކަން އިތުރަށް ޘާބިތުކޮށްދެއްވީއެވެ.

ގުރްއާން ބާވާލެއްވުމުގެ ޙިކްމަތް ބަޔާން ކުރައްވާ ވަޙީ ކުރެއްވިއެވެ. ( لِّيُنذِرَ بَأْسًا شَدِيدًا مِّن لَّدُنْهُ وَيُبَشِّرَ الْمُؤْمِنِينَ الَّذِينَ يَعْمَلُونَ الصَّالِحَاتِ أَنَّ لَهُمْ أَجْرًا حَسَنًا ) "އެކަލާނގެ حضرة ން (كافر ންނަށް) ހުރި ގަދަފަދަ عذاب އެއްގެ ވާހަކައިން إنذار ކުރެއްވުމަށެވެ. އަދި صالح عمل ތައްކުރާ مؤمن ންނަށް، ހެޔޮވެގެންވާ ދަރުމަހުރިކަމުގެ އުފާވެރި خبر ދެއްވުމަށެވެ."

(لِّيُنذِرَ) މިތަނުގައި ޟަމީރު ރުޖޫޢަވަނީ (عَبْدِهِ ) "ރަސޫލާ" އަށް ކަމަށްވެސް، އަދި (الْكِتَابَ) "ފޮތަށް" ކަމަށް ވުން ވެސް އެކަށީގެންވެއެވެ. މި ދެގޮތްވެސް ރަގަޅެވެ. އެހެނީ، ރަސޫލާގެ މައްޗަށް ފޮތް ބާވާލެއްވުނީ އެފޮތުން މީސްތަކުންނަށް އިންޛާރު ދެއްވުމަށް ޓަކައެވެ. އަދި ފޮތް އޭގެ ޛާތުގައިވެސް އެއީ އިންޛާރު ދޭ އެއްޗެކެވެ.

(لِّيُنذِرَ) އިންޛާރަކީ މީސްތަކުންނަށް ބިރުވެރި ކަމުގެ ޚަބަރު ދެއްވުމެވެ.

(بَأْسًا شَدِيدًا مِّن لَّدُنْهُ ) "އެކަލާންގެ ޙަޟްރަތުން އަތުވެދާނެ ގަދަފަދަ ޢަޛާބަކުން"

(بَأْسًا) މިއީ ޢަޛާބުގެ ވާހަކަ އެވެ. ސޫރަތުލް އަޢްރާފްގެ 4 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَكَم مِّن قَرْيَةٍ أَهْلَكْنَاهَا فَجَاءَهَا بَأْسُنَا بَيَاتًا أَوْ هُمْ قَائِلُونَ ﴿٤﴾) މާނައަކީ: "ތިމަންރަސްކަލާނގެ ކޯފާލައްވައި، ހަލާކު ކުރެއްވީ ކިތައްކިތައް ރަށް ހެއްޔެވެ؟ ފަހެ، ރޭގަނޑުގައި، ނުވަތަ މެންދުރު އެއުރެން ނިދާފައި ތިއްބައި އެ ރަށްތަކަށް ތިމަންރަސްކަލާނގެ عذاب އައެވެ."

(مِّن لَّدُنْهُ ) ﷲ ގެ ޙަޟްރަތުން.

(وَيُبَشِّرَ الْمُؤْمِنِينَ ) އައްތަބްޝީރަކީ އުފާވެރިކަމުގެ ޚަބަރު ދެއްވުމެވެ.

(لِّيُنذِرَ بَأْسًا شَدِيدًا مِّن لَّدُنْهُ وَيُبَشِّرَ الْمُؤْمِنِينَ الَّذِينَ يَعْمَلُونَ الصَّالِحَاتِ أَنَّ لَهُمْ أَجْرًا حَسَنًا ﴿٢﴾ )

(لِّيُنذِرَ بَأْسًا شَدِيدًا مِّن لَّدُنْهُ ) "ﷲ ގެ ޙަޟްރަތުން އަތުވެދާނެ ޢަޛާބެއްގެ މަތިން އިންޛާރު ދެއްވުމަށެވެ." މި ތަނުގައި މަފްޢޫލު ބިހީ (ކަން ރައްދުވާ ފަރާތް) ބަޔާން ކުރައްވާފައެއް ނުވެއެވެ. ނަމަވެސް ޖެހިގެން އިން ޖުމްލާގައި (وَيُبَشِّرَ الْمُؤْمِنِينَ الَّذِينَ يَعْمَلُونَ الصَّالِحَاتِ ) "އީމާންވެ ހެޔޮ ޢަމަލު ކުރި މީހުންނަށް އުފާވެރި ކަމުގެ ޚަބަރު ދެއްވުމަށެވެ." އޮތުމުން ކުރީ ތަނުގެ މަފްޢޫލު ބިހީ ނުވަތަ ކަން ރައްދުވާ ފަރާތަކީ ކޮބައިކަން ދޭހަވެއެވެ. އެއީ "ކާފިރުންނެވެ." ސަބަބަކީ އުފާވެރި ކަމުގެ ޚަބަރު ދެއްވަނީ އިމާންވެ ހެޔޮ ޢަމަލު ކުރި މީހުންނަށް ކަމަށްވަނީނަމަ، އިންޛާރު ދެއްވާނީ އެގޮތަށް ނޫޅެ ކާފަރުވީ މީހުންނަށް ކަމަށްވާތީވެއެވެ.

(الْمُؤْمِنِينَ الَّذِينَ يَعْمَلُونَ الصَّالِحَاتِ ) "އީމާންވެ ހެޔޮ ޢަމަލު ކުރި މީހުން" މި ތަނުން ދޭހަވާ ގޮތުގައި ހަމަ އެކަނި އީމާންވިޔަސްވެސް ނުފުދެއެވެ. އެޔާއި އެކު ހެޔޮ ޢަމަލުވެސް ކުރަން ޖެހެއެވެ. އެހެންވެ، ބައެއް ސަލަފުންގެ އަރިހުން ސުވާލު ކުރެވިފައިވެއެވެ. "ސުވަރުގޭގެ ތަޅުދަނޑި އަކީ "ލާ އިލާހަ އިއްލަﷲ" "ﷲ މެނުވީ ޙައްގުވެގެން އަޅުކަންވެވޭ އިލާހަކު ނުވޭ" މިޔެއް ނޫން ހެއްޔެވެ؟ ވީމާ، މިފަދައިން ކިޔައިފި މީހަކަށް ސުވަރުގޭގެ ދޮރުތައް ހުޅުވޭނެ ނޫން ހެއްޔެވެ؟ ޖަވާބުގައި އެބޭފުޅުން ވިދާޅުވެފައިވެއެވެ. އާދޭހެވެ. ނަމަވެސް، ދަތް ނެތް ތަޅުދަނޑި އަކުން ހުޅުވާނީ ކިހިނެއް ހެއްޔެވެ؟" ވީމާ، ޝަހާދަތުގެ ދެކަލިމަ ކިޔާ އީމާންވުމަށްފަހު ހެޔޮ ޢަމަލު ކުރަން ޖެހެއެވެ. ހެޔޮ ޢަމަލަކީ ތަޅުދަނޑީގެ ދަތްތައް ފަދަ އެވެ.

(الْمُؤْمِنِينَ ) އީމާންވުން ވާޖިބު ވެގެންވާ ކަންތައްތަކަށް އީމާންވެފައިވާ މީހާ، އެއީ ކޮންކަންތައްތަކެއްކަން ޖިބްރީލް ޢަލައިހިއްސަލާމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ބަޔާން ކޮށްދެއްވާފައެވެ. ޙަދީޘް ކުރެއްވިއެވެ. "އީމާން ކަމަކީ ﷲ އަށާއި މަލާއިކަތުންނަށާއި، ބާވާލެއްވި ފޮތްތަކަށާއި، ފޮނުއްވި ރަސޫލުންނަށާއި، އާޚިރަތްދުވަހަށާއި، ގަޟާ ގަދަރުގެ ހެޔޮ މިންވަރާއި ނުބައި މިންވަރަށް އިމާންވުމެވެ."

(الَّذِينَ يَعْمَلُونَ الصَّالِحَاتِ ) ހެޔޮ ޢަމަލުކޮށް އުޅޭ މީހުން، ހެޔޮ ޢަމަލަކަށް ވަނީ ދެކަމެއް ފުރިހަމަވީމަ އެވެ. އެއީ:

· ﷲ އަށް އިޚްލާޞްތެރިވުން. ކުރާ ކޮންމެ ކަމަކީވެސް ﷲ އާއި އާޚިރަތް ދުވަސް އެދިގެން ކުރާ ކަމަކަށް ވުން.

· ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތާއި އެއްގޮތަށް ޢަމަލުތައް ކުރުން.

އިޚްލާޞްތެރި ކަމުގެ އިދިކޮޅު ޞިފަ އަކީ ޝިރްކު ކުރުމެވެ. އަދި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް މުތާބަޢާ ކުރުމުގެ އިދިކޮޅު ޞިފަ އަކީ ބިދުޢަ ހެދުމެވެ. ކިތަންމެ ޒީނަތްތެރިވެ، ކިތަންމެ ބިރުވެރި ކަމާއި ޚުޝޫޢަތްތެރި ކަމާއި އެކު ކުރިނަމަވެސް ބިދުޢަވެރި ޢަމަލެއް ﷲ ގެ ޙަޟްރަތުގައި ގަބޫލު ނުކުރައްވާނެއެވެ. އެއީ ޝަރީޢަތާއި އެތްގޮތް ކަމަކަށްނުވާތީވެއެވެ. އެހެންކަމުން، މީސްތަކުން ކިތަންމެ ރިވެތި ކަމެއްގެ ގޮތުގައި ބަލައިގެން ނަމަވެސް ބިދުޢަވެރި ޢަމަލަކީ ﷲ ގެ ޙަޟްރަތުގައި ގަބޫލު ކުރައްވާނެ ކަމެއް ނޫނެވެ. އަދި ކިއެއްތަ، އެއީ މަގުފުރެދިފައިވާ ކަމެކެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (كل بدعة ضلالة) މާނައަކީ: "ކޮންމެ ބިދުޢަ އަކީ ގެއްލެނިވި ކަމެކެވެ."

މީހަކު ބޭރުފުށަށް ފެންނަ ފެނުމުގައި ޝަރީޢަތާއި އެއްގޮތަށް ކުރި ނަމަވެސް އޭނާގެ ހިތުގައި ދެއްކުންތެރި ކަމެއް އޮވެއްޖެނަމަ އެކަމަކީ ގަބޫލު ކުރެއްވޭނެ ކަމެއް ނޫނެވެ. ސަބަބަކީ އެކަމުގައި އިޚްލާޞްތެރިކަން ނެތިފައިވާތީވެއެވެ. ހަމައެފަދައިން ޝަރީޢަތާއި ފުށޫ އަރާ ގޮތަށް ޢަމަލެއް ކުރިޔަސް އެކަންވެސް ގަބޫލެއް ނުކުރައްވާނެއެވެ. ވީމާ، ޢަމަލުތައް ގަބޫލު ކުރެއްވުމުގައި ދެ ޝަރްޠެއް ހަމަވާން ޖެހެއެވެ. އެއީ އިޚްލާޞްތެރި ކަމާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މުތާބަޢާ ކުރުމެވެ.

މުއިމިނުންނަށް ދެއްވާ އުފާވެރި ކަމުގެ ޚަބަރަކީ ކޮބައިކަން އަންގަވާ ވަޙީ ކުރެއްވިއެވެ. (أَنَّ لَهُمْ أَجْرًا حَسَنًا ) ﷲ ގެ ޙަޟްރަތުން ދެއްވާ މަތިވެރި ޘަވާބާއި ދަރުމައެވެ.

މިތަނުގައި ޘަވާބަށް "އަޖްރު" ގެ ނަން ދެއްވާފައިވަނީ އެ އަޖްރު ލިބެނީ އެބައިމީހުން ކުރާ ހެޔޮ ޢަމަލާއި ގުޅިގެން ކަމަށްވާތީވެއެވެ. މިއީ ﷲ ގެ ޢަދުލުވެރި ކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެހެނީ އެކަލާންގެ އަށް ކިޔަމަންތެރި އަޅުންނަށް ދެއްވާ ޘަވާބަށް "އަޖްރު" ގެ ނަން ދެއްވާފައިވުމުން، އިންސާނާ އަށް ހިތްހަމަ ޖެހުން ލިބެއެވެ. އެގޮތަކީ އޭނާގެ މަސައްކަތުގެ އަޖްރު ލިބޭނެކަން ކަށަވަރެވެ. މަސައްކަތެއް ކޮށްފިނަމަ އޭގެ އުޖޫރަ ލިބޭ އުޞޫލުންނެވެ.

(أَجْرًا حَسَنًا) "ހެޔޮވެގެންވާ ދަރުމަ"، މިދަރުމަ މިޔަށްވުރެ ފުޅާކޮށް ލިބޭނެކަން އަންގަވާ ސޫރަތު ޔޫނުސްގެ 26 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (لِّلَّذِينَ أَحْسَنُوا الْحُسْنَىٰ وَزِيَادَةٌ ) މާނައަކީ: "ހެޔޮ عمل ކުޅަމީހުންނަށް، އެންމެހެޔޮ ޖަޒާ ހުށްޓެވެ. (އެއީ ސުވަރުގެއެވެ.) އަދި އޭގެއިތުރަށްވެސް ހުށްޓެވެ. (އެއީ اللَّه ގެ ދީދާރުފުޅު ދެއްކެވުމެވެ.)"

ސޫރަތުއް ރަޙްމާންގެ 60 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (هَلْ جَزَاءُ الْإِحْسَانِ إِلَّا الْإِحْسَانُ ﴿٦٠﴾ ) މާނައަކީ: "ހެޔޮކަމުގެ ޖަޒާއަކީ، ހެޔޮ ثواب ކަމުގައި މެނުވީ ވާނެހެއްޔެވެ؟"

ވީމާ، ޢަމަލުތަކުގެ ޖަޒާ ދެއްވަނީ ޢަމަލާއި އެއްވަރަށްތޯ ނުވަތަ އެއަށްވުރެ ފުރިހަމަ އަށް ތޯ؟ މިއީ އުފެދޭ ސުވާލެކެވެ. ޖަވާބަކީ: އެންމެ ފުރިހަމަ އަށެވެ. ވީމާ، (حَسَنًا) މިބަސްފުޅުގެ މުރާދަކީ އެންމެ ހެޔޮވެގެންވާ ދަރުމަ އެވެ. ސަބަބަކީ ސުވަރުގޭގެ ދަރުމަ އާއި އެއްގޮތް އެހެން ދަރުމަ އެއް ނުވާތީވެއެވެ.

(مَّاكِثِينَ فِيهِ أَبَدًا ﴿٣﴾) "އެ ދަރުމައިގައި، އެއުރެން އަބަދަށް ދެމިތިބެނިވި ގޮތުގައެވެ." އެތަނުގައި ބަލިވުމެއް، މަރުވުމެއް، ބަނޑުހައިވުމެއް، ކަރު ހިއްކުމެއް، ފިންޔެއް، ހޫނެއް ނޯންނާނެއެވެ. ހުރިހާ ކަމެއްވެސް އެންމެ ފުރިހަމަ އަށް ހުންނާނެއެވެ.

އަހްލުއްސުންނަތި ވަލްޖަމާޢަތިގެ ޢަގީދާ އަކީ ސުވަރުގެ އާއި ނަރަކަ މިހާރުވެސް އުފައްދަވާފައިވާ ކަމާއި އެއީ ދާއިމަށް ދެމިގެންވާ ތަންތަން ކަމެވެ. މިކަންކަން ކީރިތި ގުރްއާނުގެ ޞަރީޙަ ނައްޞުން ޘާބިތުވެއެވެ. ސުވަރުގެ ވަންތަވެރިން އެތަނުގައި ދެމިތިބޭނެކަން އަންގަވާ އެތައް އާޔަތްތަކެއް ކީރިތި ގުރްއާނުގައި ވާރިދުވެފައިވެއެވެ. އޭގެ ތެރޭގައި:

- ސޫރަތުއް ނިސާގެ 57 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (وَالَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ سَنُدْخِلُهُمْ جَنَّاتٍ تَجْرِي مِن تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا أَبَدًا ۖ لَّهُمْ فِيهَا أَزْوَاجٌ مُّطَهَّرَةٌ ۖ وَنُدْخِلُهُمْ ظِلًّا ظَلِيلًا ﴿٥٧﴾ ) މާނައަކީ: "އަދި، إيمان ވެ، صالح عمل ކުޅަމީހުން، އެތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކަކަށް، ތިމަންރަސްކަލާނގެ އެއުރެން ވައްދަވާހުށީމެވެ. އެ ސުވަރުގެތަކުގައި، އެއުރެން، އަބަދަށް ދެމިތިބެނިވި ގޮތުގައެވެ. އެތާނގައި އެއުރެންނަށް طاهر ކުރައްވާފައިވާ އަނބިންތަކެއް ވެއެވެ. އަދި، ހިޔާދެނިވި ހިޔަލަކަށް، ތިމަންރަސްކަލާނގެ އެއުރެން ވައްދަވާހުށީމެވެ."

- ސޫރަތުއް ނިސާގެ 122 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَالَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ سَنُدْخِلُهُمْ جَنَّاتٍ تَجْرِي مِن تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا أَبَدًا ۖ وَعْدَ اللَّـهِ حَقًّا ۚ وَمَنْ أَصْدَقُ مِنَ اللَّـهِ قِيلًا ﴿١٢٢﴾ ) މާނައަކީ: "އަދި، إيمان ވެ، صالح عمل ކުޅަމީހުން، އެ ސުވަރުގެތަކުގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކަށް، ތިމަންރަސްކަލާނގެ އެއުރެން ވައްދަވާހުށީމެވެ. އެތާނގައި އަބަދަށް ދެމިތިބެނިވި ގޮތުގައެވެ. اللَّه، وعد ކުރައްވާފައިވަނީ حق ތެދެވެ. ބަސްބުނުމުގައި اللَّه އަށްވުރެ ތެދުވެރިކަންބޮޑީ ކާކުހެއްޔެވެ؟"

ނަރަކަވަންތަވެރިން އެތަނުގައި ދެމިތިބޭނެ ކަން އަންގަވާ ކީރިތި ގުރްއާނުގެ ތިން ތަނެއްގައި އެވާހަކަ އަންގަވާފައިވެއެވެ. އެތިން ތަނަކީ:

- ސޫރަތުއް ނިސާގެ168 އަދި 169 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (إِنَّ الَّذِينَ كَفَرُوا وَظَلَمُوا لَمْ يَكُنِ اللَّـهُ لِيَغْفِرَ لَهُمْ وَلَا لِيَهْدِيَهُمْ طَرِيقًا ﴿١٦٨﴾ إِلَّا طَرِيقَ جَهَنَّمَ خَالِدِينَ فِيهَا أَبَدًا ۚ وَكَانَ ذَٰلِكَ عَلَى اللَّـهِ يَسِيرًا ﴿١٦٩﴾ ) މާނައަކީ: "ހަމަކަށަވަރުން، كافر ވެ އަދި އަނިޔާވެރިވި މީހުންނަށް، اللَّه ފާފައެއް ނުފުއްސަވާނެތެވެ. އަދި، އެއްވެސް މަގަކަށް އެއުރެންނަށް އެކަލާނގެ މަގެއް ނުދައްކަވާނެތެވެ. ނަރަކައިގެ މަގަށް މެނުވީއެވެ. އެއުރެން އެތާނގައި އަބަދަށް ދެމިތިބެނިވި ގޮތުގައެވެ. އެކަންތައް اللَّه އަށް ދާދި ފަސޭހަކަމެއް ކަމުގައިވެއެވެ."

- ސޫރަތުލް އަޙްޒާބްގެ 64 އަދި 65 ގައި ވަޙީ ކުރައްވާފައިވެއެވެ. (إِنَّ اللَّـهَ لَعَنَ الْكَافِرِينَ وَأَعَدَّ لَهُمْ سَعِيرًا ﴿٦٤﴾ خَالِدِينَ فِيهَا أَبَدًا ۖ لَّا يَجِدُونَ وَلِيًّا وَلَا نَصِيرًا ﴿٦٥﴾ ) މާނައަކީ: "ހަމަކަށަވަރުން، اللَّه، كافر ންނަށް لعنة ލެއްވިއެވެ. އަދި އެއުރެންނަށްޓަކައި އަނދައަނދާހުންނަ ނަރަކަ ތައްޔާރު ކުރެއްވިއެވެ. އެތާނގައި އެއުރެންނަށް އަބަދަށް ދެމިތިބެނިވި ގޮތުގައެވެ. އެހީތެރިޔަކު ނުވަތަ نصر ދޭނޭ މީހަކުވެސް އެއުރެން ނުދެކޭނެތެވެ."

- ސޫރަތުލް ޖިންނިގެ 23 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَمَن يَعْصِ اللَّـهَ وَرَسُولَهُ فَإِنَّ لَهُ نَارَ جَهَنَّمَ خَالِدِينَ فِيهَا أَبَدًا ﴿٢٣﴾ ) މާނައަކީ: "اللَّه އަށާއި، އެކަލާނގެ رسول އާއަށް އުރެދޭ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކަށްހުރީ، ނަރަކައިގެ އަލިފާނެވެ. އެތާނގައި އެއުރެން އަބަދަށް ދެމިތިބެނިވި ގޮތުގައެވެ."

ސުވަރުގެ އާއި ނަރަކަ މިހާރުވެސް ވަނީ ތައްޔާރުވެގެން ކަން އަންގަވާ ސޫރަތު އާލުޢިމްރާންގެ 133 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. ( وَسَارِعُوا إِلَىٰ مَغْفِرَةٍ مِّن رَّبِّكُمْ وَجَنَّةٍ عَرْضُهَا السَّمَاوَاتُ وَالْأَرْضُ أُعِدَّتْ لِلْمُتَّقِينَ ﴿١٣٣﴾ ) މާނައަކީ: "އަދި، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން ފާފަފުއްސެވުން ލިބިގަތުމަށާއި، އުޑުތަކާއި ބިންފަދަ ތަނަވަސްކަންހުރި ސުވަރުގެޔަށް ތިޔަބައިމީހުން އަވަސްވެގަންނާށެވެ! އެ ސުވަރުގެ ތައްޔާރުކުރައްވާފައިވަނީ، تقوى ވެރިންނަށެވެ."

ސޫރަތުލް ބަގަރާގެ 24 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (فَإِن لَّمْ تَفْعَلُوا وَلَن تَفْعَلُوا فَاتَّقُوا النَّارَ الَّتِي وَقُودُهَا النَّاسُ وَالْحِجَارَةُ ۖ أُعِدَّتْ لِلْكَافِرِينَ ﴿٢٤﴾ ) މާނައަކީ: "ފަހެ، ތިޔަބައިމީހުންނަށް އެކަން ނުކުރެވުނުނަމަ - އަދި ތިޔަބައިމީހުންނަކަށް ހަމަ ހިލާ އެކަންތަކެއް ނުމެ ކުރެވޭނެއެވެ. - (އެކަން ނުކުރެވުނުނަމަ) ފަހެ، ތިޔަބައިމީހުން ނަރަކަޔަށް ބިރުވެތިވެ، ރައްކާތެރިވާށެވެ! އެނަރަކަޔަކީ، މީހުންނާއި ހިލަ، އޭގެ ދަރުކަމުގައިވާ ނަރަކައެވެ. އެ ނަރަކަ ތައްޔާރު ކުރައްވާފައިވަނީ، كافر ންނަށްޓަކައެވެ."

(وَيُنذِرَ الَّذِينَ قَالُوا اتَّخَذَ اللَّـهُ وَلَدًا ﴿٤﴾ ) "އަދި اللَّه، ދަރިކަލަކު ހިއްޕެވިކަމަށް ބުނިމީހުންނަށް إنذار ކުރެއްވުމަށްޓަކައެވެ."

މި އާޔަތުގައި މިވަނީ ކުރީ އާޔަތުގައި ބަޔާން ނުކުރައްވާ ދޫކޮށްލެއްވި ބައެއް ކަންތައްތަކުގެ ތަފްޞީލެވެ. މަސީޙު ޢީސާ އަކީ ﷲ ގެ ދަރިކަލެއް ކަމަށް ބުނަމުން އައި ނަޞާރާ އިންނަށާއި، ޢުޒައިރު އަކީ ﷲ ގެ ދަރި އެއް ކަމުގައި ބުނަމުން އައި ޔަހޫދީންނަށް، އަދި މަލާއިކަތުންނަކީ ﷲ ގެ އަންހެން ދަރިން ކަމުގައި ބުނަމުން އައި މުޝްރިކުންނަށް ވަރުގަދަ އިންޛާރެއް ދެއްވާފައެވެ.

(مَّا لَهُم بِهِ مِنْ عِلْمٍ) "އެއުރެންނަކަށްވެސް، އަދި އެއުރެންގެ ކާބަފައިންނަކަށްވެސް (އެއުރެން އެބުނާ ބަހާމެދު) އެއްވެސް علم އެއް ލިބިފައެއް ނުވެއެވެ." އެބަހީ ﷲ އަށް ދަރިކަލަކު ވާ ކަމަށް އެބައިމީހުން ބުނާ ބުނުމުގައި އެބައިމީހުންނަށް ޢިލްމެއް ނެތެވެ.

(وَلَا لِآبَائِهِمْ) އެބައިމީހުން ބުނި ފަދައިން ބުނި (ﷲ އަށް ދަރިކަލެއްވާ ކަމަށްބުނި) އެބައިމީހުންގެ ކާބަފައިންވެސް.

(كَبُرَتْ كَلِمَةً تَخْرُجُ مِنْ أَفْوَاهِهِمْ ) އެބައިމީހުންގެ އަނގައިން އެބޭރު ކުރަނީ ހާދަހާވާ ބޮޑު ބަހެކެވެ. ސޫރަތު މަރްޔަމްގެ 90 އިން 93 ގެ ނިޔަލަށް މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (تَكَادُ السَّمَاوَاتُ يَتَفَطَّرْنَ مِنْهُ وَتَنشَقُّ الْأَرْضُ وَتَخِرُّ الْجِبَالُ هَدًّا ﴿٩٠﴾ أَن دَعَوْا لِلرَّحْمَـٰنِ وَلَدًا ﴿٩١﴾ وَمَا يَنبَغِي لِلرَّحْمَـٰنِ أَن يَتَّخِذَ وَلَدًا ﴿٩٢﴾ إِن كُلُّ مَن فِي السَّمَاوَاتِ وَالْأَرْضِ إِلَّا آتِي الرَّحْمَـٰنِ عَبْدًا ﴿٩٣﴾ ) މާނައަކީ: "އެކަމުގެ ސަބަބުން، އުޑުތައް ފަޅަފަޅައިގެންގޮސް، ބިންގަނޑު އިރައިރައިގެންގޮސް، ފަރުބަދަތައް ކުދިކުދިވެ، ވެއްޓިގެން ދިއުން ކައިރިވެގެންވެއެވެ. އެއީ رحمن ވަންތަ ރަސްކަލާނގެއަށް ދަރިކަލަކުވާކަމަށް އެއުރެން ގޮވުމުގެ ސަބަބުންނެވެ. ފަހެ، ދަރިކަލަކު ހިއްޕެވުން رحمن ވަންތަ ރަސްކަލާނގެއަށް އެކަށީގެނެއް ނުވެއެވެ. رحمن ވަންތަ ރަސްކަލާނގެ حضرة އަށް އަޅެއްގެ ގޮތުގައި ނާންނާނޭ ހަމައެކަކުވެސް، އުޑުތަކުގައްޔާއި، ބިމުގައި ނުވެތެވެ."

(تَخْرُجُ مِنْ أَفْوَاهِهِمْ ) " އެއުރެންގެ އަނގަތަކުން އެނުކުންނަ ބަހެއްގެ ބޮޑުކަމާއެވެ!"

މި ޖުމްލައިން ދޭހަވަނީ އެބައިމީހުން އެބުނާ ބުނުމެއް ބުނަނީ ހިތުން ޔަގީންކޮށްގެން ނޫން ކަމެވެ. ސަބަބަކީ ﷲ އަށް ދަރިޔަކު ވާކަމަށް ބުއްދި ހުރި މީހަކު ނުބުނާނެއެވެ. ސަބަބަކީ މިދަރިޔަކީ އާދައިގެ އިންސާނެއް ނަމަ، އޭނާ ކާށާއި، ބޯން، އަދި ހެދުން ލާން ބޭނުންވާނެއެވެ. ބަނޑުހައިވުމާއި ހަރުހިއްކުމާއިވެސް ކުރިމަތިވާނެއެވެ. އަދި އެނޫންވެސް އިންސާނުންނަށް ކުރިމަތިވާ ހުރިހާ ކަމެއް ކުރިމަތިވާނެއެވެ. ވީމާ، އެހުރިހާ ކަމެއް ބޭނުންވާ ދަރިކަލަކު، ﷲ އަށް ލިބިގެންވުން އެއީ މުސްތަޙީލު ކަމެކެވެ. އެހެންވެ، އެބައިމީހުންގެ ވާހަކަތަކަށް ރައްދު ދެއްވާ ވަޙީ ކުރެއްވިއެވެ.

(إِن يَقُولُونَ إِلَّا كَذِبًا ) "އެއުރެން އެ ބުނަނީ، ދޮގެއްކަމުގައިނޫނީ ނުވެއެވެ."

މިތަނުގައި (إِن) ގެންނަވާފައިވަނީ ( ما) އައްނާފިޔާގެ ގޮތުގައެވެ. އެކަން ބޮޑަށް ދޭހަވަނީ ފަހަތަށް (إِلَّا) "މެނުވީ" ގެންނަވާފައިވުމުންނެވެ. ސޫރަތު ފާޠިރުގެ 23 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (إِنْ أَنتَ إِلَّا نَذِيرٌ ﴿٢٣﴾ ) މާނައަކީ: " إنذار ކުރައްވާ ބޭކަލަކު ކަމުގައި މެނުވީ ކަލޭގެފާނު ނުވެތެވެ."

ސޫރަތުލް މާއިދާގެ 110 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރެއްވިއެވެ. (فَقَالَ الَّذِينَ كَفَرُوا مِنْهُمْ إِنْ هَـٰذَا إِلَّا سِحْرٌ مُّبِينٌ ﴿١١٠﴾ ) މާނައަކީ: "ފަހެ، އެއުރެންގެ ތެރެއިން كافر ވި މީހުން ބުނޫއެވެ. މިކަންތައްތަކަކީ، ފާޅުވެ بيان ވެގެން ހުރި ޖާދޫކަމުގައި ނޫނީ ނުވެއެވެ."

މި ހުރިހާ ތަނެއްގައިވެސް (إِن) ގެންނަވާފައިވަނީ ( ما) އައްނާފިޔާގެ ގޮތުގައެވެ.

(كَذِبًا ) ދޮގު، ދޮގަކީ ޙަގީގަތާއި ޚިލާފަށް ވާހަކަ ދެއްކުމެވެ. ޙަގީގަތާއި އެއްގޮތަށް ވާހަކަ ދެއްކުމަކީ ތެދުބުނުމެވެ. މިޘާލަކަށް: "މިވެނި މީހަކު އަތުވެއްޖެޔޭ" ބުނާ އިރު އެމީހަކު ނާންނަ ކަމަށް ވަނީނަމަ އެހެދެނީ ދޮގެކެވެ. އެއީ ޙަގީގަތް އެނގިގެން ބުނި އެއްޗެއް ނަމަވެސް ނުވަތަ ނޫންނަމަވެސް އެވެ. އޭގެ ދަލީލަކީ ސުބައިޢިއްޔަތުލް އަސްލަމީ ރަޟިޔަﷲ ޢަންހާގެ ވާހަކަ އެވެ. އެކަމަނާ ބަލިވެ އިންނަވަނިކޮށް ފިރިކަލުން އަވާހަރަވިއެވެ. ފިރިކަލުން ނިޔާވިތާ ކުޑަދުވަސްކޮޅެއް ތެރޭގައި ރައްކާވެވަޑައިގެންފިއެވެ. އެހިސާބުން އެކަމަނާ ޙިދާދު ހެދުން ދޫކޮށްލައްވާ، ކައިވެނި ކުރުމަށް ޓަކައި ޒީނަތްތެރިވެ ވަޑައިގަތެވެ. މިގޮތަށް މިކަންވެފައިވަނިކޮށް އެއްދުވަހަކު އަބުއްސަނާބިލް އެކަމަނާގެ ގާތުގައި ވިދާޅުވިއެވެ. "ހަތަރު މަހާއި ދިހަ ދުވަސް ވުމުން މެނުވީ ކަމަނާ ޙިދާދުގެ ހެދުންކޮޅު ދޫކޮށް ނުލެވޭނެއެވެ." ސަބަބަކީ އެކަމަނާގެ ފިރިކަލުން ނިޔާވިތާ 40 ދުވަސް ނުވަނީސް އެކަމަނާ ރައްކާވެ ވަޑައިގެންފިއެވެ. އަބުއްސަނާބިލް އަށް ހީފުޅުވެފައި އޮތީ ޢިއްދާގައި އިންނަން ޖެހޭނީ އެންމެ ދިގު މުއްދަތަށް ކަމަށެވެ. އެހެންވެ، އެކަމަނާ އަލުން ޙިދާދުގެ ހެދުންކޮޅު ތުރު ކުރައްވައިގެން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް ގޮސް އެވާހަކަތައް ދެންނެވިއެވެ. އެހިނދު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. "އަބުއްސަނާބިލް އިތުރުފުޅު ހައްދަވައިފިއެވެ." މިތަނުގައި އަބުއްސަނާބިލް ހީފުޅު ކުރެއްވީ ދިގު މުއްދަތަށް ޢިއްދާގައި އިންނަން ޖެހޭނެ ކަމަށެވެ. އެހެންވެ، އެކަމަށް ރިޢާޔަތް ކުރައްވާ އެކަލޭގެފާނު އެހެން ވިދާޅުވީއެވެ. ކޮންމެ އަކަސް އަބުއްސަނާބިލް އަށް އެނގިވަޑައިނުގެން ނަމަވެސް ޙަގީގަތާއި ޚިލާފަށް ވިދާޅުވުމުން އެކަން ވެފައި އެވަނީ "ދޮގަކަށެވެ."

(فَلَعَلَّكَ بَاخِعٌ نَّفْسَكَ عَلَىٰ آثَارِهِمْ إِن لَّمْ يُؤْمِنُوا بِهَـٰذَا الْحَدِيثِ أَسَفًا ﴿٦﴾ )

(فَلَعَلَّكَ) މުޚާޠަބު ކުރައްވަނީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށެވެ.

(بَاخِعٌ نَّفْسَكَ ) ކަލޭގެފާނުގެ ނަފްސު ހަލާކުކޮށްލަނީތޯއެވެ.

(عَلَىٰ آثَارِهِمْ ) އެބައިމީހުން މޫނު އަނބުރާލާ ދިޔަކަންމައްޗަށް،

(إِن لَّمْ يُؤْمِنُوا بِهَـٰذَا الْحَدِيثِ ) އެބައިމީހުން މިގުރްއާނަށް އީމާންނުވި ކަންމައްޗަށް،

(أَسَفًا) ހިތާމަ

އެބައިމީހުން މިގުރްއާނުގެ އާޔަތްތަކަށް އީމާންނުވެ މޫނު އަނބުރާލާފައި ދިޔަކަމަށް ޓަކައި ހިތާމަކޮށް، ކަލޭގެފާނުގެ ނަފްސު އެކަމަށްޓަކައި ހަލާކު ކުރައްވަނީތޯއެވެ؟ އެހެން ނުހައްދަވާށެވެ. އެބައިމީހުން އިޖާބަނުދީ ފުރަގަސް ދިނުމަކުން ކަލޭގެފާނުގެ މައްޗަށް ފާފަ އެއް ނެތެވެ. ކަލޭގެފާނުގެ މައްޗަށް އޮތް ކަމަކީ އެބައިމީހުންނާއި ހަމައަށް މި އާޔަތްތައް ފޯރުކޮށްދެއްވުމެވެ. ސޫރަތުއް ރަޢްދުގެ 40 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (فَإِنَّمَا عَلَيْكَ الْبَلَاغُ وَعَلَيْنَا الْحِسَابُ) މާނައަކީ: " ކަލޭގެފާނުގެ މައްޗަށް އޮތްކަން ކަށަވަރީ (މީސްތަކުންނަށް) އިއްވެވުމެވެ. އަދި حساب ބެއްލެވުންވަނީ، ތިމަންރަސްކަލާނގެއަށެވެ."

(إِنَّا جَعَلْنَا مَا عَلَى الْأَرْضِ زِينَةً لَّهَا لِنَبْلُوَهُمْ أَيُّهُمْ أَحْسَنُ عَمَلًا ﴿٧﴾)

(جَعَلْنَا ) ތިމަން ﷲ ލެއްވީމޭ،

(جَعَلْنَا مَا عَلَى الْأَرْضِ زِينَةً لَّهَا ) ބިންމަތީގައިވާހާ އެއްޗެއް ތިމަން ﷲ ލައްވާފައިވަނީ ބިންގަނޑުގެ ޒީނަތަކަށްޓަކައެވެ. އެއީ މީސްތަކުން އިމްތިޙާނު ކުރެއްވުމަށެވެ. އެމީހުން އަޅައިގަންނަނީ އެ ޒީނަތްތެރިކަމަށްތޯ، ނުވަތަ އެ ޒީނަތްތެރިކަން ލެއްވި ފަރާތަށްތޯ ބައްލަވާ އިމްތިޙާނު ކުރެއްވުމަށްޓަކައެވެ. މީސްތަކުން ބެހިގެންވަނީ ދެބަޔަކަށެވެ. އެއްބަކު ޒީނަތްތެރިކަމާއި ގުޅިގަނެއެވެ. އަނެއްބަޔަކު އެޒީނަތްތެރިކަން ޚަލްގު ކުރެއްވި އިލާހާއި ގުޅެއެވެ. މިކަން ބަޔާން ކުރައްވާ ސޫރަތުލް އަޢްރާފްގެ 175 އިން 176 އަށް ވަޙީ ކުރައްވާފައިވެއެވެ. (وَاتْلُ عَلَيْهِمْ نَبَأَ الَّذِي آتَيْنَاهُ آيَاتِنَا فَانسَلَخَ مِنْهَا فَأَتْبَعَهُ الشَّيْطَانُ فَكَانَ مِنَ الْغَاوِينَ ﴿١٧٥﴾ وَلَوْ شِئْنَا لَرَفَعْنَاهُ بِهَا وَلَـٰكِنَّهُ أَخْلَدَ إِلَى الْأَرْضِ وَاتَّبَعَ هَوَاهُ ۚ فَمَثَلُهُ كَمَثَلِ الْكَلْبِ إِن تَحْمِلْ عَلَيْهِ يَلْهَثْ أَوْ تَتْرُكْهُ يَلْهَث ۚ ذَّٰلِكَ مَثَلُ الْقَوْمِ الَّذِينَ كَذَّبُوا بِآيَاتِنَا ۚ فَاقْصُصِ الْقَصَصَ لَعَلَّهُمْ يَتَفَكَّرُونَ ﴿١٧٦﴾ ) މާނައަކީ: " ތިމަންރަސްކަލާނގެ آية ތައް އެމީހާއަށް ލިބިދެއްވުމުން، އެއިން ވަކިވެގަތް މީހާގެ خبر ކަލޭގެފާނު އެއުރެންނަށް ކިޔައިދެއްވާށެވެ! ދެން شيطان އާ އޭނާގެ ފަހަތުން ދިޔައެވެ. ފަހެ، މަގުފުރެދިގެންވާ މީހުންގެ ތެރެއިން އޭނާ ވިއެވެ. ތިމަންރަސްކަލާނގެ އިރާދަކުރެއްވިނަމަ، އެ آية ތަކުގެ ސަބަބުން އޭނާ މަތިވެރި ކުރެއްވީމުހެވެ. އެހެނެއްކަމަކު، އޭނާ ބިމަށް ލެނބިގަތެވެ. އަދި އޭނާގެ އަމިއްލަ އެދުމަށް تبع ވިއެވެ. ފަހެ، އޭނާގެ މިސާލު، ކުއްތާގެ މިސާލު ފަދައެވެ. އެއަށް حملة ދިނަސް، ދޫނެރެގެން އޮވެ މާނޭވާލައެވެ. ނުވަތަ އޭތިދޫކޮށްލިޔަސް، ދޫނެރެގެން އޮވެ މާނޭވާލައެވެ. ތިމަންރަސްކަލާނގެ آية ތައް ދޮގުކުޅަމީހުންގެ މިސާލަކީ އެއީއެވެ. ފަހެ، ކަލޭގެފާނު ވާހަކަތައް ކިޔައިދެއްވާށެވެ! (އެއީ) އެއުރެން ފިކުރުކުރުމަށްޓަކައެވެ."

އެހެންކަމުން، ޒީނަތްތެރިކަމަކީ ﷲ ގެ އަޅުތަކުން އިމްތިޙާނު ކުރެއްވުމަށްޓަކައި ލައްވާފައިވާ ކަމެކެވެ. އެއީ ﷲ އުފެއްދެވި ޒީނަތްތެރި ކަމަކަށްވިޔަސް އަދި މަޚްލޫގުން އަމިއްލަ އަށް އުފެއްދި ޒީނަތްތެރިކަމެއް ވިޔަސް ވެސް އެވެ.

(لِنَبْلُوَهُمْ) އެބައިމީހުން އިމްތިޙާނު ކުރެއްވުމަށްޓަކައެވެ.

(أَيُّهُمْ أَحْسَنُ عَمَلًا) އެބައިމީހުންގެ ތެރެއިން އެންމެ ހެޔޮ ޢަމަލު ކުރަނީ ކާކުތޯ ބެއްލެވުމަށެވެ.

މިތަނުގައި (أَكْثَرُ عَمَلًا) "އެންމެ ގިނައިން ޢަމަލު ކުރަނީ" ގެ ބަދަލުގައި (أَحْسَنُ عَمَلًا ) "އެންމެ ހެޔޮ ޢަމަލު ކުރަނީ" އޮތުމުގެ ޙިކްމަތަކީ ގިނައިން ކުރުމަށްވުރެ ބޮޑަށް ބޭނުންވަނީ ރަގަޅަށް ކުރުމެވެ. މިޘާލަކަށް މީހަކު ދަމު ނަމާދުގައި 4 ރަކްޢަތް ކުރަނީ، އެހެންނަމަވެސް، ޚުޝޫޢަތްތެރި ކަމެއް ނެތިއެވެ. އެހެން މީހަކު މި ކުރަނީ ދެރަކްޢަތެވެ. ނަމަވެސް ޚުޝޫޢަތްތެރި ކަމާއި އެކުގައެވެ. މި ޙާލަތުގައި ޚުޝޫޢަތްތެރި ކަމާއި އެކު ދެރަކްޢަތް ކުރި މީހާ މާބޮޑަށްވެސް ރަގަޅެވެ.

(وَإِنَّا لَجَاعِلُونَ مَا عَلَيْهَا صَعِيدًا جُرُزًا ﴿٨﴾ ) ތިމަން ﷲ އިރާދަ ކުރައްވައިފިނަމަ، ބިންގަނޑުގައި ޢިމާރާތެއް، ގަހެއް ނުހުންނަ ފަދައިން ލައްވާހުށީހެވެ. ސޫރަތު ޠާހާގެ 105 އިން 107 އަށް ވަޙީ ކުރައްވާފައިވެއެވެ. (وَيَسْأَلُونَكَ عَنِ الْجِبَالِ فَقُلْ يَنسِفُهَا رَبِّي نَسْفًا ﴿١٠٥﴾ فَيَذَرُهَا قَاعًا صَفْصَفًا ﴿١٠٦﴾ لَّا تَرَىٰ فِيهَا عِوَجًا وَلَا أَمْتًا ﴿١٠٧﴾ ) މާނައަކީ: "އަދި އެއުރެން ފަރުބަދަތަކާމެދުގައި ކަލޭގެފާނާ ސުވާލުކުރެތެވެ. ފަހެ، ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ އެތަކެތި ފުނޑުފުޑުކޮށްލައްވައި ބުރުއްސަވައިލައްވާނެތެވެ.ފަހެ، ގަހެއް ރުކެއްނެތް ހަމަބިމެއްގެ ގޮތުގައި އެކަލާނގެ އެ ބިން ދޫކުރައްވާނެތެވެ.އެ ބިމުން ގުދުކަމެއް ނުވަތަ އަޑިގުޑަންކަމެއް ތިބާޔަކަށް ނުފެންނާނެތެވެ." ވީމާ، އެތަކެއްޗަކީ ކުރިން ނުވާ އެއްޗެއްގެ ގޮތުގައި މާތް ﷲ ލައްވާނެތެވެ. ސޫރަތު ޔޫނުސްގެ 24 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވާ ފަދައިންނެވެ. (كَأَن لَّمْ تَغْنَ بِالْأَمْسِ) މާނައަކީ: "އެތަކެތި އިއްޔެ ނުވެސް ނެތްކަހަލައެވެ."

(أَمْ حَسِبْتَ أَنَّ أَصْحَابَ الْكَهْفِ وَالرَّقِيمِ كَانُوا مِنْ آيَاتِنَا عَجَبًا ﴿٩﴾)

(أَمْ) މިތަނުގައި ގެންނަވާފައި މިވަނީ ސުވާލެއްގެ ގޮތުގައެވެ. އެއީ މިވާހަކަ އަޑުއެހުމަށް ނަފްސުގެ ޝައުގުވެރިކަން ހޯއްދެވުމުގެ ބޭނުމުގައެވެ. ސަބަބަކީ މިއީ ޢަޖައިބުކުރުވަނިވި ޙަގީގީ ޙާދިޘާ އަކަށްވާތީވެއެވެ.

( حَسِبْتَ ) ހީކުރީހޭ،

(الْكَهْفِ ) ފަރުބަދައިގެ ތެރޭގައިވާ ހޮހޮޅަ

( وَالرَّقِيمِ ) ލިޔެވިފައިވާ، ސަބަބަކީ މިބައިމީހުންގެ ވާހަކަ އެއްކޮޅުން އަނެއް ކޮޅަށް ހޮހޮޅައިގެ ތެރޭގައިވާ ހިލަގަނޑެއްގައި ވަނީ ލިޔެވިފައެވެ.

( كَانُوا ) ކަހަފް ބާގައިގެ މީހުންނާއި، ހިލަގަނޑުގައި ލިޔެވިފައިވާ ވުން،

(مِنْ آيَاتِنَا عَجَبًا ) މިއީ ﷲގެ ކައުނީ ހެކިތަކުގެ ތެރޭގައި ހިމެނޭ ކަންތަކެވެ.

(عَجَبًا ) މިއީ ޙައިރާން ކުރުވަނިވި ޢަޖައިބު ވާހަކަ އެކެވެ. މިއީ ހަތް މީހުންނެވެ. އެމީހުންނާއި އެކުގައިވަނީ ކުއްތާ އެކެވެ. އެމީހުންގެ ރަށުގައި ޝިރްކުގެ ކަންތައްގަނޑު ބޮޑުވެފައިވުމުން އެކަމާ ހިތްހަމަ ނުޖެހިގެން މީސްތަކުންނާއި އެކަހެރި ވުމުގެ ގޮތުން އެމީހުން ދިޔައީ މި ހޮހޮޅަ އަށެވެ. އެމީހުންގެ ނަޞީބު ރަގަޅު ކަމުން މިހޮހޮޅާގައި އިންނަ ދޮރު އިރަކަށްވެސް އަދި ހުޅަނގަކަށްވެސް ނުވެއެވެ. ސަބަބަކީ ދޮރު އިރަށް އިންނަމަ އިރުއަރާވަގުތު އަވިން އެބައިމީހުން ހަލާކުވެގެން ހިނގައިދާނެއެވެ. އަދި ހުޅަނގަށް ދޮރުއިންނަމަ އިރު އޮއްސޭވަގުތުގައި އޭގެ ގެއްލުން އެބައިމީހުންނަށް ލިބިދާނެއެވެ. މިވާހަކަތައް ބަޔާންކޮށްދެއްވާ މި ސޫރަތުގެ 17 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (وَتَرَى الشَّمْسَ إِذَا طَلَعَت تَّزَاوَرُ عَن كَهْفِهِمْ ذَاتَ الْيَمِينِ وَإِذَا غَرَبَت تَّقْرِضُهُمْ ذَاتَ الشِّمَالِ وَهُمْ فِي فَجْوَةٍ مِّنْهُ ۚ ذَٰلِكَ مِنْ آيَاتِ اللَّـهِ ۗ مَن يَهْدِ اللَّـهُ فَهُوَ الْمُهْتَدِ ۖ وَمَن يُضْلِلْ فَلَن تَجِدَ لَهُ وَلِيًّا مُّرْشِدًا ﴿١٧﴾ ) މާނައަކީ: "އިރުއަރައިގެން އަންނަހިނދު، އެއުރެންގެ ހޮހަޅައިގެ ކަނާތްފަރާތަށް، އިރު ލަނބާލައިގެންދާތީ، ތިބާއަށް ފެންނާނެތެވެ. އަދި އިރުއޮއްސެންދާހިނދު، ވާތްފަރާތަށް އެއުރެން ދޫކޮށް ފަހަނަޅައިދެއެވެ. އޭރު އެއުރެންވަނީ، ހޮހަޅައިގެ ތަނަވަސް ތަނެއްގައެވެ. އެކަންތައްވަނީ، اللَّه ގެ آية ތަކުގެތެރެއިންނެވެ. اللَّه ތެދުމަގު ދެއްކެވިމީހާ (ދަންނާށެވެ!) ފަހެ، އެމީހަކީ ތެދުމަގު ލިބިފައިވާ މީހެކެވެ. އަދި އެކަލާނގެ މަގުފުރައްދަވައިފިމީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށް ތެދުމަގު ދައްކާނޭ އެހީތެރިޔަކު ތިބާޔަކަށް ނުފެންނާނެތެވެ."

(ނުނިމޭ)

https://etukuri.mv/
https://www.aslu.com.mv