logo
ޔޫރަޕްގެ މުސްލިމުންތަކެއް ﷲއަށް ދުޢާކުރަނީ

ޔޫރަޕްގެ މުސްލިމުންތަކެއް ﷲއަށް ދުޢާކުރަނީ

އަދުގެ ދުނިޔޭގައި މުސްލިމުންނަށް ދިމާވެފައިވާ ގޮންޖެހުންތައް (ފުރަތަމަ ބައި)

profile

ޙުސައިން ފަޒީލް - 27 މޭ 2023 - 05:37

މާތްﷲ ސުބުޙާނަހޫ ވަތަޢާލާ ދުނިޔެ އުފެއްދެވުމަށްފަހު ދުނިޔޭގައި އިންސާނުން ޚަލްޤު ކުރެއްވިއެވެ. މާތްﷲ އިންސާނާ ދުނިޔެއަށް ފޮނުއްވީ އެކަލާނގެއަށް އަޅުކަންކޮށް އުޚުރަވީ ޙަޔާތް ބާއްޖަވެރިކުރުމަށެވެ. އަދި ހަމައެހެންމެ އޭނާގެ މަސްއޫލިއްޔަތަކީ ދުނިޔެ އާރާސްތުކޮށް އެކަލާނގެ ދީނަށް ނަޞްރު ދިނުމެވެ. މިކަން ވަރަށް ޞަރީޙަ އިބާރާތުން އެކަލާނގެވަނީ ބަޔާންކުރައްވާފައެވެ. وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ (އައްޛާރިޔާތު: 56) "މާނައީ: ތިމަންރަސްކަލާނގެއަށް އަޅުކަންކުރުމަށް މެނުވީ، ތިމަން ރަސްކަލާނގެ ޖިންނީންނާއި އިންސީން ނުހައްދަވަމުއެވެ." އަދިވެސް އައުރާފު ސޫރަތުގައި އެކަލާނގެ ވަޚީ ކުރައްވާފައިވެއެވެ. وَمَنْ خَفَّتْ مَوَازِينُهُ فَأُولَٰئِكَ الَّذِينَ خَسِرُوا أَنفُسَهُم بِمَا كَانُوا بِآيَاتِنَا يَظْلِمُونَ "މާނައީ: ހަމަކަށަވަރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ބިމުގައި ކަންތައްތައް ފަހިކޮށްދެއްވާ ބާރުވެރި ކޮށްދެއްވީމެވެ. އަދި އެތާނގާ ތިޔަބައިމީހުންނަށް ދިރިއުޅެވޭނެ ގޮތްތަކެއް ލެއްވީމެވެ." މި ދެއާޔަތުގެ އަލީގައި މާތްﷲ އިންސާނާ ހެއްދެވި މަޤުސަދު ވަރަށް ސާފުކޮށް އެނގި ހާމަވެގެންދެއެވެ. އިސްލާމްދީނަށް ނަޞްރުދިނުމަކީ ކޮންމެ މުސްލިމަކަށް ވާޖިބުވެގެންވާ ކަމެކެވެ. މިގޮތުން ދުލާއި ޤަލަމުން އަދި އަތާއިފައިން އެ ދީނުގެ ޙައްޤުގައި ހަނގުރާމަ ކުރުމަކީ މުސްލިމުންގެ ހައިސިއްޔަތުން ކުރަން ޖެހޭ ކަމެކެވެ.

https://wamco.com.mv/

ދުނިޔަވީގޮތުން އިސްލާމީ އުންމަތް ކުރިއަރާ ދިއުމުގެ މުހިންމުކަން

އިސްލާމްދީން ދުނިޔޭގެ ކަންކޮޅުތަކުގައި ފެތުރިގެން ދިއުމަށް އިސްލާމީ އުންމަތް ކުރިއަރާ ދިއުން ވަރަށް މުހިންމެވެ. އަދި ވަކިން ޚާއްޞަކޮށް ޔޫރަޕާއި ހުޅަނގުގެ ޤައުމުތަކުގައި އިސްލާމީ ދައުވަތު ފެތުރިގެން ދިއުމަށް މިކަމުގެ ސަބަބުން މަގުފަހިވެގެންދާނެއެވެ. މިއަދު ޔަހޫދީންނާއި ނަޞާރާއިންވަނީ މުސްލިމުން ބައިބައި ކުރުމުގައި ކާމިޔާބު ހޯދާފައެވެ. ނަބިއްޔާ މުޙަންމަދު صلى الله عليه وسلمގެ ޒަމާނުން ފެށިގެން އެކަތި ގަނޑެއްގެ ގޮތުގައި ކުރިއަރާ ދިޔަ މާތްވެގެންވާ އިސްލާމްދީން މިއަދުވަނީ ބަލިކަށި ކޮށްލާފައެވެ. ފުރަތަމަ ބޮޑުހަނގުރާމައިގައި އުޘްމާނީ ވެރިކަން ވެއްޓުމާއެކު އެއްކޮށް އެއްބައެއްގެ ގޮތުގައި އޮތް އިސްލާމީ އުންމަތް ބައިބައިވެ ވިއްސިވިހާލިވިއެވެ. މުދަލާއި ފައިސާއާއި ވެރިކަމުގެ ބޭނުމުގައި ތިބި މުސްލިމު ލީޑަރުން ޔޫރަޕާއި ހުޅަނގުގެ ޤައުމުތަކުގެ އެހީގައި ބިންތައްބަހާ ޤައުމުތައް އުފެއްދިއެވެ. މިކަންކަމުގެ ފަހަތުގައި ފޮތުވިފައިވަނީ ބާރާއި ނުފޫޒު ހޯދުމެވެ. ކާފަރުންނާއި އަތާއި އަތްޖޯޑުކޮށްގެންވިޔަސް ނުހައްގު މަންފާއާއި ފައިދާ ހޯދުމެވެ. ޔަހޫދީންނާއި ނަޞާރާއިން މުސްލިމުންގެ ލީޑަރުން އެމީހުން ދަމާލި މަކަރުވެރި ކަމުގެ ދަލުގައި ޖައްސާލީ ހިންދެމިލާނެ ފުރުޞަތުވެސް ލިބުނަނުދީއެވެ. ޢާހިރުގައި މުސްލިމުންގެ ބާރުކެނޑި ނިކަމެތި ބަޔަކަށްވީއެވެ.

ޞަލާޙުއްދީނުލް އައްޔޫބީ ނަޞާރާއިންނާއި ހަނގުރާމަކޮށް މީލާދީން 1187ވަނަ އަހަރު ޤުދުސް ފަތަޙަ ކުރައްވާ ޤުދުސް މިނިވަން ކުރެއްވިއެވެ. ދުނިޔޭގެ ފުރަތަމަ ބޮޑު ހަނގުރާމައަށްފަހު، ފަލަސްޠީނު ދިޔައީ އިނގިރޭސިންގެ އަތްދަށަށެވެ. މިކަން މެދުވެރިވީ އިސްވެދެންނެވުނު ފަދައިން މުސްލިމު އުންމަތް ބައިބައިވެ ވިއްސިވިހާލިވެފައި އޮތުމުންނެވެ. އެއަށްފަހު ޔަހޫދީންގެ ސިޔާސީ ޙިކުމަތްތެރީން ފަލަސްޠީނުގައި ޔަހޫދީ ދައުލަތެއް އިސްރާއީލުގެ ނަމުގައި އުފެއްދުމަށް އިނގިރޭސިންގެ ކިބައިން އެދުނެވެ. އަދި ވައުދުނާމާއެއް ތައްޔާރުކޮށް ދެބައިމީހުން ސޮއެ ކުރިއެވެ. ދެން ފެންނަންފެށީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅެމުންދިޔަ ޔަހޫދީން ފަލަސްޠީނުގެ ބިމަށް ޖަމާކުރަމުންދިޔަ މަންޒަރެވެ. އެއަށްފަހު އިނގިރޭސީންނާއި ހުޅަނގުގެ ދައުލަތްތަކުގެ އެހީގައި ޔަހޫދީން ފަލަސްޠީނުގެ ބިން ފޭރިގަތީއެވެ. މި ހުރިހާކަމެއް ހިނގަމުން ދިޔައީ މުސްލިމު ވެރިންގެ ލޯކުރިމަތީގައެވެ. އަޅާނުލާ ދޫކޮށްލުމުގެ ސަބަބުން ބައިތުލް މަޤްދިސްހުރި މުޤައްދަސް ބިން މުސްލިމުންގެ އަތުން ބީވެދިޔައީއެވެ.

މުސްލިމުންނަށް އެކި ދާއިރާތަކުން ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، އެ ގޮންޖެހުންތަކުގެ ސަބަބުން ކުރިމަތިވެފައިވާ މައްސަލަތައް

އިސްލާމްދީން ފެށިގެން އައީ ބައިބައިވުމެއްނެތް އެއް އުންމަތެއްގެ ގޮތުގައެވެ. އެއްބައެއްގެ ގޮތުގައެވެ. ތާރީޚީ ޞަފްޙާތަކުން ހިރަފުސް ފޮޅާލައި ބަލައިލުމުން ފެންނަ ޙަޤީޤަތަކީ ނަބިއްޔާ މުޙަންމަދު صلى الله عليه وسلمގެ ޒަމާނުގައި މުސްލިމުންގެ މެދުގައި ބަދަހި ގުޅުމެއް އޮތްކަމެވެ. މައްކާގައި ދިރިއުޅެމުންދިޔަ މުސްލިމުންނަށް ދިމާވި ދަތިތަކާއި އުނދަގޫތަކަށް ކެތްނުކުރެވިގެން މާތް ނަބިއްޔާ މުޙަންމަދު صلى الله عليه وسلم އެބައިމީހުންނާއެކު މަދީނާއަށް ހިޖުރަކުރެއްވިއެވެ. އަދި މައްކާއިން ހިޖުރަކުރެއްވި މުސްލިމުންނާއި މަދީނާގެ މުސްލިމުން އަޚްކުރެއްވިއެވެ. މިއީ ކަންހިނގަމުން އައިގޮތެވެ. މުސްލިމުންނަކީ އެއްބައެއްކަން މާތްﷲ ކީރިތި ޤުރުއާނުގައިވަނީ ބަޔާންކުރައްވާފައެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ. (إِنَّ هَٰذِهِ أُمَّتُكُمْ أُمَّةً وَاحِدَةً وَأَنَا رَبُّكُمْ فَاعْبُدُونِ) މާނައީ؛ ހަމަކަށަވަރުން، މިއީ، އެއް އުއްމަތެއް ކަމުގައިވާ ތިޔަބައިމީހުންގެ އެއްމަތެވެ. އަދި ތިމަންރަސްކަލާނގެއީ، ތިޔަބައިމީހުންގެ ވެރި ރަސްކަލާނގެއެވެ. ފަހެ، ތިޔަބައިމީހުން ތިމަން ރަސްކަލާނގެއަށް އަޅުކަންކުރާށެވެ! ނަބިއްޔާ މުޙަންމަދު صلى الله عليه وسلمގެ ޒަމާނަށްފަހު މުސްލިމުންގެ މެދުގައި ތަފާތު ފިރުޤާތައް އުފެދި ބައިބައިވެއްޖެއެވެ. މިއަދު މުސްލިމުންނަކީ ނަމުގައި އެއް އުންމަތެއްގެ ގޮތުގައި ތިބި ބަހެއްކަން އަދުގެ ދުނިޔޭގެ ޙާލަތައް ނަޒަރު ހިންގާލުމުން ފެންނާނެއެވެ. ކޮންމެ ޤައުމެއްގައިވެސް ކޮންމެ ޝަހަރެއްގައިވެސް އަނިޔާލިބޭ ބަޔަކަށް މިއަދު މުސްލިމުންވަނީވެފައެވެ. އަދުގެ ދުނިޔޭގައި މުސްލިމުންނަށް އެކި ދާއިރާތަކުން ގިނަ ގޮންޖެހުންތަކެއް އައްނަނީ ކުރިމަތިވަމުންނެވެ. އަދި މި ގޮންޖެހުންތަކުގެ ސަބަބުން ވަރަށް ގިނަ މައްސަލަތައް ދިމާވެ ޙައްލުކުރަންވަނީ ދަތިވެފައެވެ.

ފުރަތަމަ ބޮޑުހަނގުރާމައަށްފަހު މެދުއިރުމައްޗާއި ސީޝާންއާއި ބަލްކަން ސަރަހައްދާއި ލެވާންޓުގައި އެކުލެވިގެންވާ ބިންތައް ޖުމްހޫރިއްޔާ ތަކަކަށް ބަދަލުވެގެން ދިޔައެވެ. އާދެ މިނިވަން މުސްތަޤިއްލު ދައުލަތްތަކެއްގެ ގޮތުގައެވެ. ފާރިސްކަރައިގެ ސަރަހައްދުގައި އީރާނާއި އަޒަރުބައިޖާނާއި އަފްޤާނިސްތާނެވެ. ލެވާންޓް ސަރަހައްދުގައި ސީރިއާއި އިރާޤާއި އުރުދުންއާއި ލުބުނާން ފަދަ ޤައުމުތަކެވެ. ގަލްފުގައި ސައުދީ އަރަބިޔާ އޮމާން އަދި ޤަތަރު ފަދަ ޤައުމުތަކެވެ. މި ޤައުމުތަކުން ތެލާއި ގޭސް ފެނުމުން ތަނަވަސްކަމާއި ތިޔާގިކަން ލިބިގެންދިޔައެވެ. ނަމަވެސް މުސްލިމުންނަށް ލިބެންޖެހޭ ފައިދާއާއި މަންފާ އޭގެ އެންމެ ފުރިހަމަ މާނައިގައި އޭރު ލިބެމުން ނުދެއެވެ. މިއަދުވެސް ކަން އޮތީ އެހެންނެވެ. އަރަބި އިސްލާމީ ދައުލަތްތަކަށްވުރެ ސައިންސާއި ޓެކްނޮލޮޖީގެ ރޮނގުން ކުރިއަރާފައިވަނީ ޔޫރަޕާއި ހުޅަނގުގެ ދައުލަތްތަކެވެ. ތެލާއި ގޭސް ނެގުމުގައި ބޭނުންކުރާނެ އާލަތްތަކާއި ވަސީލަތްތައް ހުރީ އެމީހުންގެ އަތުގައެވެ. މީގެ ސަބަބުން އެމީހުންނަށް ބޮޑު މަންފާލިބޭގޮތަށް ތެޔޮ ސާފުކުރަން ދޭންޖެހެއެވެ. ނަތީޖާއަކަށްވީ ހުޅަނގާއި ޔޫރަޕް، މުސްލިމުންގެ ޤުދުރަތީ ވަސީލަތްތައް ބޭނުން ކޮށްގެން ބިލިއަނުން ފޭރެން ފެށުމެވެ. އެ ފައިސާގެ ބައެއް ޚަރަދުކޮށްގެން ޓެރެރިޒަމް ނައްތާލުމުގެ ނަމުގައި ދިޔައީ މުސްލިމު ދައުލަތްތައް ސުންނާފަތި ކުރަމުންނެވެ. މިކަން މިއަދު އަފްޤާނިސްތާނާއި ސީރިޔާ އަދި ޢިރާޤު ފަދަ ޤައުމުތަކުގެ ޙާލަތުން އެހެރީ ފެންނާށެވެ. މުސްލިމުންގެ އަމިއްލަ ރިސާޗް ސެންޓަރުތަކެއް ނެތެވެ. ފުންނާބު އުސް ގިނަ ސައިންޓިސްޓުންނެއް ނެތެވެ. އަދި މިފަދަ އިލްމުތައް ލިބިފައިތިބި މަދު މުސްލިމުން ކޮޅުވެސް ތިބީ ހުޅަނގާއި ޔޫރަޕަށް ވިކިފައެވެ. މިއީ ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާގައި މުސްލިމުން ކުރިއަރާފައިނެތުމުން ލިބެމުންދާ ގެއްލުންތަކެވެ.

ތަރައްޤީއާއި ތަހުޒީބަށް ބަލާއިރު މުސްލިމު ގިނަ ޤައުމުތައް ތިބީ ވަރަށް ފަހަތުގައިކަން ފާހަގަ ކުރެއެވެ. އިނގިލިތަކުން ގުނާލެވޭހައި މަދު ބަޔަކު ތަރައްޤީވެ ކުރިއަރައިގޮސްފައިވިޔަސް ގިނަ މުސްލިމު ގޤައުމުތަކުގައި ތިބީ 3 އިރުގެ ކޮއްތު ނުލިބޭ މީހުންނެވެ. ރަނގަޅު ފެންވަރަށް ހެދިފައިވާ އިމާރާތްތައް މަދެވެ. ހަރުދަނާ ބޭންކިން ނިޒާމެއް ޤާއިމު ކުރެވިފައެއް ނޯވެއެވެ. ތައުލީމީ ނިޒާމު ދޯހަޅިވުމުގެ ސަބަބުން ކުއްކުރުން އިންތިހާ ދަރަޖައަށްވަނީ އިތުރުވެފައެވެ. މިއަހަރާއި މިދިޔަ އަހަރުގެ ކްރައިމް ރޭޓް އިންޑެކްސްގައި 4 ވަނައިގައި އޮތީ އަފްޤާނިސްތާނެވެ. އަދި އެންމެ ގިނަ ކުއްވެރިން ތިބި 50 ޤައުމުގެ ތެރޭގައިވެސް ގިނައީ އެފްރިކާ ބައްރަށް ނިސްބަތްވާ ފަޤީރު ޤައުމުތަކެވެ. މީގެ ތެރޭގައި ގިނައީ މުސްލިމް ޤައުމުތައްކަމުން މިއީ ހިތާމަ ކުރަންޖެހޭ ކަމެކެވެ. ހަރުދަނާ ބޭންކިން ނިޒާމުތައް ޤާއިމު ކުރެވިފައި ނުހުންނާތީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލިބޭ ފުރުސަތުމަދެވެ. މެދުފަންތީގެ ވިޔަފާރިތަކަށް ލޯނުގެ ގޮތުގައި ފައިސާ ލިބޭނެ އިންތިޒާމެއް ނުވަތަ ސްކީމެއް ހަމަޖެހިފައެއްނެތެވެ. ދަނޑުވެރިންނަށް ޕްރޮގްރާމްތައް ރާވާ ހިންގާ ދަނޑުވެރިކަމުގެ ޒަމާނީ ވަސީލަތްތައް ފޯރުކޮށްދެވޭކަށް ނެތެވެ. މިއީ މުޖުތަމައުގައި ދިރިއުޅޭ އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު ދައްވެ އިތުރަށް ފަޤީރުވެ ނިކަމެތިވެގެންދާނޭ ކަންކަމެވެ.

ގޮންޖެހުންތަކުގެ ސަބަބުތައް

ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާއިން މުސްލިމުން ޔޫރަޕަށްވުރެ ފަހަތުގައި މިއަދު ތިބެއްޖެހިފައިވަނީ މުސްލިމުންގެ ތެރޭގައި އިސްލާމީ އަޤީދާ ބަލިކަށިވެ މާއްދިއްޔަތަށް އަޅުކަންކުރަން ފެށުމުގެ ސަބަބުންނެވެ. މުސްލިމުންގެ ރަންޒަމާނުގައި އެބައިމީހުން އިލްމަށް ޤަދަރުކޮށް އެ އިލްމު ހެޔޮގޮތުގައި ބޭނުން ކުރަން މަސައްކަތް ކުރިއެވެ. ނަމަވެސް މިޒަމާނުގައި އެކަމަށް މަސައްކަތްކޮށް މުސްލިމުންގެ ސައިންޓިސްޓުންނަށް މަހާސިންތާތައް ބާއްވާ އަމާޒުތައް ކަނޑައަޅަށް އެހީތެރިވާނޭ ވެރިންނެއްނެތެވެ. އަދި މިފަދަ ކަންކަމަށް ހަރަދުކުރާނޭ ފައިސާއެއްވެސް އެމީހުން އަތަކު ނުހުރެއެވެ. ނަމަވެސް ކޮންމެ އިސްލާމީ ޤައުމަކުންވެސް އެމީހުންގެ ދިފާޢީ ބަޖެޓު ބޮޑުކޮށް ހުޅަނގުގައި އުފައްދާ ޒަމާނީ ހަތިޔާރު އެއްކުރަން ފައިސާހުންނަކަން ދައްކަމުންދެއެވެ. އަދި ގިނަފަހަރަށް މިބައިމީހުން ޖެހިފައިތިބެނީވެސް ތިމާމެންގެ މުންލިމު އަޙުންގެ ގޮތުގައި ބަލަންޖެހޭ އެހެން މުސްލިމު ޤައުމުތަކާއެވެ. މިއީ ބޭނުމެއްނެތް ބޭކާރު ކަމެކެވެ.

މުސްލިމް ޒުވާނުންނަށް ރަނގަޅު ތައުލީމާއި ތަރުބިއްޔަތު ލިބިފައިނެތުމަކީ މުޖުތަމައުގައި އެކުދިން ބާކީވެ ކުއްކުރުމާ ދިމާއަށް މިސްރާބު ޖަހާ ސަބަބުތަކުގެ ތެރެއިން މައިގަނޑު އެއްސަބަބެވެ. އެކުދީންނަށް ކުޅިވަރުގެ މައިދާނުގައި ހަރަކާތްތެރިވާނޭ އެކެށޭނަ ފުރުސަތު ލިބެމުން ނުދިޔުމަކީވެސް އެކުދީންގެ މިސްރާބު އެހެން ދިމާއަކަށް ބަދަލުވާން މެދުވެރިވާ ސަބަބެކެވެ. މުސްލިމް ޤައުމުތަކުގައި މިގޮތަށް މެދުވެރިވާ ދެ ސަބަބެއް ފާހަގަ ކުރެވެއެވެ. އެއްސަބަބަކީ ހަނގުރާމައިގެ ސަބަބުން މުޅި ޤައުމުގެ އިންފްރާސްޓްރަކްޗަރ ހަލާކުވެފައިވުމުވެ. މިގޮތުން އަފްޤާނިސްތާނާއި ސީރިއާއާއި ޢިރާޤު ދަފަ ޤައުމުތަކުގައި ހިނގި ހަނގުރާމަތައް ނިމިގެން، ހުޅަނގާއި ޔޫރަޕުގެ ސިފައިން ފައިބައިގެންދިޔައިރު ސްކޫލުތަކާއި ކުޑަކުދިންގެ ޕާކުތަކާއި ކުޅިވަރު އެކުވެނިތައްވަނީ ސުންނާފަތިވެ ބިމުގެ ވެއްޔާ އެކުވެފައެވެ. އެ ޤައުމުތަކުގެ ޢާންމު ރައްޔިތުންތިބީ އަނގަޔާ އަތާ ދިމާނުވާފަދަ ނިކަމެތި ޙާލުގައެވެ. އެއްއިރު ކެއިންޔާ އަނެއްއިރު ތިބީ ނުކައެވެ. އެމީހުންގެ އުންމީދަކީ ޤައުމު އާތާސްތުވެ ކުރީގެ ޙާލަތައް ރުޖޫޢަވުމެވެ. ދެވަނަ ސަބަބަކީ ތަރުބިއްޔަތުގައި ހުންނަ ނުކިއްސަރު ކަންތައްތަކެވެ. ދަރިން ތަރުބިއްޔަތު ކުރުމަކީ އެންމެ ފުރަތަމަ މައިންބަފައިންގެ ފަރާތުން ފެށިގެން އަންނަންޖެހޭ ކަމެކެވެ. އެކުދީން ބަލާ ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަކީ މައިންބަފައިންނަށް މާތްﷲ ޙަވާލުކުރައްވާފައިވާ މަސްއޫލިއްތެކެވެ. އެކުދީން ގޯސްކޮށް އުޅޭ ނަމަ އެކަމުގެ ޒިންމާ މައިންބަފައިން އުފުލަންޖެހެއެވެ. ގިނަ ފަހަރަށް ދަރީން ގޯސްމަގު އިޚްތިޔާރު ކުރަނީ މައިންބަފައިންގެ އަޅާލުމާއި އޯގާތެރިކަން ނުލިބޭތީއެވެ. ނަބިއްޔާ މުޙަމްމަދު صلى الله عليه وسلمގެ ކިބައިން އަބޫ ހުރައިރާ رضي الله عنه، ރިވާ ކުރައްވާފައިވާ ޙަދީޘެއްގައި ވެއެވެ. كُلُّ مَوْلُودٍ يُولَدُ عَلَى الفِطْرَةِ ، فَأَبَوَاهُ يُهَوِّدَانِهِ ، أَوْ يُنَصِّرَانِهِ ، أَوْ يُمَجِّسَانِهِ މާނައި: "ކޮންމެ ކުއްޖަކުވެސް ދުނިޔެއަށް އުފަންވަނީ ފިތުރަތުގެ ސާފު ޠާހިރު ކަންމަތީގައެވެ. އެކުއްޖަކު ޔަހޫދީއަކަށް ނުވަތަ މަޖޫސީއަކަށް ނުވަތަ ނަޞާރާއަކަށް ހަދަނީވެސް ހަމަ އެކުދިންގެ މައިން ބަފައިންނެވެ." ފަޤީރު މުސްލިމް އާބާދީތަކުގައި ހޭލުންތެރިކަން ކުޑަވުމުގެ ސަބަބުން ދަރީން ތަރުބިއްޔަތު ކުރުމުގައި އިހުމާލުވެވެއެވެ. ބަނޑުހައިހޫނުކަމުގައި ތިބެން ޖެހުމުގެ ސަބަބުން 10 އަހަރުން ދަށުގެ ކުދީން ލައްވާ މަސައްކަތް ކުރުވުންވަނީ އާންމުވެފައެވެ. ބައެއް ފަހަރު މިފަދަ ކުދީން އިންސާނީ ވަގު ވިޔަފާރީގެ ޝިކާރައަކަށްވެދެއެވެ. މިއީ މުސްލިމު މުޖުތަމައު ތަކުގައި ހުރި އިޖްތިމާއީ މައްސަލަތަކުގެ ކުޑަ މިސާލެކެވެ. ހުރިހާ ކަމެއް ކިޔަންވެއްޖެނަމަ ކޮޅުންލާނުދާ މިންވަރަށް ޙާލަތު އޮތީ ގޯސްވެފައެވެ.

ރަށްވެހިކަމުގެ ގޮތުން ގިނަ މުސްލިމު ޤައުމުތައް އޮތީ ވަރަށް ދަށުގައިކަނއް ފާހަގަ ކުރެވެއެވެ. މިގޮތުން ދަނޑުވެރިކަން އެކަށީގެންވާވަރަށް ކުރިއަރާފައި ނެތުމުން ޑިމާންޑާއި އެއްވަރަށް ކާނާގެ ބާވަތްތައް އާންމުންނަށް ލިބޭނެ އިންތިޒާމު ފަހިވެފައެއް ނުހުރެއެވެ. މިހެން މިކަން ދިމާވަނީ ދަނޑުވެރިކަމުގައި ޒަމާނީ އުކުޅުތައް ބޭނުން ނުކުރެވޭތީއެވެ. ދަނޑުވެރީންނަށް ތަމްރީނުދީ ކުރިއަރުވަން މަސައްކަތް ނުކުރާތީއެވެ. އެމީހުންނަށް ފަސޭހައިން ދަނޑުވެރިކަމުގެ ސާމާނު ލިބޭނެ ގޮތް ނެތީމައެވެ. މިހުރިހާ ދަތިތަކެއްގެ ސަބަބުން ތަކެތީގެ އަގު ބޮޑުވެ ތަދުމަދުކަން އިތުރުވެއެވެ. ހައިހޫނު ކަމުގައި މީހުންމަރުވެއެވެ. ކުއްކުރުން އިތުވެއެވެ. އަދި އެންމެ ފަހުން ތިމާގެ އަމިއްލަ ޤައުމު ދޫކޮށް ހިޖުރަވެރިޔެއްގެ ގޮތުގައި ޔޫރަޕާއި ހުޅަނގުގެ ޤައުމުތަކަށް މިސްރާބު ޖަހައެވެ. އޭނާ ނިސްބަތްވާ ޤައުމުގެ އާބާދީ މަދުވަމުން ދަނީއެވެ. ފަންނުވެރިންނާއި ހުނަރުތައް ލިބިފައިތިބި މީހުން އަމިއްލަ ވަޒަނަށް "ޓާޓާ" ކިޔަނީ ލޮލުން ކަރުނަ އަޅަމުންނެވެ.

އަދުގެ ދުނިޔޭގައި ގިނަ މުސްލިމު އާބާދީތަކަކީ ކެރިފޯރުންތެރިކަން ނެތް ތަންތެނެވެ. ރަނގަޅު ބޭންކިން ނިޒާމެއް ޤާއިމު ކުރުމަކީ މިފަދަ ޤައުމުތަކަށް މާފަސޭހަ ކަމަކަށް ނުވެއެވެ. ފައިސާ ހުރި ކަމުގައިވިޔަސް ވެރިންނާއި ހިސާބުން މޫލާފައިހުންނަ ބޮޑެތި ކޮރަޕްޝަންގެ މައްސަލަތަކުގެ ސަބަބުން މިފަދަ މުހިންމު ކަންމަކަށް ދޭ ސަމާލުކަން ކުޑައެވެ.

(ނުނިމޭ)

https://etukuri.mv/
https://eportal.mwsc.com.mv/e-pay