
ބޭސްފަރުވާއާއި ޕޯޓް މަޝްރޫޢަށް އައިޓީއެފްސީގެ އައު ފެސިލިޓީތަކެއް ހޯދުމަށް މަސައްކަތްކުރަނީ

އާމިނަތު ޝަޒްލާ - 07 ސެޕްޓެމްބަރު 2026 - 15:38
ރާއްޖޭގެ ސިއްހީ ދާއިރާގެ ސަޕްލައި ޗޭން ކަށަވަރުކުރުމަށްޓަކައި ބޭސްފަރުވާއަށް ހާއްސަ ޓްރޭޑް ފައިނޭންސިންގ ފެސިލިޓީއެއް ގާއިމުކުރުމަށާއި، މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢަށް އިސްތިރާޖީ އެހީތެރިކަން ހޯދުމަށް އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައި.ޓީ.އެފް.ސީ) އާއެކު އޮތް ގުޅުން އިތުރަށް ފުޅާކުރުމަށް ދިވެހި ސަރުކާރުން މަސައްކަތްކުރަމުންދާކަމަށް ފިނޭންސް މިނިސްޓަރީން ބުނެފިއެވެ.
އައި.ޓީ.އެފް.ސީގެ ދެވަނަ ފްރޭމްވޯކް އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް ޙަސަން ޒަރީރު ވަނީ، މި އިސްކަންދޭ ކަންކަމަކީ ގައުމީ އިގްތިސާދީ ދެމެހެއްޓެނިވިކަން ވަރުގަދަކުރުމަށާއި، ލޮޖިސްޓިކްސްގެ ހިދުމަތްތައް ނިއުކުރުމަށާއި، ގައުމީ ސިއްހީ ސަޕްލައި ޗޭން ކަށަވަރުކުރުމަށް ކުރެވޭ މުހިންމު ގައުމީ މަސައްކަތްތަކެއްކަން ފާހަގަކުރައްވާފައެވެ.
ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވާ އިގްތިސާދަކަށްވުމާއެކު، އެކަށީގެންވާ ވިޔަފާރި ފައިނޭންސިންގ ހޯދުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވަމުން މިނިސްޓަރ ޒަރީރު ވިދާޅުވީ، އެކަށީގެންވާ މާލީ އެހީތެރިކަން ލިބުމަކީ އަސާސީ މުދާ މެދުކެނޑުމެއްނެތް ގޮތެއްގައި އެތެރެކުރުމަށާއި، އެތެރޭގެ ވެލިއު ޗޭންތައް ވަރުގަދަކުރުމުގެ އިތުރުން އޯއައިސީގެ މެންބަރު ގައުމުތަކާއެކު އޮންނަ އިގްތިސާދީ ގުޅުން ބަދަހިކުރުމަށް ލިބޭ ބޮޑު ބާރެއް ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ އައިޓީއެފްސީ އުފެދުނީއްސުރެ، އެ މުއައްސަސާއަކީ ދިވެހިރާއްޖޭގެ ތަރައްގީގެ ވަރުގަދަ ބައިވެރިއެއް ކަމަށާއި ރާއްޖޭގެ ހަކަތައިގެ ބޭނުންތަކަށް ފޯރުކޮށްދިން މުހިންމު އެހީތެރިކަމާއެކު ފެށުނު ގުޅުން، މިއަދު ވަނީ މައިގަނޑު ކާބޯތަކެއްޗާއި ބޭސްފަރުވާއަށް ބޭނުންވާ ތަކެތި އިމްޕޯޓް ކުރުމުގެ އިތުރުން، މަސްވެރިކަމާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ފަދަ މުހިންމު ދާއިރާތަކުގެ ކުރިއެރުމަށް މަގުފަހިކޮށްދޭ ފުރިހަމަ ޕާޓްނަޝިޕަކަށް ބަދަލުވެފައި ކަމަށެވެ.
އަދި މި ދެމެހެއްޓެނިވި ގުޅުމުގެ މައިގަނޑު އެއް އަސާސަކީ 2017 ވަނަ އަހަރުން ފެށިގެން އެސްޓީއޯއަށް ދޫކުރަމުންދާ ރޯލްއޯވަރ ޓްރޭޑް ފައިނޭންސް ފެސިލިޓީކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިއީ އަސާސީ މުދާ އެތެރެކުރުމަށް ބޭނުންވާ މާލީ ފައިސާ ފޯރުކޮށްދީ، ދައުލަތުގެ ވިޔަފާރިތަކަށް ހަމަޖެހުން ހޯދައިދޭ މުހިންމު ވަސީލަތެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
އިގްތިސާދީ ގޮންޖެހުންތަކުގެ ވަގުތުތަކުގައި އައި.ޓީ.އެފް.ސީން އަދާކުރި ދައުރަށް އަލިއަޅުވާލައްވަމުން، މިނިސްޓަރު ޒަރީރު ވަނީ އެ މުއައްސަސާއަކީ އެންމެ އިތުބާރުހުރި ތަރައްގީގެ ބައިވެރިއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އެގޮތުން ކޮވިޑް-19 ގެ އާލަމީ ވަބާގެ ތެރޭގައި ވެދިން އެހީތެރިކަމާއި، ދުނިޔޭގެ ތެލުގެ އަގުތަކަށް އައި ބަދަލުތަކުން ސަލާމަތްވުމަށް ދޫކުރި 25 މިލިއަން ޑޮލަރުގެ ކުއްލި ފެސިލިޓީ ފާހަގަކުރެއްވިއެވެ.
އައު އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް ތަނުގައި މާކެޓް އިތުރަށް ފުޅާކުރުމަށާއި، އަމިއްލަ ވިޔަފާރިތައް ކުރިއެރުވުމަށާއި، އިގްތިސާދު ސިންދަފާތުކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރު ހަރުފަތަކަށް ކުރިއަރައިގެންދާނެކަމަށް އުއްމީދުކުރައްވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ހިމަބިހި ޖެހުނު މީހުންގެ އަދަދު 264 އަށް އަރައިފި
11 މިނިޓު ކުރިން

މިލިއަނަކަށްވުރެ ގިނަ ފަތުރުވެރިން ރިސޯޓްތަކުގައި ޗުއްޓީ ހޭދަކޮށްފި
12 މިނިޓު ކުރިން

ފްލެޓްތަކުގެ ކުޑަދޮރުތަކުގައި ގްރިލް ހަރުކުރުމުގެ މަސައްކަތް އެޗްޑީސީ އިން ފަށައިފި
13 މިނިޓު ކުރިން

ރިޔާސީ ޕްރައިމަރީގައި ތާއީދުކުރައްވަނީ ފައްޔާޒް އަށް: ރައީސް ނަޝީދު
15 މިނިޓު ކުރިން


