
ފްލެޓްތަކުގެ ކުޑަދޮރުތަކުގައި ގްރިލް ހަރުކުރުމުގެ މަސައްކަތް އެޗްޑީސީ އިން ފަށައިފި

މުޙައްމަދު ފަޟްލޫން - 08 ސެޕްޓެމްބަރު 2026 - 09:01
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބެލުމުގެ ދަށުގައިވާ ފްލެޓްތަކުގެ ކުޑަދޮރުތަކާއި ބެލްކަނިތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެދިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
އެޗްޑީސީ އިން މިހާރު ވަނީ ހުޅުމާލެ ހިޔާ ފްލެޓްތަކުގެ ބައެއް އެޕާޓްމަންޓްތަކުގެ ކުޑަދޮރުތަކުގައި ސަލާމަތީ ގްރިލް ނުވަތަ ރައްކާތެރިކަމުގެ ޖާލި ހަރުކޮށްދީފައެވެ.
މި މަސައްކަތާ ގުޅޭގޮތުން އެޗްޑީސީން ހާމަކުރި ގޮތުގައި، މިއީ ފްލެޓްތަކުގައި ދިރިއުޅޭ އާއިލާތަކަށް، ހާއްސަކޮށް ކުޑަކުދިންނަށް އަމާން އަދި ރައްކާތެރި މާހައުލެއް ބިނާކޮށްދިނުމުގެ މަތިވެރި މަގްސަދުގައި ކުރިއަށްގެންދެވޭ މުހިންމު ހަރަކާތެއް ކަަމަށް ބުނެފައެވެ.
މީގެއިތުރުން އެޗްޑީސީން ފާހަގަކޮށްފައިވަނީ، ހުޅުމާލޭގެ ހުރިހާ ރައްޔިތުންގެ، އަދި ވަކިން ހާއްސަ ކޮށް ސޯޝަލް ހައުސިންގ ފްލެޓްތަކުގެ ދިރިއުޅޭ ފަރާތްތަކުގެ ފުރާނައާއި މުދަލުގެ ރައްކާތެރިކަމަކީ އެ ކޯޕަރޭޝަނުން އަބަދުވެސް އެންމެ މަތީ އިސްކަމެއްދޭ ކަންތައް ކަމަށެވެ. އަދި މިފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެދި ހުށަހަޅާ ފަރާތްތަކަށް ކުރިއަށް އޮތް ތަނުގައިވެސް އެއްބާރުލުމާއި އެހީތެރިކަން މެދުކެނޑުމެއްނެތި ފޯރުކޮށްދެމުން ގެންދާނެ ކަމުގެ ޔަގީންކަން އެ ކޯޕަރޭޝަނުން ވަނީ ދީފައެވެ.
އެޗްޑީސީގެ ބެލުމުގެ ދަށުގައިވާ ފްލެޓްތަކާއި އެޕާޓްމެންޓްތަކުގެ ކުޑަދޮރުތަކުގައި ސަލާމަތީ ގްރިލް ނުވަތަ ރައްކާތެރިކަމުގެ ޖާލި ހަރުކޮށްދޭން ފަށާފައިވާއިރު މާލެ ސިޓީ ކައުންސިލްގެ ފަރާތުންވެސް ވަނީ ހުޅުމާލޭގައި ދިރިއުޅެމުންދާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާއި މަގުމަތީގެ ނުރައްކާތަކުން ރައްޔިތުން ސަލާމަތްކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅައިދިނުމަށް އެޗްޑީސީ ގައި މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ރަސްމީކޮށް އެދިފައެވެ.
ގުޅުން ހުރި ޙަބަރުތައް

ހިމަބިހި ޖެހުނު މީހުންގެ އަދަދު 264 އަށް އަރައިފި
24 މިނިޓު ކުރިން

މިލިއަނަކަށްވުރެ ގިނަ ފަތުރުވެރިން ރިސޯޓްތަކުގައި ޗުއްޓީ ހޭދަކޮށްފި
26 މިނިޓު ކުރިން

ރިޔާސީ ޕްރައިމަރީގައި ތާއީދުކުރައްވަނީ ފައްޔާޒް އަށް: ރައީސް ނަޝީދު
28 މިނިޓު ކުރިން

ހިތަދޫގައި އިމާރާތްކުރި ފުލުހުންގެ އެކޮމޮޑޭޝަން އިމާރާތް ހުޅުވައިފި
30 މިނިޓު ކުރިން


