logo

ރިޔާސީ ޕްރައިމަރީގައި ތާއީދުކުރައްވަނީ ފައްޔާޒް އަށް: ރައީސް ނަޝީދު

profile

މުޙައްމަދު ފަޟްލޫން - 08 ސެޕްޓެމްބަރު 2026 - 08:59

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެމަނިކުފާނު ތާއިދުކުރައްވަނީ ކުރީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް އަށް ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއަރޕާސަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

އެސްއެސްޓީވީގެ ޕްރޮގްރާމެއްގައި ބައިވެރިވެ ވަޑައިގެން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ފަރާތުން އެމަނިކުފާނު އިސްވެ ފައްޔާޒް އާއި އެކު ފައްޓަވާފައިވާ އިސްލާހީ މަސައްކަތް ކަމަށްވާ ބޮޑުބަދަލުގައި އެމަނިކުފާނާ އެކުގައި އުޅުއްވަނީ ފައްޔާޒް ކަމަށެވެ.

ފައްޔާޒް އިސްމާއިލް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވަނީ ފައްޔާޒްއަށް އެމްޑީޕީގެ ޕްރައިމަރީގައި ތާއީދުކުރައްވާނެ ކަމަށް ވިދާޅުވެ އެކަން ތަކުރާރުކުރައްވާފައެވެ.

މިއަދު ރާއްޖޭގެ އިގްތިސާދީ ހާލަތު ހީނަރުވަމުންދާކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ތަކެތީގެ އަގު އުފުލެމުންދާ ކަމަށެވެ.

ބޮޑު ބަދަލުގެ އަމާޒަކީ ރައްޔިތުންނަށް ތަނަވަސްކަން ހޯދައިދިނުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ގާނޫނު އަސާސީގައި ލިޔެފައި އޮންނަ އެއްޗަކާއި ރައްޔިތު މީހާގެ ޖީބަށް ވަންނަ އެއްޗަކާއި ގުޅުމެއް ނެތް ކަމަށް ބައެއް ފަހަރު ހީވި ނަަމަވެސް އެދެކަމަކީ ގުޅިލާމެހިފައިވާ ދެކަން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

2008 ވަނަ އަހަރު ތަސްދީގުކުރެވުނު ގާނޫނު އަސާސީއަށް އަމަލުކުރަމުންދާތާ 18 ވަރަކަށް އަހަރުވެފައިވާކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ އެ ގާނޫނު އަސާސީ ލިބުނު އިރު ދިވެހި ދައުަލަތުގެ އާމްދަނީ އަކީ 7 ބިލިއަން ރުފިޔާ ކަމަށެވެ. ނަމަވެސް މިއަދު ދިވެހި ދައުލަތުގެ އާމްދަނީ ހުރީ 40 ބިލިއަން ރުފިޔާ އަށް ވުރެ މަތީގައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ދައުލަތުގެ އާމްދަނީ އަށް މިހާތަނަށް ލިބުނު ކުރިއެރުމަކީ 2008 ވަނަ އަހަރު ތަސްދީގުކުރެވުނު ފެހި ގާނޫނު އަސާސީ އިން ލިބިފައިވާ ކާމިޔާބީ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ފެހި ގާނޫނު އަސާސީގައި ގޮންޖެހުންތަކެއް ހުރި ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

މިހާރު އަމަލުކުރަމުންދާ ފެހި ގާނޫނު އަސާސީގައި ހާއްސަގޮތެއްގައި ރައީސުލްޖުމްހޫރިއްޔާގެ ބާރުތައް އިންތިހާއަށް ބޮޑުކޮށް އޮތުމުން ރައްޔިތުން އެދޭ ގޮތްގޮތަށް ކަންކަން ނުހިނގާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މިސާލެއްގެ ގޮތުގައި ރައީސް ނަޝީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަކަށް އަންނަ މީހަކަށް ރައްޔިތުންގެ މަޖިލީހުގެ ކޮންޓްރޯލް ހޯއްދަވަން ޖެހޭ ކަމަށެވެ.

މަޖިލީހުގެ ކޮންޓްރޯލް ހޯދަން އުޅުމުގެ ތެރޭގައި މަޖިލިސް މެމްބަރުންގެ މަސްއޫލިއްޔަތު އަދާނުކުރެވޭ މިންވަރަށް އެބޭފުޅުންގެ ކަންތައްތައްދާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެހެންވުމުގެ ސަބަބުން ގާނޫނު އަަސާސީ ކާމިޔާބު ނުވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނާއި އެމްޑީޕީ އިން މަސައްކަތްކުރީ 3 ބާރު ވަކިވެފައި އޮތް ގާނޫނު އަސާސީއެއް ހޯދަން ކަމަށާއި ނަމަވެސް އެކަން އެހެން ނުވި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެހެންކަމުން ގާނޫނު އަސާސީ އާއި މެދު ވިސްނައި ފިޔަވަޅުތަކެއް އަޅައި ގާނޫނުތަކަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

https://wamco.com.mv/
tel:+9607331319