logo

އޭޝިއަން ގޭމްސްގެ 7 ކުޅިވަރެއްގައި ރާއްޖެއިން ވާދަކުރަނީ

profile

އާމިނަތު ޝަޒްލާ - 22 އޯގަސްޓު 2026 - 13:39

ކުރިއަށް އޮތް އޭޝިއަން ގޭމްސްގައި ރާއްޖޭގެ އެތްލީޓުން 7 ކުޅިވަރަކުން ޤައުމު ތަމްސީލުކުރާނެ ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން ހާމަކޮށްފިއެވެ.

https://wamco.com.mv/

މިކަން ހާމަކުރެއްވީ އެމްއޯސީގެ ސެކްރެޓެރީ ޖެނެރަލް ތަމޫހް އަހްމަދު ސަޢީދު، މީޑިއާއަށް ދިން އިންޓަރވިއުއެއްގައި ވާހަކަދައްކަމުންނެވެ. ތަމޫހް ވިދާޅުވީ އަންނަ މަހުގެ 19 އިން އޮކްޓޯބަރު މަހުގެ 4 އަށް ޖަޕާނުގެ އައިޗީ އަދި ނަގޯޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ރާއްޖެއިން ހަތް ކުޅިވަރެއްގައި ވާދަކުރާނެ ކަމަށެވެ.

މި މުބާރާތުގައި ރާއްޖެއިން ވާދަކުރާ ކުޅިވަރުތަކުގެ ތެރޭގައި ސާފިން، ސްވިމިން، ޓޭބަލް ޓެނިސް، އެތްލެޓިކްސް، ބެޑްމިންޓަން، ޝޫޓިންގެ އިތުރުން ބީޗް ވޮލީ ހިމެނެއެވެ.

މުބާރާތުގައި ވާދަކުރާނެ ޤައުމީ އެތްލީޓުން މިހާރު ހޮވާ ނިމިފައިވާކަން ފާހަގަކުރައްވަމުން ތަމޫހް ވިދާޅުވީ، އެތްލީޓުން މުބާރާތަށް ފުރުމަށް ހަމަޖެހިފައިވަނީ އެކި ތާރީޚުތަކުގައި ކަމަށެވެ. އެހެންކަމުން އެތްލީޓުންގެ ޓިކެޓާއި ދަތުރުފަތުރުގެ އެންމެހައި ކަންކަން ހަމަޖެއްސުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މުބާރާތުގައި ބައިވެރިވުމަށްޓަކައި އިދާރީގޮތުން ފުރިހަމަކުރަންޖެހޭ ގިނަ މަސައްކަތްތަކެއް ހުރިކަން ފާހަގަކުރައްވައި އެމްއޯސީއިން ބުނީ، ކުޅުންތެރިންގެ ރެޖިސްޓްރޭޝަނާއި އެކޮމޮޑޭޝަންގެ އިތުރުން، މުބާރާތުގެ ކުރިން ޖަޕާނަށް ދިއުމަށް ފުރިހަމަކުރަންޖެހޭ އެންމެހާ ކަންކަން ފުރިހަމަކުރުމުގެ މަސައްކަތް ވެސް މިހާރު ކުރަމުންދާ ކަމަށެވެ.

20 ވަނަ އޭޝިއަން ގޭމްސް ނުވަތަ "އައިޗީ-ނަގޯޔާ 2026" ގައި އޭޝިއާގެ 45 ޤައުމަކުން އެތްލީޓުން ވާދަކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގެ ކުޅިވަރުތައް ކުރިއަށްދާނީ އައިޗީގެ 24 ސްޓޭޑިއަމެއްގެ އިތުރުން ނަގޯޔާގެ 15 ސްޓޭޑިއަމެއްގައެވެ.

https://wamco.com.mv/
tel:+9607331319