logo

ކުދި ޖަޒީރާ ޤައުމުތަކުގެ ވިޔަފާރި ފޯރަމް ރާއްޖޭގައި ބާއްވަނީ

profile

އާމިނަތު ޝަޒްލާ - 22 އޯގަސްޓު 2026 - 13:05

ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ވިޔަފާރިއާއި އިޤްތިޞާދާ ގުޅޭ ބައިނަލްއަޤްވާމީ މުހިންމު ދެ ފޯރަމެއް ކަމަށްވާ "ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމް 2026" އަދި "އައިލެންޑް އިންވެސްޓްމަންޓް ފޯރަމް" މި ހިނގާ އޮގަސްޓު މަހުގެ 23 އިން 25 އަށް ދިވެހިރާއްޖޭގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

https://wamco.com.mv/

ބާސެލޯ ނަސަންދުރަ މާލެ ހޮޓަލުގައި ކުރިއަށްދާ މި ފޯރަމަކީ ދިވެހި ސަރުކާރުގެ ފަރާތުން ޚާރިޖީ ވުޒާރާއާއި، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި، އެންޓީގާ އެންޑް ބާބޫޑާގެ ސަރުކާރު އަދި އދ. ގެ އޮފީސް އޮފް ދަ ހައި ރެޕްރެޒެންޓޭޓިވް ފޯ ލީސްޓް ޑިވެލޮޕްޑް، ލޭންޑްލޮކްޑް ޑިވެލޮޕިން ކަންޓްރީސް އެންޑް ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (އޯ.އެޗް.އާރު.އެލް.އެލް.އެސް) ގުޅިގެން އިންތިޒާމުކުރާ ބައްދަލުވުމެކެވެ. ދުނިޔޭގެ 30 އަށް ވުރެ ގިނަ ޤައުމުން 200 އަށް ވުރެ ގިނަ މަންދޫބުން މި ފޯރަމްގައި ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

މި މުހިންމު ފޯރަމް ރާއްޖޭގައި ބޭއްވުމަށް މަގުފަހިވެގެންދިޔައީ 2024 ވަނަ އަހަރު އެންޓީގާ އެންޑް ބާބޫޑާގައި ބޭއްވި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ހަތަރުވަނަ ބައިނަލްއަޤްވާމީ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ކުރެއްވި މަސައްކަތްޕުޅުތަކުގެ ތެރެއިންނެވެ. އެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކުދި ޖަޒީރާ ޤައުމުތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، ދެމެހެއްޓެނިވި ތަރައްޤީއަށާއި ވަކީން ޚާއްސަކޮށް ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަށް ގޮވާލައްވާފައެވެ. އަދި އެ ކޮންފަރެންސްގެ ނައިބު ރައީސްގެ ހައިސިއްޔަތުން ޕްލެނަރީ ސެޝަންތައް އެމަނިކުފާނު ޗެއާ ކުރެއްވިއިރު، ރާއްޖެއިން ވަނީ ޕްރިޕެރޭޓަރީ ކޮމިޓީގެ ކޯ-ޗެއާކަން ކޮށް، މުހިންމު ހައި-ލެވަލް ސައިޑް އިވެންޓުތަކެއްވެސް ބާއްވާފައެވެ.

ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމަކީ 2014 ވަނަ އަހަރުން ފެށިގެން ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވަމުން އަންނަ ފޯރަމެކެވެ. މި ފޯރަމްގެ މައިގަނޑު މަޤްޞަދަކީ ކުދި ޖަޒީރާ ޤައުމުތަކުގެ ތަރައްޤީގެ މަސައްކަތްތަކުގައި ސަރުކާރުތަކުގެ އިތުރުން ވިޔަފާރިވެރިންނާއި، އިންވެސްޓަރުންނާއި، އެހީދޭ ފަރާތްތަކުގެ އިތުރުން މަދަނީ ޖަމްޢިއްޔާތަކުގެ ބައިވެރިވުން އިތުރުކުރުމެވެ. މިގޮތުން ވިޔަފާރިކުރުމަށާއި އިންވެސްޓްމަންޓްތަކަށް ހުރި ގޮންޖެހުންތަކުން އަރައިގަތުމަށް ތަޖުރިބާ ޙިއްސާކޮށް ގުޅުން ބަދަހިކުރުމުގެ ފުރުޞަތު މި ފޯރަމުން ލިބިގެންދާނެއެވެ.

މީގެއިތުރުން، މިއަހަރުގެ ފޯރަމާއެކު ރަސްމީކޮށް އިފްތިތާޙުކުރެވޭ "އައިލެންޑް އިންވެސްޓްމަންޓް ފޯރަމް" އަކީ "އެންޓީގާ އެންޑް ބާބިއުޑާ އެޖެންޑާ ފޯ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (އަބާސް)" ގެ ދަށުން ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ފޯރަމެކެވެ. މި ފޯރަމްގެ އަމާޒަކީ ކުދި ޤައުމުތަކުގައި އިންވެސްޓްކުރުމަށް ހުރި ފުރުޞަތުތައް ދެނެގަނެ، އިންވެސްޓަރުން ހޯދުމެވެ.

މި ފޯރަމްގެ ތެރެއިން ރާއްޖޭގެ ތަރައްޤީގެ ތަޖުރިބާތަކާއި ވިޔަފާރިތަކުގެ އީޖާދީ މަސައްކަތްތައް ދައްކާލުމަށް ޚާއްސަ އިސްކަމެއް ދެވޭނެއެވެ. އެގޮތުން ފަތުރުވެރިކަމާއި، މަސްވެރިކަމާއި، އިޔާދަކުރަނިވި ހަކަތައިގެ އިތުރުން ތިމާވެށި ރައްކާތެރިކުރުމުގެ ދާއިރާއިން ރާއްޖެއިން ހޯދާފައިވާ ކާމިޔާބީތައް ބައިނަލްއަޤްވާމީ މުޖުތަމަޢާ ޙިއްސާކުރުމަށް ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.

https://wamco.com.mv/
tel:+9607331319