
ތިލަމާލެ ބްރިޖު މަޝްރޫއު: މާލެ-ވިލިމާލެ ދެމެދުގެ ފަހު ސެގްމެންޓް ގުޅުވާލައިފި

އާމިނަތު ޝަޒްލާ - 22 އޯގަސްޓު 2026 - 13:09
ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް (ތިލަމާލެ ބްރިޖު) ގެ ދަށުން މާލެ އާއި ވިލިމާލެއާ ދެމެދު ގުޅުވައިދޭ އެންމެ ފަހު ސެގްމެންޓް ލޯންޗުކޮށް، ދެ ރަށް އެއްކޮށް ގުޅުވާލައިފިއެވެ.
މާލެ އާއި ވިލިމާލެ ގުޅުވާލުމަށްޓަކައި އަޅަންޖެހޭ އެންމެ ފަހު ސެގްމެންޓް ކާސްޓު ކުރުމުގެ މަސައްކަތް ފަށާފައިވަނީ މިއަދު ހެނދުނު 11:00 ގައެވެ. މި މަސައްކަތާ ގުޅޭގޮތުން ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ވިދާޅުވީ، ތިލަމާލެ ބްރިޖުގެ މާލެ އާއި ވިލިމާލެއާ ދެމެދުގެ އެންމެ ފަހު ސެގްމެންޓް މިހާރު ލޯންޗުކޮށް، މާލެއާއި ވިލިމާލެ ކާމިޔާބުކަމާއެކު ގުޅުވާލެވިފައިވާ ކަމަށެވެ. އަދި މި ސެގްމަންޓުތައް ގުޅައި ނިމުމާއެކު، ދެން ކުރިއަށްދާނީ ބްރިޖުގެ މަތީގައި ތާރުއަޅައި މަގު ހެދުމުގެ އަމަލީ މަސައްކަތްތަކެވެ.
ތިލަމާލެ ބްރިޖު މަޝްރޫއަކީ ޖުމްލަ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ގެ ބިޔަ މަޝްރޫއެކެވެ. މިއީ އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހަމަޖެހިފައިވާ 400 މިލިއަން ޑޮލަރާއި، އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ގޮތުގައި ލިބިފައިވާ 100 މިލިއަން ޑޮލަރު ހިމަނައިގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.
މި މަޝްރޫއުގެ ދަށުން މައިގަނޑު ތިން ބްރިޖެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި މާލެ އާއި ވިލިމާލެ ގުޅާލާ ބްރިޖާއި، ވިލިމާލެ އާއި ގުޅީފަޅު ގުޅާލާ ބްރިޖުގެ އިތުރުން ގުޅީފަޅާއި ތިލަފުށި ގުޅާލާ ބްރިޖު ހިމެނެއެވެ.
މީގެ އިތުރުން، އުޅަނދުފަހަރު ދަތުރުފަތުރު ކުރުމަށް ފަސޭހައަކަށް ވިލިމާލޭގައި ރޭމްޕެއް ހެދުމާއި، ގުޅީފަޅުގައި އުޅަނދުތައް ދަތުރުކުރާނެ ހާއްސަ މަގެއް ހެދުންވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ހިންގަން ފެށި މި މަޝްރޫއުގެ އަމަލީ މަސައްކަތް އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާއާ ހަވާލުކޮށްފައިވަނީ 26 އޮގަސްޓް 2021 ގައެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ މި މަޝްރޫއު ވަރަށް ބޮޑަށް ލަސްވެ، ދިގުލައިގެން ގޮސްފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، މުޅި މި ބިޔަ މަޝްރޫއުގެ ނިމިފައި އޮތީ އެންމެ 27 އިންސައްތަ މަސައްކަތެވެ.
މި ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ބާރު ދުވެލީގައި މިހާރު ކުރިއަށްގެންދާ މި މަސައްކަތުގެ ތެރެއިން މާލެ އަދި ވިލިމާލެ ގުޅާލެވުމަކީ މުޅި މަޝްރޫއަށް ލިބުނު ވަރަށް މުހިންމު ކުރިއެރުމެކެވެ.
ގުޅުން ހުރި ޙަބަރުތައް

އޭޝިއަން ގޭމްސްގެ 7 ކުޅިވަރެއްގައި ރާއްޖެއިން ވާދަކުރަނީ
9 ގަޑިއިރު ކުރިން

މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ކެޔޮދޫން މީހަކު ހައްޔަރުކޮށްފި
9 ގަޑިއިރު ކުރިން

ތ. ބުރުނީގައި ބިދޭސީން ހޭލުންތެރިކުރުމުގެ ހަރަކާތެއް ބާއްވައިފި
9 ގަޑިއިރު ކުރިން

ކުދި ޖަޒީރާ ޤައުމުތަކުގެ ވިޔަފާރި ފޯރަމް ރާއްޖޭގައި ބާއްވަނީ
9 ގަޑިއިރު ކުރިން


