logo

ޖުލައި މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާގެ މިންވަރު އިތުރުވެއްޖެ

profile

މުޙައްމަދު ފަޟްލޫން - 31 އޯގަސްޓު 2026 - 12:45

މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، މި އަހަރުގެ ޖުލައި މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާގެ އަދަދު %44.2 އިތުރުވެފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

https://wamco.com.mv/

މީރާއިން އާންމުކޮށްފައިވާ މާލީ ހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ޖުލައި މަހު މުދަލު ޒަކާތުގެ ގޮތުގައި ޒަކާތު ފަންޑަށް ލިބިފައިވަނީ 12,040,524.09 (ބާރަ މިލިއަން ސާޅީސް ހާސް ފަސްސަތޭކަ ސައުވީސް) ރުފިޔާއެވެ. ނަމަވެސް މި އަހަރުގެ ޖުލައި މަހު މި އަދަދު ވަނީ 17,366,787.29 (ސަތާރަ މިލިއަން ތިންސަތޭކަ ފަސްދޮޅަސް ހަހާސް ހަތްސަތޭކަ އައްޑިހަ ހަތެއް) ރުފިޔާއަށް އަރާފައެވެ. މިއީ އަހަރުން އަހަރަށް ބަލާއިރު ގާތްގަނޑަކަށް 5.33 މިލިއަން ރުފިޔާގެ ކުރިއެރުމެކެވެ.

މުދަލު ޒަކާތުގެ އާމްދަނީ އިތުރުވެފައިވާއިރު، ޖުލައި މަހުގެ ތެރޭގައި ޒަކާތު ފަންޑުން 2.80 މިލިއަން ރުފިޔާ ވަނީ އެކި ކަންކަމަށް ދޫކޮށްފައެވެ. މީގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ފަގީރުންނާއި މިސްކީނުންގެ ބަޔަށެވެ. އެގޮތުން އެ ބަޔަށް 1.75 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ.

ފަގީރުންނާއި މިސްކީނުންގެ ބައިން ކުރެވުނު ހޭދައިގެ ތެރޭގައި ހިމެނެނީ:

ބޭސްފަރުވާގެ އެހީއަށް: 1.48 މިލިއަން ރުފިޔާ

އަސާސީ ބޯހިޔާވަހިކަމުގެ ބޭނުންތަކަށް: 155,950 ރުފިޔާ

ޒަރޫރީ އެހެނިހެން ބޭނުންތަކަށް: 115,250 ރުފިޔާ

މުދަލު ޒަކާތަކީ އިސްލާމްދީނުގެ ރުކުނަކަށް ވީހިނދު، އެމީހެއްގެ މުދަލުގައި ނިސާބު ހަމަވެ، އެ މުދަލަށް ހިޖުރީ ގޮތުން އަހަރެއް ފުރިހަމަވުމުން ދެއްކުން ވާޖިބުވާ މާލީ އަޅުކަމެކެވެ.

މުދަލު ޒަކާތް އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް ދެއްކުމުގެ ފުރުސަތު އޮވެއެވެ.

https://wamco.com.mv/
tel:+9607331319