logo

ޓޫރިޒަމް ޖީއެސްޓީ އިސްލާހު ރައީސް ތަސްދީގުކުރައްވައި ޤާނޫނަކަށް!

profile

އާމިނަތު ޝަޒްލާ - 31 އޯގަސްޓު 2026 - 12:05

ޓޫރިސްޓުންނަށް ރާއްޖޭން ބުކިން ހަދައިދޭ އޮންލައިން ބުކިން ޕްލެޓްފޯމްތަކާއި، ބޭރުގެ ޓުއާ އޮޕަރޭޓަރުން އަދި ޓްރެވެލް އެޖެންޓުންގެ އަތުން ޖީއެސްޓީ ނަގާ ގޮތަށް، ޓެކްސްއާ ބެހޭ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަސްދީގު ކުރައްވައިފިއެވެ.

https://wamco.com.mv/

ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީގު ކުރެއްވީ މިއަދު މެންދުރު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މި އިސްލާހީ ބިލުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގައި "ޑެސްޓިނޭޝަން ޕްރިންސިޕަލް" ތަންފީޒުކުރަން ފެށުމެވެ. އެގޮތުން، ރާއްޖޭން ބޭރުގެ އޮފްޝޯ ބުކިން ޕްލެޓްފޯމުތަކާއި ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އޭޖެންޓުން ރާއްޖެއަށް ފޯރުކޮށްދޭ ޚިދުމަތްތަކާއި އުސޫލުތައް ގާނޫނުގައި ސާފުކޮށް ބަޔާންކޮށް، އެ ޚިދުމަތްތަކުން ޖީއެސްޓީ ނަގާނެ ހަރުދަނާ އުސޫލުތަކެއް ޓެކްސް ގާނޫނަށް ވަނީ އިތުރުކޮށްފައެވެ. މި ބަދަލާއެކު ރާއްޖެއަށް ފަތުރުވެރިން ފޮނުވާ ބޭރުގެ ހުރިހާ ވިޔަފާރިތަކުން ދައުލަތަށް ޓެކްސް ނެގުމުގެ މަގު ފަހިވެގެންދާނެއެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި، ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ބުކިން ޕްލެޓްފޯމްތަކުން ޓެކްސް ނަގަން ފެށުމުން، ދައުލަތުގެ އާމްދަނީއަށް އަހަރަކު ގާތްގަނޑަކަށް 1.61 ބިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީގު ކުރެއްވުމާ ގުޅިގެން، މި އިސްލާހުތަކަށް މާދަމާއިން ފެށިގެން ރަސްމީކޮށް އަމަލުކުރަން ފަށާނެއެވެ.

https://wamco.com.mv/
tel:+9607331319