
ހުޅުމާލޭގެ މަގުތައް އަމާންކުރަން މަޝްވަރާކޮށްފި

އާމިނަތު ޝަޒްލާ - 31 އޯގަސްޓު 2026 - 11:55
ހުޅުމާލޭގެ މަގުތަކުގައި ހިނގާ އެކްސިޑެންޓުތައް މަދުކޮށް، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހުޅުމާލެ ޕޮލިހާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން މުހިންމު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
މި އޮގަސްޓު މަހުގެ 30 ވަނަ ދުވަހު ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުގައި ބޭއްވި މި ބައްދަލުވުމަކީ، ފަހަކަށް އައިސް ހުޅުމާލޭގައި މަގުމަތީގެ އެކްސިޑެންޓުތައް ގިނަވެ، ނުރައްކާތެރި ހާދިސާތައް އިތުރުވަމުން އަންނާތީ، އެކަން ހައްލުކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމުގެ ގޮތުން ބޭއްވި ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ހުޅުމާލެ ޕޮލިސް ހެޑް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހީމް ޚަލީލްއާއި، ހުޅުމާލެ ޓްރެފިކް ޕޮލިސް ހެޑް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ހަނީފްގެ އިތުރުން ފުލުހުންގެ އެހެނިހެން އިސް އޮފިސަރުން ބައިވެރިވެލެއްވިއެވެ. އަދި އެޗްޑީސީގެ ފަރާތުން އެ ކުންފުނީގެ ޕްލޭނިންގ ހެޑް އަޙްމަދު ޝާހިދުއާއި އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި، މި ބައްދަލުވުމުގައި ހުޅުމާލޭގައި އާންމުކޮށް ގިނައިން އެކްސިޑެންޓުތައް ހިނގާ ސަރަހައްދުތަކާއި ބާރު ދުވެލީގައި އުޅަނދު ދުއްވާ ސަރަހައްދުތަކާ ގުޅޭ ތަފާސްހިސާބާއި މައުލޫމާތު ހިއްސާކުރެވުނެވެ. އަދި އެ ސަރަހައްދުތަކުގައި ހިނގާ ނުރައްކާތެރި ހާދިސާތައް ހުއްޓުވުމަށް އެޅިދާނެ އަވަސް ފިޔަވަޅުތަކަކީ ކޮބައިތޯ ބަލައި، ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފައެވެ.
މަގުމަތީގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށްޓަކައި މައިގަނޑު ތިން ދާއިރާއަކުން މަސައްކަތް ކުރުމަށް މި ބައްދަލުވުމުގައި ވަނީ ހިޔާލު ބަދަލުކުރެވިފައެވެ. އެއީ އިންޖިނިއަރިންގ (މަގުތަކުގެ ޑިޒައިނާއި ވަސީލަތްތައް ރަނގަޅުކުރުން)، އެންފޯސްމަންޓް (ގާނޫނު ތަންފީޒުކުރުން) އަދި އެޑިއުކޭޝަން (އާންމުން ހޭލުންތެރިކުރުވުން) އެވެ.
މީގެ އިތުރުން، ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި ފުލުހުން ޕެޓްރޯލްކުރާ މިންވަރު އިތުރުކުރުމަށާއި، ގަވާއިދާ ހިލާފަށް ބާރަށް އުޅަނދު ދުއްވާ ފަރާތްތަކާމެދު އަވަހަށް ގާނޫނީ ފިޔަވަޅު އެޅުމާ ގުޅޭގޮތުން ވެސް ވާހަކަދެކެވުނެވެ. ހަމައެއާއެކު، ސްކޫލްތައް ހިމެނޭ ސަރަހައްދުތަކުގައި ޓްރެފިކް ބެލެހެއްޓުން މިހާރަށްވުރެ ހަރުދަނާކުރުމާއި، ރައުންޑްއެބައުޓްތަކާއި ކަފިހިހުރަސްތަކުގައި ޓްރެފިކް މެނޭޖުކުރުމަށް ގެންނަންޖެހޭ ބަދަލުތަކާމެދު ވަނީ މަޝްވަރާކުރެވިފައެވެ.
އަދި ކަފިހިހުރަސްތަކުގައި ހިނގާ މީހުންނަށް ހާއްސަ ޕެޑެސްޓްރިއަން ލައިޓް ހަރުކުރުމާއި، މަގުތަކުގެ ކަންމަތިތަކާއި، ކަފިހިހުރަސް އަދި ދުވާރުމަތީގައި ގަވާއިދާ ހިލާފަށް ޕާކުކުރުން ހުއްޓުވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ވަނީ ނިންމާފައެވެ. އޭގެ އިތުރުން، ދުއްވާ މީހުންނާއި ހިނގާ މީހުން މަގުމަތީގެ ރައްކާތެރިކަމަށް ސަމާލުކަންދޭ މިންވަރު އިތުރުކުރުމަށްޓަކައި ދެ މުއައްސަސާ ގުޅިގެން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ވެސް ވަނީ އެއްބަސްވެފައެވެ.
މި ބައްދަލުވުމުގެ މައިގަނޑު އަމާޒަކީ ދެ މުއައްސަސާ ގުޅިގެން އެކުގައި މަސައްކަތްކޮށް، ހުޅުމާލޭގެ މަގުތަކަކީ އެންމެހައި ރައްޔިތުންނަށް އަމާން އަދި ރައްކާތެރި ތަނަކަށް ހެދުމެވެ.
ގުޅުން ހުރި ޙަބަރުތައް

ޖުލައި މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާގެ މިންވަރު އިތުރުވެއްޖެ
16 ގަޑިއިރު ކުރިން

ސަރުކާރުގެ ސިޔާސީ މަގާމްތައް މިދަނީ މަދުކުރަމުން: ރައީސް
16 ގަޑިއިރު ކުރިން

ޓޫރިޒަމް ޖީއެސްޓީ އިސްލާހު ރައީސް ތަސްދީގުކުރައްވައި ޤާނޫނަކަށް!
17 ގަޑިއިރު ކުރިން

މަޑުއްވަރީގައި ހިންގި ޑްރަގްގެ ބޮޑު ވިޔަފާރިއެއް ފުލުހުން ހުއްޓުވައިފި
17 ގަޑިއިރު ކުރިން


