
ޖުލައިމަހުގެ ނިޔަލަށް 144.3 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވޭ: ފުލުހުން

އާމިނަތު ޝަޒްލާ - 11 އޯގަސްޓު 2026 - 11:58
މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ފުލުހުން ހިންގި އެކި އޮޕަރޭޝަންތަކުގައި ޖުމްލަ 144.3 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
ފުލުހުންނާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިއީ މިއަހަރުގެ ޖަނަވަރީ 1 އިން ފެށިގެން ޖުލައި 31 ގެ ނިޔަލަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގުނު މަސްތުވާތަކެއްޗާ ދެކޮޅު އޮޕަރޭޝަންތަކުން ހޯދިފައިވާ ތަކެއްޗެވެ.
ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ހެޑް އޮފް ޑްރަގް އެންފޯސްމަންޓް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު މުސްލިމް ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލަތަކަކީ ފާއިތުވި 7 މަސްދުވަހުގެ ތެރޭގައި މި ސަރުކާރުން ޚާއްޞަ އިސްކަމެއް ދީގެން ބަލަމުން އަންނަ މައްސަލަތަކެއް ކަމަށެވެ. އަދި 2024 އިން 2028 އަށް އެކުލަވައިލާފައިވާ ފުލުހުންގެ އެކްޝަން ޕްލޭންގައިވެސް މި ވަބާއަށް ދާއިމީ ޙައްލެއް ހޯދުމަށް މުހިންމު އިސްކަމެއް ދީފައިވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ގްރޭޓަރ މާލެ ސަރަހައްދާއި އަތޮޅުތަކުގެ ރީޖަންތައް ހިމެނޭހެން ޖުމްލަ 1,141 އޮޕަރޭޝަނެއް ވަނީ ހިންގާފައެވެ. މިއީ އެވްރެޖްކޮށް ދުވާލަކު 5 އޮޕަރޭޝަނެވެ. މި މުއްދަތުގައި 1,875 މީހުން ހައްޔަރުކޮށްފައިވާއިރު، ޝައްކުކުރެވިގެން 23,249 ފަހަރު މީހުން ބަލައި ފާސްކޮށް، 7,309 ތަނެއް ވަނީ ފާސްކޮށްފައެވެ.
އަތުލައިގަނެވުނު ތަކެތީގެ ތަފްސީލަށް ބަލާއިރު:
- މާލެ ސަރަޙައްދުން: 137.85 ކިލޯ
- ދެކުނުގެ އަތޮޅުތަކުން: 3.06 ކިލޯ
- އުތުރުގެ އަތޮޅުތަކުން: 3.45 ކިލޯ
- ޖުމްލަ: 144.34 ކިލޯގެ މަސްތުވާތަކެތި އަދި 1,856 ފުޅި ބަނގުރާ.
މުސްލިމް ހާމަކުރެއްވި ގޮތުގައި، އަތުލައިގަނެވުނު މަސްތުވާތަކެތީގެ މަގުމަތީ އަގު 120.2 މިލިޔަން ރުފިޔާއަށް އަރާއިރު، ބަނގުރަލާއެކު ޖުމްލަ 121.2 މިލިޔަން ރުފިޔާގެ ތަކެތި ވަނީ އަތުލައިގަނެފައެވެ.
މި މުއްދަތުގައި 1,533 މައްސަލައެއް ތަޙުޤީޤުކޮށް، 634 މައްސަލައެއްގެ ތަޙުޤީޤު ނިންމައި ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައެވެ. މީގެ އިތުރުން، މަސްތުވާތަކެތީގެ މައްސަލަތަކުގައި ޝާމިލްވި 116 ބިދޭސީއަކު ޑީޕޯޓްކުރުމަށް އިމިގްރޭޝަނާ ޙަވާލުކޮށްފައިވާކަމަށާއި، ޤާނޫނަށް ގެނައި އިސްލާޙުގެ ދަށުން މަސްތުވާތަކެތީގެ ވިޔަފާރިކުރާ 6 ތަނެއް ބަންދުކޮށްފައިވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ގުޅުން ހުރި ޙަބަރުތައް

6 މީހުންނާ އެކު ދަތުރުކުރި ޑައިވިންގ ދޯންޏެއް ފަރަށް އަރައިފި
ދުވަހެއް ކުރިން

ހުޅުމާލެ ފޭސް 3އިން 560 ފަރާތަކަށް ގޯތި ޙަވާލުކޮށްފި
ދުވަހެއް ކުރިން

ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު އެމްއެމްއޭއިން %51 އިތުރުކޮށްފި
ދުވަހެއް ކުރިން

ދިވެހި މެޑިކަލް ގްރެޖުއޭޓުން ތަމްރީނުކުރުމަށް ސުވަސެވަނާ ހޮސްޕިޓަލާއެކު އެމްއޯޔޫއެއް!
ދުވަހެއް ކުރިން


