logo

ދިވެހި މެޑިކަލް ގްރެޖުއޭޓުން ތަމްރީނުކުރުމަށް ސުވަސެވަނާ ހޮސްޕިޓަލާއެކު އެމްއޯޔޫއެއް!

profile

އާމިނަތު ޝަޒްލާ - 11 އޯގަސްޓު 2026 - 11:58

ދިވެހި މެޑިކަލް ގްރެޖުއޭޓުންނަށް ޚާއްސަ ކްލިނިކަލް ތަމްރީނާއި ޢަމަލީ ތަޖުރިބާ ހޯދުމުގެ ފުރުޞަތު ފުޅާކުރުމަށްޓަކައި، މިނިސްޓްރީ އޮފް ހެލްތާއި ސްރީލަންކާގެ ސުވަސެވަނާ ހޮސްޕިޓަލާ ދެމެދު މިއަދު ފަހުމުނާމާ (އެމް.އޯ.ޔޫ) އެއްގައި ސޮއިކޮށްފިއެވެ.

https://wamco.com.mv/

ރޯޝަނީ ބިލްޑިންގގެ މޫމިނާ މާލަމުގައި ބޭއްވުނު މި ޚާއްސަ ރަސްމިއްޔާތުގައި، ދިވެހި ސަރުކާރުގެ ފަރާތުން މި އެމް.އޯ.ޔޫގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހެލްތު، ފެމިލީ އެންޑް ވެލްފެއަރ، ޚަދީޖާ ޢަބްދުއްޞަމަދު ޢަބްދުﷲ އެވެ. ސުވަސެވަނަ ހޮސްޕިޓަލުގެ ފަރާތުން ސޮއިކުރެއްވީ އެ ހޮސްޕިޓަލުގެ ޑިރެކްޓަރ މިސްޓަރ ބަންޑުލާ އެގޮޑަގޭ އެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ، ޤީލާ ޢަލީއެވެ. މީގެ އިތުރުން ހެލްތު މިނިސްޓްރީގެ އިސް ވެރިންނާއި، ސުވަސެވަނާ ހޮސްޕިޓަލުގެ މަންދޫބުންގެ އިތުރުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ އިސްވެރިން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޤީލާ ޢަލީ ވިދާޅުވީ، ޞިއްޙީ ދާއިރާއަށް ބޭނުންވާ ޑޮކްޓަރުން ތަމްރީނު ކުރުމުގައި މިއަދު ސޮއި ކުރެވުނު އެމް.އޯ.ޔޫގެ ސަބަބުން ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި މިއީ މުހިންމު ޕާޓްނަރޝިޕެއްކަން ފާހަގަކުރައްވައި، މީގެ ސަބަބުން ދިވެހި މެޑިކަލް ގްރެޖުއޭޓުންގެ ޤާބިލުކަން އިތުރުވެ، ފެންވަރު ރަނގަޅު ޢަމަލީ ތަޖުރިބާ ހޯދުމަށް މަގުފަހިވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި އެމް.އޯ.ޔޫގެ މައިގަނޑު މަޤްޞަދަކީ އިންތިޒާމުވެގެން ހިންގޭ ކްލިނިކަލް އިންޓަރންޝިޕް ޕްރޮގްރާމެއްގެ ޒަރީޢާއިން ޤާބިލު މެޑިކަލް ޕްރޮފެޝަނަލުން ބިނާކުރުމެވެ. މި އެއްބަސްވުމުގެ ދަށުން، ސުވަސެވަނަ ހޮސްޕިޓަލުން ދިވެހި އެމް.ބީ.ބީ.އެސް ގްރެޖުއޭޓުންނަށް އެއް އަހަރު ދުވަހުގެ ކްލިނިކަލް އިންޓަރންޝިޕް ފުރުޞަތު ފޯރުކޮށްދޭނެއެވެ. މިގޮތުން ކޮންމެ އަހަރަކު 20 ދަރިވަރުން ތަމްރީނުކުރުމުގެ ޖާގަ ދިވެހި ދަރިވަރުންނަށް ލިބިގެންދާނެއެވެ.

މިއީ ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮތް ޒަމާންވީ ބަދަހި ގުޅުން ރަމްޒުކޮށްދޭ ކަމެކެވެ. އަދި މިއީ ރާއްޖޭގެ މެޑިކަލް ތަޢުލީމާއި ޞިއްޙީ ޚިދުމަތްތެރިންގެ ޤާބިލުކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

https://wamco.com.mv/
tel:+9607331319