ޗެލްސީއާއި ޔުނައިޓެޑް އެއްވަރު
ހަފްސީ އަބްދުﷲ - 04 ނޮވެމްބަރު 2024 - 05:27
މެންޗެސްޓަރ ޔުނައިޓެޑާ ޗެލްސީ ވާދަކުރި މެޗުގެ ތެރެއިން: ފޮޓޯ-ޕްރިމިއަރ ލީގު
އިނގިރޭސި ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑާއި ޗެލްސީ ވާދަކުރި މެޗު އެއްވަރު ވެއްޖެ އެވެ. މެޗު އެއްވަރުވީ 1-1 ނެވެ.
މެޗުގައި ފުރަތަމަ ލީޑް ނެގީ ވަގުތީ ކޯޗު ރުޑް ވެން ނިސްތެލްރޫއީގެ އިރުޝާދުގެ ދަށުން ކުޅުނު މެންޗެސްޓަރ ޔުނައިޓެޑުންނެވެ. އެޓީމަށް ލީޑް ނަގައިދިނީ ޕެނަލްޓީ އަކުން ބުރޫނޯ ފެނާންޑޭޒް އެވެ. މިއީ ޗެލްސީގެ ކީޕަރު ޔުނައިޓެޑްގެ ރަސްމުސް ހޮއިލުންޑަށް ކުރި ފައުލަށް ދިން ޕެނަލްޓީ އެކެވެ. 70 ވަނަ މިނިޓްގައި ޔުނައިޓެޑުން ލީޑް ނެގުމުން ވަގުތީ ކޯޗު ނިސްތެލްރޫއީގެ އުފާފާޅުކުރުން ދެމިއޮތީ އެންމެ ތިން މިނިޓެވެ. 74 ވަނަ މިނިޓްގައިމޮއިސެސް ކައިސޭޑޯ ލަނޑު ޖަހާ ޗެލްސީއަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ.
މެންޗެސްޓަރ ޔުނައިޓެޑްގެ އާ ކޯޗު ރުބެން އަމާރިމް ޓީމާ ހަވާލުވާނީ މިމަހުގެ 11 ވަނަ ދުވަހު އެވެ. އެހާތަނަށް ޓީމަށް އިރުޝާދުދޭނީ ނިސްތެލްރޫއީ އެވެ. ތާވަލްގައި ޔުނައިޓެޑް މިހާރު އޮތީ 13 ވަނައިގަ އެވެ. އެރިކް ޓެން ހާގް ވަކިކުރިއިރު އޮތީ 14 ވަނައިގައެވެ. ޗެލްސީ އޮތީ 18 ޕޮއިންޓާއެކު 4 ވަނައިގައެވެ.
ލީގުގައި ޓޮޓްނަމް ވަނީ 4-1 ން އެސްޓަން ވިލާ ބަލިކޮށްފައެވެ. މެޗު ޓޮޓްނަމް އިން ކާމިޔާބުކުރީ 32 ވަނަ މިނިޓްގައި ރޮޖާރސްގެ ލަނޑުން ވިލާ ކުރި ހޯދާފައި ވަނިކޮށެވެ. ޓޮޓްނަމް އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ދެވަނަ ހާފް ފަށައިގެން 4 ވަނަ މިނިޓްގައި ޖޯންސަން އެވެ. ދެވަނަ ލަނޑާއި ތިންވަނަ ލަނޑު ޖެހީ ސޮލާންކޭ އެވެ. އޭނާ ދެ ލަނޑު ޖެހީ 4 މިނިޓްގެ ތެރޭގައެވެ. ފަހު ލަނޑު އިތުރު ވަގުތުގައި ޖެހީ މަޑިސަން އެވެ. ލީގު ތާވަލްގައި ޓޮޓްނަމް އޮތީ 7 ވަނައިގައެވެ. އެެސްޓަން ވިލާ އޮތީ 6 ވަނައިގައެވެ.