logo

ތިން އަހަރުވެސް ތިންހާހުގަ!

profile

ޝާމާ ޝުޢައިބު - 29 ޑިސެމްބަރު 2024 - 14:22

ފުލުހުންނަށް އާންމު ގޮތެއްގައި ހުށަހަޅާ މައްސަލަތަކުގެތެރޭގައި ހިމެނޭ ވައްކަން ކުރުމުގެ މައްސަލަތަކާއި، ޓްރެފިކް އެކްސިޑެންޓުގެ މައްސަލަތަކާއި، މުދަލަށް ގެއްލުން ދިނުމުގެ މައްސަލަތަކާއި، މަކަރާއި ހީލަތް ހެދުމުގެ މައްސަލަތަކާއި، ޖިންސީ ގޯނާގެ މައްސަލާއާއި، ގެވެށި އަނިޔާގެ މައްސަލަތަކާއި ފޭރުމާއި ފޯޖް ކުރުމުގެ މައްސަލަތަކުގެ އިތުރުން މަސްތުވާތަކެއްޗާ ގުޅޭ މައްސަލަތަކެވެ.

https://wamco.com.mv/

ކުށް މަދުކުރުމަށް އަތޮޅުތަކުގެ ޕޮލިސް ސްޓޭޝަންތަކުން ކައުންސިލްތަކާ ގުޅިގެން ދަނީ ތަފާތު މަސައްކަތްތައް ކުރަމުންނެވެ. ވަކިން ޚާއްޞަކޮށް ވައްކަމާއި އެކްސިޑެންޓްތައް މަދުކުރުމަށްޓަކައި، ތަފާތު އެކި ޕްރޮގުރާމުތައް ހިންގައި، އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ ޙަރަކާތްތަކެއް ފުލުހުން ގެންދަނީ ހިންގަމުންނެވެ.

ކުރެވެމުންދާ ގިނަ މަސައްކަތްތަކާ އެކުވެސް ފާހަގަކޮށްލެވޭ މިންވަރަކަށް ހުށަހެޅޭ އެންމެ ބޮޑު އެއް މައްސަލައެއްގެ ގޮތުގައި ވައްކަމުގެ މައްސަލަ މިވަނީ ފާހަގަވެފައެވެ. އެއީ 2022 ވަނަ އަހަރުކަމުގައި ވީނަމަވެސް، ނުވަތަ މިއަހަރުކަމުގައި ވީނަމަވެސް ކޮންމެ އަހަރަކުވެސް ފުލުހުންނަށް އެންމެ ގިނައިން ހުށަހެޅުނު މައްސަލަތަކުގެ ތަފްސީލު ބަލާލާއިރު އެންމެ ގިނައީ ހަމަ ވައްކަމުގެ މައްސަލަތަކެވެ.

ވައްކަމުގެ މައްސަލައެއް ހުށަހެޅުމުން ފުލުހުންގެ އެންމެ ބޮޑު އަމާޒަކަށްވާނީ ގެއްލުނު ތަކެތި ހޯދައި ދިނުން ކަން ފުލުހުން ފާހަގަކުރާއިރު ފުލުހުން ބުނީ ، މިއީ ބައެއް ހާލަތްތަކުގައި ކުރަން އުނދަގޫ ކަމެއް ކަމަށެވެ.

އާއްމު ގޮތެއްގައި ގެއްލުނު ތަކެތި ހޯދުމުގައި ގެއްލުނު ތަކެތީގެ ބާވަތާއި ހާދިސާ ހިނގިފަހުން ހޭދަވި ވަގުތު މުހިންމު ދައުރެއް އަދާކުރެއެވެ. މިސާލަކަށް ފައިސާ ގެއްލުނު ފަހުން ގިނަ ދުވަސްތަކެއް ވެފައިވާނަމަ އެފައިސާ ހޯދުމުގައި ގޮންޖެހުންތަކެއް ކުރިމަތިވެއެވެ. ނަމަވެސް ފައިސާވެސް ގެއްލުނުފަހުން ގިނަ އިރު ނުވާ ނަމަ ހޯދުމުގެ ފުރުސަތު ބޮޑެވެ. އެހެންކަމުން ވައްކަމުގެ މައްސަލައެއް ކުރިމަތިވެއްޖެނަމަ ލަސް ނުކޮށް ފުލުހުންނަށް އެންގުމަށް ފުލުހުން ދަނީ ތަކުރާރުކޮށް އެދެމުންނެވެ.

ހާދިސާ ހިނގިފަހުން ވަގުތުތަކެއް ހިނގި ނަމަވެސް ނުވަތަ ހާދިސާ ހިނގި ވަކި ދުވަހެއް ނުވަތަ ވަގުތެއް ނޭނގުނު ނަމަވެސް މައްސަލަ ހުށަހެޅުން ވަރަށް މުހިއްމެވެ. ބައެއް ފަހަރު ވަގަށް ނަގާފައިވާ ތަކެތީގެ ގޮތުގައި އަތުލެވޭ ތަކެތީގެ ވެރިފަރާތް ނޭނގިގެން އެތަކެތި ހަވާލު ނުކުރެވޭ ހާލަތްތައްވެސް ދިމާވާކަން ފުލުހުން ފާހަގަކުރާއިރު ގެއްލުނު ތަކެތީގެ ތަފްސީލާއި އެކު ރިޕޯޓް ކުރުމަކީ މުހިއްމު ކަމެކެވެ.

ވައްކަމުގެ މައްސަލަތަކާ ކުށްތަކާ ގުޅޭގޮތުން މަޖިލީހުގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވީ މާލެ ތެރޭގައި ތަކުރާރުކޮށް ވައްކަން ކުރާ 46 މީހުން ފާހަގަވެފައި އެބަތިބި ކަމަށެވެ. ސަރުކާރުގެ ފުރަތަމަ ހަ މަސް ދުވަހަށް އިޝާރާތް ކުރައްވާ މިނިސްޓަރު ވިދާޅުވެފައިވަނީ ފުރަތަމަ ހަ މަސް ތެރޭގައި ޖުމްލަ 4،000 ފަހަރު ފުލުހުން އެކި ގޮތަށް އެމީހުން އަތުލައިގެންފައިވާ ކަމަށެވެ. އޭގެ ތެރެއިން ބައެއް ފަހަރު ހައްޔަރުކޮށްފައިވާކަމަށާއި، އަނެއްބައި ފަހަރު ނަސޭހަތް ދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މާލެ ތެރޭގައި މިފަދަ ކުށްތައް ކުރާ މީހުން މުޖުތަމައުގެ ތެރެއަށް ދޫވެފައި ތިބެނީ ފުލުހުންނަށް އެމީހުން އައިޑެންޓިފައި ނުކުރެވޭތީ ނުވަތަ އަތުލައިނުގަނެވޭތީ ނޫން ކަމަށް. ކޮންމެ ފަހަރަކު ވެސް މީހުން އަތުލައިގަނެގެން، ކޯޓަށް ގެންދިއުމުން ކޯޓުތަކުން މިކަމުގައި އަމަލުކުރަނީ އެންމެ އެކަށީގެންވާ ގޮތެއްގައި ނޫންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ މި 46 މީހުން މަގުމަތިން އެއްކައިރި ކުރުމަކީ ވެސް މުޖުތަމައު މިއަށް ވުރެ އަމާންވެ މިފަދަ މައްސަލަތައް މަދުވާނެ ކަމެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށެވެ. ޖުމްލަ ގޮތެއްގައި މިފަދަ މައްސަލަތައް ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ހޯމް މިނިސްޓްރީގެ ދަށުން ކުރަމުން އަންނަ އިރު، އޭގެ ތެރޭގައި ޖަލުތައް ރިފޯމް ކުރުމާއި، އެންޑީއޭ ހަރުދަނާކުރުން ވެސް ހިމެނެއެވެ. މިއީ އަދި ވަނަވަރު އެނގިފައިވާ މަދު ބައެއްގެ ވާހަކަ އެކަންޏެވެ.

ކޮންމެއަކަސް ފުލުހުންނަށް ހުށައެޅޭ މައްސަލަތަކުގެ ތަފާސްހިސާބުތައް ހާމަކުރަން ފެށީންސުރެން ވައްކަމުގެ މައްސަލަތައް ހުރީ އެވްރެޖްކޮށް ކޮންމެ އަހަރެއްގައިވެސް 3000 އިން މަތީގައެވެ. 2022 ވަނަ އަހަރު ނިމުނުއިރު ވައްކަމުގެ 3973 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވެއެވެ. އަދި 2023 ވަނަ އަހަރު ނިމުނު އިރު ވައްކަމުގެ 3818 މައްސަލަ ވަނީ ހުށަހަޅާފައެވެ.

2024 ވަނަ އަހަރު ނިމެން ގާތްވެފައިވާއިރު ފުލުހުންގެ ތަފާސްހިސާބުތައް ދައްކާގޮތުން، އަހަރުގެ މިހާތަނަށް ވައްކަންކުރުމުގެ 3،673 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. އަދަދު މިވަނީ ދަށްވާން ފަށާފައެވެ. ނަމަވެސް ފާއިތުވި ތިން އަހަރުވެސް ހުށަހެޅުނު ވައްކަމުގެ މައްސަލަތަކުގެ އަދަދު ތިންހާހުން މައްޗެވެ.

https://etukuri.mv/
https://eportal.mwsc.com.mv/e-pay