logo

ކޮމަންވެލްތު ކުދި ގައުމުތަކުގެ ބައްދަލުވުމުގެ ކޯޗެއަރ އަކަށް ރާއްޖެ

profile

އައިޝަތު އިނާޝާ - 30 އޮކްޓޯބަރު 2024 - 13:00

ސަމޯއާގައި ބޭއްވި ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމުގެ އެކްޒެކެޓިވް ސެޝަންގެ ތެރެއިން:

ސަމޯއާގައި ބޭއްވި ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމުގެ އެކްޒެކެޓިވް ސެޝަންގެ ތެރެއިން:

ކޮމަންވެލްތުން 2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ކުދި ގައުމުތަކުގެ ވަޒީރުންގެ ބައްދަލުވުމުގެ ކޯޗެއަރ އެއްގެ ގޮތުގައި ދިވެހިރާއްޖެ ހަމަޖެހިއްޖެއެވެ.

ދިވެހިރާއްޖެ ކޯ-ޗެއަަރއެއްގެ ގޮތުގައި ހަމަޖެހި، އެކަން އިއުލާން ކޮށްފައިވަނީ ސަމޯއާގެ އަޕިއާގައި މިއަދު ބޭއްވުނު ކޮމަންވެލްތުގެ ކުދި ގައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައެވެ.

2026 ވަނަ އަހަރު ބާއްވާ ބައްދަލުވުމުގައި ދިވެހިރާއްޖެއާއެކު ކޯޗެއަރކަން ކުރާނީ އެއަހަރު ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވާ ގައުމާއެކުއެވެ.

މި ބައްދަލުވުމުގެ ކޯޗެއަރ އެއްގެ ގޮތުގައި ރާއްޖެއިން މަސައްކަތްކުރާނީ ކުދި ޤައުމުތަކުގެ މަސްލަހަތު ކުރިއެރުވުމަށެވެ.

އަދި ރާއްޖެއަށް މި ފުރުސަތު ލިބުމަކީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކާއި ކުދި ޤައުމުތަކުގެ މަސްލަހަތު ކުރިއެރުވުމަށް ބައިނަލްއަޤްވާމީ މަސްރަހުގައި ރާއްޖެއިން ކުރަމުންދާ މަސައްކަތަށް އިތުރު ބާރެއް ލިބިގެންދާނެ ކަމެކެވެ.

ސަމޯއާގައި މި އޮކްޓޫބަރު މަހުގެ 22 އިން 26 އަށް ބޭއްވި ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމުގެ ހަވާސާގައި ބޭއްވުނު ކޮމަންވެލްތުގެ ކުދި ޤަައުމުތަކުގެ ބައްދަލުވުމުގައި ޚާރިޖީ ވަޒީރު ޑޮކްޓަރ ޢަބްދުﷲ ޚަލީލް، އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ކޮމަންވެލްތުގެ ކުދި ގައުމުތަކުގެ ޚާރިޖީ ވަޒީރުންނާއެކު ކުދި ގައުމުތަކަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެެވެ.

މީގެ ތެރޭގައި ކުދި ގައުމުތަކުގެ އިގްތިސާދަށް ކުރިމަތިވާ ގޮންޖެހުންތަކާއި މޫސުުމަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އެޅިދާނެ ފިޔަވަޅުތައް އަދި ކުދި ޖަޒީރާ ގައުމުތަކަށް ބޭނުންވާ މާލީ އެހީ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތަކަށް އަލިއަޅުއްވާލެއްވިއެވެ.

އަދި ކުދި ގައުމުތަކަށް ބޭނުންވާ މާލީ އެހީ އިތުރުކުރުމަށް ބައިނަލްއަޤްވާމީ މާލީ އޮނިގަނޑު އިސްލާހުކުރުުގެ މުހިންމުކަން ފާހަގަކޮށް، ކުދި ގައުމުތަކުގެ ދަރަނީގެ މައްސަލައަށް ހައްލުހޯދުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުންވެސް މަޝްވަރާ ކުރެވުނެވެ.

ކޮމަންވެލްތުގެ ކުދި ގައުމުތަކުގެ ވަޒީރުންގެ ބައްދަލުވުމަކީ ކޮމަންވެލްތުގައި ހިމެނޭ 33 ކުދި ގައުމަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށްއެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ކޮމަންވެލްތުގެ ގައުމުތަކުގެ ޚާރިޖީ ވަޒީރުންގެ މެދުގައި ބާއްވާ ބައްދަލުވުމެކެވެ.

މި އަހަރުގެ މި ބައްދަލުވުުމުގެ ކޯޗެއަރކަން ކޮށްފައިވަނީ ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުން ކުރިއަށްދާ ސަމޯއާގެ އިތުރުން އެސްވާޓިނީއެވެ.

https://int.etukuri.mv/
tel:+9607331319