logo

ފެކްޝަނެއް ނެތް، ވެރިކަމަށް ވަޑައިގެންނެވި އިރަށް ވުރެ ރައީސާ އޮތް ގުޅުން ބޮޑު!

profile

ޝުރުފާ މުހައްމަދު - 23 ނޮވެމްބަރު 2024 - 21:50

އަބްދުއްރަހީމް އަބްދުﷲ ރައީސް މުއިއްޒާއި އެކު--- ފޮޓޯ: ރައީސް އޮފީސް

އަބްދުއްރަހީމް އަބްދުﷲ ރައީސް މުއިއްޒާއި އެކު--- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި އިރަށް ވުރެ މިހާރު އެމަނިކުފާނާ އޮންނަ ގުޅުން މާ ގާތް ކަމަށް ވިދާޅުވެ، ޕާޓީގެ ތެރޭގައި ފެކްޝަން އުފެދިފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތައް އެ ޕާޓީގެ ޗެއާޕަރސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ދޮގުކުރައްވައިފި އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ބޭއްވި ޕީއެންސީގެ އެތެރޭގެ އިންތިޚާބަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

ޕީއެންސީގެ ތެރޭގައި ބައިބައިވުން އުފެދި އަބްދުއްރަހީމް އަދި ރައީސް ގެ ދެ ފެކްޝަނެއް އުފެދިފައިވާ ކަމަށް ބުނެ ދެކެވެމުން އަންނަ ވާހަކަތަކަށް ރައްދު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ އެފަދަ އެއްވެސް ކަމެއް ނުހިނގާ ކަމަށާއި ރައީސާ އޮންނަ ގުޅުން މިހާރު މާ ގާތް ކަމަށެވެ.

ރައީސް ޔާމީނާ މީގެ ކުރިން އޮތް ގާތް ކަމުން މިސާލު ނަންގަވާ އަބްދުއްރަހީމް ވިދާޅުވީ ރައީސް މުއިއްޒަކީ މީގެ ކުރިން އަބްދުއްރަހީމާއި އެވަރުގެ ގާތްކަމެއް އޮތް ބޭފުޅެއް ނޫން ކަމަށެވެ. އެކަމަކު 2012 އިން ފެށިގެން ވެސް ރައީސް މުއިއްޒު އެނގިވަޑައިގަންނަވާ ކަމަށާއި، ގުޅުން ވެސް އޮންނަ ކަމަށެވެ.

ރާއްޖޭގައި ސިޔާސީ ކަންކަމުގައި ރައީސް މުއިއްޒާ އެންމެ ގުޅުން ރަނގަޅު މީހަކީ އަޅުގަނޑު.

ދެ ބޭފުޅުންގެ ގުޅުން ގާތްވީ ޕީއެންސީގެ ތެރެއިން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އެގޮތުން އެމަނިކުފާނު ޗެއާޕަރސަންކަން ކުރައްވާ ޕީއެންސީގެ ރައީސަކީ ރައީސުލްޖުމްހޫރިއްޔާކަން ފާހަގަކުރައްވާ ވިދާޅުވީ ދެ ބޭފުޅުންނަށް ވެސް މިހާރު އެކުގައި މާ ގިނަ ވަގުތު ލިބި ކަންކަމުގައި މަޝްވަރާކޮށް އެކަކު އަނެކަކު ދަސްވާނެ ފުރުސަތާއި ވަގުތު ލިބިފައިވާ ކަމަށެވެ.

މިހުރިހާ ކަމަކަށް ރިއާޔަތްކޮށް އަޅުގަނޑު މި ދަންނަވަނީ މިހާރު ގާތްކަން މާ ބޮޑޭ. އެހެންވީމަ ކަމަށް އަޅުގަނޑު ގަބޫލުކުރަނޯ 20 ވަނަ ރައްޔިތުންގެ މަޖިލީސް އިންތިޚާބު ނިމުމާއި އެކު މެމްބަރުންނާ ބައްދަލުކުރައްވާ މަޖިލީހުގެ ރައީސްކަމަށް އަޅުގަނޑުގެ ނަން އެ ހުށަހެޅުއްވީ. ކުރިއަށް ވުރެ ބޮޑަށް އަޅުގަނޑަށް އިތުބާރު ކުރާތީ، ކުރިއަށް ވުރެ ބޮޑަށް ގުޅުން ރަނގަޅުވީމަ.

މަޖިލިސް އިންތިޚާބު އައީ މީގެ 6 މަސް ކުރިންކަމަށް ބުނެ، މިހާރު ދެ ބޭފުޅުންގެ ގުޅުމާއި މެދު ނޫސްވެރިޔަކު ސުވާލު އުފެއްދެވުމުން ވެސް އަބްދުއްރަހީމް ވަނީ މިހާރު އަދި އޭރަށް ވުރެ ގުޅުން ރަނގަޅު ކަމަށާއި، ދުވަހެއް ދުވަހަކަށް ގުޅުން ވަރުގަދަވަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ.

މިހާރު އަދި މާ ރަނގަޅޭ. ހަމަ އެއް ދުވަހުން އަނެއް ދުވަހަށް އެ ގުޅުން ދަނީ އިތުރުވަމުން. އެ އިތުބާރު ދަނީ ބޮޑުވަމުން.

ޕާޓީގެ މެދުގައި ހަމަނުޖެހުން އުފެދި، ބައިބައި ނުވާނެ ކަމުގެ ޔަގީންކަން ދެއްވަމުން އަބްދުއްރަހީމް އިތުރަށް ވިދާޅުވީ އެ ޕާޓީގެ އަސާސީ ގަވާއިދު އޮތް ގޮތުން ރިޔާސީ އިންތިޚާބުގެ ކުރިއަށް އޮތް ދައުރަށް ރައީސް މުއިއްޒު ނޫން ކެންޑިޑޭޓަކު ނުވެސް ނެރެވޭނެ ކަމަށެވެ. އެގޮތުން ޕާޓީގެ ޓިކެޓުގައި ވެރިކަމަށް ވަޑައިގެން ހުންނެވި ބޭފުޅާ ނޫން އިތުރު ބޭފުޅަކަށް ޓިކެޓު ނުދެވޭނެ ކަމަށާއި، ޕްރައިމަރީއަކަށް ވެސް ދާން ނުޖެހޭނެ ކަމަށް ވިދާޅުވި އެވެ.

މިހާރު އޮތް ވެރިކަމަކީ ކޯލިޝަނަކުން އައި ވެރިކަމަކަށް ވާއިރު، ކޯލިޝަންގައި ހިމެނޭ ޕީޕީއެމްގެ ހަރަކާތްތަކާ ގުޅޭގޮތުން އަބްދުއްރަހީމް ވިދާޅުވީ، އެ ޕާޓީ އަދި އުވާނުލާ ކަމަށާއި، އުވާލައިފި ނަމަ ނޫސްވެރިންނަށް ވެސް އެކަން އެނގޭނެ ކަމަށެވެ. މިވަގުތު ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ގިނަ ބޭފުޅުންނަކީ ޕީއެންސީގައި ތިއްބެވި ބޭފުޅުންކަން ފާހަގަކުރައްވާ އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމްގެ ހަރަކާތްތައް މަދުވެފައި ވަނީ އެ ސަބަބާ ހެދި ކަމަށެވެ.


https://int.etukuri.mv/
tel:+9607331319