logo

އިސްލާމީ އުންމަތުގެ ޙާލަތު

profile

މުހައްމަދު މުޝްރިފް - 23 ޑިސެމްބަރު 2025 - 11:05

އެއެއީ މުޅި ދުނިޔޭގެ ނަޒަރު ހުއްޓިފައިވާ ބައެކެވެ. ދުނިޔޭގެ ތިން ބައްރަށް ފެތުރިފައިވާ، އެއް ޢަޤީދާއެއްގެ ދަށުގައިވާ ބޮޑު އާބާދީއެކެވެ. އެއް عقيدة އެއް، އެއް ޝަރީޢަތެއް އަދި އެއް ރަސޫލެއްގެ ރިސާލަތަށް ތަބާވާ ބިލިއަނަކަށް ވުރެ ގިނަ މީހުންނެވެ. އާދެ! ޝައްކެއްވެސް ނެތެވެ! އެއީ އިސްލާމީ އުއްމަތެވެ. މީގެ އެތައް ޤަރުނެއް ކުރިން، ޢިލްމާއި ތަހުޒީބުގެ ރޮނގުން އެންމެ އުފެއްދުންތެރި، އެންމެ ބާރުގަދަ އަދި އެންމެ ކުރިއަރާފައިވާ ބަޔެއްގެ ގޮތުގައި ދުނިޔޭގައި އޮތް ޒަމާނެއް ވޭތުކޮށްފައިވާ އުންމަތެކެވެ. އެހެނަސް މިއަދު، މި މަންޒަރު ވަނީ މުޅިން ބަދަލުވެފައެވެ. މަތިވެރި ތާރީޚެއްގެ ވެރިބަޔަކަށް ވީނަމަވެސް، އެހާމެ ގިނަ ގޮންޖެހުންތަކެއްގެ ތެރޭގައި މިއަދު މި އިސްލާމީ އުއްމަތް އޮތް ކަމީ ދެބަސްވެވެން ނެތް ހަޤީޤަތެކެވެ.

https://wamco.com.mv/
އުއްމަތުގެ އަދުގެ ގޮނޖެހުންތައް

އެތައް މިލިއަން މުސްލިމުންގެ ދިރިއުޅުން މިއަދު ވަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ. އުންމަތުގެ އެންމެ ބޮޑު ގޮންޖެހުމްކީ އެއްބައިވަންތަކަން ނެތުމުގެ ވަބާއެވެ. ފަލަސްޠީނާއި، ކަޝްމީރު، އަދި ސޫރިޔާ، ޔަމަން، އަފްޣާނިސްތާން ފަދަ ޤައުމުތަކުގައި ސަލާމަތާއި އަމާންކަން ގެއްލި، ހަނގުރާމަ އާއި ބޭރުގެ ނުފޫޒުގެ ސަބަބުން އަނިޔާވެރިކަން ވަނީ ޢާންމު ޙާލަތަކަށް ބަދަލުވެފައެވެ. މި ހިތާމަވެރިކަން މިހެން ހުރިއިރު، އިޤްތިޞާދީ ގޮތުން ވެސް އުންމަތުގައި ވަރަށް ބޮޑު ތަފާތުކުރުމެއް އެބައޮތެވެ. އިސްލާމީ ބައެއް ޤައުމުތަކުގެ ތަނަވަސްކަމާ ޚިލާފަށް، އަނެއް ބައި ޤައުމުތަކުގެ ރައްޔިތުން ދަނީ ފަޤީރުކަމާއި ބަނޑުހައިހޫނުކަމުގެ ޝިކާރައަކަށް ވެފައެވެ. މި ބޮޑު ތަފާތުގެ ސަބަބުން އިޖުތިމާޢީ އެއްބައިވަންތަކަން ބަލިކަށިވެއެވެ. އަދި އެއަށް ވުރެ ވެސް ބޮޑު ގެއްލުމަކީ، ޢިލްމީ ގޮތުން ދުނިޔެއަށް އަލިކަން ދިން މި އުންމަތް، މިއަދު ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާގައި ވަރަށް ބޮޑަށް ފަހަތަށް ޖެހިފައިވުމެވެ. މި ހުރިހާ މައްސަލަތަކުގެ އަސްލަކީ އުންމަތުގެ އެތެރޭގައި އުފެދިފައިވާ އެއްބައިވަންތަކަން ގެއްލިފައިވުން ކަމީ ދެބަސްވެވޭނެ ކަމެއް ނޫނެވެ.

އުންމީދުގެ އަލިކަން

ނަމަވެސް، މި ހުރިހާ ދަތިކަމެއްގެ ތެރެއިން ވެސް އުންމަތުގެ ހިތްތަކުގައި އާ ރޫޙެއް އުފެދެމުން އެބަދެއެވެ. މިއީ ކުރިމަގަށް ހުޅުވިފައިވާ އުންމީދުގެ ދޮރާއްޓެވެ. މުސްލިމް ޒުވާނުންގެ މެދުގައި ދީނީ އަދި އިޖުތިމާޢީ ހޭލުންތެރިކަން އިތުރުވެ، އިސްލާމީ އަސްލު އުޞޫލުތަކަށް އެނބުރި ދިއުމަށް ގޮވާލާ އަޑުތައް މިވަނީ ގަދަވެފައެވެ. ތަޢުލީމީ ގޮތުން ބޮޑެތި އިންޤިލާބުތަކެއް ގެނައުމަށް މަސައްކަތް ކުރަމުންދާއިރު، އިޖުތިމާޢީ އެއްބާރުލުން ވެސް ދަނީ އިތުރުވަމުންނެވެ. ޒަކާތާއި ޞަދަޤާތުގެ ނިޒާމުތައް ހަރުދަނާކޮށް، ދަތި ޙާލުގައި ތިބި މީހުންނަށް އެހީތެރިވުމުގެ ރޫޙު އާލާވެ، އަޚުވަންތަކަމުގެ ގުޅުން ވަރުގަދަވަމުން އެބަދެއެވެ.

އުއްމަތުގެ ޢިއްޒަތް އަނބުރާ ލިބިގަތުން

މިއަދުގެ މިބޮޑު އިސްލާމީ އުންމަތުގެ ޙާލަތު ބަދަލުކުރުމަށްޓަކައި، ތަފާތު ތިން އަސާސީ ޙައްލެއް ފާހަގަކުރެވެއެވެ. ފުރަތަމަ ކަމަކީ، އެއްބައިވަންތަކަން އަލުން ދިރުވުމެވެ. އެއީ ޤައުމީ ސަރަޙައްދުތަކަށް ބެލުމެއްނެތި، އިސްލާމީ އަޚްވަންތަކަމުގެ ގުޅުން ހަރުދަނާކޮށް، އެކުވެރިކަން ޤާއިމުކުރުމެވެ. ދެވަނަ ކަމަކީ، ޢިލްމަށް އަހަންމިއްޔަތުކަން ދިނުން އިތުރުކުރުމެވެ. ދީނީ ޢިލްމުގެ އިތުރުން ދުނިޔަވީ އަދި ފަންނީ ޢިލްމުތައް ހޯދައި، ޓެކްނޮލޮޖީގެ ދާއިރާއިން ކުރިއަރާ ދިޔުމެވެ. ތިންވަނަ ކަމަކީ، ތަޤްވާވެރިކަން އިސްކުރުމެވެ. އެއީ ޤުރުއާނާއި ސުންނަތުގައި އެންގެވި މަގަށް އެނބުރިގޮސް، އިޖުތިމާޢީ ޢަދުލުވެރިކަން ޤާއިމުކުރުމެވެ. މި ތިން އަސާސަކީ، އުންމަތަށް ކުރީގެ ޢިއްޒަތް އަލުން ހޯދައިދޭނެ އެންމެ މުހިންމު ތަޅުދަނޑިތަކެވެ. އެހެންކަމުން، މި ތިން އަސާސް ހިފަހައްޓައިގެން ނޫނީ، މި އުންމަތަކަށް ކުރީގެ ޢިއްޒަތް އަލުން ހޯދައި ނުގަނެވޭނެއެވެ.

އެހެންކަމުން، މި ބޮޑު އުންމަތުގެ ކޮންމެ ފަރުދެއްގެ ވެސް ޒިންމާއަކީ، މި ޙައްލުތަކަށް ޢަމަލީ ސިފައެއް ގެނައުމަށް މަސައްކަތްކުރުމެވެ. ހަނދާން ކުރައްވާށެވެ! މާތް ﷲ ގެ ކަލާމްފުޅުގައި ވަޙީކުރައްވާފައިވަނީ:

﴿ ... وَلِلَّهِ الْعِزَّةُ وَلِرَسُولِهِ وَلِلْمُؤْمِنِينَ ... ﴾

މާނައީ: " ޢިއްޒަތް ވަނީ، ﷲއަށެވެ. އަދި އެކަލާނގެ ރަސޫލާއަށާއި، މުއުމިނުންނަށެވެ." (ސޫރަތުލް މުނާފިޤޫން: 8)

އިސްލާމީ އުންމަތަށް ބޭނުންވަނީ ހަމައެކަނި ފިކުރެއް ނޫނެވެ. ބޭނުންވަނީ މި ޢިއްޒަތް އަލުން ހޯދުމަށްޓަކައި އިޚްލާޞްތެރި ޢަމަލެވެ. މި އުންމަތް އަލުން އާރާސްތުކޮށް، ދުނިޔޭގައި އޮތް އެންމެ ބާރުގަދަ، އެންމެ މަތިވެރި ބަޔަކަށް ވެގެން ދިއުމަށްޓަކައި، އެންމެން އެކަތިގަނޑެއްގެ ގޮތުގައި ކުރިއަށް ދާން ޖެހެއެވެ.

ﷲ ސުބުހާނަހޫވަތަޢާލާ އަޅުގަނޑުމެންގެ މި އިސްލާމީ އުއްމަތަށް އެއްބައިވަންތަކަމާއި، ޢިލްމާއި، ތަޤްވާވެރިކަމުގެ މަގުގައި ސާބިތުވުމުގެ ހެޔޮ ތައުފީޤު މިންވަރު ކުރއްވާށިއެވެ! އާމީން!

https://wamco.com.mv/
https://eportal.mwsc.com.mv/e-pay