
މާލެހިޔާ ފްލެޓުތައް މަރާމާތުކުރާނެ ބަޔަކު ހޯދަން ކުރި އިއުލާން ބާތިލުކޮށްފި

މުޙައްމަދު ފަޟްލޫން - 24 މާރިޗު 2026 - 15:47
ސިނަމާލެ އާއި މާލެހިޔާ އަހަރުދުވަހުގެ މުއްދަތަށް މަރާމާތުކޮށް ބަލަހައްޓައިދޭނެ ބަޔަކު ހޯދަން މާލޭ ސިޓީ ކައުންސިލުން ކުރި އިއުލާން ބާތިލުކޮށްފިއެވެ.
ވަރަށް ބޮޑަށް ވީރާނާވެފައިވާ، އެތަންތަން މަރާމާތުކޮށްދޭނެ ބަޔަކު ހޯދަން މާލޭ ކައުންސިލުން އިއުލާންކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ސިނަމާލެ 3 އަދި 4 އާއި މާލެ ހިޔާ 1 އަދި 2ގެ ލިފްޓުތައް ސާވިސްކޮށް މަރާމާތުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ވެސް އެ ދުވަހު އިއުލާންކުރި އެވެ.
ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމެންޓް އަދި ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް ހުޅުވާލި އެ ފުރުސަތުގައި ބިޑް ހުށަހެޅުމުގެ މުއްދަތު ހަމަވަނީ އަންނަ މަހުގެ 5ގަ އެވެ.
ކައުންސިލުން ވަނީ މި އިއުލާންތައް އިއްޔެ ބާތިލުކޮށްފަ އެވެ.
މި އިއުލާންތައް ބާތިލުކުރިއިރު، ފްލެޓުތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަަސައްކަތާ ގުޅޭ ޓެންޑާ ލިޔެކިޔުންތައް ތައްޔާރުކުރުމަށްޓަކާ އެ ތަންތަނުގެ ތަފްސީލީ އެސެސްމެންޓެއް ހެދުމަށް ކޮންސަލްޓެންސީ ދޭނެ ބަޔަކު ހޯދަން ކޮންސްޓްރަކްޝަން މިނިސްޓްރީން އިން އިއްޔެ ވަނީ އިއުލާންކޮށްފަ އެވެ.
މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހަޅަން ފުރުސަތު ދީފައިވަނީ މި މަހުގެެ 31 ވަނަ ދުވަހުގެ މެންދުރުފަހު 1ގެ ކުރިންނެވެ.
ސިނަމާލެ އާއި މާލެހިޔާ ފްލެޓްތައް ތަޅާލައި އެތަނުގައި ބޯހިޔާވަހިކަމުގެ އާ މަޝްރޫއެއް ހިންގުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. މާލޭ މޭޔަރު ކަމުގައި ހުންނެވިއިރު އެ މަޝްރޫއު ހިންގަން ފާސް ވެސް ކުރި އެވެ. އެ މަނިކުފާނުގެ އޭރުގެ ވިސްނެވުމަކީ މިހާރު އެތަނުން ފްލެޓް މިލްކުކޮށްފައިވާ މީހުންނަށް އާ މަޝްރޫއުން ހިލޭ ފްލެޓް ދީ، އިތުރު ބަޔަކަށް ވެސް ފްލެޓް ދިނުމެވެ.
ގުޅުން ހުރި ޙަބަރުތައް

ހޫނު ގަދަވާތީ ސަމާލުވެ ރައްކާތެރިވާން އެޗްޕީއޭއިން އިލްތިމާސްކޮށްފި
2 ގަޑިއިރު ކުރިން

ރާއްޖޭގެ ސިޔާދަތީ ބާރުގެ ދަށުގައިވާ ވައިގެ ސަރަހައްދު ސާފުކޮށްދީފި
2 ގަޑިއިރު ކުރިން
ރާއްޖެއަށް ތެޔޮ އެތެރެ ކުރުމަށް 10 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވޭ: ތާރިގް
2 ގަޑިއިރު ކުރިން

ފަތުރުވެރިކަމުގެ 26 މައުރަޒެއްގައި ބައިވެރިވުމަށް ހުޅުވާލައިފި
2 ގަޑިއިރު ކުރިން


.gif&w=3840&q=75)