
"ބެލްޓް އެންޑް ރޯޑް ގްރީން އިނޮވޭޝަން ކޮންފަރެންސް" އަދި "އީކޯ އެކްސްޕޯ އޭޝިއާ" ގެ ހަވާސާގައި ބޭއްވުނު، ތިމާވެށްޓާ ގުޅޭ ޓެކްނޮލޮޖީ އާއި ދެމެހެއްޓެނިވި ތަރައްޤީއަށް އަމާޒުކޮށްގެން ކުރިއަށްގެންދާ "ގްރީން ސިލްކް ރޯޑް" ބައިނަލްއަޤްވާމީ ތަމްރީނު ޕްރޮގްރާމްގެ ތެރެއިން، ފޮޓޯ: މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ
ތިމާވެށީގެ ބައިނަލްއަޤްވާމީ މުހިންމު ކޮންފަރެންސެއްގައި ރާއްޖެއިން ބައިވެރިވެއްޖެ

އާމިނަތު ޝަޒްލާ - 30 އޮކްޓޯބަރު 2026 - 10:32
މި އަހަރުގެ "ބެލްޓް އެންޑް ރޯޑް ގްރީން އިނޮވޭޝަން ކޮންފަރެންސް" އަދި "އީކޯ އެކްސްޕޯ އޭޝިއާ" ގެ ހަވާސާގައި ބޭއްވުނު، ތިމާވެށްޓާ ގުޅޭ ޓެކްނޮލޮޖީ އާއި ދެމެހެއްޓެނިވި ތަރައްޤީއަށް އަމާޒުކޮށްގެން ކުރިއަށްގެންދާ "ގްރީން ސިލްކް ރޯޑް" ބައިނަލްއަޤްވާމީ ތަމްރީނު ޕްރޮގްރާމް އިފްތިތާޙީ ރަސްމިއްޔާތުގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީން މަޢުލޫމާތު ދެއްވި ގޮތުގައި، މި މުހިންމު ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ އަލްފާޟިލާ ޢާއިޝަތު އިނާޔާ އަދި ޑެޕިއުޓީ މިނިސްޓަރ އަލްފާޟިލް ޢަލީ ނާޞިރެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ސްޓޭޓް މިނިސްޓަރ ޢާއިޝަތު އިނާޔާ ދެއްވި ތަޤުރީރުގައި، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމެއްގެ ހައިސިއްޔަތުން ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ ތިމާވެށީގެ އަދި މޫސުމީ ޚާއްޞަ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. ވަކިން ޚާއްޞަކޮށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މޫސުމީ ބަދަލުތަކުން އަރައިގަތުމުގެ ޤާބިލުކަން އިތުރުކުރުމަށާއި، ދިރޭތަކެތީގެ ނަސްލުތަކާއި ދިރުންތަކުގެ މުއްސަނދިކަން ހިމާޔަތްކުރުމަށް ކުރަމުންދާ މަސައްކަތްތައް އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި ޤުދުރަތީ ވަސީލަތްތައް ބެލެހެއްޓުމަށް ރާއްޖެއިން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކުގެ ތަފްޞީލު ބައިނަލްއަޤްވާމީ މުޖުތަމަޢާ ޙިއްސާކުރެއްވިއެވެ.
މީގެ އިތުރުން، ދުނިޔެއަށް ދެމެހެއްޓެނިވި ފެހި ތަރައްޤީއެއް ގެނައުމަށްޓަކައި ކުރެވޭ މަސައްކަތްތައް އިތުރަށް ހަލުވިކުރުމަށްޓަކައި، ޤައުމުތަކުގެ މެދުގައި އޮންނަ ބައިނަލްއަޤްވާމީ އެއްބާރުލުން މިހާރަށްވުރެ ވަރުގަދަކުރަންޖެހޭކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ. އަދި ތިމާވެށި ރައްކާތެރިކުރުމުގައި ޒަމާނީ އައު އީޖާދުތަކުގެ ބޭނުން ހިފުމާއި، މި ދާއިރާއިން ލިބިފައިވާ މަޢުލޫމާތާއި ފަންނީ ތަޖުރިބާތައް އެއް ޤައުމުން އަނެއް ޤައުމަށް ޙިއްސާކުރުމަކީ މޫސުމީ ކާރިސާތަކުން އަރައިގަތުމަށް ކޮންމެހެން މުހިންމު ކަމެއްކަންވެސް އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މި ތަމްރީނު ޕްރޮގްރާމާއި ކޮންފަރެންސްގެ ސަބަބުން، ތިމާވެށީގެ ދާއިރާއިން ރާއްޖެއަށް ބޭނުންވާ ޒަމާނީ ޓެކްނޮލޮޖީއާއި ފަންނީ އެހީތެރިކަން ހޯދުމަށް އިތުރު ފުރުޞަތުތަކެއް ފަހިވެގެންދާނެ ކަމަށް އެ މިނިސްޓްރީން މަޢުލޫމާތުދެއެވެ.
ގުޅުން ހުރި ޙަބަރުތައް

ތުޅާދޫ ހައުސިންގ ޔުނިޓުތަކަށް ހުށަހެޅި ފޯމުތަކަށް ލިބުނު ޕޮއިންޓު ހިޔާވެހި ޕޯޓަލުން ބެލޭނެ: ހައުސިން މިނިސްޓްރީ
ގަޑިއިރެއް ކުރިން

ޕާކުކުރުން: އަނެކާގެ ޙައްޤަށް އިޙްތިރާމްކުރަމާތޯ؟
ގަޑިއިރެއް ކުރިން

ރާއްޖޭގެ އިތުރު 3 ސަރަހައްދެއްގައި ރިހިބިލިޓޭޝަން ސެންޓަރުތައް ގާއިމްކުރަނީ
ގަޑިއިރެއް ކުރިން

އާސަންދަ ކުންފުންޏަށް ބިޒްނަސް ލެޕްޓޮޕް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަނީ
ގަޑިއިރެއް ކުރިން


