
ހުކުރު ނަމާދުގެ ކުރިން ހުކުރު ޚުޠުބާ ކިޔަނީ---
ދިރިއުޅުމުގައި ކުރިމަތިވާ އިމްތިޙާނުތަކުގައި ރިވެތި އަޚުލާޤު އިސްކުރުމަށް ހުތުބާގައި ގޮވާލައިފި

ޖިނާން ޙުސައިން ޖަބީން - 20 ނޮވެމްބަރު 2026 - 09:22
ދިރިއުޅުމުގެ އެކި މަރުޙަލާތަކުގައި ކުރިމަތިވާ ގޮންޖެހުންތަކާއި އިމްތިޙާނުތަކުގައި ކެތްތެރިކަން އިސްކޮށް، ރިވެތި އަޚުލާޤުގެ މަތީގައި ސާބިތުވެ ތިބުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ނަސޭހަތްތެރިވެއްޖެއެވެ.
"އިސްލާމްދީނަކީ ރިވެތި އަޚުލާޤުގެ ދީން" މި މަޢުޟޫޢަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުޠުބާގައި ބުނެފައިވަނީ، އިސްލާމްދީނަކީ އިންސާނިއްޔަތަށް މާތް ސުލޫކާއި މަތިވެރި އަޚުލާޤު އުނގަންނައިދެއްވުމަށްޓަކައި މާތް ﷲ ބާވައިލެއްވި މަތިވެރި ދީން ކަމަށެވެ. އަދި ކީރިތި ރަސޫލާ مُحَمَّدُ صلى الله عليه وسلم ރަސޫލުކަމައިގެން ފޮނުއްވުމުގެ އެންމެ މުހިންމު އެއް މަޤްޞަދަކީ ވެސް، މީސްތަކުންގެ މެދުގައި ރިވެތި އަޚުލާޤުގެ ސިފަތައް ފުރިހަމަކުރެއްވުން ކަމުގައި ފާހަގަކުރިއެވެ.
ޚުޠުބާގައި ބަޔާންކުރި ގޮތުގައި، އިސްލާމީ އަޚުލާޤުގެ އެންމެ މުހިންމު އެއް އަސާސަކީ ކެތްތެރިކަމެވެ. އެއީ ނަފުސުގެ އެދުންތަކުންނާއި ތަފާތު ފާފަތަކުން އިންސާނާ ދުރުހެލިކޮށް، ސަލާމަތުގެ އައްސޭރިއަށް ވާޞިލުކޮށްދޭ މަތިވެރި ސިފައެކެވެ. ދުންޔަވީ ޙަޔާތުގެ ބަދަލުވަމުންދާ ޠަބީޢަތުގެ މައްޗަށް އަލިއަޅުވާލަމުން ޚުޠުބާގައި ބުނެފައިވަނީ، ދުޅަހެޔޮކަމުގެ ފަހަތުން ބަލިމަޑުކަން އަދި ތަނަވަސްކަމަށްފަހު ފަޤީރުކަމާއި ދަތިޙާލު ކުރިމަތިވުމަކީ ކާއިނާތުގެ ޤާނޫނު ކަމެވެ. ހަމައެއާއެކު، ލޯބިވާ ދަރިންނާއި، މުދަލާއި ގެދޮރު އެސްފިޔަޖަހާ ފަދަ ކުރު ހިނދުކޮޅެއްގެ ތެރޭގައި ގެއްލިދިޔުމާއި، އަމާންކަމަށްފަހު ބިރުވެރިކަން ކުރިމަތިވުމަކީ މާތް ﷲ އަޅުތަކުން އިމްތިޙާނު ކުރެއްވުމަށް މިންވަރުކުރައްވާ ކަންކަން ކަމުގައިވެސް ހަނދާންކޮށްދިނެވެ.
މިފަދަ އިމްތިޙާނުތަކަކީ އެހެން އިންސާނެއްގެ ސަބަބުން ކުރިމަތިވި ކަމެއްގެ ގޮތުގައި ދެކި، މީސްތަކުންނާމެދު ބަދުގުމާނުކޮށް ހިތް ނުބައިކުރުމަކީ މުއުމިނުންގެ ސިފައެއް ނޫންކަން ޚުޠުބާގައި ހަނދާންކޮށްދިނެވެ. މާތް ﷲ ވަނީ އެފަދަ ކަންކަމުން އަޅުތަކުން އިމްތިޙާނު ކުރައްވާނެކަން އަންގަވައި، އެ އިމްތިޙާނުތަކުގައި ކެތްތެރިވާ މީހުންނަށް އުފާވެރިކަމުގެ ޚަބަރު ދެއްވާފައެވެ. މީގެއިތުރުން، އަތްމަތި ދަތިވެ ބަނޑުހައިހޫނުކަމުގެ ޙާލަތު ކުރިމަތިވި ކަމުގައިވިޔަސް، އެހެން މީހުން ބުރަ މަސައްކަތުން ހޯދާފައިވާ މުދަލަށް އަރައިގަނެ، ވައްކަމާއި ފޭރުމުގެ ޢަމަލުތައް ހިންގުމަކީ އިސްލާމްދީން އެއްވެސް ޙާލެއްގައި ހުއްދަކުރާ ކަމެއް ނޫންކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.
ޚުޠުބާ ނިންމާލަމުން ގޮވާލާފައިވަނީ، މާތް ﷲ އާއި އެކަލާނގެ ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ދެއްކެވި ޞިރާޠުލް މުސްތަޤީމުގައި ސާބިތުވެ، އެކަލޭގެފާނުގެ މާތް އަދި ރިވެތި އަޚުލާޤުން ޒީނަތްތެރިވުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ލާޒިމު ދީނީ ވާޖިބެއް ކަމުގައެވެ.
ގުޅުން ހުރި ޙަބަރުތައް

"ސިއްހަތަށް ރައްކާތެރިވުމަކީ މާތްﷲ ގެ ހަޒުރަތަށް ކުއްތަންވުމަށާއި، ހެޔޮ އަމަލުކުރުމަށް ދެއްވާފައިވާ އަމާނާތެއް"
15 ދުވަސް ކުރިން
.jpg&w=3840&q=75)
މީސްތަކުންގެ މެދުގައި ތަނަވަސްކަމާއި ދަތިކަން ލައްވާފައިވަނީ އަޅުތަކުން އިމްތިހާނުކުރެއްވުމަށް: ހުކުރު ހުތުބާ
މަހެއް ކުރިން

ނަފްސަށް އަނިޔާވެރިވުމަކީ މާތް ﷲ ހަރާމްކުރައްވާފައިވާ ކަންކަމަށް އަރައިގަނެ ފާފަވެރި އަމަލުތައްކުރުން: ހުކުރު ހުތުބާ
7 މަސް ކުރިން

މައިން ބަފައިންނަށް ހެޔޮކޮށް ހިތަން ހުތުބާގައި ގޮވާލައްވައިފި
8 މަސް ކުރިން


