.jpg&w=3840&q=75)
މީސްތަކުންގެ މެދުގައި ތަނަވަސްކަމާއި ދަތިކަން ލައްވާފައިވަނީ އަޅުތަކުން އިމްތިހާނުކުރެއްވުމަށް: ހުކުރު ހުތުބާ

ޖިނާން ޙުސައިން ޖަބީން - 09 އޮކްޓޯބަރު 2026 - 08:47
މީސްތަކުންގެ މެދުގައި ތަނަވަސްކަމާއި ދަތިކަން މާތްﷲ ލައްވާފައިވަނީ އެކަލާނގެ އަޅުތަކުން އިމްތިހާނުކުރެއްވުމުގެ ގޮތުން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ހުތުބާގައި ބުނެފައިވާ ގޮތުގައި، އިންސާނާގެ އަތްމަތީގައިވާ މުދަލަކީ ވަގުތީ ގޮތުން އެ މީހަކަށް މާތްﷲ ހަވާލުކުރައްވާފައިވާ އަމާނާތެކެވެ.
ދުނިޔޭގައި ކޮންމެ އަމާނާތަކާމެދު ޖަވާބުދާރީވާންޖެހޭ ފަދައިން ގިޔާމަތް ދުވަހު މާތްﷲ ގެ ހަޒުރަތުގައި އެ މުދަލާ މެދު ޖަވާބުދާރީވާންޖެހޭނެ ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.
މުދަލަކީ ހަމައެކަނި ދިރިއުޅުމުގެ ބޭނުންތައް ފުއްދުމަށް ދެއްވާފައިވާ ވަސީލަތެއް ނޫންކަން ފާހަގަކުރަމުން ހުތުބާގައި ބުނެފައިވަނީ، މުދަލަކީ އިންސާނާ އިމްތިހާނު ކުރެއްވުމަށްޓަކައި ދެއްވާފައިވާ އެއްޗެއް ކަމަށެވެ. އަދިހަމައެހެންމެ، މީސްތަކުންގެ މެދުގައި ތަނަވަސްކަމާއި ދަތިކަން ލައްވާފައިވަނީ އިއްތިފާގަކުން ނޫން ކަމަށާއި، އެއީ މާތްﷲ ގެ މަތިވެރި ހިކުމަތްފުޅާއި ތަދުބީރުފުޅުގެ ދަށުން އަޅުތަކުން އިމްތިހާނު ކުރެއްވުމަށްޓަކައި މިންވަރުކުރައްވާފައިވާ ކަމެއްކަން ހަނދާންކޮށްދިނެވެ. އެހެންކަމުން، ކޮންމެ މީހަކު ވެސް ތިމާއަށް އެއްކުރެވުނީ ކިހާ މުދަލެއްތޯ ސުވާލު އުފެއްދުމުގެ ބަދަލުގައި މާތްﷲ މިންވަރުކުރެއްވި އިމްތިހާނުން ކާމިޔާބު ހޯދުނުތޯ ސުވާލު އުފެއްދުން މާ މުހިއްމު ކަމަށް ހުތުބާގައި ބުންޏެވެ.
މީގެއިތުރުން، އެއްކުރާ މުދަލާމެދު ގިޔާމަތް ދުވަހު ސުވާލުވެވޭނެތީ، މުދާ ހޯދަންވާނީ ޝަރުއީ އިންތަކުގެ ތެރެއިން ހުއްދަ ގޮތުގައި ކަމަށް ހުތުބާގައި ހަނދާންކޮށްދިނެވެ. އަދި ހަރާމް ގޮތުގައި މުދާ ހޯދުމުގެ ހައްގު އެއްވެސް މީހަކަށް ލިބިގެންނުވާ ކަމަށް ވެސް ބުންޏެވެ.
އިސްލާމްދީނުގައި ހަރާމް ގޮތުގައި މުދާ ހޯދުން މަނާކުރައްވާފައިވާކަން ފާހަގަކުރަމުން ހުތުބާގައި ބުނީ، ރިބާއާއި ރިޝްވަތާއި، މަކަރާއި ހީލަތް ހެދުމާއި، ވައްކަމާއި ޖުވާކުޅުމުގެ އިތުރުން ފޭރުމާއި އަމާނާތަށް ހިޔާނާތްތެރިވެގެން ފައިސާ ހޯދުމަކީ މާތްﷲ ކަނޑައެޅިގެން ހަރާމްކުރައްވާފައިވާ ކަންކަން ކަމަށެވެ. އަދި މިއީ ހަމައެކަނި މާލީ ގޮތުން ވެވޭ ހިޔާނާތެއް ނޫން ކަމަށާއި، މިއީ އިލާހީ އަމާނާތަށް ވެވޭ ވަރަށް ބޮޑު ހިޔާނާތެއް ކަމަށް ވެސް ހުތުބާގައި ބުންޏެވެ.
މިއަދުގެ ހުކުރު ހުތުބާގައި އިތުރަށް ބުނެފައިވަނީ، މާތްﷲ އިންސާނާއާ ހަވާލުކުރައްވާފައިވާ މުދަލުގައި އަދާކުރަންޖެހޭ ހައްގުތަކާއި މަސްއޫލިއްޔަތުތަކެއް އެކަލާނގެ ކަނޑައަޅުއްވާފައިވާ ކަމަށެވެ. އެގޮތުން، އެ މުދަލުން އެންމެ ފުރަތަމަ އަދި އެންމެ އިސްކަންދީގެން އަދާކުރަންޖެހޭ ވާޖިބަކީ، ތިމާގެ އަމިއްލަ އަހުލުންނަށް ކުރަންޖެހޭ ހަރަދުތައް ކުރުން ކަމުގައި ހުތުބާގައި ބުންޏެވެ.
ގުޅުން ހުރި ޙަބަރުތައް

ނަފްސަށް އަނިޔާވެރިވުމަކީ މާތް ﷲ ހަރާމްކުރައްވާފައިވާ ކަންކަމަށް އަރައިގަނެ ފާފަވެރި އަމަލުތައްކުރުން: ހުކުރު ހުތުބާ
6 މަސް ކުރިން

މައިން ބަފައިންނަށް ހެޔޮކޮށް ހިތަން ހުތުބާގައި ގޮވާލައްވައިފި
6 މަސް ކުރިން

އަޅުކަން ކުރުމަކީ، ހަމައެކަނި ވަކި މޫސުމަކާ ގުޅިފައި އޮންނަންވާނެ ކަމެއް ނޫން: ހުކުރު ހުތުބާ
7 މަސް ކުރިން

ތައުބާވުމަކީ ތަގުވާވެރިކަމުގެ މަތިވެރި ސިފަ ލިބިގަތުމަށް މަގުފަހިކޮށްދޭ ކަމެއް: ހުކުރު ހުތުބާ
8 މަސް ކުރިން


