
ހުކުރު ނަމާދުގެ ކުރިން ހުކުރު ޚުޠުބާ ކިޔަނީ---
ސިއްހަތަށް ރައްކާތެރިވުމަކީ މާތްﷲ ގެ ހަޒުރަތަށް ކުއްތަންވުމަށާއި، ހެޔޮ އަމަލުކުރުމަށް ދެއްވާފައިވާ އަމާނާތެއް: ހުކުރު ހުތުބާ

ޖިނާން ޙުސައިން ޖަބީން - 06 ނޮވެމްބަރު 2026 - 08:16
ސިއްހަތަށް ރައްކާތެރިވުމަކީ މާތްﷲ ގެ ހަޒުރަތަށް ކުއްތަންވުމަށާއި، ހެޔޮ އަމަލުތައް ކުރުމަށް ދެއްވާފައިވާ އަމާނާތެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ މިސްކިތްތަކުގައި މިއަދު އިއްވި ހުކުރު ހުތުބާ ހާއްސަކޮށްފައިވަނީ "ސިއްހަތަށް ފަރުވާތެރިވުން" މި މައުލޫއަށެވެ. ހުތުބާގައި ފާހަގަކުރި ގޮތުގައި، މާތްﷲ އިންސާނާއަށް ދުޅަހެޔޮކަމުގެ ނިއުމަތް ދެއްވުމަށްފަހު، އެ ނިއުމަތަށް ރައްކާތެރިވުމުގެ ފުރިހަމަ ޒިންމާ ވަނީ އެ އިންސާނާއާ ހަވާލުކުރައްވާފައެވެ. އެހެންކަމުން ގަސްދުގައި އަމިއްލަ ހަށިގަނޑަށް ގެއްލުންދިނުމާއި، ނުރައްކާތަކަށް ނަފުސު ހުށަހެޅުމާއި، އަދި ސިއްހަތަށް އިހުމާލުވެ ޒަރޫރީ ސިއްހީ ފަރުވާ ދޫކޮށްލުމަކީ އިސްލާމްދީން ހުއްދަކުރާ ކަންކަމެއް ނޫން ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.
ހުތުބާގައި ބުނީ، އިންސާނާގެ ނަފުސަކީ މާތްﷲ ހަވާލުކުރައްވާފައިވާ މަތިވެރި އަމާނާތެއް ކަމަށާއި، ހިތް އެދޭހާ ގޮތަކަށް އެ އަމާނާތް ނަގައިލުމުގެ ހައްގެއް އެއްވެސް އިންސާނަކަށް ލިބިގެން ނުވާ ކަމަށެވެ.
މީގެއިތުރުން، މިއަދު ލިބިފައިވާ ބާރާއި ޒުވާންކަމަކީ އަބަދު ދެމިއޮންނާނެ އެއްޗެއް ނޫންކަން ހަނދާންކޮށްދެމުން ހުތުބާގައި ބުނީ، ހަށިގަނޑުގެ ބާރުދެރަވެ، އެހެން މީހުންގެ އެހީތެރިކަމަށް ބޭނުންވާނެ ދުވަހެއް އަންނާނެ ކަމެވެ. ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި ސިއްހަތަށް ރައްކާތެރިވުމުގެ ހަމައެކަނި ބޭނުމަކީ ބަލިތަކުން ދުރުވެހުރުން ނޫން ކަމަށާއި، އެއީ މާތްﷲ އަށް ކުއްތަންވުމަށާއި ހެޔޮ އަމަލުތައް ކުރުމަށްޓަކައި ލިބިފައިވާ އަގުހުރި ފުރުސަތެއް ކަމަށް ވެސް ހުތުބާގައި ވަނީ ބުނެފައެވެ.
އެގޮތުން ނަމާދުގައި ކޮޅަށް ހުރުމާއި، މިސްކިތަށް ހިނގާފައި ދިއުމާއި، މުސްކުޅި މައިންބަފައިންނަށް އަޅާލައި އޯގާތެރިވެ ހިދުމަތްކުރުމާއި، ބަލިމީހުންނަށް ޒިޔާރަތްކޮށް ހާލުބެލުމުގެ އިތުރުން، ހަލާލު ރިޒުގު ހޯދުމަށް ކުރާ މަސައްކަތްތަކަކީ މާދަމާ ގެއްލި ހިނގައިދާނެ އަގުހުރި ފުރުސަތުތަކެއްކަން މިއަދުގެ ހުކުރު ހުތުބާގައި ވަނީ ފާހަގަކޮށްފައެވެ.
ހުކުރު ހުތުބާ ނިންމާލަމުން ވަނީ، ކޮންމެ މީހަކު ވެސް ހަލާލު ރަނގަޅު ކާބޯތަކެތިން ހަށިގަނޑަށް ލިބޭ ބާރާއި ކުޅަދާނަކަން ހޭދަކުރެވެނީ ކޮންގޮތަކަށްތޯ އަމިއްލަ ނަފުސާ ސުވާލުކޮށް، ލިބިފައިވާ ނިއުމަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ނަސޭހަތްތެރިވެފައެވެ.
ގުޅުން ހުރި ޙަބަރުތައް
.jpg&w=3840&q=75)
މީސްތަކުންގެ މެދުގައި ތަނަވަސްކަމާއި ދަތިކަން ލައްވާފައިވަނީ އަޅުތަކުން އިމްތިހާނުކުރެއްވުމަށް: ހުކުރު ހުތުބާ
މަހެއް ކުރިން

ނަފްސަށް އަނިޔާވެރިވުމަކީ މާތް ﷲ ހަރާމްކުރައްވާފައިވާ ކަންކަމަށް އަރައިގަނެ ފާފަވެރި އަމަލުތައްކުރުން: ހުކުރު ހުތުބާ
7 މަސް ކުރިން

މައިން ބަފައިންނަށް ހެޔޮކޮށް ހިތަން ހުތުބާގައި ގޮވާލައްވައިފި
7 މަސް ކުރިން

އަޅުކަން ކުރުމަކީ، ހަމައެކަނި ވަކި މޫސުމަކާ ގުޅިފައި އޮންނަންވާނެ ކަމެއް ނޫން: ހުކުރު ހުތުބާ
8 މަސް ކުރިން


