logo

ރާއްޖޭގައި އަލަށް ބަންކަރިންގެ ޚިދުމަތް ފަށައިފި

profile

ޝުރުފާ މުހަންމަދު - 19 ސެޕްޓެމްބަރު 2024 - 17:53

ރާއްޖޭގައި ބަންކަރިން ޚިދުމަތް އަލަށް ފެށުން--- ފޮޓޯ: ހަތާވީސް

ރާއްޖޭގައި ބަންކަރިން ޚިދުމަތް އަލަށް ފެށުން--- ފޮޓޯ: ހަތާވީސް

ރާއްޖޭގެ ތާރީޚުގައި އަލަށް ފެށި ބަންކަރިންގެ ޚިދުމަތް ފަށައިފި އެވެ.

އިހަވަންދިއްޕޮޅުގައި މި ޚިދުމަތް އިފްތިތާހުކޮށްދެއްވީ އެކަމަށް ޚާއްސަކޮށް ހޯރަފުށީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ރައްޔިތުންގެ މަޖިލީހުގައި ހއ. ތަމްސީލްކުރައްވާ ފަސް މެމްބަރުންނެވެ.

މި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރ މުހަންމަދު ސައީދާއި، އެމްޕީއެލްގެ ސީއޯއޯ މުހަންމަދު ވަޖީހާއި، އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހިމް ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ އެމްޑީ އަހުމަދު މުބީނާއި، އެ އަތޮޅުގެ ކައުންސިލަރުން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

އެސްޓީއޯ އާއި އެމްޕީއެލް ގުޅިގެން ރާއްޖޭގައި ބަންކަރިންގެ ހިދުމަތް އަލަށް ފަށާފައިވާއިރު މި ޚިދުމަތަށް ދެ ބޯޓު ބޭނުން ކުރާނެ އެވެ. އެއީ 'މެރިން އޭންޖަލް' އަދި 'މެރިން ބެލާ' ނަމަކަށް ދެ ބާޖެވެ. މި ދެ ބާޖުގައި ގާތްގަނޑަކަށް 4،000 ޓަނުގެ ތެޔޮ އުފުލޭނެ އެވެ.

ބަންކަރިންގ ޚިދުމަތުގެ ތެރެއިން ބޯޓުތަކަށް ތެޔޮ ފޯރުކޮށްދިނުމުގެ ހިދުމަތް ދޭނީ އެސްޓީއޯއިންނެވެ. އަދި ޕައިލަޓޭޖާއި މެރިޓައިމްގެ އެހެން ހިދުމަތްތައް ދޭނީ އެމްޕީއެލްއިންނެވެ.

ބަންކަރިންގެ ހިދުމަތާއި އެކު، އެ ސަރަހައްދުގައި އިތުރު 14 ޚިދުމަތެއް ވެސް ފެށިގެން ދާނެ އެވެ. އޭގެ ތެރޭގައި ބަންކަރިންގެ ޚިދުމަތް ހޯދާ ބޯޓުފަހަރަށް ބޭނުންވާނެ ޕައިލޮޓޭޖު ހިދުމަތާއި ޑޮކިން ހިދުމަތް އަދި ކްރޫ އިން ބަދަލު ކުރުމާ ގުޅޭ ހިދުމަތްތަކުގެ އިތުރުން ބޯޓުތަކަށް ބޭނުންވާ ފެން ފޯރުކޮށްދީ ކުނި އުކާލުމުގެ ހިދުމަތް ފޯރުކޮށްދިނުމުގެ ޚިދުމަތް ވެސް ވަނީ ފަށާފަ އެވެ. މިއާއި އެކު އެ ސަރަހައްދުގެ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތައް ވެސް ފަހިވެގެންދާނެ އެވެ. އަދި މިޚިދުމަތްތައް އެނގޭނެ ގޮތަށް "އިތުރު މެރިޓައިމް ސާވިސް"ގެ ނަމުގައި ވެބްސައިޓެއް ވަނީ ގާއިމްކޮށްފަ އެވެ.

ބަންކަރިންގެ ހިދުމަތް ފޯރުކޮށްދެނީ ހަކަތައިގެ ވިޔަފާރިކުރާ ދުނިޔޭގެ އެންމެ ބޮޑު އަމިއްލަ ކުންފުނި، ވިޓޯލް ގުޅިގެންނެވެ. މުސްތަގުބަލުގައި މި ޚިދުމަތް ފުޅާކޮށް، އެ ސަރަހައްދުގައި ސްޓޯރޭޖު ވެސް ގާއިމްކުރުމަށް ހަމަޖެހިފައިވާއިރު، ބަންކަރިން މަޝްރޫއުގެ ދެވަނަ ފޭސްގައި އޮއިލް ޓާމިނަލް އާއި އޮއިލް ޓޭންކުތައް ގާއިމްކުރުމުގެ މަސައްކަތް ފެށިގެންދާނެ އެވެ.

tel:+9607331319