logo

އިންވެސްޓަރ ވިސާގެ ނަމުގައި އައު ވިސާއެއް ތައާރަފްކުރަނީ

profile

އާމިނަތު ޝަފާ - 03 ސެޕްޓެމްބަރު 2024 - 15:15

މިނިސްޓަރ ސައީދު

މިނިސްޓަރ ސައީދު

ރާއްޖޭގެ އިޤްތިޞާދީ ދުވެލި އިތުރުކޮށް، ބޭރުގެ އިންވެސްޓަރުން ރާއްޖެއަށް ގެނައުމަށްޓަކައި "އިންވެސްޓަރ ވިސާ" ގެ ނަމުގައި އައު ވިސާއެއް ތަޢާރަފުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯ ވިޝަންއެއްކަމަށް ޢިޤްތިޞާދާ ތަރައްޤީއާއި ވިޔަފާރިޔާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ސައީދު ވިދާޅުވީ 2015 ވަނަ އަހަރު ތަޢާރަފުކުރެވުނު ކޯޕަރޭޓް ރެސިޑެންސް ވިސާއަށް 2020 ވަނަ އަހަރު ބަދަލުތަކެއް ގެނެވުނު ނަމަވެސް، އެ ވިސާގެ ބަދަލުގައި މިހާރު ގެންނަން މި އުޅެނީ އިންވެސްޓަރުންނަށް ޚާއްޞަ ވިސާއެއްކަމަށެވެ.

މި އައު ވިސާ ތަޢާރަފުކުރުމުގެ މަޤްޞަދަކީ ކުރިއަރާފައިވާ ޤައުމުތަކުގައި ރިއަލް އެސްޓޭޓް ބާޒާރު ފުޅާކުރި ތަޖުރިބާއާއި، ބައިނަލްއަޤްވާމީ ފަންނީ ލަފާގެ އަލީގައި ރާއްޖޭގެ އިޤްތިޞާދީ ޙަރަކާތްތައް އިތުރުކުރުމެވެ. މި ވިސާގެ ސަބަބުން ރާއްޖެއަށް އިތުރު އިންވެސްޓްމަންޓްތައް ގެނައުމަށް މަގުފަހިވެގެންދާނެ ކަމެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ސަޢީދު ވިދާޅުވީ މިއީ ޔޫއެސް ޑޮލަރުން ފައިސާ ލިބޭނެ ކަމެއް ކަމަށެވެ. އަދި މި މަސައްކަތުގައި މިހާރު ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ. މި ޕްރޮގްރާމް ކާމިޔާބު ކުރުމަށްޓަކައި ދުނިޔޭގެ މިކަމުގައި ކުރިއަރާފައިވާ ބައެއް ކުންފުނިތަކާއެކު މަސައްކަތްކުރަމުންދާ ކަމުގައި ވަޒީރު ސަޢީދު ވިދާޅުވިއެވެ.

ބޭރުގެ އިންވެސްޓަރުންނަށް އަމާޒުކޮށްގެން ގިނަ ޤައުމުތަކުން ތަޢާރަފުކޮށްފައިވާ އިންވެސްޓަރ ވިސާއަކީ، ބޭރުގެ ރައުސުލްމާލު އެ ޤައުމަކަށް ގެނައުމަށް މަގުފަހިކޮށްދޭ މުހިންމު ވަސީލަތެކެވެ. މި ވިސާގެ ދަށުން، ވަކިވަކި ފަރުދުންނަށް ބޭރު ޤައުމެއްގައި މާލީ ގޮތުން ބޮޑު އިންވެސްޓްމަންޓެއް ކޮށްގެން އެ ޤައުމެއްގައި ދިރިއުޅުމުގެ ފުރުޞަތު ލިބިގެންދެއެވެ.

އިންވެސްޓަރ ވިސާ ފަރުމާކުރެވިފައިވަނީ ބޭރުގެ ރައުސުލްމާލާއި ވިޔަފާރިވެރިން ޝައުޤުވެރިކުރުވާ ގޮތަށް، އެ ޤައުމެއްގައި ދިރިއުޅުމާއި މަސައްކަތްކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަށެވެ. މިފަދަ ވިސާ ދޫކުރާ ޤައުމުތަކުގެ މަޤްޞަދަކީ އިޤްތިޞާދީ ދުވެލި އިތުރުކޮށް، ވަޒީފާގެ ފުރުޞަތުތައް އިތުރުކުރުމެވެ.

https://int.etukuri.mv/
tel:+9607331319