logo

ފަތުރުވެރިކަމަށް އިންޓަރެސްޓް ރޭޓް ކުޑަ ލޯނުތަކެއް ދޫކުރަނީ

profile

މަރްޔަމް އުމްނާ އިސްމާޢީލް - 28 ސެޕްޓެމްބަރު 2024 - 14:16

ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް, ފުވައްމުލައް ސިޓީގައި ރޭ ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަނީ:

ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް, ފުވައްމުލައް ސިޓީގައި ރޭ ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަނީ:

ފަތުރުވެރިކަމުގެ ސިނާއަތަށް ހާއްސަކޮށް، އިންޓްރެސްޓް ރޭޓު ކުޑަ ލޯނުތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ އަހަރުގެ ތެރޭގައި ހުޅުވާލާނެ ކަމަށް ޓުރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ.

ފުވައްމުލައް ސިޓީގެ ފަތުރުވެރިކަމަށް 10 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ރޭ އެ ސިޓީގައި ބޭއްވި 'ފުވައްމުލައް ޓޫރިޒަމް އެވޯޑްސް' ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރު ފައިސަލްއެވެ. އިއްޔެ އަކީ ބައިނަލްއަގްވާމީ ފަތުރުވެރިކަމުގެ ދުވަސް ވެސް މެއެވެ.

އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ޒުވާނުންނަށާއި، އަދި އެ ދާއިރާއަށް ވަންނަން ބޭނުންވާ ފަރާތްތަކަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެކަމަށް ބޭނުންވާ މާލީ އެހީތެރިކަން ނުލިބުން ކަމަށެވެ.

ރާއްޖޭގެ ބޭންކުތަކުން އެ ފަރާތްތަކަށް ދޫކުރާ ލޯނުތަކުގެ އިންޓަރެސްޓު ރޭޓު ބޮޑުކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، އެކަމުގެ ސަބަބުން އަތޮޅުތަކުގައި މަސައްކަތް ފަށައިގަތުމަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވާ ކަމަށެވެ.

އެހެންވެ، އިންޓަރެސްޓް ރޭޓު ކުޑަ ލޯނުތަކެއް ހޯދުމަށްޓަކައި ރާއްޖޭގެ ބޭންކުތަކާ އެކު މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އަންނަ އަހަރުގެ ފުރަތަމަ ނުވަތަ ދެވަނަ ކުއާޓަރުގައި އެފަދަ ލޯނުތަކަށް ހުޅުވާލެވޭނެ ކަމަށް ވިދާޅުވިއެވެ.

"އެހެންވެ މި މަސައްކަތް އަޅުގަނޑު ބީއެމްއެލް އާއި އެމްއައިބީއާއި އެކީގައި މިއަންނަނީ ކުރަމުން. އަދި ހާއްސަކޮށް ވޯލްޑު ބޭންކުގެ އައިއެފްސީއާ އެކު، ބޭއްވުނު ރަސްމީ ބައްދަލުވުމުގައި ވެސް މިވާހަކަ ވާނީ ދެކެވިފަ. ޓޫރިޒަމް ޑިވެލޮޕްމެންޓް ފަންޑެއް ރަނގަޅު ލޯ އިންޓަރެސްޓް ރޭޓެއްގައި ހޯދައި، އެ ޕްރޮޑަކްޓު ވީހާވެސް އަވަހަކަށް އަޅުގަނޑުމެންނަށް މި އުއްމީދުކުރެވެނީ ﷲގެ ހެޔޮ ރަހުމަތްފުޅާ އެކީގައި މި އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ނުވަތަ ދެވަނަ ކުއާޓާ ތެރޭގައި މިކަން އަޅުގަނޑުމެންނަށް ކުރެވިގެންދާނެ " މިނިސްޓަރު ފައިސަލް

މިނިސްޓަރު ވަނީ އެ ފުރުސަތުގެ ބޭނުން ހިފައިގެން ދެކުނުގެ ފަތުރުވެރިކަން ތަރައްގީކުރުމަށް ޒުވާނުންނަށް ގޮވާލައްވާފައެވެ.

https://int.etukuri.mv/
tel:+9607331319