logo

ރިސޯޓްތައް އަލުން ހަދަން ދޭ މުއްދަތަށް ބަދަލު ގެނެސްފި

profile

ޒިދާން މުޙައްމަދު - 26 ސެޕްޓެމްބަރު 2024 - 15:00

ރާއްޖޭގައި ހިންގާ ރިޒް ކާލްޓަން ރިސޯޓް މަތިން ނަގާފައިވާ ފޮޓޯއެއް

ރާއްޖޭގައި ހިންގާ ރިޒް ކާލްޓަން ރިސޯޓް މަތިން ނަގާފައިވާ ފޮޓޯއެއް

ފަތުރުވެރިކަމުގެ ބޭނުމަށް ރާއްޖޭގައި ހިންގާ ރިސޯޓްތައް އަލުން ހަދަން ދޭ މުއްދަތަށް ބަދަލު ގެނެސްފިއެވެ.

މިބަދަލަކީ ފަތުރުވެރިކަމުގެ ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކުރުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމާއި ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގައި ޢަމަލުކުރާނެގޮތުގެ ގަވާއިދަށް ތިން ވަނަ އިޞްލާޙު ގެނައުމުގެ ގަވާއިދުންނެވެ.

މިގަވާއިދު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފައެވެ.

ގަވާއިދަށް ގެނައި ތިންވަނަ އިޞްލާޙުގައިވާ ގޮތުން ކަނޑައަޅާފައިވާ މުއްދަތުގައި މަރާމާތުކޮށް، ރިސޯޓް ހިންގަން ނުފަށައިފިނަމަ، އެތަނުގައި މަސައްކަތް ކުރުމަށް ބޭނުންވާ ތަކެއްޗާއި މަސައްކަތްތެރިން އެ ތަނުގައި ތިބިކަމުގެ އިޤްރާރެއް ހުށަހެޅުމުން މުއްދަތު އިތުރުކޮށް ދިނުމުގެ އިޚްތިޔާރު ފަތުރުވެރިކަމާ ބެހޭ ވުޒާރާއަށް އޮންނާނެއެވެ.

އަދި އެ ވުޒާރާއިން އެކަން ބަލާއިރު، އިޤްރާރުގައި ބަޔާން ކޮށްފައިވާ ގޮތާ ޚިލާފަށް އަމަލުކޮށްފައިވާކަން ފާހަގަކުރެވިއްޖެ ނަމަ، ހުއްދަ ބާތިލުކުރުމުގެ ބާރުވެސް މިބަދަލާއެކު ފަތުރުވެރިކަމާ ބެހޭ ވުޒާރާއަށް ލިބޭނެއެވެ.

މީގެ އިތުރުން، ގެނައި ބަދަލާއެކު، ރިސޯޓް މަރާމާތުކުރަން، މުޅި ރިސޯޓް ބަންދު ކުރާނަމަ އެ މުއްދަތުގެ ކުލި ފަސްކޮށް ދިނުމުގެ އިޚްތިޔާރު ލިބުނު ނަމަވެސް މަރާމާތުގެ މުއްދަތު ހަމަވުމުން އެތަނެއްގެ ކުލި ހިނގަން ފަށާނެއެވެ.

https://int.etukuri.mv/
tel:+9607331319