logo

ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް މިނިސްޓަރު ފައިސަލް ފުވައްމުލަކުގައި

profile

ޒިދާން މުޙައްމަދު - 27 ސެޕްޓެމްބަރު 2024 - 19:15

ބައިނަލްއަޤްވާމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މިއަދު ވަނީ ފުވައްމުލައް ސިޓީއަށް ވަޑައިގެންފިއެވެ.

ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު 27 ވަނަ ދުވަހަކީ ބައިނަލްއަޤްވާމީ ފަތުރުވެރިކަމުގެ ދުވަސް ކަމުގައިވާއިރު، މިނިސްޓަރުގެ މި ދަތުރުފުޅަކީ މި ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެކެވެ.

މިނިސްޓަރުގެ މި ދަތުރުފުޅުގައި ފުވައްމުލަކު ސިޓީގައި ފަތުރުވެރިކަމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކާއި ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި ފުވައްމުލަކުގެ ފަތުރުވެރިކަން ކުރިއެރުވުމަށް ކުރެވިދާނެ ކަންތައްތަކާއި، ދިމާވާ ގޮންޖެހުންތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށް ވަނީ ރޭވިފައެވެ.

މީގެއިތުރުން، މިރޭ ފުވައްމުލަކު ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ "ފުވައްމުލައް ޓޫރިޒަމް އެވޯޑް 2024" ގެ ހަފުލާގައި ހާއްސަ މެހެމާނެއް ގޮތުގައި މިނިސްޓަރު ބައިވެރިވެވަޑައި ގަންނަވާނެއެވެ. މި ހަފުލާގައި ފުވައްމުލަކުގެ ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ޚިދުމަތްތައް ކޮށްދީފައިވާ ފަރާތްތަކަށް އެވޯޑު ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިނިސްޓަރުގެ މި ދަތުރުފުޅަކީ ފުވައްމުލަކުގެ ފަތުރުވެރިކަމުގެ ސިނާޢަތަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ދަތުރުފުޅެއް ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުންގެ ފަރާތުން ވަނީ ފާހަގަ ކުރައްވާފައެވެ.

https://wamco.com.mv/
tel:+9607331319