މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އާއި ފަތުރުވެރިކަމާ ބެހޭ މިނިސްޓްރީ ގުޅިގެން އިންތިޒާމުކޮށްގެން ބާއްވާ ފަތުރުވެރިކަމާ ބެހޭ މަހާސިންތާ 2024 މިއަދު ފަށައިފި އެވެ.
މި މަހާސިންތާ
ކުރިޔަށްދަނީ ކްރޮސްރޯޑްސްގައެވެ.
މި މަހާސިންތާގައި ފަތުރުވެރިކަމާ ބެހޭ އެކި ދާއިރާތަކުން 150 އަށް ވުރެ ގިނަ މީހުން ބައިވެރިވެ އެވެ. މީގެ ތެރޭގައި ރިސޯޓްތަކާއި ގެސްޓްހައުސް، ލިވަރބޯޑް އަދި ލޯކަލް ޓުއަރިޒަމްގައި ހަރަކާތްތެރިވާ ފަރާތްތަކާއި ޓްރެވަލް އެޖެންޓުން އަދި ފަތުރުވެރިކަމާ ބެހޭ ޖަމިއްޔާތަކާއި، ޓްރެވަލް މީޑިއާތައް ހިމެނެ އެވެ.
މި މަހާސިންތާގައި ފަތުރުވެރިކަމާ ބެހޭ މިނިސްޓަރު އިބްރާހިމް ފައިސަލް އަދި އެމްއެމްޕީއާރްސީގެ މެނޭޖިންގް ޑިރެކްޓަރު ޝިއުރީ އިބްރާހިމް އާއި އެމްއެމްޕީއާރްސީގެ ޗެއަރޕާސަން އަބްދުﷲ ގިޔާސް ބައިވެރިވެވަޑައިގަންނަވަ އެވެ.
މި މަހާސިންތާގައި ފަތުރުވެރިކަމަށް އައު ސެގްމަންޓްތައް ތައާރަފު ކުރުމަށް މަޝްވަރާ ކުރުމަށް ވަނީ އެޖެންޑާ ކުރެވިފައި އެވެ. އަދި މީގެ އިތުރުން ޕެނަލް ޑިސްކަޝަން އަކާއި ގްރޫޕް ޑިސްކަޝަންތައްވެސް ކުރިޔަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ.
އެމްއެމްޕީއާރްސީ އިން ބުނެފައިވާ ގޮތުގައި މި މަހާސިންތާގެ މަޤްޞަދަކީ ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށްޓަކައި ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން ދާއިރާގެ ފަރާތްތަކާއި މަޝްވަރާކޮށް، އައު ޚިޔާލުތަކާއި ވިސްނުންތައް ދެނެގަތު މެވެ.