ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ނިމެންވާއިރަށް އެ އަތޮޅުގައި 4000 ޓޫރިސްޓު އެނދު ތަރައްގީ ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ފައިސަލް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ހދ. އަތޮޅުގެ ފަތުރުވެރިކަމާ ގުޅިގެން މިނިސްޓަރު ވާހަކަފުޅު ދައްކަވާފައިމިވަނީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ވަޑައިގެން މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ ހދ. އަތޮޅުގައި އެކަށީގެންވާ އަދަދަކަށް ޓޫރިސްޓު އެނދު އުފެއްދުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
އެގޮތުން ސަރުކާރުން އެކި ގައުމުތަކަށް މިފަހުން ކުރި ޒިޔާރާތުގައި އެކި އިންވެސްޓާ ފޯރަމްތައް ބާއްވައި، އެ ގައުމުތަކުގެ އިންވެސްޓަރުންނަށް ރާއްޖެ މާކެޓް ކޮށްފައިވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރު ގަބޫލުކުރައްވާ ގޮތުގައި ހދ. އަތޮޅަށް އިންޓަނޭޝަނަލް އެއާޕޯޓެއް އައުމަކީ އެ އަތޮޅަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެކެވެ. އަދި އަންނަ އަހަރު މާޗްގެ ނިޔަލަށް އެއާޕޯޓުގެ މަސައްކަތް ނިންމާލާއިރު، އެ އަތޮޅުގައި 4000 އެނދު ތަރައްގީ ކުރުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.
"ހދ.އަށް ހަނިމަދޫ އިންޓަނޭޝަނަލް އެއާޕޯޓެއް އައުމަކީ އެތަނުގައި ކަނެކްޓިވިޓިއަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް. އެހެންވީމަ އެއާޕޯޓު ނިމެންވާއިރަށް އެތަނަށް 4000 ވަރަކަށް އެނދު ގެނައުމުގެ މަސައްކަތް އަޅުގަނޑުމެން މިދަނީ ކުރަމުން." މިނިސްޓަރ ފައިސަލް
ހދ. އަތޮޅުގައި މިހާރު އޮޕަރޭޓް ކުރަމުންދަނީ އެންމެ ދެ ރިސޯޓެވެ. އެއީ 2018 ވަނަ އަހަރު ހުޅުވި ހޮނޑާފުށި އައިލެންޑް ރިސޯޓާއި މިއަހަރުގެ ކުރީ ކޮޅު ހުޅުވި ސޮނެވާ ސީކްރެޓްއެވެ.
މިނިސްޓަރު ވިދާޅުވާ ގޮތުގައި މިވަގުތު ހދ. އަތޮޅުގައި ޓޫރިޒަމްގެ ބޭނުމަށް ރެޖިސްޓްރީކޮށްފައިވަނީ 460 އެނދެވެ. އެ އަތޮޅުގެ އިތުރު ތިން ތަނެއް ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށް ޖުމްލަ 1880 އެނދު ތަރައްގީކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓަރ ފައިސަލް ވިދާޅުވިއެވެ.