logo

މާފުއްޓަށް ރިކޯޑެއް! 9 މަހުން އެއް ލައްކަ ފަތުރުވެރިން!

profile

ޝާމާ ޝުޢައިބު - 12 އޮކްޓޯބަރު 2024 - 13:22

މާފުށި

މާފުށި

މިދިޔަ މަހުގެ ނިޔަލަށް ކ. މާފުއްޓަށް ރިކޯޑު އަދަދަކަށް ފަތުރުވެރިން އައިސްފައިވާ ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

އެކަމުގެ މައުލޫމާތު ހިއްސާކުރައްވާ 'އަސްލު ޓީވީ'އާ ވާހަކަދައްކަވަމުން އެރަށު ކައުންސިލްގެ ރައީސް ހަސަން ސަލާހު ވިދާޅުވީ ނިމުނު ސެޕްޓެމްބަރު މަހުގެ ނިޔަލަށް 135،000 ފަތުރުވެރިން އެރަށަށް ޒިޔާރަތް ކޮށްފައިވާ ކަމަށެވެ. މިއީ އެއް އަހަރުތެރޭ އެރަށަށް މިއަދަދަށް ފަތުރުވެރިން ޒިޔާރަތްކުރި ފުރަތަމަ ފަހަރެވެ.

އެރަށު ކައުންސިލްގެ ރައީސް ސަލާހު ވިދާޅުވީ މިއީ އެ ރަށު ރައްޔިތުންނާ، ވިޔަފާރިވެރިން އަދި ރަށުގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ އެންމެން ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާ ކަމަށް ވެސް ސަލާހު ވިދާޅުވިއެވެ. އަދި މި ކާމިޔާބީގެ އެންމެ ބޮޑު ޝުކުރެއް ހައްގުވަނީ އާންމު ރައްޔިތުންނަށް ކަން އޭނާ ތަކުރާރުކޮށް ފާހަގަކުރެއްވިއެވެ.

ސަލާހު ވިދާޅުވީ މި އަހަރު ނިމެންވާ އިރަށް، މާފުއްޓަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 200،000 ހުރަސް ކުރާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި އަންނަ އަހަރުގެ ޓާގެޓަކީ މާފުއްޓަށް 300،000 ފަތުރުވެރިން ގެނައުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެ އަމާޒަށް ވާސިލުވުމަށްޓަކައި ރަށް ޕްރޮމޯޓު ކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާ ކުރާނެ ކަމަށް ވެސް ސަލާހު ވިދާޅުވިއެވެ.

އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު މިހާރު ވަނީ 1.5 މިލިއަނަށް ވުރެ މައްޗަށް އަރާފައިވާއިރު ރާއްޖެއައި ޖުމްލަ ފަތުރުވެރިންގެ ގާތްގަނޑަކަށް 10 އިންސައްތަ ފަތުރުވެރިން އައިސްފައިވަނީ މާފުއްޓަށެވެ. ސަލާހު ވިދާޅުވި ގޮތުގައި މިއީ އެ ރަށުގެ ރައްޔިތުން އެކަމާމެދު ފަޚުރުވެރިވާ ކަމެކެވެ.

މާފުއްޓަށް އަންނަ ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ ބަޔަކު ތިބެނީ ކާނި ހޮޓެލްސް، އެރީނާ ހޮޓެލްސް، ޓްރައިޓަން ގެސްޓްހައުސްތަކުގައެވެ. މި ކުންފުނިތަކަކީ މާފުށީގައި އެންމެ ފުޅާ ދާއިރާއެއްގައި ގެސްޓްހައުސްގެ ވިޔަފާރި ކުރަމުން އަންނަ ކުންފުނިތަކެވެ.

https://int.etukuri.mv/
tel:+9607331319