ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުން ނަގާ ގްރީން ޓެކްސް ދެގުނަ ބޮޑުކޮށް، ޓީޖީއެސްޓީ ވެސް 17 އިންސައްތަ އަށް މަތިކުރަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ޗުއްޓީއަށް ފަހު މާދަމާ ފަށާ ރައްޔިތުންގެ މަޖިލީޖުގެ މިއަހަރުގެ ތިން ވަނަ ދައުރުގެ ފުރަތަމަ ޖަލްސާއަށް ގްރީން ޓެކްސް ބޮޑުކުރުމަށް ދިވެހި ރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުޞްޠަފާ ޙުސައިންއެވެ. ޓީޖީއެސްޓީ ބޮޑުކުރަން މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އިބްރާހީމް އެވެ.
ޓޫރިޒަމާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ 50 އަށް ވުރެ މަދު ކޮޓަރި ހުންނަ ގެސްޓު ހައުސްތަކަށް އަންނަ ކޮންމެ ފަތުރުވެރިއެއްގެ އަތުން ގްރީން ޓެކްސް އަށް ނަގާ އަދަދު ތިން ޑޮލަރުން 6 ޑޮލަރަށް ބޮޑުކުރުމަށެވެ. 50 އަށް ވުރެ ގިނަ ކޮޓަރި ހުންނަ ގެސްޓު ހައުސްތަކަށް އަންނަ ކޮންމެ ފަތުރުވެރިއެއްގެ އަތުން ނަގާ އަދަދުވެސް 6 ޑޮލަރުން 12 ޑޮލަރަށް ބޮޑުކުރުމަށް ވެސް ހުށަހަޅާފައިވެ އެވެ. ބިލުގައި ހުށަހަޅާފައިވަނީ އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން އެ ޓެކްސް ބޮޑުކުރުމަށެވެ.
ސަރުކާރުން އަންދާޒާ ކުރަނީ، މި ބިލު ތަންފީޒުވުމާ އެކު ދައުލަތަށް ގްރީން ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީ އަންނަ އަހަރު 963.6 މިލިއަން ރުފިޔާއިން އިތުރުވާނެ އެވެ. އަދި އެކަމުގެ ސަބަބުން ދައުލަތުގެ ބަޖެޓު ޑެފިސިޓް ދެމެހެއްޓެނިވި މިންގަނޑަކަށް ކުޑަކުރަން ބާރު ލިބޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.
މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ހުށަހަޅާފައިވަނީ އަންނަ އަހަރުގެ ޖޫން ފެށިގެން ޓީޖީއެސްޓީ 17 އިންސައްތަ އަށް ބޮޑުކުރުމަށެވެ. މިހާރު ޓީޖީއެސްޓީ ނަގަމުން އަންނަނީ 16 އިންސައްތައިގަ އެވެ.
ސަރުކާރުން ލަފާކުރާ ގޮތުގައި މި އިސްލާހާއެކު ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބޭ އާމްދަނީ އަންނަ އަހަރު 201.9 މިލިއަން ރުފިޔާއިން އިތުރުވާނެ އެވެ.