logo

ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލާއި ފަތުރުވެރިކަން!

profile

ޒިދާން މުޙައްމަދު - 27 ސެޕްޓެމްބަރު 2024 - 18:59

ކޮންމެ އަހަރެއްގައިވެސް ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހަކީ ސެޕްޓެންބަރު މަހުގެ 27 ވަނަ ދުވަހެވެ. ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ދިވެހީން ދެ ދުވަހެއް ފާހަގަކުރެއެވެ. އެއީ އިސްވެ ދެންނެވުނު ފަދައިން ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ސެޕްޓެންބަރު މަހުގެ 27 ވަނަ ދުވަހާއި އަދި ދިވެހިރާއްޖޭގެ ޤައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ ވެސް އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހެވެ.

މިއަދު ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފާހަގަކުރާއިރު، ދިވެހިރާއްޖެއަކީ ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލް މަންޒިލެވެ. 2003 ވަނަ އަހަރު ވޯލްޑް ޓްރެވަލް އެވޯޑްސްގައި އިންޑިއަން އޯޝަން ކެޓަގަރީ ތައާރަފްކުރި ފަހުން ދިވެހިރާއްޖެއިން ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައިވެއެވެ.

ދިވެހިރާއްޖެއިން ވަނީ ލީޑިން ޑެސްޓިނޭޝަން 17 ފަހަރު، ލީޑިން ހަނީމޫން ޑެސްޓިނޭޝަން 6 ފަހަރު، އަދި ލީޑިން ޑައިވް ޑެސްޓިނޭޝަން ވަނީ 9 ފަހަރު ކާމިޔާބު ކޮށްފައެވެ.

ރާއްޖޭގެ ޓޫރިސްޓް ރިސޯޓެއް މަތިން ފެންނަ ގޮތް


މިހިސާބަށް ދިވެހިރާއްޖެ އައި ގޮތުގެ ހަނދާން އައުކޮށްލުމަކީ މިއަދާ ވަރަށް މުނާސަބު ކަމަކަށް ވާނެއެވެ.

ފަތުރުވެރިކަމުގެ ދުނިޔެއަށް ހުޅުވުމުގެ ކުރިން ރާއްޖޭގެ ވެރިކަމުގައި ހުންނެވީ ސުމުއްވުލްއަމީރު އިބްރާހިމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނެވެ. ފަޤީރު ގައުމަކުން، ތަރައްޤީ ވަމުން އަންނަ ގައުމަކަށް ރާއްޖެ ބަދަލުކޮށްދިން އިޤްތިޞާދީ ސިކުނޑީގެ ވެރިޔަކީ މަރްޙޫމް ނާސިރެވެ. ނަމަވެސް، ރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފް ކުރުމަށް ޔޫއެންޑީޕީން ހެދި ފީޒިބިލިޓީ ސްޓަޑީއަށްފަހު އެއީ އެވަގުތަށް ވާން ނެތް ކަމެއްގެ ގޮތުގައި ސަރުކާރުން އޮތީ ނިންމާފައެވެ. އެއީ އޭރު ރާއްޖޭގެ އިޤްތިޞާދީ ހާލަތު ނާޒުކުކަމުންނެވެ.

ްެއެ ހާލަތު ބަދަލުވީ 1971 ވަނަ އަހަރުގެ ފަހުކޮޅު ރާއްޖެ ޒިޔާރަތްކުރި އިޓަލީގެ ރައްޔިތެއް ކަމަށްވާ ޖޯޖް ކޯބިންގެ ސަބަބުންނެވެ. އޭނާއަށް ފެނުނީ ދުނިޔޭގެ އެންމެ ރީތި ޖަޒީރާއެވެ. ގުރުރަތީ މުއްސަނދިކަމެކެވެ. ކޯބިންއަށް ފެނުނީ ޔޫއެންޑީޕީގެ ރިޕޯޓާ މުޅިން ދެކޮޅަށް ރާއްޖޭގައި ފަތުރުވެރިކަމަށް ހުރި ފުރުސަތުތަކެވެ. ކޯބިންގެ ހިތުގައި އެކަމަށް އުފެދުނު ބޮޑު ޝައުގާއެކު، ޖެހިގެން އައި އަހަރުގެ ފެބްރުއަރީމަހު ރާއްޖެ އެނބުރި އައީ، އިޓަލީގެ ބައެއް ސިޓީތަކުގެ ނޫސްވެރިންނާއި ފޮޓޯގްރާފަރުން ހިމެނޭހެން 22 ފަތުރުވެރިންނާއެކުއެވެ. އެއީ ރާއްޖެ އައި ފުރަތަމަ ފަތުރުވެރިންގެ ފައުޖޭ ދެންނެވުމަކުން ކުށަކުން ނުވާނެއެވެ. މައިގަނޑު މަޤްޞަދަކީ ކޯބިންގެ އިރުޝާދުގެ ދަށުން ކ. ވިހަމަނާފުށީގައި އޭރު ހަދަމުންދިޔަ ރާއްޖޭގެ ފުރަތަމަ ޓޫރިސްޓް ރިޒޯޓް، ކުރުނބާ ވިލެޖް ހުޅުވަން ވާއިރަށް ރާއްޖޭގެ ފަތުރުވެރިކަން އިޓަލީވިލާތުގައި އިޝްތިހާރު ކުރުމެވެ.

16 ފެބްރުއަރީ 1972 ވަނަ ދުވަހު ރާއްޖެ އައި ފުރަތަމަ ފަތުރުވެރިންގެ ގްރޫޕާއެކު ކޯބިން (މެދުގައި އިށީނދެގެން)


މިދަތުރަށްފަހު އިޓަލީގެ ބޮޑެތި ނޫސްތަކުގައި ރާއްޖޭގެ ފޮޓޯ ޖަހައި، ޚަބަރުތައްް ޖަހަން ފެށުމާއެކު، ފަތުރުވެރިކަމުގެ އައު މަންޒިލެއްގެ ގޮތުގައި އިޓަލީގެ ރައްޔިތުންނަށް ރާއްޖެ މަޝްހޫރު ވެގެން ދިޔައެވެ. އިޓަލީގެ ނޫސްތަކަށް ރާއްޖޭގެ ވާހަކަ އެރުމާއެކު އިޓަލީގެ ރައްޔިތުންނަށް ރާއްޖެ ހުޅުވާލެވުނީއެވެ. އެއީ މީގެ ބައިގަރުނު ކުރިއެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ފެށުމެވެ.

އޭގެ ފަންސާހަށްވުރެ ގިނަ އަހަރު ފަހެވެ. އިޤްތިޞާދީ ގޮތުން ރާއްޖެ މިއޮތީ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ގައުމުތަކުގެ ލިސްޓުން އުނިވެ، ތަރައްޤީ ވަމުން އަންނަ ގައުމުތަކުގެ ތެރޭގައި ހިމެނިފައެވެ. މިއަދު ރާއްޖޭގެ އިޤްތިޞާދުގެ މައިގަނޑު ސިނާއަތަކީ ފަތުރުވެރިކަމުގެ ސިނާއަތެވެ. ގާތްގަނޑަކަށް 1.6 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން މިދިޔަ އަހަރު އެކަނިވެސް ރާއްޖެ ޒިޔާރަތްކުރިއެވެ.

800 އަށްވުރެ ގިނަ ފަޅު ރަށްތައް އޮތްއިރު، 200 އަށްވުރެ މަދު ރަށެއްގައި ރިސޯޓް ތަރައްގީކޮށްގެން، މުޅި ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލުގެ ގޮތުގައި، އެއްވަނަ ނަންބަރުގައި ފަޚުރުވެރިކަމާއެކު މިއޮތީ ދިވެހިރާއްޖެއެވެ. މިއީ ކޮންފަދަ ބޮޑު ފަޚުރަކާއި ޝަރަފަކާއި އުފާވެރިކަމެއްތޯއެވެ؟ މުޅި ދުނިޔޭގެ ފަތުރުވެރިކަމުގެ، ޚާއްސަކޮށް ލަގްޒަރީ ޓޫރިޒަމްގެ ބެންޗްމާރކްއަކީ ދިވެހިރާއްޖެއަށް މިވަނީ ވެފައެވެ. ދިވެހިރާއްޖެއަކީ މުޅި ދުނިޔެ އިންތިޒާރުކުރާ އަދި ކޮންމެ ދެމަފިރިއެއްގެ މަންޒިލަކަށް ވެއްޖެއެވެ.

ދުނިޔޭގެ އެކި ބައްރުތަކުގައި ދިވެހިރާއްޖޭގެ ނަން ދީފައިވާ ރިސޯޓް، ހޮޓާ، ރެސްޓޯރަންޓް މިފަދަ އެތަކެއް ތަންތަން ވަނީ އިމާރާތް ކުރަން ފަށާފައެވެ. މިކުޑަކުޑަ ޖަޒީރާ ރާއްޖެ “ދިވެހިރާއްޖެ” މިވަނީ ދުނިޔޭގެ މަޤްބޫލް ބްރޭންޑެއްގެ ގޮތުގައި ބަލައިގަނެފައެވެ. މިހާރު ދިވެހި ފަތުރުވެރިކަމުގެ އަމާޒު ކަށަވަރު ކުރަންވީ، މުޅި ރާއްޖެއަށް ފަތުރުވެރިކަން ފުޅާކޮށްގެން، ދުނިޔޭގެ އެއް ވަނަ މަންޒިލްގެ ގޮތުގައި ދެމި އޮތުމެވެ.

https://int.etukuri.mv/
tel:+9607331319