logo

ފަލަސްތީނުގެ ރައީސް މަޙްމޫދު އައްބާސް ދިވެހިރާއްޖެއަށް ޝުކުރު އަދާކުރައްވައިފި

profile

ސައިފް އަޒުހަރު - 24 ސެޕްޓެމްބަރު 2024 - 15:27

ފަލަސްތީނުގެ ރައީސް މަޙްމޫދު އައްބާސް (ކ)، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާ އެކު ނިއުޔޯކްގައި:

ފަލަސްތީނުގެ ރައީސް މަޙްމޫދު އައްބާސް (ކ)، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާ އެކު ނިއުޔޯކްގައި:

ޣައްޒާގައި، އިސްތިއުމާރީ އިސްރާއީލުން ހިންގަމުންގެންދާ ނަސްލުނައްތާލުމުގެ ޖަރީމާއާ ދެކޮޅަށް ދެކުނު އެފްރިކާއިން އިންޓަރނޭޝަނަލް ކޯޓު އޮފް ޖަސްޓިސް - އައިސީޖޭއަށް ހުށަހަޅާފައިވާ މައްސަލައަށް ތަދައްޚުލްވާން ދިވެހިރާއްޖެއިން ނިންމާފައިވާތީ ފަލަސްތީނުގެ ރައީސް މަޙްމޫދު އައްބާސް ދިވެހިރާއްޖެއަށް ޝުކުރު އަދާކުރައްވައިފިއެވެ.

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް މިކަމަށް ޝުކުރު އަދާކުރެއްވީ، ނިއުޔޯކްގައި މިހާރު ކުރިއަށްދާ އދގެ އާންމު މަޖިލީހުގެ އަހަރީ ބައްދަލުވުމުގެ އަރިމަތިން، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްވަނީ، ދިވެހިރާއްޖެއިން ފަލަސްތީނަށާއި، ފަލަސްތީނު ރައްޔިތުންނަށް ދެމުންގެންދާ ތާއީދަށްޓަކައި އުފާކުރައްވާ ކަމަށް ވިދާޅުވެ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.

އިސްރާއީލުން ހިންގަމުންގެންދާ ނަސްލުނައްތާލުމުގެ ޖަރީމާއާ ދެކޮޅަށް ދެކުނު އެފްރިކާއިން އިންޓަރނޭޝަނަލް ކޯޓު އޮފް ޖަސްޓިސްއަށް މައްސަލަ ވެއްދީ 23 ޑިސެމްބަރު 2023 ގައެވެ.

އެ މައްސަލަ ކުރިއަށްދަނިކޮށް އިސްރާއީލު ސިފައިން ރަފަހަށް އަރަން އުޅެނިކޮށް ދެކުނު އެފްރިކާއިން އަނެއްކާވެސް ކުއްލި މައްސަލައެއް ކޯޓަށް ވެއްދުމުން 24 މެއި 2024 ގައި، ޣައްޒާގެ ދެކުނުގައި ހިންގާ އަސްކަރީ އުދުވާނު ވަގުތުން ހުއްޓާލުމަށް އިސްރާއީލުގެ މައްޗަށް އެ ކޯޓުން އަމުރެއް ނެރެފައި ވެއެވެ. ނަމަވެސް، އެ އަމުރަށް ކިޔަމަންނުވެ އިސްރާއީލުންވަނީ ރަފަހް ހިމެނޭހެން ޣައްޒާގެ ދެކުނުގައި ބޮޑެތި ގަތުލުއާންމުތައް ހިންގާފައެވެ.

ދެކުނު އެފްރިކާއިން އައިސީޖޭއަށް ހުށަހަޅާފައިވާ މައްސަލައިގެ ތެރެއަށް ވަންނަން މިހާތަނަށް ދުނިޔޭގެ 13 ގައުމަކުން ހުށަހަޅައި، އަދި ހުށަހަޅަން ބޭނުންވެގެން އެކަން އިއުލާންކޮށްފައި ވެއެވެ.

އެގައުމުތަކަކީ، ބެލްޖިއަމް، ތުރުކީ، މިސްރު، ދިވެހިރާއްޖެ، އަޔަރލޭންޑް، ޗިލީ، ކިއުބާ، ނިކަރާގުއާ، ކޮލަމްބިއާ، ލީބިޔާ، މެކްސިކޯ، ފަލަސްތީނު، ސްޕެއިން އަދި ކިއުބާއެވެ.

ކިއުބާއަކީ، މައްސަލައަށް ތަދައްޚުލްވާން އެންމެފަހުން ހުށަހެޅި ގައުމެވެ. ސްޕެއިން ވެގެންދިޔައީ މައްސަލައިގެ ތެރެއަށް ވަންނަން ހުށަހެޅި ޔޫރަޕްގެ ތިންވަނަ ގައުމަށެވެ. ސްޕެއިނުންވެސްވަނީ ފަލަސްތީނުގެ މިނިވަން ދައުލަތް ގަބޫލުކޮށްފައެވެ.

ދެކުނު އެފްރިކާއިން އިންޓަރނޭޝަނަލް ކޯޓު އޮފް ޖަސްޓިސް – އައިސީޖޭއަށް ހުށަހަޅާފައިވާ މައްސަލައަށް އެހެން ގައުމުތަކަށް ތަދައްޚުލް ވެވޭތީ ކޯޓުން އެކަމަށް ހުއްދަ ދިނުމުންނެވެ.

އިސްރާއީލުން ޣައްޒާއާއި ފަލަސްތީނުގެ އެހެން ރަށްތަކުގައި ހިންގަމުންގެންދާ ގަތުލުއާންމާއި، ނަސްލުނައްތާލުމުގެ މައްސަލަތައް އިންޓަރނޭޝަނަލް ކޯޓު އޮފް ޖަސްޓިސްގައި ކުރިއަށްދާއިރު، އިސްރާއީލުގެ ވެރިން ހައްޔަރުކުރުމުގެ އަމުރު ނެރުމުގެ މަސައްކަތްތައް އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުގައިވެސް ހިނގަމުން އެބަދެއެވެ.

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ގެންދަވަނީ، ޣައްޒާ އުދުވާނު ހުއްޓުވުމަށާއި، ފަލަސްތީނުގެ މިނިވަން ދައުލަތް ގާއިމްކުރުމަށް ތާއީދު ހޯއްދެވުމަށް އެކި ގައުމުތަކުގެ ވެރިންނާއި ނިއުޔޯކްގައި ބައްދަލު ކުރައްވަމުންނެވެ.

އެގޮތުން، ޔޫރަޕްގެ ވަރަށް މުހިންމު ގައުމެއް ކަމަށްވާ ނޯރވޭގެ ޚާރިޖީ ވަޒީރު އެސްޕެން ބާރތު އެއިޑީއާވެސް އައްބާސް ބައްދަލު ކުރައްވާފައި ވެއެވެ.

އަދި ފަލަސްތީނުގެ މިނިވަން ދައުލަތް ގަބޫލުކުރަން ނޯރވޭއިން މިއަހަރުގެ މެއިމަހު ނިންމާފައިވާތީ، މަހްމޫދު އައްބާސް، ނޯރވޭގެ ޚާރިޖީ ވަޒީރަށް ޝުކުރު އަދާކުރެއްވިއެވެ. ހަމަ އެއާއެކު ފަލަސްތީނުގެ ހެލްތު ސެކްޓަރއާއި، ތަރައްގީގެ އެކިއެކި މަޝްރޫއުތަކަށް ނޯރވޭއިން ދެމުންގެންދާ ތާއީދަށްވެސް ޝުކުރު އަދާކުރެއްވިއެވެ.

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި، ނޯރވޭގެ ޚާރިޖީ ވަޒީރުގެ އިތުރުން، ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް މިހާތަނަށް ވަނީ، ޗިލީގެ ރައީސް ގެބްރިއަލް ބޮރިޗް، މިސްރުގެ ޚާރިޖީ ވަޒީރު ބަދްރް އަބްދުއްލަތީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަދި ޔަމަނީ ޕްރެޒިޑެންޝަލް ކައުންސިލްގެ ޗެއަރމަން ރަޝާދު މުޙައްމަދު އަލް-އާލިމީއާވެސް ނިއުޔޯކްގައި ބައްދަލު ކުރައްވާފައެވެ.

މި ބޭފުޅުންގެ އިތުރުން، ޔޫރަޕިއަން ކައުންސިލްގެ ރައީސް ޗާރލްސް މިޝެލްއާއި، ވޯރލްޑް ޖުއިޝް ކޮންގްރެސްގެ ރައީސް ރޮނަލްޑް ލައުޑަރއާ ވެސް އައްބާސް ބައްދަލު ކުރައްވާފައި ވެއެވެ.

މީގެއިތުރުން، ނިއުޔޯކަށް ވަޑައިގެން އުޅުއްވާ ދުނިޔޭގެ އެކި ގައުމުގެ ޚާރިޖީ ވަޒީރުންނާ، ފަލަސްތީނުގެ ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރުގެ މަގާމުވެސް ފުރުއްވާ މުޙައްމަދު މުސްތަފާ ގެންދަވަނީ ވަކި ވަކިން ބައްދަލު ކުރައްވައި، މަޝްވަކުރައްވައި، ތާއީދު ހޯއްދެވުމުގެ މަސައްކަތް ކުރައްވަމުންނެވެ.

https://int.etukuri.mv/
tel:+9607331319