logo

ދުނިޔޭގެ 5 ބާރު ކުރިމަތީ ރައީސް ގޮވާލެއްވީ ވީޓޯގެ ބާރު ކަނޑުވާލަން!

profile

ޝުރުފާ މުހަންމަދު - 26 ސެޕްޓެމްބަރު 2024 - 01:43

އދގެ ސަލާމަތީ މަޖިލީހުގެ ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވާހަކަފުޅު ދައްކަވަނީ:

އދގެ ސަލާމަތީ މަޖިލީހުގެ ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވާހަކަފުޅު ދައްކަވަނީ:

އދ ގެ ސެކިއުރިޓީ ކައުންސިލް ބައްދަލުވުމުގައި، ވީޓޯގެ ބާރު ކަނޑުވާލަން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުއިއްޒު ގޮވާލައްވައިފި އެވެ.

އިސްރާއީލުން ފަލަސްތީނުގައި ގަތުލުއާންމެއް ހިންގަމުން ގެންދާތާ އަންނަ މަހު އެއް އަހަރު ފުރޭ އިރު، އދ އިން އެކަމާ ދެކޮޅަށް ނިންމާ ކޮންމެ ނިންމުމެއް ބާތިލް ވަނީ އދ ގައި އޮންނަ ވީޓޯގެ ބާރުންނެވެ.

އދ ގައި ޖުމްލަ 193 ގައުމު ތިބޭ އިރު، އޭގެ ތެރެއިން ސަލާމަތީ މަޖިލީހުގައި ތިބޭ ދާއިމީ 5 މެމްބަރު ގައުމެވެ. އެ ގައުމުތަކަކީ އެމެރިކާ، އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް، ޗައިނާ އަދި ރަޝިއާ އެވެ. މި ގައުމުތަކުގެ ތެރެއިން އެންމެ ގައުމަކުން ވެސް އެ ނިންމުމެއް ވީޓޯ ކޮށްފި ނަމަ ހުރިހާ ގައުމެއްގެ ނިންމުން ބާތިލްވާނެ އެވެ.

އދ ގެ މަޖިލިސްތަކުގައި ފަލަސްތީނުގެ ހައްގުތައް ހިމާޔަތްކުރުމަށް ނިންމާ ކޮންމެ ނިންމުމެއް މިހާތަނަށް ވެސް ބާތިލްކޮށްފައިވަނީ އެމެރިކާއިން ވީޓޯ ކޮށްފައިވާތީއެވެ.

އދ ގެ ސެކިއުރިޓީ ކައުންސިލް އޯޕަން ޑިބޭޓުގައި މިއަދު ރައީސުލްޖުމްހޫރިއްޔާ ދެއްވި ތަގުރީރުގައި އެންމެނަށް ކުރިމަތިލާން ގޮވާލީ އެންމެ ވޯޓަކުން އެތައް ބައެއްގެ އަޑު ކަނޑުވާލާ ހައްގުތައް ނިގުޅައިގަތް އެ ހަގީގަތާ އެވެ.

ވީޓޯގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުން އަންނަ ޖަރީމާތައް ހުއްޓުވުމުން ކައުންސިލަށް ދަނީ ހުރަސް އަޅަމުން. ވީޓޯގެ ސަބަބުން އިޒްރޭލަށް ނުހައްގުން ދެމިތިބުމުގެ ފުރުސަތު ލިބި، އަނިޔާވެރި ކަމާއެކު ވެރިވެ، ސަރަހައްދީ ސަލާމަތަށް ނުރައްކާކުރުމުގެ ފުރުސަތު ވަނީ ލިބިފަ. ވީޓޯގެ ސަބަބުން ކުށެއް ނެތް މީހުން މެރުމުގެ މަގު ފަހިވެގެން ދޭ. އެހެންވީމާ މިއަދު މި ބާރު ކަނޑުވާލަން ޖެހޭ: ރައީސުލްޖުމްހޫރިއްޔާ

އދ ގެ ސަލާމަތީ މަޖިލީހެއްގައި ދިވެހި އަޑު އުފުލި މިއީ ފުރަތަމަ ފަރެވެ.

ރައީސުލްޖުމްހޫރިއްޔާގެ އެ ތަގުރީރު ފަށްޓަވަމުން ވެސް އެމަނިކުފާނު ވަނީ ދުނިޔޭގެ މަސްލަހަތު ބަލަހައްޓާ އެ ކައުންސިލުގައި އެންމެން އެއްވެ ބައްދަލުވުންތައް ބާއްވާއިރު، މިއަދު ދުނިޔޭގެ ހާލަތު އޮތް ގޮތާމެދު ވިސްނާލުމަށް ގޮވާލައްވާފައެވެ.

އެމަނިކުފާނު ވިދާޅުވީ މިއަދު އެ ކައުންސިލުގައި ހުއްޓި ހުންނެވީ ދިވެހި ރައްޔިތުންގެ މެސެޖު އެމަނިކުފާނު އަމިއްލަފުޅަށް ސަލާމަތީ މަޖިލީހަށް އެންގުމަކީ މުހިންމު ކަމެއްކަމަށް ފެނިވަޑައިގަންނަވާތީ ކަމަށެވެ.

ރައީސްގެ އެ ޚާއްސަ މެސެޖަކީ ފަލަސްތީނާއި މުޅި އިސްލާމީ އުންމަދުގެ ހިމާޔަތުގައި އދ، އިން މިހާރަށް ވުރެ އެކްޓިވް ވުމަށް ގޮވާލެއްވި ގޮވާލެއްވުމެވެ.

ސަލާމަތީ މަޖިލީހުގައި ދިވެހިރާއްޖޭގެ ވަފުދު:

އަޅުގަނޑުމެން މިއަދު މިތާ ހުއްޓި ތިބި އިރުވެސް، ބައިނަލްއަގުވާމީ ގާނޫނުތައް ނަގަހައްޓައި، އެކަން ނިމުމަކަށް ގެނައުމަށް ބޭނުންނުވާ ސަލާމަތީ މަޖިލީހުގެ ނޭފަތް ދަށުގައި ނަސްލެއް ނައްތާލުން އެ ދަނީ ހިނގަމުން. އަދި އެކަން އެ ހިނގަނީ ކައުންސިލްގެ ނުކުޅެދުންތެރިކަމުގެ ސަބަބުން.

މި ކައުންސިލުން ކައުންސިލުގެ އަމިއްލަ އަޑު އަހަން ޖެހޭ: ރައީސް

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު އދ.ގެ 36 ސްޕެޝަލް ރެޕަޓުއަރސް އިން ވަނީ ޢައްޒާގެ ހާލަތަކީ "އަ ޖެނޮސައިޑް އިން ދަ މޭކިން" ގެ ގޮތުގައި ސިފަކުރައްވާފަ އެވެ. މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި ބައިނަލްއަގްވާމީ ކޯޓް އޮފް ޖަސްޓިސް އިން ވަނީ އިސްރާއީލުން ފަލަސްތީނުގެ ބިން ހިފުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި އިޒްރޭލުން އެ ބިންތައް ހުސްކޮށް ފަލަސްތީނަށް ބަދަލުދޭން ޖެހޭނެ ކަމަށް ވެސް ނިންމާފައެވެ.

އެކަމަކު އޭގެ ތެރެއިން އެއްވެސް ނިންމުމެއް މިހާތަނަށް ވެސް ތަންފީޒުވެފައި ނުވާކަން ފާހަގަކުރައްވައި، އެއީވެސް އދ ގެ ނުކުޅެދުންތެރިކަމުގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވި އެވެ. އަދި ދުނިޔޭގައި އެންމެން ތިބީ އަޑު އަހައިގެން ބަލަން ކަމަށާއި، އދ ގެ އަމިއްލަ އަޑު އދ އިން އެހުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

މުޅި އދ ގެ ބިންގަލާއި އެތަނުގެ މޯރަލްތަކަކީ މެމްބަރު ގައުމުތަކުން ބިނާކުރި އެއްޗެއްކަން ފާހަގަުރައްވައި ރައީސް ވަނީ މިއަދު އެ ހުރިހާ މޯރަލްތަކެއް ފަލަސްތީނުގައި ބިމާ ހަމަވެފައިވާ ސްކޫލްތަކާއި ގެދޮރާއި، ޝަހީދުންގެ ހަށިތަކާއި އެކު ބިމާ ހަމަވެ ވެއްޔާ މޮޑެވިފައިވާ ކަމަށް ވިދާޅުވެފަ އެވެ.

ކައުންސިލްގެ ބާރުވެރި ވެރިން، މިއީ ހަގީގަތުގައި ވެސް ތިޔަބޭފުޅުން އަޅުގަނޑުމެން އުޅެން ބޭނުންވާ ދުނިޔެތޯ؟ މިއީ ހަގީގަތުގައި ވެސް އަޅުގަނޑުމެންނަށް ދައްކަން ބޭނުންވާ މިސާލުތޯ؟ ރައީސުލްޖުމްހޫރިއްޔާ

ސަލާމަތީ މަޖިލީހުގައި ހަމަހަމަ ފުރުސަތުތައް ބޭނުންވޭ: ރައީސް

މިއަދު މުޅި ދުނިޔެއަށް ވެސް އދ ގެ ސަލާމަތީ މަޖިލީހާއި މެދު އޮތް އިތުބާރު ކުޑަވެފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މި ހުރިހާ ކަމެއްގެ އަސްލަކީ ވެސް ސަލާމަތީ މަޖިލީހުގައި ހަމަހަމަކަމެއް ނެތުން ކަމަށެވެ. ދުނިޔޭގެ ގައުމުތައް ތަމްސީލު ކުރުމަށް ހަމަހަމަ ފުރުސަތުތަކެއް ނެތުން ކަމަށެވެ. އަދި ސަލާމަތީ މަޖިލީހުން ބައެއް ގައުމުތަކުގެ ހިމާޔަތުގައި އަޑު އުފުލާއިރު އަނެއްބައި ގައުމުތަކުގެ މަސްލަހަތާ މެދު ކުޑަވެސް ވިސްނާލުމެއް ނެތުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.


ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ކުދި ގައުމުތަކަށް ވެސް އދ ގެ ސަލާމަތީ މަޖިލީހުން ޖާގަ ދިނުމަށް ގޮވާލައްވާފަ އެވެ.

ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސްއަކީ އދ.ގެ މެންބަރުކަމުގެ ފަސްބައިކުޅަ އެއްބައި. އަޅުގަނޑުމެންގެ އަޑުތައް މުހިންމު. އަޅުގަނޑުމެންގެ ނަޒަރު މުހިންމު. ހަމަނުޖެހުންތައް ޙައްލުކުރުމުގައި އަޅުގަނޑުމެންގެ ތަޖުރިބާ ބޭނުންވާނެ. އަޅުގަނޑުމެންނަށް މި މޭޒުދޮށުގައި ގޮނޑިއެއް ހައްގު: ރައީސުލްޖުމްހޫރިއްޔާ

ހަމަހަމަ ވެވޭނެ ގޮތެއްގެ ގޮތުގައި އެމަނިކުފާނު ހުށަހެޅުއްވީ ކުދި ގައުމުތަކަށް ދާއިމީ ރޮޓޭޓިން ސީޓެއް ސަލާމަތީ މަޖިލީހުން ދިނުމެވެ. އަދި އެއީ ހަމަހަމަ ކަމާއެކު ތަމްސީލު ކުރުމަށް އެޅޭ ތާރީހީ ފިޔަވަޅަކަށް ވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އިންކްލޫސިވް އަދި ރެޕްރެޒެންޓޭޓިވް ކައުންސިލަކީ މިއަށްވުރެ ހަރުދަނާ ކައުންސިލަކަށް ވެގެންދާނެ ކަމަށާއި، އެފަދަ ކައުންސިލަކުން އެ ކައުންސިލެއްގެ އަމިއްލަ އަޑު އަހާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

https://wamco.com.mv/
tel:+9607331319