logo

ދިވެހިން އަމިއްލަ ފަސްގަނޑު ދޫކުރާކަށް ބޭނުމެއް ނޫން، އދ ގައި ރައީސް އެދިވަޑައިގެންނެވީ އެހީއަށް!

profile

ޝުރުފާ މުހަންމަދު - 26 ސެޕްޓެމްބަރު 2024 - 02:06

ރައީސުލްޖުމްހޫރިއްޔާ ޑރ، މުހަންމަދު މުއިއްޒު އދ ގެ 79 ވަނަ އާންމު މަޖިލީހުގެ ހަވާސަގައި ކުރިއަށް ދިޔަ އިވެންޓެއްގައި ބައިވެރިވެވަޑައިގަންނަވަނީ--- ފޮޓޯ: ފޮރިން މިނިސްޓްރީ

ރައީސުލްޖުމްހޫރިއްޔާ ޑރ، މުހަންމަދު މުއިއްޒު އދ ގެ 79 ވަނަ އާންމު މަޖިލީހުގެ ހަވާސަގައި ކުރިއަށް ދިޔަ އިވެންޓެއްގައި ބައިވެރިވެވަޑައިގަންނަވަނީ--- ފޮޓޯ: ފޮރިން މިނިސްޓްރީ

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކުން ސަލާމަތްވުމަށް އަމިއްލަ ފަސްގަނޑު ދޫކޮށްލަން އެއްވެސް ދިވެއްސަކު ބޭނުންނުވާނެ ކަމަށް ވިދާޅުވެ، މި ހާލަތުން އަރައިގަތުމަށް މުޅި ދުނިޔޭގެ އެއްބާރުލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.

އދ ގެ 79 ވަނަ އާންމު މަޖިލީހުގެ ހަވާސާގައި ކުރިއަށް ގެންދިޔަ ހައި ލެވެލް މީޓިންގ އޮން ސީ ލެވެލް ރައިސްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލުމަކީ ކުދި ޖަޒީރާ ގައުމުތަކަށް ދިމާވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ. އަދި މިކަމަކީ ވަކިން ޚާއްސަކޮށް ރާއްޖެ އަށް އޮތް ވަރަށް ބޮޑު ނުރައްކަލެއް ކަމަށް ވެސް ވިދާޅުވި އެވެ.

އަޅުގަނޑުމެންގެ 80 އިންސައްތަ ރަށް އޮތީ މިހާރު އަރާ ރާޅުތަކުގެ އެންމެ މީޓަރެއް އުހުގައިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އާބާދީގެ ގާތްގަނޑަކަށް 90 އިންސައްތަ ގެތައް ހުރީ ގޮނޑުދޮށުން އެންމެ 100 މީޓަރު އެތެރޭގައި ކަމަށެވެ. 1987 ވަނަ އަހަރުން ފެށިގެން މިކަމުގެ ކަންބޮޑުވުން ތަކުރާރުކޮށް ފާޅުކުރަމުން އައި ނަމަވެސް މިއަދާ ހަމައަށް އައިރު މިކަން ހައްލު ނުވެ ބޮޑުވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އަދި އިއްޔެގައި ބޭއްވި ޕްލީނަރީ ސެޝަންގައި ދުނިޔޭގެ އެކި ގައުމުތަކުގެ ވެރިން ވެސް އެކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިކަން ރައީސް ފާހަގަކުރެއްވި އެވެ.

އިޤްތިޞާދީ ގޮތުން ލިބޭ ގެއްލުމުގެ ވާހަކަ އަޑުއިވުނު. ކާބޯތަކެއްޗާއި ފެން ލިބުމުގައި ހުރި ނުރައްކާތައް އަދި ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން މަޖުބޫރުން ހިޖުރަކުރުމުގެ ނުރައްކަލުގެ ވާހަކަ ވެސް އަޑު އިވުނު. އެހެންނަމަވެސް، އަޅުގަނޑަށް ސާފުކޮށް ދަންނަވާލަން ބޭނުންވަނީ، އެއްވެސް ދިވެއްސަކު، ރުހުމުގައި، އެމީހުންގެ އަމިއްލަ ވަޒަނާއި، އެމީހުންގެ ރަށެއް ދޫކޮށްނުލާނެ ވާހަކަ. އަޅުގަނޑުމެންގެ ރަށްތައް ހިމާޔަތްކުރަން އަޒުމް ކަނޑައަޅައިގެން މިތިބީ. އަދި އިންޝާالله އަޅުގަނޑުމެން ސަލާމަތްވާނެ.

މި މައްސަލަ ހައްލުކުރުމަށް ރައީސް ވަނީ އެ މަޖިލީހުގައި ތިން ކަމެއް ހުށަހަޅުއްވާފަ އެވެ. އެންމެ ފުރަތަމަ ކަމަކަށް އެމަނިކުފާނު ހުށަހެޅުއްވީ އިގްތިސާދު ސިންދަފާތުކުރުމަށް ކުރަން ޖެހޭ މަސައްކަތްތަކެވެ. ރައީސް ވިދާޅުވީ ހަމައެކަނި ގޮނޑުދޮށްތައް ހިމާޔަތް ކުރުމަކުން ނުފުދޭ ކަމަށެވެ. މުޅި ރާއްޖޭގެ އިގްތިސާދު ކަނޑުތަކުގެ މައްޗަށް ބަރޯސާވެފައި އޮންނައިރު، ކަނޑުތައް ހިމާޔަތްކުރުމާއި އެކު އިގްތިސާދު އެހެން ހިސާބަކަށް ގެންދަން ޖެހޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރަށް އެމަނިކުފާނު ވިދާޅުވީ އިގްތިސާދު ކުރިއެރުވުމަށް މަސައްކަތް ކުރާއިރު، ދިވެހި ސަގާފަތާއި އާދަކާދަތައް ހިމާޔަތްކުރަން ޖެހޭނެ ކަމަށެވެ. އަދި އެކަމަށްޓަކާ ހަރުދަނާ ސިޔާސަތުތައް ބޭނުންވާނެ ކަން ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ތިންވަނަ ކަމަކަށް އެމަނިކުފާނު ވަނީ ކަނޑުގެ ލޮނުގަނޑު އުފުލުމަކީ މުޅި ދުނިޔޭގައި ވެސް ދިމާވާ މައްސަލައެއް ކަމަށާއި އެއީ ވަކި ގައުމެއްގެ ސަބަބުން ދިމާވާ މައްސަލައެއްގެ ގޮތުގައި ދެކުން ހުއްޓާލުމަށް ވެސް ގޮވާލައްވާފަ އެވެ.

މީގެ ތިރީހަކަށް އަހަރު ކުރިން އަޅުގަނޑުމެން މި މައްސަލަ ހުށަހެޅިން. މިހާރު، ކުރިއަށްވުރެ މި މައްސަލަ ވަނީ ބޮޑުވެފައި، އަޅުގަނޑުމެންނަށް ފެންނަނީ، ހަމަ އެކަނި އިލްތިމާސްތަކެއް ކުރާތަން. ހަގީގީ ނަތީޖާއެއް ނުނެރެ މިއަދު ނުކުމެއްޖެނަމަ މިތަނަށް އައީ ކީއްކުރަންތޯ ނަފްސާ ސުވާލުކުރަން ޖެހޭ؟

ރައީސް ވިދާޅުވީ އަންނަން އޮތް ޖީލުތަކުން އުންމީދު ކުރާނީ ދުނިޔެ އަކީ މިއަށްވުރެ ހަމްދަރުދީވާ، އިނޮވޭޓިވް އަދި އެޑަޕްޓިވް ބަޔަކަށް ވުމަށް ކަމަށެވެ. ކޮންމެ މީހަކީވެސް އެމީހެއްގެ ދިރިއުޅުމާއި ޘަޤާފަތްތައް އަމާން މުސްތަގުބަލެއް ހައްގުވާ މީހެއްކަން ފާހަގަުރައްވާ ރައީސް ވަނީ މިއީ ހަމައެކަނި މަޝްވަރާގެ ބައްދަލުވުންތަކުގައި ދައްކާ ވާހަކައަކަށް ވުން ނިމި މިކަމުގައި އަމަލީ ފިޔަވަޅުތައް އެޅުމަށް ގޮވާލައްވާފަ އެވެ.

https://wamco.com.mv/
tel:+9607331319