logo

ރާއްޖެއިން ދުނިޔޭގެ ބާރުތަކާ ދިމާކޮށްގަތީކީ ނޫނެވެ. ހައްގު ބަސް ބުނީއެވެ.

profile

އާމިނަތު ޝަފާ - 28 ސެޕްޓެމްބަރު 2024 - 16:45

ރައީސް ޑރ. މުހައްމަދު މުއިއްޒު

ރައީސް ޑރ. މުހައްމަދު މުއިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެކުވެރި ދައުލަތްތަކުގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވިޔަސް އެކަމަނިކުފާނުގެ ތަގުރީރުތައް ދުނިޔޭގެ މީޑިއާތަކުގެ ފަލަ ސުރުހީތަކުން ވަނީ ޖާގަ ހޯދާފައެވެ. ދުނިޔޭގެ ބާރު ގަދަ ގައުމުތަކުގެ ކުރިމަތީގައި ވިދާޅުވި ހައްގު ބަސްފުޅުތަކަށް ބަޔަކު ކަންބޮޑުވެސް ވެއްޖެއެވެ.

ދައްކަން މިއުޅެނީ އދގެ ސަލާމަތީ މަޖިލީހުގައި ދުނިޔޭގެ ސުޕަރ ޕަވަރުގެ ގޮތުގައި މަޝްހޫރުވެފައިވާ އެމެރިކާއިން ގެންގުޅޭ ދެފުށްދެގޮތް ސިޔާސަތަށް ރައީސް އަމާޒުކުރެއްވި ފާޑުކިޔުންތައް އިދިކޮޅު ފަރާތްތަކަށް ހަޖަމުނުވެގެން ދައްކަމުން އަންނަ ވާހަކަތަކަށެވެ. ސަލާމަތީ މަޖިލީހުގައި ރަތްމަހަށް ނުދޭވަރަށް އެމެރިކާއަށް ދިންކަމަށް ބުނެ އަމާޒުކުރާ ފާޑުކިޔުންތަކުގެ ވާހަކައެވެ. ރައީސް ބަސްފުޅު އިއްވަވަންވާނީ އަރާ އަރަފޯދިގެންނުވާ ގައުމުތަކަށް ބަލާފައިކަމަށް ދެކެވޭ ވާހަކަތަކެވެ.

ރައީސްގެ ވާހަކަފުޅަށް ބަލާލަމާ ހިނގާށެވެ. އެކުވެރި ދައުލަތްތަކުގެ ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރުންނަށް ލިބިފައިވާ ވީޓޯކުރުމުގެ ބާރު އުވާލައި، އދގެ ސަލާމަތީ މަޖިލީހުގެ އޮނިގަނޑަށް މުހިއްމު އިސްލާޙުތަކެއް ގެނައުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

އދގެ މެމްބަރު ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ހޭދަކޮށްފައިވާ 59 އަހަރު ދުވަހުގެ ތެރޭގައި، އެ ޖަމްޢިއްޔާގެ ސަލާމަތީ މަޖިލީހުގައި ދިވެހި ރައީސަކު ބަޔާނެއް އިއްވެވި މިއީ ފުރަތަމަ ފަހަރެވެ. ބަސްބުނުމުގެ ހައްގު ލިބުނު ފަހަރު ދުނިޔޭގެ ސުލްޙަ ބެލެހެއްޓުމުގައި އދގެ ސަލާމަތީ މަޖިލީހަށް ޙަވާލުކުރެވިފައިވާ ބުރަ ޒިންމާގެމަތިން ހަނދުމަފުޅުކޮށް އަރުވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އެ މަޖިލީހުގެ ނާޤާބިލުކަމުގެ ސަބަބުން، އދގެ ނިޒާމަށް ދުނިޔެއިންކުރާ އިތުބާރު ގެއްލެމުންދާކަން ފާހަގަ ކުރައްވާފައެވެ.

ސަލާމަތީ މަޖިލީހަށް އޮތް އިތުބާރު ގެއްލެމުންދަނީ، ހަމަހަމަ ކަމާއެކު ތަމްސީލުކުރުމާއި، ޖަވާބުދާރީވުމާއި، ދެފުށް ފެންނަ ގޮތަށް މަސައްކަތްކުރަން ނުކުޅެދިފައިވާތީކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ސަލާމަތީ މަޖިލީހުގައި ދެއްވި ބަޔާނުގައި، ލިޔެކިޔުންތަކުގެ މައްޗަށް ބިނާކޮށްގެން ކުރާ މަޝްވަރާގެ އަލީގައި ސަލާމަތީ މަޖިލީހަށް އިސްލާޙު ގެނައުމަށް ވަނީ އިންޓަރގަވަމެންޓަލް ޕްރޮސެސްއެއް ހުށަހަޅުއްވާފައެވެ. އެގޮތުން ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ސަލާމަތީ މަޖިލީހުގައި ޚާއްސަ ޖާގައެއް ދިނުމަށް ދިވެހިރާއްޖެއިން ކުރާ އިލްތިމާސް އެމަނިކުފާނު ތަކުރާރު ކުރެއްވިއެވެ.
ޣައްޒާގައި ހިންގަމުންދާ އުދުވާނުތަކަށް އިޝާރާތްކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަލާމަތީ މަޖިލީހަށް ފެންނަ ފަށުގައި ނަސްލުނައްތާލުމުގެ ޢަމަލުތައް ނިއުޅެމުންދާއިރުވެސް، ބައިނަލްއަޤުވާމީ ޤާނޫނު ނެގެހެއްޓުމުގައި އދގެ މަޖިލިސް ނުކުޅެދިފައިވާ ކަމަށެވެ. ފަލަސްޠީނުގެ ނަސްލު ނައްތާލުމަށް އިސްރާއީލުން ހިންގާ ޤަތުލުއާންމު ހުއްޓުވުމަށް ސަލާމަތީ މަޖިލީހަށް ލިބިފައިވާ ބާރު ކަނޑުވާލަނީ ވީޓޯގެ ބާރުން ކަމަށާއި، އަދަބެއް ނުދެވި، އަނިޔާވެރި އިސްތިޢުމާރު ދެމެހެއްޓުމަށް އިސްރާއީލަށް ފުރުޞަތު ފަހިކޮށްދެނީވެސް ވީޓޯގެ ބާރު ކަމަށް، ރައީސް ވިދާޅުވިއެވެ.

މި މައްސަލަ ޙައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވީ، ހިނދުން ހިނދަށް ހައްލު ހޯދައިދެވޭނެ ނިޒާމެއްގެ ތެރެއިން، މުޅި ބައިނަލްއަޤުވާމީ މުޖުތަމަޢުން އީޖާދީ ޙައްލު ހުށަހެޅޭނޭ އޮނިގަނޑެއް ބިނާކުރުމަށެވެ.

ރައީސްގެ ވާހަކަފުޅުގެ ހުލާސާއަކީ ފަލަސްތީނަށް ކުރިމަތިލާންޖެހިފައިވާ ކަންކަމުގައި އެމެރިކާއިން ގެންގުޅޭ ގޮތް ބަދަލުކުރުމަށް ގޮވާލުމެވެ. ފަލަސްތީނުގެ މުސްލިމުން ކަތިލާ އަޅާއިރު ސަލާމަތީ މަޖިލީހަށް ކަމެއް ނުވެގެން އުޅެނީ ވީޓޯގެ ބާރު އޮންނާތީކަމަށާއި އެގޮތައް އެކަން ކޮށްގެން ނަސްލެއް ނައްތާލުމަށް ހިތްވަރު ނުދިނުމަށެވެ. މީގެކުރިންވެސް އެމެރިކާއިން ވީޓޯކޮށް ޔަހޫދީ އިސްރާއީލަށް ވާގިވެރިވާތީ ދިވެހި ސަރުކާރުން އެކަން ކުށްވެރިކުރިއެވެ.

އިދިކޮޅު ފަރާތްތަކުން މިދައްކަނީ އިސްރާއީލުގެ ޕާސްޕޯޓު މަނާކުރާ ވާހަކައެވެ. އެކަން ސަރުކާރުން ނުކުރާ ވާހަކައެވެ. އެވަރުން ފާޑުކިޔުންތައް އަމާޒުކުރާއިރު އެމެރިކާއާ ދެކޮޅަށް ސަލާމަތީ މަޖިލީހުގައި އިއްވި ބަހަކީ ބޮޑެތި ގައުމުތަކާ ޖައްސާލުންކަމަށް ގަބޫލުކުރެވޭނެ ކަމާމެދު ބައެއް ރައްޔިތުން އަންނަނީ ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރަމުންނެވެ.

ރައީސްގެ ތަގުރީރަށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ގިނަ ބައެއްގެ ތައުރީފް އޮހެމުންދާއިރު މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އަޙްމަދު ޞިއްދީޤު ވިދާޅުވީ އދއަކީ އެންމެ ފަސް ގައުމުން މޮޑެން އޮތް ފުށްގަޑެއް ނޫންކަން ދަންނަންޖެހޭ ކަމަށެވެ. އދގެ ސަލާމަތީ މަޖިލީހުގައި ރައީސް ކުރެއްވި ތަޤުރީރުގަ އެ ދެއްކެވި ވާހަކަފުޅަކީ މުޅި ދުނިޔެއަށް ނަމޫނާއެއް ކަމަށާއި އދ މެމްބަރު ކުޑަ ގައުމަކަށްވިޔަސް ދުނިޔޭގެ ކަންކަމާމެދު ބަސްބުނުމުގައި ޖެހިލުންވާން ނުޖެހޭކަން ސާބިތުކޮށްދެއްވުން ކަމަށް އޭނާ ވިދާޅުވިއެވެ.

މިދަނޑިވަޅުގައި ރައީސް އަބަދުވެސް ދައްކަވާ ވާހަކަފުޅެއްގެ މަތިން ހަނދާންކޮށްލަން ޖެހެއެވެ. ކިތަންމެ ބޮޑު އަދި ކުޑަ ގައުމެއްވިޔަސް ގޯސްކޮށް ކަމެއް ކުރާނަމަ ރާއްޖެއިން ހައްގުބަސް ބުނާނެ ކަމެވެ. އެއީ އިންޑިއާ ސިފައިން މީގެކުރިން ތިބި ތިބުމުގައިވެސްމެއެވެ. ފަލަސްތީނުގެ މައްސަލައިގައި ވިޔަސްމެއެވެ. އެއީކީ ވަކި ގައުމަކާ ޒާތީ ގޮތުން ޖައްސާލުމެއް ނޫންކަމެވެ. ގޯސްކޮށް ދާ ކަންކަމުގައި ގޮތް ކިޔައި ފާޑުކިޔޭނެ ކަމެވެ. މި މައުޟޫއު ނަގައިގެން ސަރުކާރަށް ފާޑުކިޔާ މީހުންނަށް ސަރުކާރުގެ މި އުސޫލުން ޖަވާބުލިބޭނެއެވެ.

https://wamco.com.mv/
tel:+9607331319