logo

ފަތުރުވެރިކަމުގެ ދުވަސް: މިނިސްޓަރު އެދިވަޑައިގަތީ ސިނާއަތައް ނޭދެވޭ އަސަރެއްކުރާނެ އެއްވެސް ކަމެއް ނުކުރުމަށް

profile

އައިޝަތު އިނާޝާ - 27 ސެޕްޓެމްބަރު 2024 - 14:12

ޓޫރިޒަމް މިނިސްޓަރ ފައިސަލް

ޓޫރިޒަމް މިނިސްޓަރ ފައިސަލް

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތައް ނޭދެވޭ އަސަރެއްކުރާނެ އެއްވެސް ކަމެއް ނުކުރުމަށް ޓުވަރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އިލްތިމާސްކުރަށްވައިފިއެވެ.

މިއަދަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް 53 އަހަރު ފުރުނު ދުވެހެވެ. މި އަހަރުގެ ފަތުރުވެރިކަމުގެ ދުވަހުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ "ޓޫރިޒަމް އެންޑް ޕީސް" ނުވަތަ ފަތުރުވެރިކަމާއި ސުލްހަ މަސަލަސްކަމެވެ.

ދުވަހާ ގުޅިގެން ޓޫރިޒަމް މިނިސްޓަރު ފައިސަލް ދެއްވި ހިތާބުގައި ވިދާޅުވީ ރާއްޖެއަކީ ޓޫރިޒަމަށް ވަރަށް ބޮޑަށް ބަރޯސާވެފައި އޮތް ގައުމަކަށްވާތީ، ގައުމުގެ ހަމަޖެހުމަކީ އެންމެންވެސް ޚާއްސަ އަހައްމިއްޔަތުކަމެއް ދޭންޖެހޭ ކަމެއް ކަމަށެވެ. ދިވެހިންނަށް ކުރެވޭ ކަމަކުން އޭގެ އަސަރު އެންމެ ބޮޑަށް ކުރާނީ ރާއްޖެ އަންނަ ފަތުރުވެރިންނަށް ކަން ފާހަގަ ކުރަށްވާ މިނިސްޓަރު ވިދާޅުވީ ދުނިޔޭގެ ސަމާލުކަމަށް އެފަދަ ކަމެއް އައިސްފިނަމަ ފަތުރުވެރިކަމަށް އެކަމުގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމަށެވެ.

މިނިސްޓަރުގެ ވާހަކައިގައި ފަތުރުވެރިކަމަށް ދިވެހިން ބަހައްޓާ ޝައުގުވެރިކަން އިތުރަށް ބަހައްޓައިގެން ވީހާވެސް ބޮޑަށް ފަތުރުވެރިކަމުގެ ސިނާއަތުގައި ކުރިއަރައި ދިޔުމަކީ މިނިސްޓަރު ދެކެން ބޭނުންވާ ދުވަސް ކަން ފާހަގަކުރެއްވިއެވެ.

މި ފަސް އަހަރުތެރޭ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށްޓަކައި ކުރަންހުރި ހުރިހާ ކަމެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދާއެކު ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި އަހަރުގެ ޑިސެމްބަރު މަހު އައު ޓާމިނަލް ހުޅުވޭނެ ކަން ފާހަގަ ކުރަށްވަމުން މިނިސްޓަރު ވިދާޅުވީ ޓާމިނަލް ހުޅުވުމުން ފަތުރުވެރިންނަށް ހިދުމަތް ދެވޭ މިންވަރު 7.5 މިލިއަން އިތުރުވެގެންދާނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އޭގެ ސަބަބުން އަންނަ އަހަރު ފަތުރުވެރިކަމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށެވެ.

މިނިސްޓަރުގެ ހިތާބުގައި މި ފަސް އަހަރު ނިމެންވާއިރަށް ޓާގެޓަށް ވާސިލުވުމަށް ހިފާފައިވާ އަމާޒު ކާމިޔާބު ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

މިއަހަރުގެ މިހާތަނަށް 1.5 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރާތްކޮށްފައިވާ ކަން ފާހަގަ ކުރަށްވާ މިނިސްޓަރު ވިދާޅުވީ އަދި އެއީ މިދިޔަ އަހަރުގެ މިހާތަނާ އަޅައިބަލާއިރު 238،000 ފަތުރުވެރިންގެ ކުރިއެރުމެއް ކަމަށެވެ.

މިނިސްޓަރު ވަނީ މި އަހަރުގެ އަމާޒު ކަމަށްވާ ދެ މިލިއަން ފަތުރުވެރިން ރާއްޖެ އައުން ވެސް ކާމިޔާބުވާނޭ ކަމަށް ވިދާޅުވެފައެވެ.

https://int.etukuri.mv/
tel:+9607331319