logo
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު  / ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު / ފޮޓޯ: ރައީސް އޮފީސް

ބަދަލުވަމުންދާ ސިޔާސީ އޮއިވަރު: ކައުންސިލް އިންތިހާބާއި އިސްތިއުފާތަކުގެ ހަގީގަތް

profile

މުޙައްމަދު ފަޟްލޫން - 13 އޭޕްރީލު 2026 - 12:32

https://wamco.com.mv/

ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހަކީ ކޮންމެ ދުވަހަކުވެސް އާ ކުލަވަރެއް ޖެހެމުންދާ، ހަލަބޮލި ކަނޑެއް ފަދަ ތަނެކެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބާއި ރައްޔަތުންގެ މަޖިލިސް އިންތިހާބަށް ގައުމު ތައްޔާރުވަމުންދާއިރު، އެންމެ ބޮޑަށް ފާހަގަކުރެވެނީ ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި، ސިޔާސީ އެކި ފަންތީގެ މީހުން ކުއްލި ގޮތަކަށް މަގާމުތަކުން އިސްތިއުފާ ދެމުންދާ ދިއުމެވެ.

މިއީ ސިޔާސީ ގޮތުން ފުން މާނަތަކެއް އެކުލެވިގެންވާ ކަމެކެވެ. މި ބަދަލުތަކަކީ އެދެވިގެންވާ ހެޔޮ ބަދަލުތަކެއްކަން ކަށަވަރެވެ.

މި ދުވަސްވަރު ސަރުކާރުގެ އެކި ވުޒާރާތަކާއި، ކުންފުނިތަކުގެ އިސް މަގާމުތަކުން މީހުން އިސްތިއުފާ ދެމުންދަނީ "ކޮށްޓަށް ފޭބި ކުކުޅުތަކެއް" ފަދައިންނެވެ. މީގެ މައިގަނޑު ސަބަބަކީ އިންތިހާބަށް ކުރިމަތިލުމަށް ހުރި ގާނޫނީ ހުރަސްތައް ނައްތާލުމާއި، އާ އޮއިވަރެއްގައި ފައިތިލަ ސާބިތުކުރުމެވެ. "ހިނގާބަލާފައި ނޫނީ ކޮޅަކަށް ނުޖެހޭނެ" ބުނާ ބަހުގެ މިސާލުން، ގިނަ ބަޔަކު ގަބޫލުކުރަނީ މިހާރު ތިބި މަގާމުތަކަށްވުރެ އިންތިހާބީ މަގާމެއް ކާމިޔާބުކުރުން ސިޔާސީ މުސްތަގުބަލަށް މާ ފައިދާހުރި ކަމަށެވެ.

އެމް.ޑީ.ޕީ ފަދަ ބޮޑެތި ޕާޓީތަކުން އިންތިހާބަށް ތައްޔާރުވަމުންދާއިރު، އެތެރޭގެ އިންތިޒާމުތަކަށް ބަދަލުތަކެއް އަންނަކަން ފާހަގަވެއެވެ. ބައެއް ފަރާތްތަކުން ދެކޭގޮތުގައި މިއީ "ދިޔަވަރު ހިކެންދެން މަޑުކުރުމުގެ ސިޔާސަތެކެވެ. ނަމަވެސް، ޕާޓީގެ އެތެރޭގެ ކޯޅުންތަކާއި ލީޑަރުންގެ މެދުގައި ޕާޓިގެ ލީޑަރޝިޕްގެ ވާދަވެރިކަމެއް އުފެދިގެން ދިއުމަކީ ޕާޓީގެ ސަފުތަކަށް އަންނަ ލޮޅުމެއްތޯ ނުވަތަ އާ ހަކަތައެއްތޯ މިއީ އުފެދޭ ސުވާލެކެވެ.

ލޯކަލް ކައުންސިލް އިންތިހާބަކީ ރަށު ފެންވަރުގައި ބާރުވެރިކަން ހޯދުމަށް އޮތް އެންމެ ބޮޑު ފުރުސަތެވެ. "ރަށު މީހާ އަށް ރަށު ދެރަ" އެނގޭނެ ފަދައިން، ރަށްރަށުގެ ތަރައްގީއަށް އިސްކަންދޭން ތިބި މީހުން ކުރިން ތިބި މަގާމުތަކަށްވުރެ ރަށު ކައުންސިލަށް އިސްކަންދޭން ފެށުމަކީ ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުން ފެންނަން އޮތް ހަގީގަތެވެ.

"ކަނޑު ގަދަވީމާ މާލިމީން އެނގޭނޭ" ބުނާ ފަދައިން، މި އިންތިހާބުގެ ނަތީޖާއިން އެނގިގެންދަނީ ރައްޔިތުންގެ އިތުބާރު އޮތީ ކޮން ދިމާލަކަށް ކަމެވެ.

ޖުމްލަގޮތެއްގައި ބަލާއިރު، މިހާރު ފެންނަމުންދާ އިސްތިއުފާތަކަކީ ކުރިއަށް އޮތް "ސިޔާސީ ތޫފާނަށް" ތައްޔާރުވުމުގެ ގޮތުން ކުރެވޭ ކަމެކެވެ.

"ކޮންމެ ކަމަކީވެސް ވަގުތާއި ހާލަތަށް ބަލައި ކުރަންޖެހޭ ކަމަކަށްވާއިރު، މި ބަދަލުތަކުގެ ފޮނި މީރުކަން ނުވަތަ ހިތިކަން އެނގޭނީ އިންތިހާބުގެ ވޯޓު ފޮށިތައް ހުޅުވުމުންނެވެ.

ސިޔާސީ މަސްރަހު މިވަގުތު އޮތީ "ދެކެދެކެ ހުއްޓާ ކަނޑު ހިކޭނެ" ފަދަ ހައިރާންކުރުވަނިވި ބަދަލުތަކަކަށް މަރުހަބާ ކިޔުމުގެ ތުންފަތްމަތީގައެވެ.

ސަރުކާރުގެ ހިންގުމަށް އަދި ސިޔާސަތުތަކަށް ބަދަލު ގެންނަވަން ރައީސުލްޖުމްހޫރިއްޔާ ނިންމެވީ ދައުލަތުގެ ހިންގުން ހަރުދަނާ ކޮށް ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް ނުހުއްޓި ދިނުމަށެވެ.

ކުރިއަށް އޮތް ތަނުގައިވެސް ހަރުދަނާ ހިކުމަތްތެރި ނިންމުންތަކެއް ދިވެހި ގައުމުގެ ހައްގުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ނިންމަވާނެއެވެ. އެމަނިކުފާނު ރެއާ ދުވާލު ގެންދަވަނީ ރައްޔިތުންނަށް ހިދުމަތް ކުރެއްވުމުގައި ނަމޫނާ ދައްކަަވަމުންނެވެ. އޭގެ އަލިގަދަ އެއް ހެއްކަކީ އަމިއްލަ ފުޅު ސިޔާސީ ޕާޓީގެ މަޖިލިސް މެމްބަރަކު ވިޔަސް ވަޒީރަކު ވިޔަސް އަދި ކުންފުނި ތަކަށް އައްޔަނު ކޮށްފައިތިބި އެމްޑީ އިން ވިޔަސް ހިޔާނާތުގެ މައްސަލައެއް ފެންމަތިވެއްޖެނަމަ ވަގުތުން އެކަމުގެ ފިޔަވަޅު އެޅުއްވުމެވެ.

ހަގީގީ މާނައިގައި ކޮރަޕްޝަންގެ މައްސަލަތައް ބެލުމާއި ޝަރުއީ ދާއިރާ އޭގެ އެންމެ ފުރިހަމަ މިނިވަން ކަމުގައި ކުރިއަށްދާ ކަމުގެ ހިތްހަމަ ޖެހުން މިއަދު ކޮންމެ ރައްޔިތަކަށް އިހްސާސް ކުރެވެއެވެ.

ދިވެހި ރާއްޖޭގެ ރައްޔިތުންގެ ސިއްހަތާއި މެދު ވިސްނާ ވަޑައިގެން ދުރު ވިސްނަވައި ވޭޕް މަނާކޮށް ދުންފަތް ކޮންޓްރޯލްކޮށް ޖެނެރޭޝަނަލް ބޭން އެއް ތައާރަފްކުރެއްވިއެވެ. ސިއްހީ ނިޒާމް ހަރުދަނާ ކުރަން ބޭސް ކުންފުނި އުފައްދަވައި ބޭސް ލިބުމުގެ މައްސަލަ އަށް އަވަސް ހައްލެއް ހޯއްދަވައިދެއްވިއެެވެ.

މެދުއިރުމަތީގެ ހަމަނުޖެހުމާއި ގުޅިގެން އެހާލަތުން އަރައިގަތުމަށް އެކުލަވާލެއްވި ކޮމިޓީގެ މިންނަތް މަސައްކަތުން ރާއްޖޭގެ އިގްތިސާދަށް ލޮޅުމެއް އަޔަނުދީ އިގްތިސާދު މެނޭޖް ކުރައްވަމުން ގެންދަވަނީ ރައްޔިތަކަށް އެކަމުގެ ކުޑަވެސް ތަކުލީފެއް ނުޖައްސަވައެވެ.

އަސާސީ މުދަލާއި ތެލާއި އެހެނިހެން ވަސީލަތްތައް ދަތިނުވެ ބޭރުން ލިބޭނެ މަގުތައް ވަނީ ހޯއްދަވާފައެވެ.

މިއަދު މިދެކޭ އިގްތިސާދީ އަދި އިޖްތިމާއީ ހަމަޖެހުމުގެ ހަގީގަތަކީ ރައީސްގެ ހިކުމަތްތެރި އަދި ގާބިލް ޕްލޭންއެވެ.

ރައީސްގެ ހާއްސަ އިސްނެންގެވުމުގެ ދަށުން މާލެ އާއި އަތޮޅު ތެރޭގައި ގިނަަ ގުނަ ހިދުމަތްތަކެއް ދަނީ ފުރިހަމަވެ އެކަމުގެ ފޮނިމީރުކަން ރައްޔިތުންނަށް ލިބެމުންނެވެ.

ރަށްރަށުގެ ބަނދަރު ހެދުމާއި ބިންތައް ހިއްކުމާއި ހޮސްޕިޓަލްތައް މަރާމާތު ކުރުމާއި ސްކޫލްތައް ތަރައްގީ ކުރުމާއި މިސްކިތްތައް އިމާރާތް ކުރުމާއި ފުޓްސަލް ދަނޑުތަކާއި ފިޓްނަސް އެންޑް ރެކްސިއޭޝަން ސެންޓަރުތަކުގެ އިތުރުން ފުލުހުންގެ އިމާރާތްތަކާއި ކައުންސިލްގެ އައު އިމާރާތްތައް އެޅުމުގެ މަޝްރޫއުތައް ހިނގަމުން ދިއުމަކީ ރާއްޖޭގެ ރައްޔިތުންގެ ހާލަތު ރަނގަޅުކުރަން ވެރިއަކު ކޮށްދެއްވާނެ މުހިއްމު މަސައްކަތްތަކެވެ.

އެއަރޕޯޓް ތައް އެޅުމާއި ރުފިޔާ އަދި ޑޮލަރު އޭޓީއެމް ތައް ބެހެއްޓުމާއި ބޭންކްގެ ބްރާންޗްތައް ގާއިމްކުރުމަކީ އިގްތިސާދީ ދުވެލި ކުރިއަރުވަން ކުރަމުންދާ މަސައްކަތްތަކެވެ.

2021ވަނަ އަހަރު އޭރުގެ ސަރުކާރުން ވިއްކާފައިވާ 500 މިލިއަން ޑޮލަރުގެ ސުކޫކު، ރާއްޖޭގެ އިޤުތިޞާދަށާއި މާލިއްޔާއަށް ބުރަބޮޑުނުވާގޮތަށް މި ސަރުކާރުން އަނބުރާ ދައްކައި، ޚަލާސްކޮށްފިއެވެ.

މި ހުރިހާ ކަމެއް ކުރިއަރައިގެންދަނީ މި ސަރުކާރުގެ ތަރައްގީގެ ޕްލޭންގެ ސަބަބުންނެވެ.

މިސްރާބާއި އަމާޒަށް ވާސިލްވެ ނަތީޖާ ނެރުމަށް ގަދައަޅާ ކުރަމުންދާ މަސައްކަތުގައި އަދުގެ ރައީސް ހުންނެވީ އެންމެ އިންޗިއެއްވެސް ދޫނުކޮށް ކުރިއަށް ހިތްވަރާއެކު ވަޑައިގެންނެވުމުގެ އަޒުމުގައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk