
ހައްޖުވެރިން އަންނާތީ އާންމު ދަތުރުފަތުރު ބޭނުންކުރުމަށް އެމްއޭސީއެލް އިން އެދިއްޖެ

މުޙައްމަދު ފަޟްލޫން - 03 ޖޫން 2026 - 12:15
ދިވެހި ހައްޖުވެރިން އަންނަ ހުކުރު ދުވަހުން ފެށިގެން އެނބުރި ރާއްޖެ އަންނާތީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ބާރުބޮޑުވެދާނެތީ އާންމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުންކުރުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން އިލްތިމާސްކޮށްފިއެވެ.
އެމްއޭސީއެލް އިން ނެރުނު ޓްރެވަލް އެޑްވައިޒަރީއެއްގައި ބުނެފައިވަނީ، ހައްޖުވެރިންނަށް މަރުހަބާ ކިޔުމަށް ގިނަ އަދަދެއްގެ ބަޔަކު އެއާޕޯޓަށް ޖަމާވާނެތީ، ޓްރެފިކަށާއި ޕާކިންގ އަށް ބާރުބޮޑުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެހެންކަމުން، އަމިއްލަ އުޅަނދުތަކުގެ ބަދަލުގައި އެއާޕޯޓް ބަހާއި ފެރީގެ ހިދުމަތް ބޭނުންކުރުމަށް އެ ކުންފުނިން އިރުޝާދު ދެއެވެ.
މި އަހަރު ރާއްޖެއިން ހައްޖަށް ދިޔަ 1،019 ހައްޖުވެރިން އެނބުރި އައުމަށް ހަމަޖެހިފައިވަނީ މޯލްޑިވިއަން އާއި ސައުދީ އެއާލައިންގެ ފްލައިޓްތަކުގައި ހަތަރު ދުވަހަކަށް ބަހާލައިގެންނެވެ. ހުރިހާ ހައްޖުވެރިންގެ ހާލުވެސް ރަނގަޅު ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ޔަގީންކޮށްދީފައެވެ.
ހައްޖުވެރިން އެނބުރި އައުމަށް ހަމަޖެހިފައިވާ ދުވަސްތައް:
ޖޫން 5 (ހުކުރު) ސައުދީ އެއާލައިން - މެންދުރުފަހު 14:00 ގައި
ޖޫން 7 (އާދިއްތަ) މޯލްޑިވިއަން - ހަވީރު 17:40 ގައި
ޖޫން 8 (ހޯމަ) ސައުދީ އެއާލައިން - މެންދުރުފަހު 14:00 ގައި
ޖޫން 9 (އަންގާރަ) މޯލްޑިވިއަން - ދަމުން ފަހު 00:01 ގައި
މިއަހަރު ރާއްޖެއިން ހައްޖަށް ދިޔަ ހުރިހާ ހައްޖުވެރިންނަކީވެސް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުގެ ބެލުމުގެ ދަށުން މި ދަތުރުގައި ބައިވެރިވި ފަރާތްތަކެވެ.





.gif&w=3840&q=75)