
މަސްވެރިކަން ކުރަނީ — ފޮޓޯ: ޒުވާން މަސްވެރިޔާ ޓްވިޓަރ
2022ގައި ރާއްޖެއިން މަސް ބޭރުކުރި އަދަދު ދަށަށް ހިނގައްޖެ

އަހުމަދު ޔައީޝް - 01 ޖެނުއަރީ 2023 - 13:40
2021 ވަނަ އަހަރާއި ބަލާއިރު 2022 ގެ ނޮވެމްބަރު މަހުގެ ނިޔަލަށް ރާއްޖެއިން މަސް ބޭރުކުރި އަދަދު ދަށަށް ހިނގައްޖެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އެ އިދާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، 2021ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ރާއްޖެއިން ބޭރުކުރެވިފައިވަނީ ފަސްދޮޅަސްނުވަހާސް މެޓްރިކް ޓަނުގެ މަހެވެ. ނަމަވެސް 2022ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ރާއްޖެއިން ބޭރުކުރެވިފައިވަނީ ފަސްދޮޅަސް ފަސްހާސް މެޓްރިކް ޓަނުގެ މަހެވެ. އެހެންކަމުން މިއަދަދު މިވަނީ 2022 ގައި ފަސް ޕަސަންޓު ދަށަށްގޮއްސައެވެ.
ހިސާބުތަކަށް ބަލާއިރު ތާޒާ އަދި ގަނޑުކުރި މަހުގެ ބާވަތްތަކުގެ ތެރެއިން 2022ގައި އެންމެ ގިނައިން ބޭރުކުރީ ކަޅުބިލަ މަހާއި ރީނދޫ އުރަހަ ކަންނެއްޔެވެ. އެގޮތުން ކަޅުބިލަ މަހުގެ ސާޅީސްހަހާސް މެޓްރިކް ޓަން ބޭރުކޮށްފައިވާއިރު ރީނދޫ އުރަހަ ކަންނެލީގެ އައްހާސް މެޓްރިކް ޓަން ބޭރުކޮށްފައިވެއެވެ.
ކަޅުބިލަ މަސް ބޭރުކުރުން އިތުރުވި ނަމަވެސް ޖުމްލަ އަދަދު ދަށްވެފައި މިވަނީ ކަންނެލި ރާއްޖޭން ބޭރަށް ބޭރުކުރި އަދަދު ދަށްވުމުން ކަމަށްވެސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުގައިވެއެވެ.
މީގެ އިތުރުން ޕޯޗްކޮށް އަދި ދަޅުގައި ބަންދުކޮށްގެން މަސް ބޭރުކުރި މިންވަރު ވަނީ އިތުރުވެފައެވެ. އެގޮތުން 2021ވަނަ އަހަރުގެ ނޮވެމްބަރުގެ ނިޔަލަށް ޕޯޗްކޮށް އަދި ދަޅުގައި ބަންދުކޮށްގެން ހަހާސްހަތްސަތޭކަ މެޓްރިކް ޓަން ބޭރުކޮށްފައިވާ އިރު، މިދިޔަ އަހަރު މި މުއްދަތުގެ ތެރޭގައި ވަނީ ހަތްހާސްއައް ސަތޭކަ މެޓްރިކް ޓަންގެ މަސް ބޭރުކޮށްފައެވެ.
މިދިޔަ އަހަރު ރާއްޖެއިން މަސް ބޭރުކުރި އަދަދު ދަށަށްގޮސްފައިވަނިކޮށް މޯލްޑިވްސް ޕޯރޓްސް ލިމިޓެޑް (އެމްޕީއެލް) އިން ވަނީ އެކްސްޕޯޓް ކޮންޓެއިނާ ޓްރާންސްފާ ފީ 75 ޕަސެންޓަށް މިހާރު ކުޑަކޮށްފައެވެ. އެ ކުންފުނިން ބުނިގޮތުގައި އެހާ ބޮޑަށް ފީ ކުޑަކުރީ ރާއްޖޭގެ އުފެއްދުންތައް ރާއްޖޭން ބޭރުގެ ބާޒާރަށް ބޭރުކުރާ ފަރާތްތަކަށް ލުއިފަސޭހަކުރުމުގެ ގޮތުން ކަމަށާއި މި ބަދަލާއެކު ރާއްޖޭން މުދާ ބޭރު ކުރާ ފަރާތްތަކަށް ވާދަވެރި އަގުތަކެއްގައި އުފެއްދުންތައް ވިއްކުމުގެ މަގު ތަނަވަސްކުރުމަށްކަމަށެވެ.
މިގެނައި ބަދަލާއިއެކު 20 ފޫޓުގެ ކޮންޓެއިނަރަކުން ތިންހާސް ހަތަރުސަތޭކަ ހަތްދިހަ އައް ރުފިޔާ ވަނީ ކުޑަވެފައެވެ. އަދި 40 ފޫޓުގެ ކޮންޓެއިނަރަކުން ހަހާސް އައްސަތޭކަ އައްޑިހައެއް ރުފިޔާ ވަނީ ކުޑަވެފައެވެ.
އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ، މި ބަދަލަކީ ރާއްޖޭން ބޭރަށް އުފެއްދުންތައް ބޭރުކުރުމުގައި ކަންބޮޑުވުންތަކެއް ހުރިކަމަށް އެފަރާތްތަކުން ބުނަމުން ދިއުމާ ގުޅިގެން އެފަރާތްތަކަށް ލުއިތަކެއް ދިނުމުގެ ބޭނުމުގައި ގެނައި ބަދަލެއް ކަމަށާއި މިކަމުގައި ހުރި ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ކުރިއަށް އޮތްތަނުގައި ވެސް މަސައްކަތްތައް ކުރާނެ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން


