
ކެމްބޯޑިއާގެ ބޮޑު ވަޒީރު
ކެމްބޯޑިއާގެ ރައީސް ވަޑައިގަންނަވާތީ ވީއައިއޭގެ ބައެއް ބަންދުކުރަނީ

އަހުމަދު ޒަލީފު - 14 ޖެނުއަރީ 2023 - 09:35
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދަޢުވަތަކަށް، ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން ރަސްމީ ދަތުރުފުޅެއްގައި، މި ހިނގާ ޖަނަވަރީ މަހުގެ 15 އިން 17 އަށް ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާތީ، އެއާރޕޯޓްގެ ބައެއް ބަންދު ކުރުމަށް ނިންމާފައިވާ ކަމަށް އެއާރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ން ހާމަކޮށްފިއެވެ.
އެމްއޭސީއެލް އިން ބުނީ މާދަމާ އަދި ހޯމަ ދުވަހުގެ ވަކި ގަޑިތަކެއްގައި އެއާޕޯޓުގެ ބައެއް ސަރަހައްދުތައް ބަންދުވާނެ ކަމަށެވެ. އާދިއްތަ ދުވަހު ހެނދުނު 9 އިން 11 އަށް އަދި ހޯމަ ދުވަހުގެ ހެނދުނު 7:30 އިން 8:30 އަށް އެއާޕޯޓުގެ ފަޅާއި މަގުން ބައެއް ބަންދުވާނެ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.
Please be informed that some parts of @velanaairport western road and lagoon will be closed on 15th & 17th January for a VVIP movement. pic.twitter.com/JR0MoCHtrV
— Maldives Airports Company Ltd - MACL (@MACLmedia) January 14, 2023
ކެމްބޯޑިއާގެ ބޮޑުވަޒީރުގެ މި ދަތުރުފުޅުގައި ރާއްޖެއާއި ކެމްބޯޑިއާއާ ދެމެދު ރަސްމީ މަޝްވަރާތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދެޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހި ކުރެއްވުމާއި ބެހޭގޮތުން މަޝްވަރާކުރައްވައި، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ގޮތުން ފަހުމުނާމާތައް ބަދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން ވެސް މި ދަތުރުފުޅުގެ ހަވާސާގައި ދެޤައުމުގެ ދެމެދުގައި ވިޔަފާރީގެ މުޢާމަލާތްތައް ހަރުދަނާކުރުމަށާއި، ވިޔަފާރީގެ ދާއިރާއިން ގުޅުން އިތުރަށް ބަދަހި ކުރުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ބާއްވާ ބިޒްނަސް ފޯރަމްގައި ދެ ޤައުމުގެ ޗެމްބަރ އޮފް ކޮމަރސް އިން ބައިވެރިވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.